23 ފެބުރުއަރީ 2018 | ހުކުރު | ހިޔަވިހާ 10

ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވަނީ

  • ފުލުހުން ބުނަނީ އެއްބާރުލުން ނުލިބޭ ކަމަށް
  • ވަކީލުން ވިދާޅުވަނީ ބައެއް ފަރާތްތަކާ މިއަދާ ހަމައަށް ސުވާލެއް ވެސް ކޮށްފައި ނުވާކަމަށް
  • ރައީސް މައުމޫން ވިދާޅުވީ މިމައްސަލާގައި ފުލުހުން "ބުހްތާނު ދޮގު" ހަދަމުންދާކަމަށް
މުހައްމަދު ފަޒީން | phaxyn

| 14 ފެބުރުވަރީ 2018 | ބުދަ 10:41 | |



ރައީސް މައުމޫން: ސަރުކާރު ވައްޓާލަން އުޅުނު ކަމަށްބުނެ ރައީސް މައުމޫން ހައްޔަރުކުރުން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ ބޭފުޅުން ތަހުގީގަށް އެއްބާރުލުން ނުދެއްވާތީ، އެބޭފުޅުންގެ މައްޗަށް ދައުވާ ކުރުމަށް މިހަފުތާތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އަންގާރަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަަތުގައި 13 ބޭފުޅަކު ހައްޔަރުކޮށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ:

  1. އުއްތަމަ ފަނޑިޔާރު އަބްދު ސައީދު
  2. ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު
  3. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް
  4. ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރު
  5. ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު
  6. ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ފާރިސް މައުމޫން
  7. ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް
  8. ރައީސް މައުމޫންގެ އޮފީހުގައި މަސައްކަތް ކުރައްވާ ނަޖުމާ އިބްރާހީމް
  9. މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީ މުހައްމަދު އަޒުމީ
  10. ރައީސް މައުމޫންގެ އާއިލާއިން ގެންގުޅޭ ޑްރައިވަރު ޕޮންނިއާ ސުދާގަރު
  11. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމް
  12. ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު
  13. ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން

 

ޝިފާން ވިދާޅުވީ އެ ބޭފުޅުން ތަހުގީގަށް އެއްބާރުލުން ނުދެއްވާ ކަމަށެވެ. އެހެންކަމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅީ ކަމަށް ބަލައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް މިހަފުތާތެރޭ ފޮނުވާނެ ކަމަށް ވެސް ޝިފާނު ވިދާޅުވި އެވެ.

"ބައެއް ފަރާތްތަކުން މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ނުދޭކަން އަޅުގަނޑު ފާހަގަކޮށްލަން. އެގޮތުން މައްސަލައިގައި ހިމެނޭ ބައެއް ފަރާތްތަކުން ތަހުގީގަށް ބޭނުންވާ ބައެއް ހެކި ދިނުމަށް އިންކާރުކޮށް ނުވަތަ އެކި ގޮތްގޮތުން މިކަންކަމަށް އިންކާރުކޮށް ހަދާފައިވާތީ އެފަރާތްތަކަކީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ފަރާތްތަތައް ކަމުގައި ބަލައި، އެމައްސަލަތައް ތަހުގީގުކޮށް ޕީޖީ އޮފީހަށް މިހަފުތާތެރޭގައި ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުން" ޝިފާން ވިދާޅުވިއެވެ.
 

ބައެއް ފަރާތްތަކުން ތަހުގީގަށް ބޭނުންވާ ބައެއް ހެކި ދިނުމަށް އިންކާރު ކުރައްވާ ކަމަށް ޝިފާނު ވިދާޅުވި ނަމަވެސް ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ޝިފާނު ވިދާޅުވި އެވެ.

އެގޮތުން ރައީސް މައުމޫނާ ގުޅުންހުރި މައްސަލައިގައި ނަޖުމާގެ ގެއިން ހޯދި ކަޅުފޮށިން އެކި ކަހަލަ ޑޮކިއުމަންޓްތައް ލިބިފައިވާ ކަމަށް ޝިފާނު ވިދާޅުވިއިރު، ރައީސް މައުމޫނާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވަމުން ގެންދަވަނީ އެ ފޮށިން ހެއްކެއް ފެނިފައިވާނަމަ އެއީ ފުލުހުން ލީ އެއްޗެއް ކަމަށެވެ. 

ރައީސް މައުމޫން އާއި ހަވާލާދީ ގާނޫނީ ވަކީލުން ވިދާޅުވީ މިމައްސަލާގައި ފުލުހުން އެ ހައްދަވަނީ ކަނޑައެޅިގެން ދޮގު ކަމަށާއި ހެއްކެއް އޮތްނަމަ ދެއްކުމަށް ރައީސް މައުމޫން ގޮވާލައްވާ ކަމަށެވެ. 

ހައްޔަރު ކޮށްފައިވާ ބައެއް ފަރާތްތަކާ، އަންގާރަ ދުވަހާ ހަމައަށް އެމައްސަލައާ ގުޅޭގޮތުން ސުވާލެއް ވެސް ކޮށްފައިނުވާ ކަމަށް ގާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް