23 ފެބުރުއަރީ 2018 | ހުކުރު | ހިޔަވިހާ 10

ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ރާއްޖެއަށް ކްރެޑިޓް ނެގެޓިވްއެއް: މޫޑީސް

  • އިގްތިސާދީ ކުރިއެރުން 4.5 ޕަސެންޓަށް ދައްވެގެންދާނެ
  • އިންވެސްޓަރުން އަންނަ ވަރު މަދުވެގެންދާނެ
  • ފަތުރުވެރިން އަންނަ ވަރު ވަރަށް ބޮޑުތަން ދައްވެގެންދާނެ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 12 ފެބުރުވަރީ 2018 | ހޯމަ 22:27 | |



ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު، ފުލުހުނާއި، ސިފައިން މަގުމަތީގައި -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ރާއްޖެއަށް ކްރެޑިޓް ނެގެޓިވްއެއް މޫޑީސް އިން ދީފި އެވެ.

ޓައިމްސް އޮފް އިންޑިއާގެ އާޓިކަލެއްގައި ބުނެފައިވަނީ، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ސަބަބުން އިންވެސްޓްމެންޓަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް މޫޑީސް އިންވެސްޓަރސް ސަރވިސް ބުނެފައިވާ ކަމަށެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު ދަށްވުން ކަމަށް ބުނެފައިވެ އެވެ.

ދިގު ދެމިގެންދާ ސިޔާސީ ހަލަބޮލި ކަމާއި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ރާއްޖެއަށް އިންވެސްޓަރުން އައުން ވަރަށް ބޮޑުތަން ދަށްވެގެންދާނެ ކަމަށް މޫޑީސް އިންވެސްޓަރސް ސަރވިސް އިން ބުނެފައިވެ އެވެ.

މަޝްހޫރު ކްރެޑިޓް ރޭޓިންގ އޭޖެންސީ މޫޑީސް އިން އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް އަންނަ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ވެސް ރާއްޖޭގެ އިގްތިސާދީ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރާ ސިނާއަތްކަމުގައިވާ އިރު ރާއްޖެއަށް އިންވެސްޓަރުން އައުން މަދުވެ، ރާއްޖޭގެ އެތެރޭގައި ދައުރުވާ، އާމްދަނީ ދައްވެގެންދާނެ ކަަމަށެވެ. މިކަމުގެ ސަބބަބުން ގައުމުގެ ފިސްކަލް ޕޮލިސީއަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ވެސް މޫޑީސް އިން ބުނެފައިވެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު އިންޑިއާ، ޗައިނާ، ސިންގަޕޫރު އަދި އިނގިރޭސިވިލާތްގެ އިތުރުން އެހެން ބައެއް ގައުމުތަކުންވެސް ޓްރެވެލް އެޑްވައިސަރީ ނެރެފައިވާ އިރު އެމެރިކާ އިން ލެވެލް ދޭއްގެ ޓްރެވެލް އެޑްވައިޒަރީއެއް ވަނީ ނެރަފަ އެވެ. މިކަމުގެ ސަބަބުން މުޅި ގައުމުގެ އިގްތިސާދަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށް މޫޑީސް އިން ބުނެ އެވެ.

މިއީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ. އެއަަހަރުގައި މުޅި އިގްތިސާދުގެ ކުރިއެރުން 2.8 ޕަސެންޓަށް މަޑުޖެހިލި އެވެ.

ކްރެޑިޓް ރޭޓިންގ އޭޖެންސީތަކުން ކްރެޑިޓް ނެގެޓިވްއެއް ދެނީ އިގްތިސާދުގައި އިންވެސްޓް ކުރާނެ ކަމަށް ލަފާ ކުރެވޭ މިންވަރު ނުވަތަ އިގްތިސާދީ ހާލަތު ކުރިއަށް އޮތް ތިން މަސް ތެރޭގައި ދަށްވާނެ ކަމަށް ލަފާކުރެވުމުގެ ސަބަބުންނެވެ.

މޫޑީސް އިން ބުނެފައިވަނީ ރާއްޖޭގެ މި ހާލަތައި ގުޅިގެން ރާއްޖޭގެ މުޅި އިގްތިސާދުގެ ކުރިއެރުން 4.5 ޕަސެންޓަށް ދަށް ވެގެންދާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މިދިޔަ 2017 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރި އަރާފައިވަނީ 6.2 ޕަސެންޓަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް