23 ފެބުރުއަރީ 2018 | ހުކުރު | ހިޔަވިހާ 11

އިސްކޯ ވިއްކައެއް ނުލާނަން، އޭނާ ރިޓަޔާ ކުރާނީ ރެއާލްގައި: ޒިދާން

  • އިސްކޯއަށް މި ސީޒަނުގައި ފުރަތަމަ އެގާރައިން ފުރުސަތު ލިބެނީ ވަރަށް މަދުން
އަހްމަދު ސާއިފް ޝިޔާދް | @Saaif80

| 10 ފެބުރުވަރީ 2018 | ހޮނިހިރު 15:31 | |އިސްކޯ ރެއާލްގެ ޖާޒީގައި -- ގޫގުލް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ހުނަރުވެރި މިޑްފީލްޑަރު އިސްކޯ ވިއްކާނުލާނެ ކަމަށާއި އޭނާ ރިޓަޔާ ކުރާނީ ވެސް އެ ޓީމުގައި ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މިދިޔަ ސީޒަނުގެ ފަހު ބައިގައި ރެއާލްގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ އިސްކޯއެވެ. އޭނާގެ މޮޅު ކުޅުމާއެކު ރެއާލްއިން ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލަލީގާ ކާމިޔާބުކުރިއިރު މި ސީޒަނުގައި އެ ޓީމަށް ވަނީ މި މުބާރާތްތައް ކާމިޔާބުކުރުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. ހަމައެހެންމެ އުމުރުން 25 އަހަރުގެ އިސްކޯއަށް މި ސީޒަނުގައި ރެއާލްގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބެމުން ވެސް އަންނަނީ މަދު ފަހަރެއްގައެވެ. މިކަމާއި ގުޅިގެން ޗެލްސީ އާއި މެންޗެސްޓާ ސިޓީ އަދި ލިވަޕޫލް ފަދަ ބޮޑެތި ޓީމުތަކުން އޭނާ ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ރިޕޯޓުތައް ދޮގުކުރަމުން ޒިދާން ބުނީ އަބަދުވެސް ޓީމުގައި ތިބޭ ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށާއި ޓީމު ހަމަ މަގަށް އެޅުވުމަށް ކުރަންޖެހޭ ކަންކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. ޒިދާން ބުނީ އިސްކޯއަކީ މީގެކުރިން ވެސް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔެއް ކަމަށާއި ކުރިޔަށް އޮތް ތަނުގައި ވެސް އޭނާ އެ ކުޅުން ދައްކާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. ޒިދާން ބުނީ ރެއާލްގައި އިސްކޯ މަޑުކުރަން ބޭނުންވާ ކަމަށާއި އުއްމީދަކީ އިސްކޯގެ މުޅި ކެރިއަރު ވެސް ރެއާލްގައި ހޭދަކުރުން ކަމަށެވެ.

އޭނާ ބުނީ ހޫނު މޫސުމުގެ ޓްރާންސްފާގައި އިސްކޯ ވިއްކާލާނެ ކަމަށް ބުނެ މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ރިޕޯޓުތަކެއް ކަމަށާއި އެފަދަ ރިޕޯޓުތައް ދެން އަޑު ނީވޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. ޒިދާން ބުނީ ސްކޮޑުގައި 25 ކުޅުންތެރިން ތިބޭ ކަމަށާއި އިސްކޯ ވިޔަސް އަސެންސިއޯ ވިޔަސް ނުވަތަ އެހެން ކުޅުންތެރިޔަކަށް ވިޔަސް ފުރަތަމަ އެގާރައިން ޖާގަ ގެރެންޓީ ނުވާނެ ކަމަށެވެ. އޭނާ ބުނީ އެންމެ މުހިންމު ކަމަކީ މެޗުތަކުން މޮޅުވުން ކަމަށާއި ޓީމު ނެގުމުގެ ޒިންމާއަކީ އޭނާގެ މައްޗަށް އޮންނަ ކަމެއް ކަމަށެވެ.

މި ސީޒަނުގައި ރެއާލްއިން ކުޅުނު މެޗުތަކުގެ ތެރެއިން އިސްކޯ ވަނީ 14 މެޗެއްގައި ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ. ހަމައެހެންމެ ރެއާލްއިން ކުޅުނު މެޗުތަކުގެ ތެރެއިން ހަތަރު މެޗެއްގައި އޭނާ ވަނީ ބެންޗުން ކުޅެން ނުކުމެފައެވެ. މި މެޗުތަކުގައި އޭނާ ވަނީ އެ ޓީމަށް ފަސް ލަނޑު ޖަހައިދީފައެވެ.

ވެލެންސިއާގެ ޔޫތް ޓީމުން ކެރިއަރު ފެށި އިސްކޯ ވަނީ އެ ޓީމުގެ އިތުރުން މަލާގާއަށް ވެސް ކުޅެފައެވެ. މަލާގާ ދޫކޮށް 2013 ވަނަ އަހަރު އޭނާ ރެއާލްއަށް ބަދަލުވީ 30 މިލިއަން ޕައުންޑްގެ ފީއަކަށެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު 222 މެޗުގައި އޭނާ ވަނީ އެ ޓީމަށް 39 މެޗު ކުޅެދީފައެވެ. ހަމައެހެންމެ ރެއާލްއާއެކު އިސްކޯ ވަނީ 13 މުބާރާތެއް ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް