17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޓްރެފިކް ފުލުހުން

ޓްރެފިކް ފުލުހުންގެ ކަމަކީ ސްޓިކާ ޖެހުން އެކަނިތަ!

 • މާލޭގެ މަގުތައް ބާރު ބޮޑުއިރު ޓްރެފިކް ފުލުހުންގެ ހަރަކާތްތައް ވަރަށް ނުފެނޭ
 • އެކަމަކު ވެހިކަލްތަކުގައި ސްޓިކާ ޖެހުން ޓްރެފިކް ފުލުހުން ބަރާބަރަށް ކުރިއަށް ގެންދޭ
 • ޓްރެފިކް ލައިޓްތައް ބޮޑު ޚަރަދެއް ކޮށްގެން ހަރުކޮށްފައިވާއިރު، އޭގެ ބޭނުމެއްވެސް ނުކުރޭ
މުހައްމަދު ފަޒީން | phaxyn

| 2 އޭޕުރިލް 2018 | ހޯމަ 13:37 | |

މަގުބޫލް

 1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
 2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
 5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
 6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
 7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
 8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ޓްރެފިކް ފުލުހެއް -- ފޮޓޯ : މުހައްމަދު ޝަރުހާން

މާލެއަކީ ދުނިޔޭގެ އެންމެ ކާރޫބާރު ބޮޑު އެއް ރަށެވެ. މާލެއަކީ ކުޑަ ސިޓީގައި އެންމެ ގިނަ މީހުން ދިރިއުޅޭ، ތޮއްޖެހިފައިވާ ދުނިޔޭގެ އެންމެ ކުޑަ ސިޓީތަކުގެ ތެރެއިން ސިޓީ އެކެވެ. އެހެންކަމުން ވަރަށް ގިނަ އެކިއެކި މައްސަލަތައް ދަނީ ފެންމަތި ވަމުންނެވެ. ޖިނާއީ މައްސަލަތަކުގެ އިތުރުން އިޖުތިމާއީ އަދި އިގްތިސާދީ ބޮޑެތި މައްސަލަތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.

މާލެއަކީ ހަ ކިލޯމީޓަރު ހަމަނުވާ ކުޑަ ސިޓީއެއް ކަމަކު ވިޔަފާރިއާއި ރައްޔިތުންނަށް ބޭނުންވާ ހިދްމަތްތައް ދިނުމަށް ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ކޮލެޖްތަކާއި ސަރުކާރު އޮފީސްތަކުގެ އިތުރުން އަމިއްލަ ވިޔަފާރި ކުންފުނިތަކުގެ އޮފީސްތަކާއި ކުދިބޮޑު ފިހާރަތައް ވެސް ހުރެ އެވެ. މީގެއިތުރުން އިދްތިސާދީ ބޮޑެތި މަސައްކަތްތައް ކުރާ ކަސްޓަމްސްއަކާއި މޯލްޑިވްސް ޕޯސްޓްސް އޮތޯރިޓީއަކާއި އެއާރޕޯޓަކާއި ފެރީޓާމިނަލްތައް ހުންނައިރު މިއީ މުޅި ދުވަހު ރަށުތެރެ ވަރަށް ހަލަބޮލި އަދި މަސައްކަތުގެ މާހައުލެކެވެ.

ރާއްޖޭގެ އާބާދީގެ ތިން ބައިކުޅަ އެއްބައި މިކުޑަ މާލޭގައި ދިރިއުޅޭއިރު ލައްކަ ކަންކަން ދިމާވާނެތާއެވެ. ނަމަވެސް ދިމާވާ މައްސަލަތަކަށް ހައްލެއް މިހާތަނަށް އެއްވެސް ސަރުކާރަކަށް ގެނެސްދެވިފައެއް ނުތެވެ.

މާލެއަށް ދިމާވެފައިވާ މައްސަލަތަކަކީ ކޮބައިކަމާއި އެކަންކަން ހައްލު ކުރުމަށް މިހާރުގެ މިއޮތް ސަރުކާރަށް އެނެގެންޖެހޭނެ ކަމަށް ގަބޫލު ކުރަމެވެ. އެއީ ކުރީގެ ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަމުގައި އެންމެ ނުފޫޒުގަދަ ސަރުކާރުގެ ވަޒީރަކީ މިއަދުގެ ސަރުކާރު ހިންގުމާ ހަވާލުވެ ހުންނެވި ރައީސް އަބްދުﷲ ޔާމީން ކަމަށްވާތީ އެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގެ ފަހު އަހަރު ނިމެންދާއިރު މާލެ ތޮއްޖެހުމާއި ގޮނޑުކަމާއި ޓްރެފިކް މައްސަލަތައް ކީއްކުރަންތޯ އެވެ. ހަމަ އެއްވެސް މައްސަލަކަށް ހައްލެއް އައިސްފައެއް ނުވެއެވެ.

މިހާރު ފެންމަތި ވެގެންއުޅޭ މައްސަލައަކީ މާލޭގެ މަގުތަކުގެ ކާރޫބާރު ބޮޑުވެގެން ޓްރެފިކް ތާށިވެގެން އާއްމު ބޮޑެތި މައްސަލަތަކާއި އުނދަގޫ ތަކާއި ކުރިމަތިލާން ޖެހުމެވެ.

މިސަރުކާރުން ވަނީ މާލޭގެ ޓްރެފިކް ފްލޯއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މި ބަދަލުތައް ގެނެސްފައިވާއިރު، ހަމަ ހިތައް އެރި ގޮތަކަށް ބަދަލުކޮށްލީ އެވެ. މި ބަދަލު ގެނައީ ޓްރެފިކް މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނައުމަށް ކަމަށް ވިޔަސް، ވިއްޔާވީ ގޯހެވެ. މީހުން ބުނެއުޅޭ ހެން މިސަރުކާރުން މަގުހެދުމާއި ޓްރެފިކް މައްސަލަތަކާއި ތަރައްގީގެ މަސައްކަތްތައް ކުރަނީ ރަނގަޅު ޕްލޭނެއް، ނުވަތަ ވިސްނުމެއް ނެތި އެވެ. ބަޖެޓްގައި ފައިސާ ހުރުމުން ނުވަތަ ބޭރުން ލޯނު ނަގައިގެން ފައިސާ ކޮޅު ފެންފޮދަކާ ނުލާ ދިރުވައިލެވޭތީ ތޯއްޗެކެވެ. އަބަދު މިފަދަ މަސައްކަތްތައް ކޮށްލަކޮށްލާ ތިބުމަކީ އަބަދުވެސް ތިމާއަށް ފައިސާ ލިބިލިބި ހުރުން ކަމަށް އުފަލަކަށް ދެކިގެން އެއްވެސް މަސައްކަތަކީ ނިމޭ މަސައްކަތަކަށް ވެސް ނުވިއެވެ. ހަމަ ހުރިހާ ކަމެއް ވެސް އޮންނަނީ "މުއިއްޒު" ވެފަ އެވެ.

މާލޭ ޓްރެފިކް މައްސަލައަށް އެންމެ ބޮޑު ހައްލެއް ގެނެވޭނީ ޓްރެފިކް ފުލުހުން މަގުމައްޗަށް ނެރެގެންނެވެ. ޓްރެފިކް ފުލުހުން މަގުމައްޗަށް ނެރެންވީކީ ހަމައެކަނި ދައުލަތަށް ފައިސާ ހޯދަން ވެހިކަލްތަކުގައި ސްޓިކާ ޖަހާކަށް ނޫނެވެ. މާލޭގެ ބާރުބޮޑު މަގުތަކަށް ވެސް ޓްރެފިކް ފުލުހުން ނެރެން ޖެހެއެވެ.

ރާއްޖޭގައި ފުލުހުންނަކީ ސިޔާސީ މީހުން ފަހާދުވާ ބަޔެއްގެ ގޮތުގައި ދިވެހި ރައްޔިތުން ލޭބަލް ކުރަނީ މިފަދަ އެހެން ދާއިރާތަކުން ފުލުހުންގެ ހިދްމަތްތައް ނުފެންނާތީ އެވެ. ތަހުގީގެއް ހިންގިޔަސް "ފްރޭމް" ކުރުމާއި ރެކޯޑަރު ބޭނުން ކޮށްގެން ގާނޫނާ ހިލާފަށް މީސްމީހުންގެ ވާހަކަތައް އަޑުއެހުން ފަދަ ކަންކަން ކުރާކަމުގެ ތުހުމަތު ދިވެހި ފުލުހުންގެ ބޮލުގައި އެޅިފައި އޮތުމަކީ އާދައިގެން ކަމެއް ނޫނެވެ.

ދިވެހި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް އަނިޔާވާ ގޮތަށް ކަންކަން ނުކުރާނަމަ ފުލުހުން އަނިޔާ ކުރި ކަމަށް ބުނާ މައްސަލަތަކެއް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅި، އެމުއައްސަސާތަކުން އެފަދަ މައްސަލަތައް ބަލާކަށް ވެސް ނުޖެހުނީސްތާ އެވެ.

މާލޭގެ ޓްރެފިކްގެ މައްސަލަ އިންތިހާއަށް ގޮސްފައިވާއިރު، ޓްރެފިކް ފުލުހުންގެ ހަރަކާތްތަކެއް އެކަށީގެންވާ ގޮތެއްގައި ފެންނާކަށް ނެތެވެ. އެކަމަކު ދުނިޔޭގެ ގިނަ ގައުމުތަކުގައި ޓްރެފިކް ފުލުހުން ހަރަކާތްތަކަކީ އެ ގައުމުތަކުގެ މަގުތަކުން އަބަދުވެސް ފެންނަ މަންޒަރު ތަކެކެވެ. ޓްރެފިކް ލައިޓް ހުއްޓަސް ޓްރެފިކް ފުލުހުންގެ ހަރަކާތްތައް ބައެއް ގައުމުތަކުން ފެންނަލެއް މަދެއް ވެސް ނޫނެވެ.

އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާ އާއި ސްރީލަންކާއަށް ބަލާލިޔަސް އެ ގައުމުތަކުގައި ޓްރެފިކް ލައިޓް ހުރެ އެވެ. މީގެ އިތުރުން ބާރު ބޮޑު ސަރަހައްދު ތަކުގައާއި މަގުތަކުގައި ޓްރެފިކް ފުލުހުން ހަރަކާތްތެރިވެ އެވެ. ނަމަވެސް މިރާއްޖޭގައި ނަމަކަށް ޓްރެފިކް ލައިޓް ހަރުކޮށްފައި އެބަހުއްޓެވެ. އެއީ ހަމަ އެކަނި ޖަހާފައި ހުރި ހޮޅި ދަނޑިތަކެކެވެ. ބޭނުމެއް ނުކުރެ އެވެ. އެވަރުން ނުވެގެން ޓްރެފިކް ފުލުހުންގެ ހަރަކާތެއް ފެންނަނީ ހާލަކުން ފަހަރަކު އެވެ.

މާލޭގެ ބާރު ބޮޑު މަގުތަކަށް ޓްރެފިކް ފުލުހުން ނެރޭނަމަ އަދި ރަނގަޅަށް އެމީހުން ތަމްރީން ކޮށްފައިވާނަމަ މާލޭގެ ޓްރެފިކަށް ހެޔޮ ބަދަލެއް އަތުވެދާނެ އެވެ.

އަޅުގަނޑުމެންނަށް ޓްރެފިކް ފުލުހުންގެ ހަރަކާތްތައް ބާރާބަރަށް ފެންނަ ވަގުތެއް ވެސް ދެއެވެ. އެއީ ރައީސް އަބްދުﷲ ޔާމީންގެ މޮޓޯކޭޑް ދުއްވާ ވަގުތުގަ އެވެ. ރައީސް ޔާމީން ތަނަކަށް ވަޑައިގަންނަވާނަމަ ޓްރެފިކް ފުލުހުން ހަރަކާތްތައް ފެންނައިރު، ދިވެހި ސިފައިންގެ ސެކިއުރިޓީގެ ވަރުގަދަކަން ވެސް ފެނެއެވެ. ދައުލަތުގެ އިސްވެރިންނަށް ދިވެހި ސިފައިންނާއި ފުލުހުންގެ ހިދްމަތް ލިބެމުންދާއިރު، ދިވެހި ކިޔަވާ ކުދިންނަށް ރައްކާތެރިކަމާއެކު ސްކޫލަށް ދެވޭނެ ގޮތެއް ހަމަޖައްސާދޭން ޖެހެ އެވެ. ދިވެހި ރައްޔިތުންނަށާއި ރައްޔިތުންގެ މުދާ ރައްކާތެރި ކޮށްދޭން ޖެހެއެވެ.

ދިވެހި އެއްވެސް ރައްޔިތަކަށް ރައްކާތެރިކަން ނެތްކަން މިވަގުތު ޖަލުތަކަށް ބަލާލުމުން ވެސް އެނގެއެވެ. މިނިވަންކަމާއެކު ދިރިއުޅޭ ދިވެރިރާއްޖޭގެ އިއްޒަތްތެރިންނަށް ވުރެ ޖަލު ބަންދުގައި އުޅޭ އިއްޒަތްތެރިން ގިނައެވެ. ހަމައެކަނި އިޒަތްތެރިންނެއް ވެސް ނޫނެވެ. އާއްމު ދިވެހި ރައްޔިތުންނަށް ވެސް ނުހައްގުން އަނިޔާކުރަމުންދާއިރު، ދިވެހި ދައުލަތުގެ ސަލާމަތީ ހިދްމަތްތަކުގެ ހިދްމަތް ދިވެހި ރައްޔިތުންނަށް ހައްގު ނުވަނީ ތޯ އެވެ.

ދިވެހި ރައްޔިތުން ޓްރެފިކް ގަވާއިދާ ހިލާފްވެގެން ޖަހާ ސްޓިކާއާއި ކުރާ ޖޫރިމަނާ ފީ ދައުލަތުގެ ބަޖެޓްގައި ވަކި އަދަދެއް ކަނޑައަޅައިގެން އާމްދަނީ ހޯދާ ގައުމެއް މިނޫނިއްޔާ ނުދެކެވެ. ވެހިކަލް ތަކުގައި ސްޓިކާ ޖެހުމުގެ ކަންކަން ބަރާބަރަށް ޓްރެފިކް ފުލުހުން ކުރެ އެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް