19 ޖުލައި 2018 | ބުރާސްފަތި | 05 ފުސް
06 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:01
ފަތިސް 04:44

ސިއްޙަތު

ހުއްކާގެ ހަޤީޤަތް އެނގޭތަ؟

  • ސިނގެރޭޓަށްވުރެ ހުއްކާ/ޝީޝާގެ ގެއްލުން ބޮޑުކަމަށް ސައިންސްވެރިން ބުނޭ
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 11 ފެބުރުވަރީ 2018 | އާދީއްތަ 13:10 | |

މަގުބޫލް

  1. އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި
  2. ފައިރޫޒް ރާއްޖެ ޓީވީ އާއި އަލުން ގުޅިއްޖެ
  3. ޤައުމަށްޓަކައި ކުރައްވާ މަސައްކަތް ނުކުރެއްވޭ ގޮތަށް ބައްޕަ މިނިވަންވާކަށް ނޭދެން: އިމްރާންގެ ދަރިކަނބަލުން
  4. ސަލްމާން ކޫރޫއިންގެ ކުރިމަތީގައި ޖާންވީ ލަދުގަންނަވާލި ގޮތް ކިޔައިދީފި
  5. އެސްއޯ ފުލުހުންތަކެއް އިހަވަންދޫއަށް އަރައި، ހިންގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާ ވެއްޖެ
  6. އިމްރާންއާ ޑީލް ހަދަން ސަރުކާރުން މީހަކު ފޮނުވައިފި: މަހްލޫފް
  7. އެސްއޯ ފުލުހުންގެ އަމަލުތަކުން އަނިޔާ ލިބުނު ވެއިޓަރު އިތުރު ފަރުވާއަށް ދިއްދޫއަށް ފޮނުވާލައިފި
  8. ބޮޑުވަޒީރަކަށް ރައީސް ޔާމީން ގެނެސް، ދިގު ދައުރަކަށް ބެހެއްޓިދާނެ: ނިހާން


ހުއްކާއެއް: އެއްގަޑިއިރުގެ ހުއްކާ ސެޝަންއަކާއި 100 ސިނގެރޭޓު ބުއިމާއި އެއްފަދަ ކަމަށް 2005 ވަނަ އަހަރު WHO އިން ނެރުނު ރިޕޯޓެއްގައި ވަނީ ބުނެފަ -- ގޫގުލް

ތަޢާރުފު

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، WHO ގެ 2012 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުން، ދުންފަތުގެސަބަބުން އަހަރެއްގެ މައްޗަށް 6 މިލިއަނަށްވުރެ ގިނަ މީހުން މަރުވެއެވެ. އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ، އެންމެ ގިނަ ބަޔަކުނުރައްކާތެރި ބަލިތަކާއި މަރަށް ހުށަހެޅޭ އެންމެ ބޮޑު އެއް ސަބަބެވެ. އަދި މިއީ ގައިންގަޔަށް ނާރާ، ދިގުމުއްދަތަކަށް ދެމިގެންދާ ނުރައްކާތެރި ބަލިތަކަށް އިންސާނުން ހުށަހެޅޭ ސަބަބުތަކުގެ ތެރެއިން ހުއްޓުވިދާނެ ސަބަބެއް ކަމަށް އެކި ދިރާސާތަކުން ވަނީ ދައްކާފައެވެ.

އެޑިކްޝަން އެންޑް ހެލްތު ޖަރނަލް އަށް، "ކޮމްޕަރިޒަން އޮފް ކޯޓައިން ސެލައިވަރީ ލެވެލްސް އިން ހުއްކާ ސްމޯކަރޒް، ޕެސިވް ސްމޯކަރޒް، އެންޑް ނަން ސްމޯކަރޒް" ގެ ނަމުގައި ނޮސްރަތުޒެހީ، އާބާބީ ކަލާޓީ، އަލިޖާނީ، އަދި ތަޖްދާރީ ހަދާފައިވާ ދިރާސާއަކުން އަންދާސާ ކުރެވޭ ގޮތުގައި 2020 ވަނަ އަހަރާއި ހަމައަށްދާއިރު، ދުނިޔޭގައި މަރުވާ ކޮންމެ 3 މީހަކުން އެކަކު މަރުވާނީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުންނެވެ.

ދުނިޔޭގައި ދުންފަތުގެ އިސްތިޢުމާލު ކުރެވޭ އެންމެ އާންމު ގޮތަކީ ސިނގެރޭޓާއި ސިގާ ކަމުގައި ވީނަމަވެސް، ފަހަކަށް އައިސް ޒުވާނުންނާއި މެދުއުމުގެ މީހުންގެ މެދުގައި ހުއްކާގެ މަޤުބޫލުކަންވެސް ވަނީ އިތުރުވެގެން ގޮސްފައެވެ. ޖޯންސްޓަން، އޮމޭލީ، ބާކްމަން، އަދި އެހެން ބައެއް ފަރާތްތަކުން އެމެރިކާގައި ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ޒުވާނުންގެ މެދުގައި ހުއްކާ ބޭނުންކުރާ އާބާދީ އިތުރުވަމުންދާއިރު، މީގެ ތެރެއިންވެސް ހުއްކާ ބޭނުންކުރާ އުމުރުން 18 އަހަރާއި 24 އަހަރާއި ދެމެދުގެ ޒުވަނުންގެ އާބާދީ ވަރަށް ބޮޑެވެ.

ގިނަ ދިރާސާތަކަކުން ދައްކާ ގޮތުގައި ބޭރުފުށުން ޖެހޭ ކެންސަރު ޖެހޭ އެންމެ ބޮޑު ސަބަބަކީ ސިނގެރޭޓާއި ހުއްކާ ބުއިމެވެ.  ސިނގެރޭޓާއި އަޅައި ބަލާއިރު ހުއްކާ ބުއިމަކީ ސިއްހީ ގޮތުން ގެއްލުން ކުޑަ ކަމެއް ކަމަށް ގިނަ ބަޔަކު ދެކުނު ނަމަވެސް، ސިނގެރޭޓެކޭ އެއްފަދައިން ހުއްކާގެ ދުމުގައިވެސް ކާބަން މޮނޮކްސައިޑާއި، ނިކޮޓިން އާއި، ކާސިނޯޖެންސް ހިމެނެއެވެ. އަދި ހުއްކާގެ ދުމުގެ ސަބަބުން އެ ބޭނުންކުރާ މީހާ ހިތުގެ ބަލިތަކަށާއި، ކެންސަރަށާއި، ފުއްޕާމޭގެ ބަލިތަކަށާއި، ލޭމައްޗަށް ދިއުމާއި، ކުދިން ނުލިބުމާއި މަރަށް ހުށަހެޅިގެންދާކަމަށްވެސް މި ދިރާސާތަކުން ދައްކައެވެ.

ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ބައެއް ރިކޯޑްތަކުން ދައްކާ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުންނާއި އެއާއި ގުޅުންހުރި ސިއްޙީ މައްސަލަތަކުގެ ސަބަބުން އަހަރެއްގެ މައްޗަށް ރާއްޖޭގައި 1300 އެއްހާ މީހުން މަރުވާއިރު، މީގެ ތެރެއިން 300 އަށްވުރެ ގިނަ މީހުންނަކީ ސީދާ ދުންފަތުގެ ސަބަބުން އެކި ބަލިތައް ޖެހިގެން މަރުވާ މީހުންނެވެ.  

 

ހުއްކާ އަކީ ކޮބާ؟

ހުއްކާ އަކީ 12 ވަނަ ޤަރުނާއި 15 ވަނަ ޤަރުނާއި ދެމެދު އިންޑިއާގައި އުފެއްދި ދުންބުއިމުގެ ވަސީލަތެކެވެ. އިންޑިއާގައި އުފެއްދިނަމަވެސް، ހުއްކާ މައިގަނޑުގޮތެއްގައި ގުޅުވެނީ މެދުއިރުމަތީގެ އަރަބި ދިރިއުޅުމާއެވެ. ޒަމާނުއްސުރެ ދިވެހިންވެސް ދަނީ "ގުޑުގުޑާ" ގެ ނަމުގައި ދިވެހިންގެ ތެރޭގައި ހުއްކާގެ ދިވެހި ވަރޝަންއެއް ބޭނުންކުރަމުންނެވެ. ފަހަކަށް އައިސް ޒުވާނުންގެ ތެރޭގައި ހުއްކާ، ނުވަތަ ހަޤީޤީ ގުޑުގުޑާގެ މަޤުބޫލުކަން އިތުރުވެގެން ގޮސްފައިވަނީ ދިވެހިންގެ ތެރެއަށް "ޝީޝާ" ތަޢާރުފު ކުރެވުނު ހިސާބުންނެވެ.

ޝީޝާ ނުވަތަ މާސެލް އަކީ ހަޤީޤަތުގައި މޭވާގެ ރަހަ ޖައްސާފައިވާ ދުންފަތަށް ކިޔާ ނަމެކެވެ. ހުއްކާއަށް އަޅާ ފްލޭވަރގެ ގޮތުގައި ޝީޝާ ތާޢާރުފުކުރީ 1990ގެ އަހަރުތަކުގެ ތެރޭގައި މިސްރުގެ ދުންފަތް އުފައްދާ ކުންފުނިތަކުންނެވެ.

ހުއްކާ މަސައްކަތް ކުރާ ގޮތަށް ބަލާއިރު، ހުއްކާ ތައްޔާރުކޮށްފައި ހުންނަނީ ސިލުނބަކާއި، މައިގަނޑަކާއި، ފެން ފުޅި އަކާއި، ދުން ހޮޅިއެއް ހިމެނޭގޮތަށެވެ. ސިލުނބަށް ޝީޝާ އެޅުމަށްފަހު، އޭގެ މަތީގައި ކޯލް ނުވަތަ އަނގުރު ބަހައްޓައިގެން ޝީޝާއަށް ހޫނުކުރެއެވެ. ހުއްކާ މަސައްކަތް ކުރާ ގޮތަށް ބަލާލާއިރު، ސިލުނބުގެ މަތީގައިވާ ކޯލް ނުވަތަ އަނގުރު އަނދައި، އޭގެން ބޭރުވާ ވިހަ މާއްދާތައް ޝީޝާ ދުންފަތްގަނޑުގެ ތެރެއަށް ފޭދި، ޝީޝާގައި ހުންނަ ވިހަ މާއްދާތަކާއި އެކުވެގެން ހުއްކާގެ މައިގަނޑު ތެރެއިން ފެން ފުޅި އާއި ހަމައަށް ފައިބައެވެ. މީގެން ބައެއް ވިހަ މާއްދާތައް ފެންގަނޑުތެރެއަށް ފޭދި، ކޮންސެންޓްރޭޓް ވެގެން ފުޅީގައި ހުންނަ ދުމާއި އަލުން ގުޅޭއިރު، ބައެއް ވިހަ މާއްދާތައް ފެނަށް ނުފޭދި ދުންތަކުގެ ތެރޭގައިވެސް ހުރެއެވެ.

ހުއްކާގައި އާންމުކޮށް ބޭނުންކުރާ ދުންފަތުގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ޝީޝާ، ނާގައިލް، އާގިލޭ، ބޫރީ، ޚޯޒާ އަދި ހަބްލް ބަބްލްއެވެ.

 

ހުއްކާއަށް އިތުރު ސަމާލުކަމެއް ދޭންޖެހެނީ ކީއްވެ؟

ރާއްޖޭގައި ފަހަކަށްއައިސް ޒުވާނުންނާއި ފުރާވަރުގެ ކުދިންގެ މެދުގައި ހުއްކާގެ މަޤުބޫލުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހުއްކާ ބުއިމަކީ އިޖުތިމާއީ ކަމަކަށްވެ، ރާއްޖޭގައި ހުއްކާ ބޯން ފަށާ އުމުރު 14 ނުވަތަ 15 އަހަރަށް ވަނީ ދަށްވެފައެވެ. ބައެއް އެހެން ޤައުމުތަކެކޭވެސް އެއްފަދައިން ރާއްޖޭގައިވެސް ހުއްކާ އާންމުވުމުގެ އެއް ސަބަބަކީ ހުއްކާ އަކީ ސިނގެރޭޓަށްވުރެ ގެއްލުން ކުޑަ އެއްޗެއް ކަމަށް ހީވެފައި އޮންނަ ކުށްހީއެވެ. މީގެ އިތުރުން ރާއްޖޭގައި ހުއްކާ ބޯ ޒުވާން އަދި ފުރާވަރުގެ އަންހެންކުދިންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެފައިވާއިރު، މީގެ އެއް ސަބަބަކީ، ސިނގެރޭޓާއި ޚިލާފަށް ހުއްކާ ބުއިމަކީ އަންހެން ކުދިން ކުރުން މުޖުތަމަޢު ބަލައިގަންނަ ކަމެއް ކަމަށް ދައްކައި، އެ މާކެޓް ކުރުމެވެ.

ހުއްކާގެ މަޤުބޫލުކަން އިތުރުވި ސަބަބުތައް ކަމަށް ދިރާސާތަކުން ދައްކާ ސަބަބުތަކަށް ބަލާއިރު، ޝީޝާގެ އެކި ރަހަތައް އާންމުވުމާއި، ހުއްކާގެ ވިޔަފާރިކުރާ ކެފޭތަކުގެ އަދަދު އިތުރުވުމާއި، އާންމު ހޭލުންތެރިކަން ދަށްވުމުގެ އިތުރުން ޤާނޫނުތައް ތަންފީޒު ކުރެވޭ މިންވަރު ދަށްވުންވެސް ހިމެނެއެވެ. އަނެއް ސަބަބަކީ ހުއްކާ ބުއިމަކީ އިޖުތިމާއީ ހަރަކާތެއްގެ ގޮތުގައި ދެކުމާއި، އެގޮތަށް އެކަން މާކެޓް ކުރުމެވެ.

ފަހަކަށް އައިސް ރާއްޖޭގައި ހުއްކާއަށް ޚާއްސަކޮށްގެން ކެފޭތައް ޤާއިމްކޮށްފައިވާއިރު، ކުރިން ހުއްކާގެ ވިޔަފާރި ނުކުރާ އެތައް ކެފޭއަކުން މިހާރު ވަނީ ހުއްކާގެ ވިޔަފާރި ކުރަން ފަށާފައެވެ. ހުއްކާ ލިބެން ހުންނަ ކެފޭއަކުން، ޚާއްސަކޮށް ރޭނގަޑު ހުސް މޭޒެއް ހޯދުމަކީ އުނދަގޫ ކަމަކަށް ވާއިރު، ރައްޖޭގެ އެކި ހިސާބުތަކުގައި ހުއްކާ ލިބެންހުރި ކެފޭތަކުގެ އަދަދު މިހާރު 100 އާއި ގާތްކުރެއެވެ.

ކެފޭތަކުން ހުއްކާ ލިބުން އިތުރުވުމާއި ގުޅޭގޮތުން ބައެއް ވިޔަފާރިވެރިން ފާހަގަކުރި ގޮތުގައި، އެ ކެފޭތަކުގައި ހުއްކާ ތަޢާރުފު ކުރުމަކީ ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާ ކަމަކަށް ވަނީ ވެފައެވެ.

 

ރާއްޖެއަށް ހުއްކާ އެތެރެކުރަނީ ކިހާ ވަރަކަށް؟

ރާއްޖޭގެ ކަސްޓަމްގެ ބައެއް ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ހުއްކާއަށް އޮތް ޑިމާންޑް އިތުރުވެގެން ގޮސްފައިވާ މިންވަރު ފެނެއެވެ. އަހަރަކަށްފަހު އަހަރަކު ރާއްޖެއަށް އެތެރެކުރާ ހުއްކާއަށް އަޅާ އެކި ބާވަތުގެ ދުންފަތުގެ އަދަދު އިތުރުވެގެން ގޮސްފައިވާއިރު، ހުއްކާގެ ބައިތައް ރާއްޖެއަށް އެތެރެކޮށްފައިވާ މިންވަރުވެސް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.

2014 ވަނަ އަހަރު ހުއްކާއަށް އަޅާ ބާވަތުގެ 168 ކިލޯގެ ދުންފަތް ރާއްޖެއަށް އެތެރެކޮށްފައިވާއިރު، އެއަހަރު ހުއްކާގެ 150 ދުންހޮޅިއާއި، ސިލުނބު ނުހިމެނޭގޮތަށް ހުއްކާގެ އެކިއެކި ބައިގެ ގޮތުގައި 85،447 ބަޔާއި، 151 ސިލުނބާއި، 5601 ހުއްކާ ރާއްޖެއަށް އެތެރެކޮށްފައިވެއެވެ.

2015 ވަނަ އަހަރު އިމްޕޯޓް ކުރި ހުއްކާ ދުންފަތުގެ އަދަދު ޖުމްލަ 2867.66 ކިލޯއަށް އުފުލިގެން ދިޔައިރު، އެއަހަރު ހުއްކާގެ 12،804 ދުންހޮޅިއާއި، ސިލުނބު ނުހިމެނޭގޮތަށް ހުއްކާގެ އެކިއެކި ބައިގެ ގޮތުގައި 108،929 ބަޔާއި، 5573 ސިލުނބާއި، 19،866 ހުއްކާ ރާއްޖެއަށް އެތެރެކޮށްފައިވެއެވެ.

2016 ވަނަ އަހަރުގެ އެތެރެކުރި ހުއްކާ ދުންފަތުގެ އަދަދު ޖުމްލަ 3068.33 ކިލޯއަށް އުފުލިގެން ދިޔައިރު، އެއަހަރު ހުއްކާގެ 38 ދުންހޮޅިއާއި، ސިލުނބު ނުހިމެނޭގޮތަށް ހުއްކާގެ އެކިއެކި ބައިގެ ގޮތުގައި 127،896 ބަޔާއި، 73 ސިލުނބާއި، 4801 ހުއްކާ ރާއްޖެއަށް އެތެރެކޮށްފައިވެއެވެ.

 

ހުއްކާއިން ލިބޭ ސިއްޙީ ގެއްލުން ކުޑަތަ؟

ހުއްކާ އަކީ ސިނގެރޭޓަށްވުރެ ގެއްލުން ކުޑަ އެއްޗެއްގެ ގޮތުގައި އާންމު ވެފައިވާއިރު، ހުއްކާގައި ދުންފަތް ހިމެނޭ ކަމަށް އެ ބޭނުންކުރާ ބައެއް ފަރާތްތަކުން ޤަބޫލުވެސް ނުކުރެއެވެ. އެމެރިކާގެ ކޮލެޖު ދަރިވަރުންތަކެއްގެ މެދުގައި 2013 ވަނަ އަހަރު ހެދުނު ސަރވޭއަކުން ދައްކާ ގޮތުގައި، ހުއްކާ ބޭނުންކޮށްފައިވާ ގިނަ ޒުވާނުން ދެކޭގޮތުގައި ސިނގެރޭޓަކީ ހުއްކާއަށްވުރެ ގެއްލުންބޮޑު، އޭގައި ހުއްކާއަށްވުރެ ގިނައިން ނިކޮޓިން ހިމެނޭ، އެއަށް ދެވިހިފުން ބޮޑު އެއްޗެކެވެ. މިފަދަ ވިސްނުންތަކުގެ ސަބަބުން ހުއްކާ ބޭނުންކޮށް، އެއަށް ދެވި ހިފާ މީހުން ގިނަވެގެންދާކަމަށް ސައިންސްވެރިން ބުނެއެވެ. އެމެރިކާގައި ހެދުނު ސަރވޭގައި ބައިވެރިވި ދަރިވަރުން ބުނާގޮތުގައި އެމީހުން ހުއްކާ ބޮނީ އެއީ އިޖުތިމާއީ ކަމެއް ކަމުގައި ދެކިގެންނެވެ. އަދި އެއީ ސިނގެރޭޓުގެ ބަދަލުގައި ބޭނުންކުރާ އެއްޗެއް ކަމަށާއި، ހުސްވަގުތުގައި ފޫހިކަން ފިލުވުމަށްވެސް ހުއްކާ ބޯކަމަށް އެ ދަރިވަރުން ބުނެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން 2002 ވަނަ އަހަރު ވަނީ ސިނގެރޭޓާއި ހުއްކާ އަކީ، ޔުނިވަރސަލް ހެލްތު ތްރެޓްއެއްގެ ގޮތުގައި ލޭބަލްކޮށްފައެވެ. ހުއްކާގެ ދުމުގައި ކާބަން މޮނޮކްސައިޑާއި، ނިކޮޓިން އާއި، ދަގަނޑުގެ އެކި މާއްދާތަކާއި، ކާސިނޯޖެންސް ހިމެނޭކަން އެކި ދިރާސާތަކުން ދައްކާފައިވާއިރު، މިއީ ހުއްކާ ބޭނުންކުރާ ފަރާތްތައް ދުންފަތާއި ޗާކޯލް އާއި ގުޅުންހުރި ބޮޑެތި އެކި ބަލިތަކަށް ހުށަހެޅުމުގެ އެއް ސަބަބެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ސިނގެރޭޓު ބުއިމާއި ހުއްކާ ބުއިމުން ހަށިގަނޑަށް ވަނީ ދާދި އެއް ވައްތަރެއްގެ ގެއްލުންތަކެކެވެ. މީގެ ތެރޭގައި ހިތުގެ ބަލިތަކަށާއި، ކެންސަރަށާއި، ފުއްޕާމޭގެ ބަލިތަކަށާއި، ވިންދު އަވަސްވުމާއި، ލޭމައްޗަށް ދިއުމާއި، ކާބޮކްސީހީމޯގްލޮބިންގެ މިންވަރު އިތުރުވުމާއި، ކުދިން ނުލިބުމަށް މެދުވެރިވުމުގެ އިތުރުން މަރުވުން ހިމެނެއެވެ.  

އެއްގަޑިއިރުގެ ހުއްކާ ސެޝަންއަކާއި 100 ސިނގެރޭޓު ބުއިމާއި އެއްފަދަ ކަމަށް 2005 ވަނަ އަހަރު WHO އިން ނެރުނު ރިޕޯޓެއްގައި ބުނާއިރު، އެ ޖަމިއްޔާއިން ބުނާގޮތުގައި ހުއްކާ އަކީ ސިނގެރޭޓަށްވުރެވެސް ގެއްލުން ބޮޑު އެއްޗެކެވެ. ސިނގެރޭޓަކާއި އަޅާ ބަލާއިރު، ހުއްކާ ސެޝަނަކުން 1.7 ގުނަ އިތުރަށް ނިކޮޓިން އާއި، 50 ގުނަ އިތުރު ޓާ އާއި، 6.5 ގުނަ އިތުރު ކާބަންމޮނޮކްސައިޑް ހަށިގަނޑަށް އެތެރެވާކަމަށް އެ ރިޕޯޓްގައިވެއެވެ.

ސިނގެރޭޓަށްވުރެ ހުއްކާގެ ގެއްލުން ބޮޑުކަމަށް ސައިންސްވެރިން ބުނާ އެއް ސަބަބަކީ ހުއްކާ ދުމުގައި ދުންފަތުގެ ދުމުގެ ވިހަ މައްދާތަކުގެ އިތުރުން ޝީޝާއަށް ހޫނު ކުރުމަށް ބޭނުންކުރާ ބޯޓުދެލި ނުވަތަ ކޯލްގައި ހިމެނޭ ވިހަ މާއްދާތައްވެސް ހިމެނުމެވެ.  

ޅައުމުރުގައި ނިކޮޓިންއަށް ހުށަހެޅުމަކީ އެއަށް ދެވިހިފުމުގެ ފުރުޞަތު ބޮޑުވާކަމެއް ކަމަށް ދިރާސާތަކުން ދައްކާއިރު، ޒުވާނުންގެ މެދުގައި ހުއްކާގެ މަޤުބޫލުކަން އިތުރުވެގެން ދިއުމަކީ ދުރު މުސްތަޤުބަލުގައި އިޖުތިމާއީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާނެ ސިއްހީ މައްސަލަތަކެއް ނުކުންނާނެ ކަމެކެވެ.

ހުއްކާ އަކީ ކޫލް އެއްޗެއްގެ ގޮތުގައި މުޖުތަމައިގައި ބަލައިގަނެވޭ ބަލައިގަނެވުމަކީ ކުރިއަށް އޮތް ތަނުގައި މި ނުރައްކާ އިތުރުވެގެން ދާނެ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް