19 ޖުލައި 2018 | ބުރާސްފަތި | 05 ފުސް
06 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:01
ފަތިސް 04:44

އިސްލާމްދީން ފެތުރުން

ކަނޑީގެ ބާރުން އިސްލާމްދީން ފެތުރުނު ކަމަށް ބުނަނީ ކީއްވެ؟

  • ބަޤަރާ ސޫރަތުގެ 256 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައި ވަނީ، "ދީނަށް ވަނުމުގައި އެއްވެސް ކަހަލަ މަޖުބޫރުކަމެއް ނެތެވެ."
އަހްމަދުﷲ ޖަމީލް | adjameel

| 27 ޖެނުއަރީ 2018 | ހޮނިހިރު 19:44 | |

މަގުބޫލް

  1. އެމްޑީޕީ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި
  2. ފައިރޫޒް ރާއްޖެ ޓީވީ އާއި އަލުން ގުޅިއްޖެ
  3. ޤައުމަށްޓަކައި ކުރައްވާ މަސައްކަތް ނުކުރެއްވޭ ގޮތަށް ބައްޕަ މިނިވަންވާކަށް ނޭދެން: އިމްރާންގެ ދަރިކަނބަލުން
  4. ސަލްމާން ކޫރޫއިންގެ ކުރިމަތީގައި ޖާންވީ ލަދުގަންނަވާލި ގޮތް ކިޔައިދީފި
  5. އެސްއޯ ފުލުހުންތަކެއް އިހަވަންދޫއަށް އަރައި، ހިންގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާ ވެއްޖެ
  6. އިމްރާންއާ ޑީލް ހަދަން ސަރުކާރުން މީހަކު ފޮނުވައިފި: މަހްލޫފް
  7. އެސްއޯ ފުލުހުންގެ އަމަލުތަކުން އަނިޔާ ލިބުނު ވެއިޓަރު އިތުރު ފަރުވާއަށް ދިއްދޫއަށް ފޮނުވާލައިފި
  8. ބޮޑުވަޒީރަކަށް ރައީސް ޔާމީން ގެނެސް، ދިގު ދައުރަކަށް ބެހެއްޓިދާނެ: ނިހާން


ބަޔަކު ނަމާދުކުރަމުންދާއިރު، އެ މީހުންނަށް ހިޔާކުރުމަށްޓަކައި މީހަކު ކުޑައެއް ހިފަހައްޓައިގެން -- އެރަބް ނިއުސް

އިސްލާމްދީން ފެތުރުނީ ގަދަބާރުން، ކަނޑި ބޭނުންކޮށްގެން ކަމަށް ބުނެ ބަޔަކު ދަނީ ވާހަކަ ދައްކައި އެ ދީނާމެދު މީހުންގެ ހިތުގައި ބިރުވެރިކަމާއި، ނަފުރަތު އުފައްދަމުންނެވެ. މިބައި މީހުންގެ ތެރޭގައި އިސްލާމްދީނާއި ދެކޮޅަށް މަސައްކަތްކުރާ ޣައިރު މުސްލިމުންނާއި، މުސްލިމުންގެ ނަމުގައި އުޅޭ ބަޔަކު ވެސް ދަނީ ތަކުރާރުކޮށް ވާހަކަ ދައްކައި ޖަދަލުކުރަމުންނެވެ. އަދި މީހުން އެދީނާ މެދު ބިރުގަންނަވައި، ނަފްރަތުކުރުވަން މަސައްކަތް ވެސް ކުރަމުން ގެންދެއެވެ. އެބައިމީހުން ބުނަމުން ގެންދަނީ ކީރިތި ރަސޫލުﷲ (ޞ)  އާއި، އެކަލޭގެފާނުގެ އަޞްޙާބުން އިސްލާމް ދީން ނުވަތަ އިސްލާމީ ފިކުރު ކުރިއެރުއްވުމުގެ ގޮތުން ހަރުކަށި ކަންތައްތަކަށް ލޯބި ކުރެއްވި ކަމުގައެވެ. އެކަލޭގެފާނުގެ ޒަމާނުގައި ވެސް އަދި އޭގެ ފަހުން، އެހެނިހެން ދުވަސްވަރުގައި ވެސް އިސްލާމްދީން ޤަބޫލުކުރި މީހުން ޤަބޫލުކޮށްފައި ވަނީ އެމީހުންގެ ރުހުމާއި އެބައިމީހުންގެ އަމިއްލަ އިޚްތިޔާރުގައި ނޫންކަމަށެވެ. އެ މީސްމީހުން ދީން ގަބޫލުކޮށްފައި ވަނީ މަޖުބޫރު ކުރުމާއި ބިރުދެއްކުމުގެ ސަބަބުންކަމުގައެވެ.

އެހެންނަމަވެސް ތާރީޚަށް ނަޛަރު ހިންގާލުމުން، މިއީ ކަނޑައެޅިގެން ބޮޑު ދޮގެއްކަން  ސާބިތުވެއެވެ. އިސްލާމްދީނަށް ވަންނަމުންދާ މީހުންނާއި، އެދީން ޤަބޫލުކުރާ މީހުންގެ ވާހަކަތަކަށް ބަލައިލުމުން އެނގިގެންދެއެވެ. އަދި ކިއެއްތަ ޚުދު ޣައިރުމުސްލިމުންގެ ތެރެއިން އިންޞާފާއި، ހަމަ ޤަބޫލުކުރާ މީސްމީހުންގެ ވާހަކަތަކާއި، ލިޔުންތަކުން ވެސް އިސްލާމް ދީނުގެ ޢަދާވާތްތެރިން ދައްކަމުން ގެންދާ ވާހަކަތަކީ ޙަޤީޤަތާ ޚިލާފު ބުއްދި ޤަބޫލުކުރަން ދަތި ވާހަކަތަކެއް ކަމުގެ ހެކިލިބެއެވެ.

އިސްލާމް ދީނަށް ކީރިތި ރަސޫލާ (ޞ) ގޮވައިލައްވަން ފެށްޓެވުމުން، އެކަލޭގެފާނުު (ޞ) އާއިމެދު މައްކާގެ މުޝްރިކުން އެދުވަސްވަރު ދެކެމުން ދިޔަގޮތާމެދު ވިސްނާ ފިކުރުކުރަމާ ހިންގާށެވެ. ޤުރައިޝުންގެ ޒަޢީމެއް ކަމުގައިވާ އަބޫ ސުފިޔާނަކީ އިސްލާމްވެ ވަޑައިގެންނެވުމުގެ ކުރިން ރަސޫލުﷲ (ޞ) ގެ ޖާނީ ދުޝްމަނެކެވެ. ކީރިތި ރަސޫލާ (ޞ) އާއި ދެކޮޅަށް ގާތްގަނޑަކަށް 20 އަހަރު ހަނގުރާމަ ކުރައްވާފައިވާ ބޭކަލެކެވެ. ކީރިތި ރަސޫލް (ޞ) އާއި މުޚާޠަބު ކުރައްވައި އަބޫ ސުފިޔާން ވިދާޅުވެފައިވެ. "ތިމަންކަލޭގެފާނު ކަލޭގެފާނާއި ހަނގުރާމަ ކުރެއްވީމެވެ. އޭރުވެސް ކަލޭގެފާނަކީ ހަނގުރާމަ ކުރެއްވުމުގައި އެންމެ ރަނގަޅު އެންމެ މާތް މީހާއެވެ. ދެން އެއަށްފަހު ތިމަންކަލޭގެފާނު ކަލޭގެފާނާއި ޞުލްޙަވެވަޑައި ގެންނެވީމެވެ. އޭރުވެސް ކަލޭގެފާނު ވެވަޑައިގެންނެވީ އެމީހަކާއި ޞުލްޙަ ވެރިވުމަށް އެންމެ ރަނގަޅު އެންމެ މާތް މީހާކަމުގައި އެވެ." މިހެންވުމުން އެދުވަސްވަރުގައި ވެސް އިސްލާމް ދީނަށް ވަނުމަށް މަޖުބޫރު ކުރެވިފައި ނުވާ ކަން ދޭހަވެއެވެ.

ކީރިތި ޤުރުއާންގެ ނައްޞުތަކަށް ބައްލާއިރު،  ބަޤަރާ ސޫރަތުގެ 256 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައި ވަނީ، "ދީނަށް ވަނުމުގައި އެއްވެސް ކަހަލަ މަޖުބޫރުކަމެއް ނެތެވެ." މިހެން އޮތްއިރު އިސްލާމް ދީނަށް ވަނުމަށް މަޖުބޫރު ކުރެވޭނީ ފަހެ ކިހިނަކުންތޯއެވެ.

ޢިލްމުވެރިން ވިދާޅުވާގޮތުން އިސްވެދިޔަ އާޔަތް ބާވައިލެއްވުނު ސަބަބަށް ބަލާލާއިރު އެއާޔަތް ބާވައިލެއްވުނު ސަބަބަކީ: ކީރިތި ރަސޫލުﷲ (ޞ) ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރިން ބަނީ ސާލިމު ބުނު ޢަވްފު ޤަބީލާގެ އަންޞާރީ ބޭކަލަކަށް ލިބިވަޑައިގެންނެވި ދެދަރިއަކު ވަނީ ބުދުދީން ދޫކޮށް ނަޞާރާ ދީނަށް ވަދެފައެވެ. ރަސޫލުﷲ (ޞ) މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވި ފަހުން މި ދެމީހުން މަދީނާއަށް ތެޔޮވިއްކުމަށް އައެވެ. އެދެމީހުންގެ ބައްޕަ އޭރުވަނީ އިސްލާމްދީން ޤަބޫލުކުރައްވާފައެވެ. ދެން އެބޭކަލަކު އެ ދެ ކުދިންނަށް އިސްލާމްދީނަށް ވަނުމަށް އެންގެވިއެވެ. އަދި އެދެމީހުން އިސްލާމްވުމުން ނޫނީ ދުކޮށްނުލައްވާނެ ކަމަށް ބުނުއްވަމުން ގެންދެވި އެވެ. އެހެންނަމަވެސް އެދެމީހުން އިސްލާމްދީން ޤަބޫލުކުރުމަށް އިންކާރުކޮށް އެ މައްސަލަ ރަސޫލުﷲ (ޞ) ގެ އަރިއަހަށް ހުށަހެޅިއެވެ. އެމީހުންގެ ބައްޕަ ރަސޫލުﷲ (ޞ) އަށް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ތިމަން އެދެމީހުން ނަރަކައަށް ވަންނަތަން ބަލަން ހުންނަންވީތޯއެވެ؟ އެ ހިނދު، މަތީގައި ދަންނަވާފައިވާ އާޔަތް ބާއްވާލެއްވުނެވެ. އެއަށްފަހު އެބޭކަލަކު ދެ ދަރިން ދޫކޮށްލެއްވިއެވެ.

ކީރިތި ޤުރުއާނުގެ އާޔަތްތަކުން އެނގޭގޮތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް އީމާންވުން އޮންނަނީ އިންސާނުންގެ އިޚްތިޔާރަށް ދޫކުރެވިފައި ކަމަށް މުފައްސިރުން ވިދާޅުވެއެވެ. ރަނގަޅު ގޮތް އިޚްތިޔާރު ކުރުމާއި ނުބައި ގޮތް އިޚްތިޔާރު ކުރުމަކީ އިންސާނާގެ އަމިއްލަ ކަމެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވެސް އިންސާނާއަށް ވަކިގޮތަކަށް އުޅުމަށް މަޖުބޫރު ނުކުރައްވައެވެ.  މިއަށް ލިބޭ ދަލީލުކަމުގައި އެބޭކަލުން ވިދާޅުވަނީ ކަހުފް ސޫރަތުގެ ގެ 29 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނާގައި ވަނީ "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އައިސްފައި ވަނީ ހައްޤު ގޮތެވެ. ތިޔަބައިމީހުންގެ ތެރެއިން ﷲއަށް އީމާންވާން ބޭނުން މީހަކު ﷲއަށް އީމާންވާށެވެ. އަދި ކާފިރުވާން ބޭނުން މީހަކު ކާފިރުވާށެވެ."

އިސްލާމް ދީނުގެ ސަމާހަތުގެ ފުރިހަމަކަން ތާރީޚުގެ އަންނަނިވި ޙާދިޘާއިން ޢިބްރަތް ލިބެގެން ދެއެވެ. ބަނޫ ޙުޛައިފާ ޤަބީލާގެ ވެރި މީހާ ހަނގުރާމައެއްގައި ހައްޔަރު ކުރެވުނެވެ. އޭނާގެ ނަމަކީ، ސަމާމަތު ބިން އާޘާލެވެ. އޭނާ މުސްލިމުންގެ އަސީރެއްގެ ގޮތުގައި ހުންނަން ޖެހުނެވެ. އެ އިރަކު މުސްލިމުންނަށް އެއީ  ބަނޫ ޙުޛައިފާ ޤަބީލާގެ ވެރިޔާ ކަމެއް ނޭނގެއެވެ. އޭނާ މަދީނާއަށް ގެންގޮސް 3 ދުވަސް ވަންދެން މަދީނާގައި ބަންދު ކުރެވުނެވެ. އަދި ކޮންމެ ދުވަހަކު ވެސް އޭނާއަށް އިސްލާމްދީން ޤަބޫލުކުރުމަށް ހުށަހެޅެއެވެ. އެހެންނަމަވެސް އޭނާ އިސްލާމްވުމަށް އިންކާރު ކުރެއެވެ. 3 ދުވަސް ވުމުން ރަސޫލުﷲ (ޞ) އޭނާ މިނިވަން ކުރެއްވިއެވެ. މިނިވަން ވުމުން އޭނާ މަސްޖިދުއްނަބަވީ ކައިރީގައި ހުރި ކަދުރު ރުއްދަނޑެއްގެ ކައިރިޔަށް ގޮސް ފެންވަރައި ސާފު ޠާހިރު ވުމަށްފަހު އެނބުރި މަސްޖިދުއްނަބަވީ އަށް ދިޔައެވެ. އަދި މަސްޖިދުއްނަބަވީގެ ތެރޭގައި ތިބި އެންމެންގެ ކުރިމަތީގައި ޝަހާދަތް ކިޔައި އިސްލާމްވިއެވެ. އަދި ކީރިތި ރަސޫލާ (ޞ) އަށް ދެންނެވިއެވެ. "އޭ މުޙައްމަދެވެ! މާތް ﷲ ގަންދީ ހުވާކޮށްފައި ދަންނަވަމެވެ. މީގެ ކުރިން ކަލޭގެފާނުގެ މޫނުފުޅަކީ ތިމަންނާ އެމޫނެއް ދުށުމަށް އެންމެ ނުރުހޭ މޫނުފުޅެވެ. ނަމަވެސް މިހާރު ކަލޭގެފާނުގެ މޫނުފުޅަކީ  ތިމަންނަ އެމޫނެއް ދުށުމަށް އެންމެ ބޭނުންވާ މޫނުފުޅެވެ."

މީގެ އިތުރުން ބަދުރު ހަނގުރާމަ އާއި، އެހެނިހެން ހަނގުރާމަތަކުގައި އަސީރުކުރެވުނު މީހުންގެ ކަރު ބުރިކޮށް ހަދައިފައި ނުވެއެވެ. ކިއެއްތަ! އެބައިމީހުންގެ ފިދިޔައަކަށް ވީ ވަކި ޢަދަކަށް މުސްލިމުންނަށް ލިޔަން ކިޔަން ދަސްކޮށްދިނުމެވެ. އަދި ހަމައެފަދައިން މައްކާ ފަތަޙަކުރެއްވުމުގެ ޙާދިޘާ އަށް ބަލައލުމުން ވެސް އިސްލާމްދީނުގެ ސަމާޙަތް އޮތް މިންވަރާއި، އަދި އެދީނުގައި މަޖުބޫރުކުރުވުމާއި، އަނިޔާވެރިަކަމަކީ އެދީނުގައި ތަރުޙީބު ދެވޭ ކަމެއް ނޫންކަން ތާރީޚީ ހެކިތަކުން ފާޅުވެ ހާމަވެއެވެ.

އިސްލާމުން ކުރި ހަނގުރާމަތަކާއި، ހުޅަނގުގެ ޤައުމުތަކުން ނުވަތަ އެބަޔެއް ސަގާފަތަކީ، މަޢާފުކުރުމާއި، ޙައްޤުތައް ފޯރުކޮށް ދިނުންކަމުގައި ދަޢުވާކުރާ މީހުން، އަދި އިސްލާމް ދީނަކީ އަނިޔަވެރިކަމާއި، މަޖުބޫރުކުރާ ދީނެއްކަމަށް ބުނާ މީހުން އާދެ ހުޅަނގުގެ ޤައުތަކާއި، ފިކުރުތަކުގެ މީހުން ކުރި ހަނގުރާމަތަކަށް މިހާ ހިސާބުން އަލިއަޅުވާލެވޭތޯ ބަލާނަމެވެ. އިސްލާމްދީން ފެތުރުނީ ގަދަބާރުންކަމަށް ބުނާއިރު، އެދުވަސްވަރުގައި މުސްލިމުން ކުރި ހަނގުރާމަތަކުގައި މުސްލިމުންގެ ތެރެއިން ޝަހީދުވި މީހުންނަށާއި ޣައިރު މުސްލިމުންގެ ތެރެއިން މަރުވި މީހުންގެ ޢަދަދަކީ ކިހާވަރެއްތޯއެވެ.  މިޒަމާނުގެ ހަނގުރާމަތަކާއި އަޅާބަލާއިރު އެ ޢަދަދަކީ ވަރަށް ކުޑަ މިންވަރެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާގައި ހޭދަކުރެއްވި 10 އަހަރު ދުވަހުގެ ތެރޭގައި މުސްލިމުންގެ ތެރެއިން ޝަހީދުވެފައިވަނީ ގާތްގަނޑަކަށް 262 މީހުންނެވެ. ޣައިރު މުސްލިމުންގެ ތެރެއިން ޤަތުލްވި މީހުންގެ ޢަދަދަކީ ގާތްގަނޑަކަށް 1022 މީހުން ކަމަށް ފޮތްތަކުގައި ލިޔެވިފައި ވެއެވެ. އެ ހަނގުރާމަތަކުގައި ފުރާނަ ގެއްލިފައި ވަނީ މުޅި ޖުމްލަ 1284 މީހުންނެވެ. ހަނގުރާމަތަކުގައި މަރުވި މީހުންގެ ނިސްބަތު ޢަދަދަށް ބަލާލާއިރު މުސްލިމުންގެ ތެރެއިން ޝަހީދުވެފައި ވަނީ %1 އެވެ. ޣައިރު މުސްލިމުންގެ ތެރެއިން ޤަތުލްވި މީހުންގެ ޢަދަދަކީ %2 އެވެ. މި ދުވަސްވަރު ހަނގުރާމައިގެ މައިދާނުގައި ހަތިޔާރާއެކު ޙަރަކާތްތެރި ނުވާ އަދި ހަނގުރާމާ ނުކުރާ މީހަކަށް ބިރުވެރިކަމެއް ނުވެއެވެ. އަދި އަންހެނުންނާއި ކުޑަކުދިންނާއި، ނަޢަމްސޫއްޕަށް ގެއްލުން ދިނުމަކީ މަނާކުރެވިފައި އޮތްކަމެކެވެ. އަދި ފޭރުމަކީ އަމުދުން ކުރެވިގެންވާނޭ ކަމެއް ނޫނެވެ.  - ނުނިމޭ-

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް