23 ފެބުރުއަރީ 2018 | ހުކުރު | ހިޔަވިހާ 11

އާކުއްޖެކޭ ދަސްވީ ފަހުން- ދަންނަ މީހެއް!

  • 1 ވަނަ ބައި

| 21 ޖެނުއަރީ 2018 | އާދީއްތަ 10:14 | |



ވާހަކައިގެ ތީމް ފޮޓޯ -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ހައި މަލީ!

މާދަމާ 06:30 ގަ ސްކޫލް ކައިރީ ހުންނަ ކެފޭއިން އިނގޭ!

-އަދުހަމް-

ވޭތުވެދިޔަ ދެ ހަފުތާ ތެރޭގައި އައިޝާ އަށް ވަރަށް ބޮޑު ބަދަލެއް އަންނަމުން ދިޔަކަން އަދުހަމް އަށް ފާހަގަކުރެވުނެވެ. ހުރިހައި ވަގުތެއްހެން އައިޝާ ހޭދަކޮށްލަނީ ކޮޓަރީގައެވެ. އައިޝާ އަށް އެ އައި ބަދަލުގެ ސަބަބު އަދުހަމް އަށް ވަރަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް އޭނާ އެއްމެ ކަންބޮޑުވާ ކަމަކީ އައިޝާ ގެ ލޮލާއި މެދުގައެވެ.

 

އައިޝާ ގެ ލޮލުން އާދަޔާޚިލާފު ކަމެއް ފެންނަހެން އަދުހަމް އަށް ހީވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެ ދެލޮލުން ބިރުވެރިކަން އޭނާ އަށް ފެނެއެވެ. ކޮންމެވެސް ކަމަކާ އައިޝާ ބިރުގެންފައި ހުންނަކަން އެނގެއެވެ.

 

ވާހަކައެއް ދައްކަމުންވެސް އީތަން އާއި ޝިފާ ގެ ވާހަކަ ހަމަ ދައްކަން ފަށާއިރަށް އައިޝާ އަށް އަންނަނީ އާދަޔާޚިލާފު ބަދަލެކެވެ. އޭނާ އެ ވާހަކައަކާއި އެއްގޮތަކަށްވެސް ނުވެއެވެ. އިއްޔެރޭ އަދުހަމް، މަލީޝާ އަށް މެސެޖެއް ކުރީވެސް އެހެންވެގެންނެވެ. އެކަމާ ވާހަކަދައްކައި ކޮންމެވެސް ކަމެއް ކުރުމަށް މަޝްވަރާ ކޮށްލުމުގެ ބޭނުމުގައެވެ.

 

ސްކޫލްގައި އޮންނަ އަހަރީ ޝޯވް ގައި ހުށައަޅާ ޑްރާމާއެއްގެ ލީޑްރޯލް ވަނީ މަލީޝާ އަށް ލިބިފައެވެ. ޕްރެކްޓިސް ކުރުމަށްޓަކައި ތަންކޮޅެއް ދަންވަންދެން އޭނާ މަޑުކުރަން ޖެހެެއެވެ. އެހެންކަމުން ސްކޫލުން ނިކުންނަމުން ބައްދަލު ކުރާނެކަމަށް ބުނެ، އަދުހަމްގެ އެސްއެމްއެސް އަށް މަލީޝާ ޖަވާބު ދިނެވެ. މަލީޝާ ނިކުމޭތޯ އެއްވެސް ކެތްތެރިކަމެއް ނެތި އަދުހަމް އިންތިޒާރުގައި ހުއްޓެވެ. އެހެން ހުރެފައިވެސް ދެފަހަރަކަށް އޭނާ ގެއަށްވެސް ދިޔައެވެ.  ފުރަތަމަ ދިޔައީ އޭނާގެ ދަބަސް ބާވާށެވެ. ދެން ދިޔައީ އައިޝާގެ ހާލު ބަލައިލާށެވެ.

 

ކުރިމަތިވެފައިވާ އަރަތެއް ކަހަލަ ކަންތައްގަނޑާއިމެދު އެއްޗެއް ވިސްނޭތޯ އަދުހަމް މަސައްކަތް ކުރިއެވެ. އެކަންތައް ގަނޑާއި މެދު ވިސްނަން ހުއްޓާ ކުއްލިއަކަށް މަލީޝާ މަތިން ހަނދާންވުމުން ވިސްނަމުން ދިޔަ ކަންތަކަށް ކޮންމެފަހަރަކުވެސް ހުރަސް އެޅެއެވެ. ނަމަވެސް މަލީޝާ މަތިން ހަނދާންވުމުން ހުރިހައި ފިކުރުތަކަކާއި ހާސްކަމެއް ފިލައިދެއެވެ. މޫނުމައްޗަށް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވެއެވެ.

 

'އަނެއްކާ އަހަންނަށް އޭނަ ކަމުދަނީބާ؟' އަދުހަމް އަމިއްލަ ނަފުސާއި ސުވާލުކޮށްލިއެވެ.

 

"ޝަޓް ދަ ފަ- އަޕް، އިޓްސް އަބައުޓް އައިޝާ ޔޫ ހޭވް ޓު ތިންކު. ނޮޓް ޔޫ." ހިތަށް ވެރިވި ޝުޢޫރުން އެއްކިބާވުމަށް އަދުހަމް ބާރުބާރަށް ބުންޏެވެ.

 

އަނެއްކާވެސް ގެއަށް ގޮސްފައި ސްކޫލް ކައިރިއަށް އައިސް އަދުހަމް މަޑުކޮށްލިއެވެ. އެވަގުތު ސްކޫލް ގޯތި ތެރޭގައި މަލީޝާ ހުއްޓާ ފެނުނެވެ.

 

"ހައީ. ޔޫ ފްރީ ވީތަ މިހާރު؟" އަދުހަމް އަހައިލިއެވެ.

 

މަލީޝާގެ ކަނާތު ކޮންޑުގައި އޮތް ދަބަސް ވާތު ކޮނޑަށް ބަދަލުކޮށްލިއެވެ. "ޔަޕް. ހިނގާ އަވަހަށް ދާން އުޅެމާ. މަށަށް އެހާ ގިނައިރު މަޑުކުރެވޭކަށްވެސް ނެތެއްނު؟" މޯބައިލް ފޯނުގެ ގަޑިއަށް އިޝާރާތް ކޮށްލަމުން މަލީޝާ ބުންޏެވެ.

 

އެމީހުން ކެފޭއާއި ހަމައަށް ދިޔައީ މުޅިން ހަނުކޮށް ތިބެއެވެ. ނަމަވެސް ސްކޫލް ޝޯވްގައި މަލީޝާ ކުޅޭ ބަޔާއި ބެހޭގޮތުން ދޭތެރެއަކުން އަދުހަމް ސުވާލުކޮށްލައެވެ. މަލީޝާ ޖަވާބު ދިނީ ބޯޖަހައިލަމުންނެވެ. ކެފޭއަށް ވަދެ ދެމީހުންވެސް އޯޑަރު ދިނީ ކޮފީއަކާއި ޓޫނާ ސޭންޑްވިޗަކަށެވެ.

 

ދެމީހުން އެކުގައި މޭޒެއް ކައިރިއަށްގޮސް މަޑުކޮށްލިއެވެ. މަލީޝާ އިށީންނަށް ގޮނޑި ދަމާލުމަށް ފަހިކޮށްލި ވަގުތެވެ. އަދުހަމް ގެ އަތުން މަލީޝާގެ ކޮނޑުގައި ހިފައި އަދުހަމް އާއި ކައިރިކޮށްލަން މަސައްކަތް ކުރިއެވެ.

 

"އާދޭ މިތަނަށް." އަދުހަމް އާއި ޖެހިގެން ހުރި ގޮނޑިއަށް އިޝާރާތްކޮށްލަމުން ބުންޏެވެ. މަލީޝާ ތެޅިގަތެވެ. 

 

އަވަހަށް އެހެން ގޮނޑިއަކަށް ދަމާލައި އިށީންނިއެވެ. "ހޫމް... ކިހިނެތް ވީ އޭ؟" މަލީޝާ ހުރީ ނުރުހިފައިކަން އޭނާގެ އަޑުން އެނގެއެވެ.

 

"އަހަރެން." ވަރަށް ނުކެރި ހުރެ އެއްޗެއް ބުނަން އުޅޭ ފާޑަކަށް އަދުހަމް ވާހަކަދައްކަން ފެށިއެވެ. "އަހަންނަކަށް ނޭނގޭ ތީނައަށް ކިހައި ވަރަކަށް ކަމެއް މިކަން އެނގެނީކީ... އެކަމަކު.. އެކަމަކު އަހަރެން ބޭނުންވޭ ކަންތައްތައް ސާފުކޮލަން." ދައްކަމުން ދިޔަ ވާހަކަ މަޑު ޖައްސައިލި އެވެ. "ކުރިން އަސްލު އަހަރެން މިކަމާމެދު އެއްޗެއް ބުނަން ޖެހޭ. އެކަމަކު މަށަށް ނުބުނެވުނީ."

 

"މަށަށް އެނގިއްޖޭ ބުނަން ތިއުޅޭ އެއްޗެއް." ހަކުރު ޕެކެޓެއް ކަނޑާލައި އޭނާގެ ޖޯޑަށް އޮއްސާލަމުން މަލީޝާ ބުންޏެވެ. "ތި ސިއްރު ވަނީ ރައްކާތެރިކަމާއެކު ފޮރުވިފަ."

 

އަދުހަމް ބުމަ އަރުވާލި އެވެ. "އޭން؟" އެހެން އެއްޗެކޭ ބުނުމުގެ ކުރިން އޭނާގެ ފޯނު ރިންގުވާން ފެށިއެވެ.

 

"މިއީ އައިޝާ ގެ ކޯލްއެއް. މަޑުކޮށްލައްޗޭ މިއަށް ޖަވާބެއް ދީފަ އެބަ އަންނަން." ފޯނަށް އިޝާރާތްކޮށްލަމުން އަދުހަމް ތެދުވެގެން ދުރަށް ޖެހިލިއެވެ.

 

މަލީޝާ ކޮފީ ފޮދެއް ބޮއެލިއެވެ. އަދުހަމް އަށް ބަލަން ފެށި އެވެ. ޝިފާ ގެއްލުނު ރޭގައި އަދުހަމް އާއި ޝިފާ އެއްކޮށް ތިއްބާ އޭނާއަށް ފެނުނުކަން އަދުހަމް އަށް އެނގޭ ބާއޭ މަލީޝާގެ ހިތަށް އެރިއެވެ.

 

އެރޭ ކަންތައްތައް ހިނގައިދިޔަ ހުރިހައި ގޮތެއް މަލީޝާ ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. މަސްތުގެ ހާލުގައި ހުރި އަދުހަމް، ޝިފާ އާއި ދިމާއަށް ބަވަމުން ޒުވާބުކުރަމުން ދިޔަ މަންޒަރު މިހާރުވެސް އިއްޔެވީކަމެއްހެން އޭނާގެ ހަނދާނުގައި އަދިވެސް އެބަ ހުއްޓެވެ. އެ ކައިރި މާޒީގެ ޞަފްޙާތައް ކުރިމަތިން ފެންނަން ފެށިއެވެ.....

 

............"މަށަށް އެނގޭ އޭރުވެސް އެ މަލީޝާ އުޅުނީ އަހަރެން ގެ ކިބައިން އަދޫ ޖަހައިގަންނަންކަން." ޝިފާ ހަޅޭއްލަވައިގަތެވެ. "އައި ލަވް ޔޫ އަދޫ. މިވަރަށް އާދޭސްކުރާއިރުވެސް ކަލެއަށް ނުވިސްނެނީތަ؟ އަހަންނަކަށް އަދޫ އާއި ނުލައެއް ނޫޅެވޭނެ!" އޭނާ އަދުހަމް އާއި ކައިރިއަށް ޖެހިލި އެވެ.

އަދުހަމް ގެ އަތުން ޝިފާ ގެ ކޮނޑުގައި ހިފައިފައި ދުރަށް ކޮއްޕައިލި އެވެ. "ކަލޭ މޮޔަވީތަ. ބުނެފީމެއްނު މަށެއް ކަލޭދެކެ ލޯތްބެއް ނުވަމޭ. ކަލެއަށް އެވަރުވެސް ގެޓެއް ނުވޭދޯ!" އަދުހަމް ވެސް ބާރަށް ހަޅޭއްލަވަމުން ބުންޏެވެ. އެވަގުތު ޝިފާ ގެ މޫޑު މުޅިން އޯފް ވިއެވެ. "މަށަށް އެނގޭ އަދޫ މިހާރު ކުރަން ތިއުޅޭ ކަމެއް. އެކަމަކު ތި ކަމަކީ ކައޭމެން ދެމީހުންކުރެން އެކަކަށްވެސް މޮޅެއް އޮތްކަމެއް ނޫންކަން ހަނދާންކުރާތި!!" ޝިފާ ހަޅޭއް ލަވައިގަންނަމުން ބުންޏެވެ.

 

އަދުހަމް އާއި ޝިފާ އަށް ބަލަން މަލީޝާ ހުރީ ކައިރީގައި ހުރި ދިއްގާ ގަހެއްގެ ނިވަލުގައެވެ. އެރޭ ފެނުނު މަންޒަރުތައް އައިޝާ ކައިރީގައި ކިޔައިދޭން މަލީޝާ ކިތަންމެ ފަހަރަކު މަސައްކަތް ކުރިއެވެ. ނަމަވެސް ދިމާވަމުންދާ ކަންތައްތައް ގިނަކަމުން އެވާހަތައް  ނުބުނެ މަޑުކޮށްލައިގެން ހުންނަނީއެވެ. އިތުރަށް އައިޝާ ކަންބޮޑުވެ ހާސްވާނެތީ އެވެ.

 

މަލީޝާ ބޯންފެށި ކޮފީތަށި ހުސްކޮށްލިއެވެ. ޓިޝޫއަކުން އަނގަމަތި ފޮހެލިއެވެ. އޭރުވެސް އަދުހަމް ހުރީ ފޯނު ގައެވެ.

 

މަލީޝާ ފޯނު ނެގިއެވެ. ފޯނުގެ ލޮކް ފިލުވައިލަމުން ފްރޮންޓް ކެމެރާ ޖެއްސިއެވެ. ތުންފަތުގައި ޖައްސާފައިހުރި ލިޕްސްޓިކް ހުރީ ރަނގަޅަށްތޯ ބަލައިލިއެވެ. އެވަގުތު އޭނާގެ ފަހަތުން ކޮންމެވެސް މީހެއްގެ ސޫރަ ކެމެރާއަށް އެޅިފައި ހުއްޓާ ފެނުނެވެ.

 

"އީތަން." ފަސް އެނބުރި ބަލައިލިއެވެ. އޭނާ އިން ދިމާލުގައި މަގުގެ އަނެއް ފަރާތުގައި އީތަން ހުއްޓާ ފެނުނެވެ. އީތަން ލައިގެންހުރި ޖީންސާއި ޓީޝާޓް ވަނީ އެއްކޮށް ހަޑިވެފައެވެ. ބާވެ ހަސްނެތިފަ އެވެ. އެކި ދިމަދިމާއިން ވީދިފައެވެ.

 

" އެހެން ދާންޖެހުނީމަ ސޮރީ އިނގޭ. އައިޝާ އުޅެނީ އެހައި އޯކޭ ކޮށެއް ނޫނެއްނު. އެހެންވެ އަސްލުގަ-." މަލީޝާގެ ކޮނޑުގައި ހިފައި ކޮއްޓާލަމުން އަދުހަމް ބުންޏެވެ. އަދުހަމް އާއި ދިމާއަށް އޭނާ އެނބުރިލިއިރު މީހާގެ މޫޑުވަނީ އެއްކޮށް ބަދަލުވެފައެވެ. އެ މޫނުމަތިން ކޮންމެވެސް ކަމަކާ ބިރުންހުރިކަން ފެންނަން ހުއްޓެވެ.

 

"އަނެއްކާ ކިހިނެތްވީ؟ ތީނަ އޯކޭތަ؟" ނުހަނު ކަންބޮޑުވުމާއި އެކު އަދުހަމް ސުވާލުކުރަން ފެށިއެވެ.

 

"މަށަށް ދެންމެ ފެނިއްޖެ ކޮންމެވެސް މީހެއް." މޭޒުމަތީގައި ފޯނު ބާއްވަމުން ބުންޏެވެ.

 

"ކާކު؟"

 

"ކޮންމެވެސް ދަންނަ މީހެއް!!"

 

ނުނިމޭ 

ގުޅުންހުރި ބައިތައް

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް