23 ފެބުރުއަރީ 2018 | ހުކުރު | ހިޔަވިހާ 11

ސްޕެނިޝް ކޮޕާ ޑެލްރޭ: ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ބާސާ ފައިނަލްއަށް

  • ބާސާ ފައިނަލަށް ދަތުރުކުރީ 3-0 ގެ އެގްރިގޭޓް ނަތީޖާއަކުން ވެލެންސިއާ ބަލިކޮށްގެން
  • ފައިނަލުގައި ބާސާ ނުކުންނާނީ ސެވިއްޔާއާ ދެކޮޅަށް
އަހްމަދު ސާއިފް ޝިޔާދް | @Saaif80

| 9 ފެބުރުވަރީ 2018 | ހުކުރު 13:51 | |ބާސާގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަން -- އެފްސީ ބާސެލޯނާ

ސްޕެނިޝް ކޮޕާ ޑެލްރޭގެ ފައިނަލްއިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ބާސެލޯނާ ޖާގަ ހޯދައިފިއެވެ.

ބާސާ ފައިނަލްއަށް ދަތުރުކުރީ ރަށުން ބޭރުގައި ކުޅުނު ދެވަނަ ލެގުގައި 2-0 އިން ވެލެންސިއާ ބަލިކޮށްގެންނެވެ. މި ދެ ޓީމު ބާސާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-0 އިން ވެސް ކާމިޔާބުކުރީ  ބާސާއެވެ. އެހެންކަމުން އެ ޓީމު ފައިނަލްއަށް ދަތުރުކުރީ 3-0 ގެ އެގްރިގޭޓް ނަތީޖާއަކުން ބާސާގެ މައްޗަށް ކުރިހޯދައިގެންނެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ވެލެންސިއާގެ ރޮޑްރިގޯ ބޮލުން ފޮނުވާލި ހަމަލާއެއް ބާސާގެ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު މެސީ ފޮނުވާލި ހިލޭ ޖެހުމެއް ވެލެންސިއާގެ ކީޕަރު ވަނީ ހުށިޔާރުކަމާ އެކު ދިފާއުކޮށްފައެވެ. ހަމައެހެންމެ މި ހާފުގެ 27 ވަނަ މިނެޓުގައި ވެސް ރޮޑްރިގޯ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ބާސާގެ ކީޕަރު ޖެސްޕަރ ސިލިސެން ވަނީ ވަނީ ދިފާއުކޮށްފައެވެ.

ދެ ޓީމު އެއްވަރުވެ އޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފު ފެށިގެން ހަތަރު މިނެޓު ނުވަނީސް ބާސާ އިން ވަނީ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗުގެ 49 ވަނަ މިނެޓުގައި އެ ޓީމަށް ވެލެންސިއާގެ ގޯލު ހުޅުވާލަދިނީ ބެންޗުން ކުޅެން އެރި ފިލިޕޭ ކުޓީނިއޯއެވެ. ލުއިސް ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ މި ލަނޑު ޖެހިއިރު މި ލަނޑު ވެގެންގޮސްފައި ވަނީ ބާސާއާ ގުޅުނު ފަހުން އެ ޓީމަށް ކުޓީނިއޯ ޖަހައިދިން ފުރަތަމަ ލަނޑަށެވެ.

 

މި ލަނޑަށް ފަހު ވެލެންސިއާ އިން ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއިރު އެ ޓީމުގެ ފޯވާޑުން ކަމަށްވާ ސައިމޮން ޒާޒާ އާއި ރޮޑްރިގޯ އަދި ހޯސޭ ލުއިސް ގާޔާއަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މި ކުޅުންތެރިންނަށް މި ފުރުސަތުތަކުގެ ބޭނުން ހިފިފައި ނުވާއިރު ބާސާ އިން ވަނީ 82 ވަނަ މިނެޓުގައި ދެވަނަ ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑު ސުއަރޭޒްގެ އެހީތެރިކަމާ އެކު އެ ޓީމަށް ޖަހައިދިނީ އިވާން ރަކިޓިޗްއެވެ.

ފައިނަލުގައި ބާސާ ނުކުންނަން ޖެހޭނީ 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ލެގާނޭސްގެ މައްޗަށް ކުރި ހޯދި ސެވިއްޔާއާ ދެކޮޅަށެވެ. މި ދެ ޓީމު ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނެ ތާރީހެއް އަދި ކަނޑައެޅިފައެއް ނުވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް