23 އޭޕުރިލް 2018 | ހޯމަ | 02 ބުރުނު

ތަރުކާރީ ރަނގަޅީ ރޮލާތަ؟ ކައްކައިގެންތަ؟

  • ތަރުކާރީ ރޯފިލުވާ ގޮތުން އެއިން ލިބޭ ފައިދާތަކަށް ބަދަލު އަދޭ

| 3 އޭޕުރިލް 2018 | އަންގާރަ 14:32 | |



ތަރުކާރީ ފެނު ކައްކަނީ - ތަރުކާރީ އަކީ ގުދުރަތީ މަލްޓިވިޓަމިން -- އެކްސްޕްރެސްލޭންޑްސްކޭޕްޕްރޮޑަކްޓްސް

އިލްމުވެރިން ސިފަ ކުރާ ގޮތުގައި ތަރުކާރީ އަކީ ގުދުރަތީ މަލްޓިވިޓަމިނެވެ. ތަފާތު ބާވަތްތަކުގެ ތަރުކާރީ ކެއުމުގައި ހިމެނުމަކީ އެކި ނަންމުގެ ވިޓަމިންތަކާއި، އެންޓިއޮކްސިޑަންޓް ތަކާއި ޕޮލިފީނޯލް ފަދަ ހަށިގަނޑަށް ފައިދާހުރި އެތައް މައްދާތަކެއް ހަށިގަނޑަށް ލިއްބައިދޭ ފަސޭހަ ގޮތެކެވެ.

ތަރުކާރީ ކެއުމުގައި މީހުން ތަފާތު ގޮތްތައް އިޚްތިޔާރު ކުރެއެވެ. ބައެއް މީހުން ރޯ ތަރުކާރީ އިޚްތިޔާރު ކުރާއިރު އަނެއް ބަޔަކު ފެނުކައްކައިގެން، ނުވަތަ ތެލުލައިގެން އަދި މިހާރުގެ ގޮތުން ނަމަ އާވިން ކައްކައިގެން ކައި އުޅެއެވެ. ސުވާލަކީ މިހުރިހާ ގޮތްތަކެއްގެ ތެރެއިން ތަރުކާރީ ކެއުމަށް ތައްޔާރު ކުރުމުގައި ސިއްހަތައް އެންމެ ފައިދާ ހުރި ގޮތަކީ ކޮބާހެއްޔެވެ؟

އެއީ ރޮލާ ކެއުން ހެއްޔެވެ؟ ކައްކައިގެން ކެއުން ހެއްޔެވެ؟ ކައްކާ ނަމަ ކޮން ގޮތަކަށް ރޯ ފިލުވައިގެން ހެއްޔެވެ؟

މި ސުވާލު މި ގޮތައް ކުރެވޭއިރު، ތަރުކާރީ ކެއުން ރަނގަޅީ ކައްކައިގެން ތޯ ނުވަތަ ރޮލަށް ތޯ ފުޑް ސައިންޓިސްޓަކާ ޓައިމް މަޖައްލާ އިން ސުވާލު ކުރުމުން އޭނާ އެ ސުވާލުގެ ޖަވާބުގައި ބުނެފައިވަނީ އެއީ ޖަވާބުދޭން ފަސޭހަ ސުވާލެއް ނޫން ކަމުގައެވެ.

"ތިޔައީ ވަރަށް ޗެލެންޖިންގ ސުވާލެއް" އިޓަލީގެ ޕާމާ ޔުނިވަސިޓީގެ ފުޑް ސައިންސާ ބެހޭ ޕްރޮފެސަރެއް ކަމަށްވާ ނިކޮލެޓާ ޕެލެގްރީނީ އެ ސުވާލަށް ޖަވާބު ދެމުން ބުނެފައިވެއެވެ.

މި ސުވާލަށް ޖަވާބު ދިނުމަށް އުނދަގޫވާ ސަބަބު ހާމަ ކުރުމުގެ ގޮތުން އޭނާ ނެގީ ތަރުކާރީގެ ގޮތުގައި އާއްމުކޮށް ބޭނުން ކުރާ ދެ ބާވަތެއް ކަމަށްވާ ކެރެޓް އާއި ބްރޮކޮލީ އެވެ.

ކެރެޓަކީ ވިޓަމިން އޭ، ސީ އަދި ކޭ އެކުލެވުމުގެ އިތުރުން ޕޮޓޭސިއަމް، ކެލްސިއަމް، އަދި އިތުރު އެހެން މިނެރަލްތައް އެކުލެވޭ ހަށިގަނޑަށް ފައިދާ ހުރި މީރު ތަރުކާރީ އެކެވެ. ޕްރޮފެސަރ ޕެލެގްރިނީ ބުނާ ގޮތުގައި މިހުރިހާ މާއްދާތަކަށް ވުރެ ކެރެޓްގައި އެކުލެވޭ ސިއްހަތައް އެންމެ ފައިދާ ހުރި މާއްދާ އަކީ ކެރޮޓިނޮއިޑްސް އެވެ. އޭނާ ބުރީ ރޯ ކެރެޓްގައި ކެރޮޓިނޮއިޑްސް އެކުލެވިފައި ހުއްޓަސް އެއީ ހަށިގަނޑަށް ފަސޭހައިން ލިބޭގޮތައް ނުވަތަ ބޭނުން ކުރެވޭ ގޮތައް ހުންނަ މާއްދާއެއް ނޫން ކަމަށެވެ. އެއީ އެ މާއްދާ ކެރެޓްގެ ސެލްތަކުގައި އުފެދިފައި ހުންނަ ގޮތުންނެވެ. އެހެން ކަމުން ރޮލަށް ކެރެޓް ބޭނުން ކުރި ނަމަވެސް މި ދެންނެވި ފައިދާ ހުރި މާއްދާގެ ބޭނުން ހަށިގަނޑަށް ހިފޭނެ ގޮތެއް ނޯވެއެވެ. ނަމަވެސް ކެރެޓް ކެއްކުމުން ކެރެޓްގެ ސެލްތައް ހަލާކުވެ، އެ މާއްދާ ހަށިގަނޑަށް ބޭނުން ކުރެވޭ ގޮތް ތަނަވަސްވެ އެވެ. މިކަން މިހެން އޮތް ނަމަވެސް ވިސްނާލަން ޖެހޭ ކަމެއް އެބައޮތެވެ. ކޮންމެ ކޮންމެ ގޮތަކަށް ކެރެޓް ކައްކައިގެން ތަޖުރިބާކާރުން ބުނަނީ ކަމަކު ނުދާނެ ކަމަށެވެ.

ޕްރޮފެސަރ ޕެލެގްރިނީ ވަނީ ކެރެޓް އެކި ގޮތް ގޮތައް ރޯ ފިލުވުމުން އޭގައި ހުންނަ ކެރޮޓިނޮއިޑްސް އަށް އަންނަ ބަދަލުތައް ދިރާސާ ކޮށްފައެވެ. މިގޮތުން ފެނު ކެއްކުމުންނާއި، ސްޓީމް ކުރުމުންނާއި، ތެލުލުމުން އަންނަ ބަދަލުތައް އޭނާ ވަނީ ދެނެގަނެފައެވެ. މި ދިރާސާ އިން ހާމަވާ ގޮތުގައި ކެރެޓްގެ ކެރޮޓިނޮއިޑްސްގެ ފައިދާ ހަށިގަނޑަށް އެންމެ ބޮޑަށް ލިބޭނީ ފެނު ކެއްކުމުންނެވެ.

އެކަމަކު މި ކަމުގައިވެސް ވިސްނާލަން ޖެހޭ އެހެން ކަމެއް އެބައޮތެވެ.

ކެރެޓްގައި އެކުލެވޭ އެހެން މުހިންމު މާއްދާތައް ކަމަށްވާ ވިޓަމިން ސީ އާއި ޕޮލިފީނޯލްސް އަކީ ފެނުގައި ގިރޭ މާއްދާތަކެވެ. މާނައަކީ ފެނު ކައްކާ އިރު ކެރެޓުން މި މާއްދާތައް ބޭރުވެ، މި މާއްދާތައް ހުންނާނީ ކައްކާ އެތީގެ ތެރޭގައި ހުންނަ ފެނުގައެވެ. އެހެން ކަމުން ފެނުކައްކައިގެން ކެރެޓް ކެޔަސް ކެރެޓްގައި ހުރި ވިޓަމިން ސީ އާއި ޕޮލިފީނޯލްސްގެ ރާހަތެއް ހަށިގަނޑަށް ނުކުރާނެއެވެ. މިމުހިންމު މާއްދާތަކުގެ ފައިދާ ކުރާނީ ކެރެޓް ފެނުކެއްކި ފެންފޮދު ހަށިގަނޑަށް އެތެރެ ވެގެން ނެވެ. ނޫނީ މިމާއްދާތައް ކެރެޓްގައި ބަހައްޓަން ބޭނުން ނަމަ ފެނު ކެއްކުމުގެ ބަދަލުގައި ޖެހޭނީ ސްޓީމް ކުރާށެވެ.

ބްރޮކޯލީގެ ވާހަކަ އަދި މުޅިން ތަފާތެވެ. ބްރޮކޮލީ އަދި ކެބެޖް ފަދަ ބާވަތްތަކުގައި ކެންސަރާ ހަނގުރާމަ ކުރާ މާއްދާތައް ކަމުގައިވާ ގުލުކޯސިނޮލޭޓްސް އެކުލެވެއެވެ. ނަމަވެސް ގުލުކޯސިނޮލޭޓްސް ހަށިގަނޑަށް ބޭނުން ކުރެވޭނީ، މައިރޮސިނޭސް ނަމަކަށް ކިޔާ އެންޒައިމް ވެސް ހަށިގަނޑަށް ލިބޭ ގޮތް ވެގެން ނެވެ. ރޯ ބްރޮކޮލީގައި ގުލުކޯސިނޮލޭޓް އެކުލެވިފައިވާ ފަދައިން މި މާއްދާ ހަށިގަނޑަށް ބޭނުން ކުރުމަށް ބޭނުންވާ މައިރޮސިނޭސް އެންޒައިމް ވެސް ރޯ ބްރޮކޮލީގައި ގުދުރަތީ ގޮތުގައި އުފެދިފައި ހުރެއެވެ. އެހެން ކަމުން ރޯ ބްރޮކޮލީ ހަށިގަނޑަށް އެތެރެވާ އިރު އޭގައި އެކުލެވޭ ކެންސަރާ ހަނގުރާމަ ކުރާ ގުލުކޯސިނޮލޭޓްގެ ފައިދާ ހަށިގަނޑަށް ބޭނުން ކުރުމަށް ބޭނުންވާ އެންޒައިމްވެސް ހަށިގަނޑަށް ވާސިލްވެއެވެ. އެކަމަކު ބްރޮކޮލީ ކެއްކުމުން މި ދެންނެވި އެންޒައިމް ހަލާކުވެ ދެއެވެ. މިކަން މިހެން އޮތުމާއެކު ބްރޮކޮލީގައި ހިމެނޭ ކެންސަރާ ހަނގުރާމަ ކުރާ ބާވަތުގެ މާއްދާތަކުގެ ފައިދާ ހަށިގަނޑަށް ލިއްބައިދޭން ބޭނުން ނަމަ ބްރޮކޮލީ ކާން ޖެހޭނީ ރޯކޮށް ހުއްޓައެވެ. އަނެއް ކޮޅުން ބްރޮކޮލީ އަކީ ރޮލާ ބޭނުން ކުރުމަށް މާ ކަމުދާ އެއްޗެއް ނޫނެވެ. އެހެން ކަމުން ތަޖުރިބާކާރުން ދެކޭ ގޮތުގައި ބްރޮކޮލީގެ ފައިދާ ހަށިގަނޑަށް އެންމެ ރަނގަޅަށް ކުރާނީ ކޮންމެވެސް މިންވަރަކަށް ބްރޮކޮލީ ރޮލަށް ބޭނުން ކުރުމަށްފަހު އަނެއް ބައި ސްޓީމް ކޮށްގެން ކަމުގައެވެ. އޭރުން ގުލުކޯސިނޮލޭޓްސް ގެ މިންވަރު މައްޗަށް ދިއުމާއެކު، ރޮލަށް ބޭނުން ކުރާ ބައިގެ ސަބަބުން މި މާއްދާ ހަށިގަނޑަށް ބޭނުން ކުރުމަށް ބޭނުންވާ އެންޒައިމް ވެސް ހަށިގަނޑަށް ލިބޭގޮތް ވާނެއެވެ.

ޖާނަލް އޮފް ފުޑް ސައިންސަސްގައި ވާ ވަރަށް ތަފްސީލީ ދިރާސާ އެއްގައި ތަރުކާރީ ރޯފިލުވުމަށް ތަފާތު 8 ގޮތެއް ބޭނުން ކޮށް އޭގެ ތެރެއިން ހަށިގަނޑަށް އެންމެ ފައިދާ ހުރި ގޮތަކީ ކޮބާތޯ ދެނެގަތް އިރު ސައިންސްވެރިންގެ ނިންމުމަކަށް ވީ ތަރުކާރީ ރޯ ފިލުވުމުގައި އެންމެ ރަނގަޅު ގޮތަކީ މައިކްރޯވޭވް ކުރުމާއި، ބޭކް ކުރުން ނުނީ ތެޔޮ ނާޅާ ކެއްކުން ކަމުގައެވެ. އަނެއް ކޮޅުން އެންމެ ފައިދާ ކުޑަ ގޮތްތަކުގެ ގޮތުގައި ފާހަގަވެފައިވަނީ އާވިން ކެއްކުމާއި، ޕްރެޝަރ ކުކިންގ އެވެ.

ތަޖުރިބާކާރުންގެ ނަޒަރުގައި ޖުމްލަ ގޮތެއްގައި ގިނަ ބާވަތްތަކަށް ބަލާއިރު ތަރުކާރީގެ ފައިދާ ބޮޑީ ރޯފިލުވައިގެން ކެއުމަށް ވުރެ ރޮލަށް ބޭނުން ކުރުމެވެ. އެކަމަކު ގިނަ މީހުންނަށް ބައެއް ބާވަތްތަކުގެ ތަރުކާރީ އަކީ ރޯ ނުފިލުވާ ކެއުމަށް އަނގަޔަށް ކަމުދާ ބާވަތްތަކެއް ނޫނެވެ. ތަޖުރިބާކާރުން ދެކޭ ގޮތުގައި ކެއުމަށް ތަރުކާރީ ތައްޔާރު ކުރާނީ ކިހިނެއްތޯ ކުރެވޭ ސުވާލު އެއް ކިބައިގައި ބޭއްވުމަށްފަހު ވިސްނަންޖެހޭ އެންމެ މުހިންމު ނުކުތާ އަކީ ކޮންމެ ގޮތެއްގައި ވިޔަސް ތަރުކާރީ ކެއުމުގައި ހިމެނުމަށެވެ. ކޮންމެ ގޮތަކަށް ތައްޔާރު ކޮށްގެން ނަމަވެސް ތަރުކާރީގެ ވީހާވެސް ގިނަ ބާވަތްތައް ކެއުމުގައި ހިމެނުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް