19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ބަހުގެ ގަވާއިދު

ބަހުގެ ބާރާއި ބަހުގެ ގަވާއިދު

  • ލިޔާ އެއްޗެއްސާއި ދައްކާ ވާހަކައިގައި ބަހުގެ ގަވާއިދާ ޚިލާފު ކުށްތައް ނެތުމުން ތިމާގެ ޤަދަރާއި އަގު އުފުލޭ
އަހްމަދުﷲ ޖަމީލް | adjameel

| 17 ޖެނުއަރީ 2018 | ބުދަ 10:49 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ނެޝަނަލް ލައިބްރަރީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

އެޑިޓަރުގެ ނޯޓް: މި މަޟްމޫނަކީ މަޑުލު މުޙައްމަދު ވަޙީދު 1989 ގައި ފަތްތޫރަ 123 ގައި ލިޔުއްވާފައިވާ މަޒުމޫނެކެވެ.

ބަހުގެ ގަވާއިދުގެ ބޭނުމަކީ ކޮބައިތޯ އެވެ؟ ބަހުގެ ގަވާއިދަކީ ލިޔެކިޔުމުގައި ބަސްތައް ބޭނުންކުރާނެ ތަރުތީބު އަންގައިދޭ އެއްޗެކެވެ. ގަވާއިދު ނޭނގޭ ނަމަ، ބަސްތައް ބޭނުންކުރަންވާނެ ކަމަށް ޢާންމުކޮށް ޤަބޫލުކުރާ ގޮތާ ޚިލާފަށް ބަސް ބޭނުންކުރި ކަމުގެ ކުށް އެމީހެއްގެ ބޮލުގައި އެޅޭނެއެވެ.

ތެދެކެވެ. ބަހަކީ ޢަމަލީ އެއްޗެކެވެ. ބަހަކީ ދިރިހުރި އެއްޗެކެވެ. ބަދަލުވަމުން ދިރެމުންދާ އެއްޗެކެވެ. އެއްއިރެއްގައި ބޭނުންކުރި ބަސް ބަސް ފަހުން ބޭނުން ނުކުރެވި މަޑުމަޑުން ހަނދާން ނެތި ދެއެވެ. އެއް އިރެއްގައި ބަހެއް ބޭނުން ކުރި ގޮތާ ތަފާތުގޮތަކަށް ތަފާތު މާނައިގައި ހަމަ އެބަސް ފަހުން ބޭނުންކުރެވެއެވެ. މީއަކީ، އަދި ބަހުގެ ގަވާއިދާ މާބޮޑަށް ގުޅިފައިވާ ކަމަކަށް ނުވެ ހިނގައި ދާނެއެވެ.

ތަންދޮރު ދަންނަ ކަމަށް، ޢާންމުކޮށް ޤަބޫކުރާ މީހުން، ބަހުގެ ގަވާއިދާއި ހަމަތަކަށް ބަލާފައިވާ އުސޫލުތަކަކީ ހިފަހައްޓަން ޖެހޭނެ އުސޫލުތަކެއް ކަމަށް އެންމެންހެން އެއްބަސްވެއެވެ. ކުރިން ދެންނެވިހެން، ބަހުގެ ގަވާއިދަކީ، ވާހަކަދައްކައި ލިޔެއުޅޭއިރު ބަހުގައި އެކުލެވޭ ބަސްތައް ބައިތަކަކަށް ބަހާލައި އެބައިތަކުގައި ހިމެނޭ ބަސްތައް ޢިބާރާތެއްގައި ނުވަތަ ޖުމުލައެއްގައި އަންނާނެ ތަންތަން ބުނެދޭ އުޞޫލުތަކަކަށް ކިޔާ ނަމެކެވެ. މިއުޞޫލުތައް އެގޮތަށް ހަމަޖައްސާފައި ވަނީ ހަމަ ބުއްދި ޤަބޫލުކުރާ ހަރުދަނާ ސަބަބުތަކަކަށް ޓަކައެވެ. އެއްބަހެވެ. އެއް އިރެއްގައި، ހަރުދަނާ ކަމަށް ފެނުނު އުޞޫލުތައް ފަހުން ކަމުނުގޮސްގެން ބަދަލުކުރަން ޖެހިފައި އެބަހުއްޓެވެ.

ބަހުގެ ގަވާއިދު ރަނގަޅަށް އެނގުމުގެ ސަބަބުން ވާނެ ކަންތައްތަކެއް ވެސް އެބަ ހުއްޓެވެ. އެއީ:

  • ލިޔާ އެއްޗެއްސާއި ދައްކާވާހަކައިގައި ބަހުގެ ގަވާއިދާ ޚިލާފު ކުށްތައް ނެތުމުން ތިމާގެ ޤަދަރާއި އަގު އުފުލުމެވެ.
  • ދައްކާ ވާހަކަ އާއި ލިޔާ އެއްޗެހީގައި ކުށް ނުލިޔެވޭނެކަން، ކުށް ނުހުންނާނެކަމުގެ ޔަޤީކަން އޮތުމުން ތިމާގެ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ބޮޑުވުމެވެ. އެހެން މީހުންގެ މިފަދަ ކުށްތައް ރަނގަޅުކޮށް ދިނުމަށް އެހީވެ ދިނުމުން ތިމާއަށް އިޙްތިރާމް ކުރާލެއް ބޮޑުވުމެވެ. (ކުށް ރަނގަޅު ކޮށްދޭ މީހާ ދެކެ ރުޅި އަންނަ ފޫހިވާ މީހުން ވެސް އުޅެއެވެ.)

ބަހުގެ ބާރާބެހޭ ގޮތުން ދަންނަވަން ޖެހެނީ، އަދަބީ އަދި އިދާރީ ކަންކަމުގައި، ބަހުގެ ތެރެއަށް ލޯހުޅުވިފައި ވުމަކީ ބާރެއް ކަމަށެވެ. ބަސް ބަސް ބޭނުންކުރެވޭ ތަފާތު ގޮތްތައް އެނގުމަކީ މޮޅުކަމެއް ކަމަށެވެ. އެހެނީ، މީހަކަށް ކަމެއް ޔަޤީންކޮށް ދެވޭނީ ވެސް، ޤަބޫލުކޮށް ދެވޭނީ ވެސް، ޚިޔާލުގައިވާ އެއްޗެއް ރައްދުކޮށް ދެވޭނީ ވެސް ބަހުގެ ކުޅަދާނަކަން ލިބިހުރި މިންވަރަކުންނެވެ. ތެދެކެވެ. ގިނަ ލަފުޒުތައް އެނގުމަކީ، ޖެހޭ ކޮންމެ ކަމެއްގައި، އެހުރިހާ ބަސްތައް ބޭނުންކޮށްލަން ލިބިފައިވާ ކުޅަދާނަ ކަމެއް ނޫނެވެ. އެހެންނަމަވެސް، އެކަށީގެންވާ ދަނޑިވަޅުގައި އެކަށީގެންވާ ބަހުރުވަ ބޭނުންކުރުމަށް ލިބިފައިވާ މުއްސަނދިކަމެކެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، ތަޢުލީމު ލިބިފައިވާ މީހުން ވާހަކަ ދައްކާއިރު ނުބައިކޮށް ބަސް ބަސް ބޭނުން ކުރުމުން އަޑުއަހަން ފޫހިވާގޮތް ވެއެވެ.

ވާހަކަދެއްކި ނަމަވެސް އެއްޗެއް ލިޔުނު ނަމަވެސް ބޭނުންކުރާ ބަސްތަކަކީ ވަރަށް މުހިންމު އެއްޗެކެވެ. އެއީ ބުނާ އެއްޗެއް ދޭހަކޮށްދޭން ބޭނުންވާ މާނާގައި، ދޭހަކޮށް ދިނުމަށް ޓަކައެވެ. ބަހަކީ، އަނެކާގެ ސިކުނޑީގެ މައްޗަށް ނުފޫޒު ހިންގުމުގައި އެންމެ މުހިންމު ބައި އަދާކުރާ އެއްޗެވެ. ބަސް ބޭނުން ކުރަނީ އެއްބަސް ކުރުވުމަށެވެ. ރުއްސާލުމަށެވެ. ހައްލާލުމަށެވެ. ޤަބޫލުކުރުވުމަށެވެ. ހިތްހަމަ ޖައްސާލައި ދިނުމަށެވެ. ޝައުޤުވެރި ކުރުވުމަށެވެ. ރުހޭނެ ގޮތް ހެދުމަށެވެ. މަގު ދައްކައި ދިނުމަށެވެ. ނަސޭހަތް ދިނުމަށެވެ. ހަމަ އެހެންމެ، ބިރުގެންނެވުމަށެވެ. ރުޅި އެރުވުމަށެވެ. ނަފްރަތު ކުރުވުމަށެވެ. ޝައްކު އުފެއްދުމަށެވެ. މިސަބަބަށް ޓަކައި، “ގަލަމަކީ ނުވަތަ ދުލަކީ ކަނޑިއަށް ވުރެ ތޫނު އެއްޗެކޭ” ބުނެއެވެ.

ބަހެއްގައި އެކުލެވޭ ހުރިހާ ބަސްތަކަކީ މިދެންނެވި ވާޖިބު އަދާކުރާ ބަސްތަކެއް ނޫނެވެ. ބައެއް ބަސް ބަސް އަނެއްބައި ބަސް ބަހަށް ވުރެ ބާރުގަދައެވެ. ބައެއް ބަސް ބަސް އަނެއްބައި ބަސް ބަހަށް ވުރެ ޞަރީޙެވެ. އެއްބައި ބަސް ބަސް އަނެއްބައި ބަސް ބަހަށް ވުރެ އިޙްސާސްކޮށް ދިނުމުގައި، ވާޖިބު އަދާކޮށްދޭލެއް މާ ފުރިހަމައެވެ. ހަމަ އެހެންމެ، ބަހެއް އެހެން ބަސްތަކާއެކު ބޭނުން ކުރެވޭ ގޮތަކުން އެބަހެއްގެ އަސަރު ގަދަވެއެވެ. މާފުރިހަމަ ކަމަށް އަންގައިދެއެވެ. އެބަސް ބޭނުން ކުރެވޭ ވަގުތާއި އެބަހަކާއި ހުރި ގުޅުމެއްގެ ސަބަބުން ވެސް އެބަހެއްގެ ފުރިހަމަ އަސަރު ގެނެސްދެއެވެ.

އެހެންކަމުން، ބަސް ބޭނުންކުރާ ތަނާއި، ވަގުތާއި، ބަސްބޭނުން ކުރާގޮތާއި ރާގަކީ، ޚިޔާލުކުރަން ނުޖެހޭނެ ކަމެކޭ އަޅުގަނޑުމެންނަށް ބުނެވާކަށް ނެތެވެ. ބަހުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމުން ބަހުންކުރާ އަސަރު ބޮޑުވާނެކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ. އެކަމަކު، ބަހުގެ ބޭނުން ރަނގަޅު ގޮތުގައި ހިފޭނީ، ގިނަ ބަސްތައް އެނގޭނަމައެވެ. އެހެންނޫނީ، ޖެހޭނީ އެހެން ގޮތެއް ނެތިގެން އެކަށީގެން ނުވާ ބަސް ބޭނުންކޮށްލައި ފަރުޖައްސާށެވެ. މިގޮތަށް ފަރުޖައްސާލަން ޖެހުމުން އެ ބުނެވެނީ ބުނަންވާ އެއްޗެއް ބުނަން ހިތުގައި އޮތް ގޮތަކަށް ނޫނެވެ. އެގޮތާ ގާތްކުރާ ގޮތަކަށެވެ.

ބަހުގައި އެކުލެވޭ ގިނަ ބަސްތައް އެނގުމަކީ ލިޔުންތެރީންނާއި އަދީބުންނާއި، ޝާޢިރުންނާއި ނޫސްވެރިންނާއި، ވާހަކަ ދެއްކުންތެރީންނަށް އެކަނި ބޭނުންވާ ކަމެއް ނޫނެވެ. ވިޔަފާރީގައި ވެސް އޮފީސް ހިންގުމުގައި ވެސް މިއީ ކޮންމެހެން ބޭނުން ކަމެކެވެ. މިކަން ލިބިގަތުމަށް ޓަކައި ކުރަން އެންމެ ރަނގަޅު ކަމަކީ، ފޮތްކިޔުމެވެ. ތަފާތު މީހުން ލިޔެފައިވާ ތަފާތު އެއްޗެހި ކިޔުމެވެ. (ބަހުގެ ހަމަތަކާ އެއް ގޮތަށް ބަސް ރަނގަޅަށް ބޭނުންކޮށްގެން ލިޔެފައިވާ ފޮތްތައް ލިބެންހުރީ ކިހާވަރަކަށް ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. މިކަމަށް އެއްބަސްވަމެވެ.)

ވާހަކަ ދެއްކުންތެރިކަމާއި ލިޔުންތެރިކަމުގައި ބަސް ބޭނުންކުރާ ރަނގަޅު ނުވަތަ އެންމެ ރަނގަޅުގޮތް އެއީ އެ މީހެއްގެ ކުޅަދާނަކަމާއި، އިސްޓައިލުކަމަށް އެހެން މީހުން ދެނެގަނެއެވެ. ރަސްމީ ކަންކަމުގައި ބޭނުންކުރާ ބަސްތަކާއި ނުރަސްމީ ކަންކަމުގައި ބޭނުންކުރާ ބަސްތައް ތަފާތުކުރަން ޖެހެއެވެ. ރަޙުމަތްތެރީންނަށް ލިޔާ ސިޓީއާއި އޮފީހެއްގެ ވެރިޔަކަށް ލިޔާ ސިޓީއެއްގެ ބަހުރުވަ ތަފާތު ކުރަންޖެހެއެވެ. މި ބޭނުންތަކަށް ޓަކައި ގިނަބަސްތައް އެނގުމާއެކު، އެއްބަސްތައް ބޭނުން ކުރަންޖެހޭ ރަނގަޅުގޮތް ދެނެ ގަތުމުގެ މުހިއްމުކަން ވަރަށްވެސް ބޮޑެވެ. ކުރިން ދެންނެވިހެން ބަސްތައް ބޭނުންކުރާގޮތް އެއީ އެމީހެއްގެ އިސްޓައިލެވެ. އެހެންނަމަވެސް ގެންގުޅޭ އިސްޓައިލުވެސް އެހެން މީހުންނަށް ފަސޭހަވާނެ ގޮތަކަށް ގެންގުޅެން ޖެހެއެވެ. އެހެންކަމުން:

  • އަޑުނާހާ ދުރުބަހަކަށް ވުރެ ޢާންމު ބަހެއް ބޭނުން ކުރުން ރަނގަޅެވެ.
  • ހަރުދަނާކަން ކުޑަބަހަކަށްވުރެ ހަރުދަނާ ބަސް ބޭނުންކުރުން ރަނގަޅެވެ.
  • ދިގު ބަސް ބަސް ބޭނުން ކުރުމަށްވުރެ ކުރު ބަސް ބަސް ބޭނުންކުރުން ރަނގަޅެވެ.
  • މަދު ބަސްތައް ބޭނުން ކުރެވެން އޮތް ތަނެއްގައި، ގިނަބަސްތައް ބޭނުންނުކުރުން ރަނގަޅެވެ.

ޢިލްމުގެ ތަފާތު ރޮނގުތަކަކީ ވަރަށް ޚާއްޞަ ބައިތަކެކެވެ. ކޮންމެ ބަޔަކަށް ވެސް ޚާއްޞަވެފައިވާ ފަންނީ ލަފުޒުތަކެއް ނުވަތަ ބަސްތަކެއް ހުރުއެވެ. ގިނަފަހަރަށް ވާގޮތަކީ، އެ ޢިލްމެއްގައި އުޅޭ މީހަކު އެ ޢިލްމު ނޭނގޭ މީހާއާ މުޚާޠަބު ކުރާއިރު ވެސް، ފަންނީ ބަސްތައް ބޭނުން ކުރެވޭގޮތް ވުމެވެ. މިއީ ބަހުގެ ހަމަތަކުން އެންމެ ރަނގަޅު ކަމެކެވެ. އެހެންނަމަވެސް “ބަހުގެ ބާރު” އެދެވޭ ގޮތުގައި ބޭނުން ކުރުމުގެ މައްޗަށް ބަލާއިރު ރަނގަޅު ކަމެއްނޫނެވެ. ސަބަބަކީ، އެފަދަ ބަސް ބަހުން އެފަންނެއްގެ މީހަކަށް މާނައެއް ދޭހަވިޔަސް އެފަންނުން ބޭރު މީހަކަށް އެއްވެސް އެއްޗެއް ދޭހަ ނުވާނެތީއެވެ. ނޫނީ ފުރިހަމަ މާނަ ދޭހަ ނުވާނެތީ އެވެ. ގިނަ ބަޔަކަށް ރައްދުވާގޮތަށް މިފަދަ ބަހެއް ބޭނުންކުރަން ޖެހިއްޖެނަމަ އެބަސް ތަފްޞީލު ކޮށްދޭން ޖެހެއެވެ. މިމައްސަލަ ވަކީން ބޮޑުވާ އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ، ޢާންމު ބަހުރުވައިގައި ގެންގުޅޭ ބަސް ބަސް ފަންނީ ބަސް ބަސް ކަމުގައި ހަމަޖެއްސުމެވެ.

ބަހަކީ، މުވާޞަލާތެވެ. ބަހަކީ އަސަރެކެވެ. އިޙުސާސެކެވެ. އޭގެ ބާރު ފޯރައިފިނަމަ، އެތައް ކަމެއް ހިނގައެވެ. ހެވެއެވެ. ރޮވެއެވެ. އުންމީދުކުރެވެއެވެ. ހިންމަތްކުރެވެއެވެ. ޖިހާދުކުރެވެއެވެ. ޤުރްބާންވެވެއެވެ. އެހެން ވީމާ، ބަސް އޭގެ ފުރިހަމަ ބާރު ދެނެގަތުމަކީ، ހީކުރާ ވަރަށްވުރެ މާމުހިންމުކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް