18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ރައީސް މައުމޫންގެ އާއިލާ

ޔުމްނާ ހުންނެވީ އާއިލާ މިނިވަންވާނެ ދުވަހެއްގެ އިންތިޒާރުގައި، ދުންޔާ ހުންނެވީ ވޯލްޑް ކަޕްގެ އިންތިޒާރުގައި!

 • ދެބޭފުޅުންގެ ސިޔާސީ ޚިޔާލު ތަފާތުވުން މީޑިއާއާ ހަމަޔަށް ވަނީ ތިލަވެފައި
 • ޔުމްނާ ގެންދަވަނީ އިސްލާހީ ހަރަކާތުގައި އިސްކޮށް މަސައްކަތް ކުރައްވަމުން
 • ދުންޔާ ފެންނަނީ ހައްދަަވާނެއް ގޮތެއް އެނގިވަޑައިނުގެން އުޅުއްވާ ތަން
މިއުވާން މުހައްމަދު | Miuvaan

| 10 އޭޕުރިލް 2018 | އަންގާރަ 17:22 | |

މަގުބޫލް

 1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
 2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
 3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
 4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
 5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
 6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
 7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
 8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


ރައީސް މައުމޫންގެ ދެ އަންހެން ދަރިކަނބަލުން -- ފޮޓޯ : މުހައްމަދު ޝަރުހާން

ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް، ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ހައްޔަރުކޮށްގެން ފުލުހުން ގެންދިޔަ ފަހުން ވެސް، އަދި އޭގެ ކުރިން ވެސް، އެމަނިކުފާނުގެ އިސްލާހީ ހަރަކާތްތަކުގައި އެންމެ އަރިސްކޮށް ފެންނަމުންދިޔައީ ދަރިކަލުން އަހްމަދު ފާރިސް އާއި ދަރިކަނބަލުން ޔުމްނާ މައުމޫނެވެ. 

ރައީސް މައުމޫންގެ ބުރަ މަސައްކަތްޕުޅުން ގެންނެވި ރައީސް ޔާމީންގެ ސަރުކާރު އަނިޔާވެރިކަމާއި ކޮރަޕްޝަންގެ ހާއްޔަކަށް ވުމުން އެކަމާއި ދެކޮޅަށް ތެދުވެވަޑައިގަތުމާ އެކު، ބައްޕާފުޅާ އެކު ދަރިކަނބަލުން ދުންޔާ ވެސް ވަޒީރުކަމުން އިސްތިއުފާ ދެއްވާފައި ބައްޕާފުޅާ އެކު ހުންނެވި ކަމަށް ވިދާޅުވެ ނިކުންނެވިއެވެ. އެހެން ނަމަވެސް މާގިނަ ދުވަހަކު ހިފަހައްޓާލެވޭ ގޮތެއް ނުވިއެވެ. ކުރިން ހުންނެވި މަޤާމަށް ވުރެ ދަށް މަޤާމަކަށް ނަމަވެސް އަނބުރާ ސަރުކާރަށް ވަޑައިގަތެވެ. ބައްޕާ ފުޅާއެކުގައި ހުންނެވި ކަމަށް ވިދާޅުވެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ކުރުދޮށިން ދެއްވާފައި މާގިނަ ދުވަހެއް ނުވެ އަލުން އެއަށް ވުރެ ދަށް މަގާމަކަށް ވަޑައިގެންނެވީ ކޮން ސަބަބަކާ ހުރެކަން ނުވަތަ ކޮން މަޖުބޫރީ ހާލަތެއް މެދުވެރިވެގެންކަން އެނގިވަޑައިގަންނަވާނީ ހަމަ އެކަމަނާއަށެވެ. 

އެވަޑައިގެންނެވި ސަބަބަކާ މެދު އެކި މީހުން އެކި ފާޑުގެ ވާހަކަ ދައްކައެވެ. ހަޤީޤަތަކީ ކޮބައިކަން ނޭނގުނު ނަމަވެސް، އެނގޭ އެއްޗަކީ އެކަމަނާ އެނބުރި ވަޑައިގަތީ އެކަމަނާގެ ބައްޕާފުޅަށް އޭރު ވެސް ދުއްތުރާ ކުރަމުންދިޔަ، އެކަމަނާގެ ބޮޑުބޭބެގެ ސަރުކާރަށް ކަމެވެ. 

މި ފަހަރު ވެސް އެކަމަނާ އިސްތިއުފާ ދެއްވީ ބައްޕާފުޅާއި، ކޮއްކޯފުޅާއި، އެއްމާބަނޑު ބޭފުޅާ ޔުމްނާގެ ފިރިކަލުން ހައްޔަރުކުރިތާ އެތައް ދުވަހެއް ފަހުންނެވެ. ސަރުކާރުގެ އަނިޔާވެރިކަން އެކަމަނާއަށް ވިސްނިވަޑައިގަންނަވަން އެހާ ގިނަ ދުވަސް ނެންގެވުމުން އެކަމަނާގެ ސިޔާސީ ޤާބިލްކަމާ މެދު ސުވާލު އުފެދެއެވެ. 

އަޑުތައް އިވޭ ގޮތުގައި މިހާރު ވެސް ދުންޔާ އަށް ވުރެ ޔުމްނާގެ މަޤްބޫލުކަން މީހުންގެ މެދުގައި ބޮޑުވުމަކީ ދުންޔާ އެހާ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމެއް ނޫނެވެ. ޓީވީތަކަށް އަރާވަޑައިގެންނާއި، އެކި މީޑިއާތައް މެދުވެރިކޮށް އެކި އިންޓަރވިއު ދެއްވައިގެން ދުންޔާ އެކުރައްވާ މަސައްކަތުން ނިކުންނަ ނަތީޖާއެއް ނެތެވެ. އޭގެ ބަދަލުގައި އެފަދަ އިންޓަވިއުތަކުގައި ދައްކަވާ ވާހަކަތައް ދެކޮޅު ނުޖެހޭތީ އާއި އަދިވެސް "ދެ ފަޅިއަށް ފައި ލައްވައިގެން" ހުންނެވި ފަދަ ގޮތަކަށް ވާހަކަ ދައްކަވާތީ ފާޑުކިޔުންތައް ދަނީ ހައްތަހާ އިތުރުވަމުންނެވެ. ރައްޔިތުންގެ ލޯބި ހޯއްދެވީ ޔުމްނާއެވެ. އެހެންނަމަވެސް ޔުމްނާ ރައްޔިތުންގެ ލޯބި ހޯއްދެވީ ރައްޔިތުންގެ ލޯބި ހޯއްދެވުން އަޒުމަކަށް ކަނޑައަޅުއްވައިގެން މަސައްކަތް ކުރައްވައިގެންނެއް ނޫނެވެ. އެކަމަނާގެ އިޚުލާސްތެރިކަން ދައްކަވައިގެންނެވެ.

ރައީސް މައުމޫނާއި، ފާރިސް އާއި ނަދީމް، އަދި ހައްޔަރުކޮށްފައިވާ އެހެން ބޭބޭފުޅުންގެ ހައްޤުގައި ޔުމްނާ ކުރައްވާ މަސައްކަތްޕުޅުން އިޚްލާސްތެރިކަން ފެންނަން ހުރެއެވެ. އެކަމަނާ އަބަދުހެން އެއުޅުއްވަނީ އެމަސައްކަތްޕުޅުގައެވެ. ކުރައްވާ ޓްވީޓްތަކުން އެކަމަނާގެ އިޚްލާސްތެރިކަން ފާހަގަކުރެވެއެވެ. އެއީ ހިތުގެ އިޚްލާސްތެރިކަމާ އެކު ކުރައްވާ ޓްވީޓްތައްކަން ފާހަގަވެއެވެ. އެއާ ޚިލާފަށް ދުންޔާ ކުރައްވާ ޓްވީޓްތަކުގައި އެކަމަނާގެ އިޚްލާސްތެރިކަން ފާހަގަނުވާއިރު، ހީވަނީ އަދިވެސް ޚާރިޖީ ވަޒީރުކަމުގައި ހުންނަވައިގެން ޓްވީޓްކުރައްވާހެންނެވެ. 'ޕީސް ނޮޓް ވޯ' އޭ ވިދާޅުވެ، ވިދާޅުވާން އުޅުއްވާ އެއްޗެއް ދޭހަނުވާ ފަދަ ޓްވީޓްތައް ދުންޔާ ކުރައްވާއިރު، ޔުމްނާ ޓްވީޓްކުރައްވަނީ ހައްޔަރުކޮށްފައިވާ ފަރާތްތައް ދޫކޮށްލާ ވާހަކަޔާއި، އެކަމަނާގެ ޝުޢޫރުތަކެވެ. 

މިދަނޑިވަޅަކީ ސިޔާސީ ގޮތުން ހައްސާސީ ދަނޑިވަޅެކެވެ. ޔުމްނާ މައުމޫން, އެކަމަނާގެ ކޮއްކޯފުޅާއި ބައްޕާފުޅުގެ ސިޔާސީ މެސެޖް ރައްޔިތުންނަށް ފޯރުކޮށްދެއްވަމުންދާއިރު، ދުންޔާ މައުމޫން ފެނިވަޑައިގަންނަވަނީ އެދެބޭފުޅުންގެ ސިޔާސީ މެސެޖާއި ފުށުއަރާ ވާހަކަތަކެއް ދައްކަވާތަނެވެ. އެބޭފުޅުން ޖަލުގައި މިއަދު އެތިއްބަވަނީ އެބޭފުޅުން ދެއްކެވި ވާހަކަފުޅުތަކާއި އެވާހަކަފުޅުތަކާ އެއްގޮތަށް ކުރެއްވި ސިޔާސީ މަސައްކަތްޕުޅުތަކެއްގެ ނަތީޖާއެއްގެ ގޮތުން ނުހައްޤު ގޮތުގައި ކަމަށްވާއިރު، އެބޭފުޅުން މިނިވަންކުރަން ގޮވާލާ މީހަކު އެބޭފުޅުން ދައްކަވާ ވާހަކަޔާ ފުށުއަރާ ވާހަކަތަކެއް ދެއްކުމުން ކަމަކު ނުދެއެވެ. އެކަމުގައި ދުންޔާއަށް ދަންނަވަން ޖެހޭނީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވި ފަދައިން ކޮންމެވެސް އެއްކޮޅެއް ނަންގަވާށެވެ. 

ދެން އޮތީ 66 ދުވަހުގެ ވާހަކައެވެ. ރައީސް މައުމޫނާއި ނަދީމް ހައްޔަރުކުރެވުނުތާ 66 ދުވަސްވާތީ ޔުމްނާ އެކަމާ ހިތާމަކުރައްވާ ޓްވީޓްކުރެއްވިއިރު، ދުންޔާ ގެންދަވަނީ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތައް ތައްޔާރުވެވަޑައިގަންނަވަމުންނެވެ. ވޯލްޑްކަޕަށް 66 ދުވަހަށް ވުމުން އެވާހަކަ ދުންޔާ ޓްވީޓްކުރެއްވުމުން އެއަށް މީހުން ދީފައި ހުރި ރައްދު އެހެރީ ޓްވިޓަރގައި ފެންނާށެވެ. ބައްޕާފުޅު ޖަލުގައި ހުންނަވަނިކޮށް ވެސް ދުންޔާ އަދިވެސް ނުބެއްލެވިގެން އުޅުއްވަނީ ވޯލްޑްކަޕްތޯ މީހުން ސުވާލު ނުކުރާ ވަރެއް ނޫނެވެ. 

ޔުމްނާ މައުމޫން ފަދަ މަޤްބޫލު ބޭފުޅަކަށް ވުމަށް ދުންޔާ މައުމޫން އިޚްލާސްތެރިކަން ދައްކަވަން އެބަޖެހެއެވެ. ބޭރު ފުށަށް މަންޒަރު ރީތިކޮށް، ބަލާޣާތްތެރި އިބާރާތްތައް ޓްވީޓް ނުކުރަައްވައި، އިޚްލާސްތެރިކަމާ އެކު ޓްވީޓް ވެސް ކުރައްވައި، ބައްޕާފުޅު އެކުރައްވާ މަސައްކަތްޕުޅުގައި ބައިވެރިވެވަޑައިގަންނަވަން އެބަޖެހެއެވެ. ދުންޔާއަށް ޔާމީނު ކުރައްވާ ކަމެއް ކަމަކު ނުދިޔައެވެ. މައުމޫން ކުރައްވާ ކަމެއް ކަމަކު ނުދިޔައެވެ. ދެން ތިއްބެވި ހުރިހާ ބޭފުޅުން އެކުރައްވަނީ މި ދެބޭފުޅުންގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކު ކުރައްވާ މަސައްކަތްޕުޅެވެ. ދުންޔާއަށް ހެޔޮ ހަމަ އެއްގޮތް ވެސް ނެތީތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް