22 މެއި 2018 | އަންގާރަ | 03 ރޯނު

ފާރިސް މައުމޫން

އެންމެ ފަހުން ފާރިސްއަށް ފެންފައިވާނެއް ދީފި

  • ފާރިސް ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ 8 ވަނަ ދުވަހު
  • އޭގެ ކުރިން ވެސް އެކި ފަހަރުމަތިން ފާރިސް ހައްޔަރުކޮށްފައިވޭ
  • ފާރިސް ހައްޔަރުކުރީއްސުރެ ބޫޓަށް އަރުއްވައިގެން ހުންނަވަން ޖެހިވަޑައިގަންނަވާތީ އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 14 ފެބުރުވަރީ 2018 | ބުދަ 16:27 | |ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫނަށް ފުލުހުން ފެން ފައިވާނެއް ދީފައިވާ ކަމަށް ފާރިސްގެ ވަކީލް، ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މި ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ފާރިސް ހައްޔަރު ކުރީއްސުރެ ފާރިސްގެ ތުރުކުރައްވަނީ ހައްޔަރުކުރިއިރު ތުރުކުރައްވައިގެން ހުންނެވި އޮފީސް ބޫޓު ކަމަށާއި، ފާރިސް އަށް ފެން ފައިވާނެއް ފޮނުވުމަށް އާއިލާ އިން މަސައްކަތް ކުރުމުން، ފުލުހުން އެކަމަށް ހުއްދަ ދީފައި ނުވާ ކަމަށް ފާރިސްގެ ދައްތަ، ޔުމްނާ މައުމޫން ވަނީ ހާމަކުރައްވާފައެވެ.

ފެބްރުއަރީ 12 ވަނަ ދުވަހު ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފާރިސްއަށް ފެންފައިވާނެއް ފޮނުވުމަށް އާއިލާ އިން މަސައްކަތްކުރާތާ ތިން ދުވަސްވެފައިވާ ކަމަށެވެ. އަދި ފުލުހުން އެކަމަށް ހުއްދަ ނުދެނީ ކީއްވެތޯ އާއި، ފައިވާނަކީ ނުރައްކާތެރި އެއްޗެއްތޯ ޔުމްނާ ވަނީ ސުވާލުކުރައްވާފައެވެ.

ބުދަ ދުވަހު ފެންފައިވާނެއްގެ ފޮޓޯއަކާ އެކު ފާރިސްގެ ވަކީލް، ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުން ފާރިސްއަށް މިހާރު ފެންފައިވާނެއް ފޯރުކޮށްދީފައިވާ ކަމަށާއި، އެކަމަށްޓަކައި، ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

 

ހަ މަސް ދުވަސް ވަންދެން ޖަލުގައި ބެހެއްޓުމަށް ފަހު، ކްރިމިނަލް ކޯޓުން ޝަރުތުތަކަކާ އެކު ފާރިސް މިނިވަން ކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުން ފާރިސް މިނިވަން ކުރިތާ 50 ގަޑިއިރުފަހުން ކްރިމިނަލް ކޯޓުގެ އިތުރު އަމުރަކާއިއެކު ޖަނަވަރީ 27 ވަނަ ދުވަހު ފުލުހުން ވަނީ އަލުން ފާރިސް ހައްޔަރު ކޮށްފައެވެ.

އަދި އޭގެ ފަހުން، ފެބްރުއަރީ ފުރަތަމަ ދުވަހުގެރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާއިއެކު ކްރިމިނަލް ކޯޓުން ފާރިސް މިނިވަން ކުރަން ނިންމުމުން، ފާރިސް މިނިވަން ކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނުއެވެ. އަދި އެއަށް ފަހު ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ފުލުހުން ވަނީ އަނެއްކާ ވެސް ފާރިސް ހައްޔަރުކޮށްފައެވެ.

ފާރިސްގެ މައްޗަށް ފުލުހުން ކުރަނީ ރިޝްވަތު ދިނުމާއި، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު، ޤާނޫނާއި ޚިލާފަށް ބަދަލުކުރަން އުޅުމުގެ ތުޙުމަތެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް