23 ފެބުރުއަރީ 2018 | ހުކުރު | ހިޔަވިހާ 11

ތިން ވަނަ ބޮޑު ބައްޔާ އެކު ވެސް ކޮންޓޭ ވަކި ނުކުރަން ޗެލްސީ އިން ނިންމައިފި

  • ޖެހިޖެހިގެން 2 މެޗުން 3 ލަނޑުގެ ތަފާތަކުން އެންމެ ފަހުން ޗެލްސީ ބަލިވީ 1995 ވަނަ އަހަރު
  • ޗެލްސީ އަދިވެސް އޮތީ އިނގިރޭސި ލީގުގެ 4 ވަނައިގައި
މިއުވާން މުހައްމަދު | @Miuvaan

| 7 ފެބުރުވަރީ 2018 | ބުދަ 04:38 | |



ޗެލްސީގެ ކޯޗު ކޮންޓޭ -- ގެޓީ އިމޭޖާސް

ތަފާތު ބޮޑުކޮށް 4 – 1 އިން ވަޓްފޮޑް އަތުން ޕްރިމިއަރ ލީގުގައި ޗެލްސީ ބަލިވި ނަމަވެސް ޗެލްސީގެ ކޯޗު އެންޓޯނިއާ ކޮންޓޭގެ މަޤާމު ނުގެއްލޭނެ ކަމަށް ޗެލްސީ އިން ބުނެފިއެވެ.

މިއީ 3 ލަނޑުގެ ނަތީޖާއަކުން ޗެލްސީ ޖެހިޖެހިގެން ބަލިވި 3 ވަނަ މެޗެވެ. ހޯމަ ދުވަހުގެ ރޭ ވޮޓްފޮޑްގެ ދަނޑުގައި ކުޅުނު މެޗްގައި ޗެލްސީގެ ހަމައެކަނި ލަނޑު ޖަހައިދިނީ 1 – 0 ގެ ނަތީޖާ އިން ލީޑުގައި ވޮޓްފޮޑް އޮވެ، މެޗް ނިމެންދަނިކޮށް، އެޑެން ހަޒާޑްއެވެ. އޭގެ ކުރިން ފުރަތަމަ ހާފްގައި ވޮޓްފޮޑްގެ ޓްރޯއީ ޑީނޭ ވަނީ ފުރަތަމަ ހާފް ނިމެން މަދު މިނެޓް ކޮޅަކަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއެއްގައި މެޗުގެ އެހާ ހިސާބަށް ޖެހި ހަމައެކަނި ލަނޑު ޖަހާފައެވެ.

ހަޒާޑުގެ ލަނޑުން ނަތީޖާ ހަމަހަމަވިތާ ދެ މިނެޓް ނުވެ ވޮޓް ފޮޑުން ލީޑް ނެގިއެވެ. އަދި މެޗްގެ އެންމެ ފަހު މިނެޓްކޮޅުގެ ތެރޭގައި އިތުރު ދެ ލަނޑު ޖަހައި، ތިން ލަނޑުގެ ތަފާތަކުން ޗެލްސީ ބަލިކުރިއެވެ. މިއީ 1995 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުން ޖެހިޖެހިގެން ދެ މެޗުން ތިން ލަނޑުގެ ތަފާތަކުން ޗެލްސީ ބަލިވި ފުރަތަމަ ސީޒަނެވެ.

ތަފާތު ބޮޑު ނަތީޖާތަކުން ޗެލްސީ ބަލިވި ނަމަވެސް ކޮންޓޭ ވަކިނުކުރަން ޗެލްސީ އިން ނިންމީ އެޓީމު އަދިވެސް އޮތީ ޕްރިމިއަރ ލީގުގެ ހަތަރު ވަަނައިގައި ކަމަށް ވާތީ އާއި، އެފްއޭ ކަޕްގައި ވެސް ކުޅެމުންދާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބަލިވުމުގެ ސިލްސިލާއަކަށްފަހު ކޮންޓޭ މިހާރު ވަނީ އެޓީމުގެ ކުޅުންތެރިންނަށް 3 ދުވަހުގެ ޗުއްޓީއެއް ދީފައެވެ.

ޗެލްސީގެ ކެޕްޓަން ގެރީ ކެހިލް ބުނީ ޗެލްސީގެ ކުޅުންތެރިން އަލުން ލޯގަނޑުން އަމިއްލަ ނަފްސު ބަލަން ޖެހިއްޖެ ކަމަށެވެ. އަދި ކޮންޓޭ ވަކިކުރުމަށް ޓީމުން ނިންމި ނަމަވެސް، އެކަމުގެ ޒިންމާ ނަގަންޖެހޭނީ ޗެލްސީގެ ކުޅުންތެރިންކަމަށް ކެހިލް ބުންޏެވެ. ކެހިލް ވަނީ އޭނާގެ ފުރިހަމަ ތާޢީދާއި އިތުބާރު ކޮންޓޭއަށް އޮތް ކަމަށް ވެސް ބުނެފައެވެ. މީގެ އިތުރުން ކެހިލް ބުނީ ހޯމަ ދުވަހު ވޮޓްފޮޑް އާއި ދެކޮޅަށް ނިކުތް އިރު އެޓީމު އޮތީ އެންމެ ބަލިކަށިކޮށް ކަމަށެވެ.

ތިން ދުވަހުގެ ޗުއްޓީއަށް ކުޅުންތެރިންނަށް ދިން އިރު، މިއީ ޗެލްސީއަށް ބިޒީ މަހަކަށް ވާނެއެވެ. އެގޮތުން އަންނަ ހޯމަ ދުވަހު ޕްރިމިއަރ ލީގުގައި ވެސްޓް ބްރޮމްއާ ދެކޮޅަށް ނުކުންނައިރު، ފެބްރުއަރީ 16 ވަނަ ދުވަހު އެފްއޭ ކަޕްގައި ހަލް ސިޓީއާ ދެކޮޅަށް ކުޅޭނެއެވެ. އަދި ޗެމްޕިއަންސް ލީގުގައި ބާސާ އަދި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭއިރު، ޕްރިމިއަރ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ވެސް ޗެލްސީ ކުޅެން ޖެހެއެވެ.

ޕްރިމިއަރ ލީގުގައި 69 ޕޮއިންޓާ އެކު އެއްވަނައިގައި އޮތީ މެންޗެސްޓަރ ސިޓީއެވެ. އަދި 56 ޕޮއިންޓާ އެކު ދެވަނައިގައި މެންޗެސްޓަރ ޔުނައިޓެޑް އޮތް އިރު، ލިވަރޕޫލް ތިން ވަނައިގައި އޮތީ 51 ޕޮއިންޓާ އެކުގައެވެ. އަދި އެއްވަނައިގައި އޮތް މެންސިޓީ އާއި 19 ޕޮއިންޓްގެ ތަފާތަކާ އެކު 50 ޕޮއިންޓް ހޯދައިގެން ޗެލްސީ އޮތީ ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމްއަށް މަދުވަނީ ޗެލްސީއަށް ވުރެ އެންމެ ޕޮއިންޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް