23 ފެބުރުއަރީ 2018 | ހުކުރު | ހިޔަވިހާ 11

އިޓާލިއަން ސެރީއޭ: ފިއޮރެންޓީނާ ބަލިކޮށް ޔުވެންޓަސް އެއްވަނައަށް

  • ފިއޮރެންޓީނާގެ މައްޗަށް ޔުވެންޓަސް ކުރިހޯދީ 2-0 ގެ ނަތީޖާއަކުން
އަހްމަދު ސާއިފް ޝިޔާދް | @Saaif80

| 10 ފެބުރުވަރީ 2018 | ހޮނިހިރު 12:04 | |ފިއޮރެންޓީނާ އަދި ޔުވެންޓަސް ކުޅުނު މެޗުގެ ތެރެއިން -- ވީޑިއޯ: ރާއްޖެ ޓީވީ

އިޓާލިއަން ސެރީއޭގައި ފިއޮރެންޓީނާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ވަގުތީ ގޮތުން ތާވަލުގެ އެއްވަނައަށް ޔުވެންޓަސް ޖެހިލައިފިއެވެ.

ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ މައްޗަށް ޔުވެންޓަސް ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗު ވެގެން ގޮސްފައިވަނީ އިޓާލިއަން ސެރީއޭގައި ޔުވެންޓަސްއަށް ބުފޮން ކުޅެދިން 500 ވަނަ މެޗަށެވެ. ހަމައެހެންމެ މި މެޗަކީ އެ ޓީމުގެ ކޯޗު މަސިމިލިއާނޯ އަލެގްރީ އެ ޓީމަށް އިރުޝާދުދިން 200 ވަނަ މެޗެވެ. ބުފޮން ވެގެން ގޮސްފައިވަނީ އަލެސަންދްރޯ ޑެލްޕިއެރޯގެ ފަހަތުން ޔުވެންޓަސްއަށް އެންމެ ގިނަ މެޗު ލީގުގައި ކުޅުނު ކުޅުންތެރިޔާއަށެވެ. އަލެގްރީ 200 މެޗު ހަމަކޮށްފައިވަނީ އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހަތަރު އަހަރު ވޭތުކުރުމަށްފަހުއެވެ.

ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފުރަތަމަ ހާފުގައި ފެނިގެންދިޔައިރު މެޗުގެ 18 ވަނަ މިނެޓުގައި ރެފްރީ ވަނީ ފިއޮރެންޓީނާއަށް ޕެނަލްޓީއެއް ދީފައެވެ. އެހެން ނަމަވެސް ވީޑިއޯ ރެފްރީއާ މަޝްވަރާ ކުރުމަށްފަހު ރެފްރީ ނިންމާފައިވަނީ އެ ޕެނަލްޓީ ފިއޮރެންޓީނާއަށް ދެވެން ނެތް ކަމަށެވެ. މި ލަނޑަށް ފަހު ވެސް ފިއޮރެންޓީނާއަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު އެ ޓީމަށް މި ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު 56 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު ޖަހައިދިނީ ފެޑެރީކޯ ބާނަޑެޝީއެވެ. ފިއޮރެންޓީނާއިން އެ ޓީމުގެ ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ ޔުވެންޓަސްގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެހެން ނަމަވެސް މި ހުރިހާ ހަމަލާއެއް ވެސް ބުފޮން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މި މެޗުން ޔުވެންޓަސްއަށް ތިން ޕޮއިންޓް ކަށަވަރު ވެގެންދިޔައީ 86 ވަނަ މިނެޓުގައި ގޮންޒާލޯ ހިގުއައިން ޖަހައިދިން ލަނޑުންނެވެ.

ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޔުވެންޓަސް ވަގުތީ ގޮތުން ޖެހިލީ ދެވަނައިގައި އޮތް ނަޕޯލީއަށް ވުރެ އެއް މެޗު އިތުރަށްކުޅެ 62 ޕޮއިންޓް ހޯދައިގެންނެވެ. ނަޕޯލީއަށް 60 ޕޮއިންޓާއެކު ދެވަނަ ލިބޭއިރު އެ ޓީމު ދެން ކުޅޭ މެޗުން މޮޅުވެއްޖެނަމަ އަނެއްކާ ވެސް ތާވަލުގެ އެއްވަނަ ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ:


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް