16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

އައިޖީއެމްއެޗް އަށް 70 އަހަރު، 95،000 އެމްއާރުއައި، ހުސް އޮޅުވާލުން!

  • ދެ އަހަރު ދުވަހުގެ ތެރޭގައި 95،855 މީހުން އެމްއާރުއައި ހެދި ކަމަށް ސަރުކާރުން ބުނޭ
  • އައިޖީއެމްއެޗްގެ އަހަރީ ދުވަސް ވަނީ ޖެނުއަރީ 11 ވަނަ ދުވަހަށް ބަދަލުކޮށްފަ
  • އައިޖީއެމްއެޗުން ހިދުމަތް ދޭން ފެށީ 15 އޭޕްރީލް 1995ގައި

| | 12 ޖެނުއަރީ 2018 | ހުކުރު 18:20 | @Murshidhu | |



އައިޖީއެމްއެޗް ހޮސްޕިޓަލް: މިއަހަރު ފާހަަގަ ކުރަނީ 70 ވަނަ އަހަރީ ދުވަސް ކަމަށް އެ ހޮސްޕިޓަލުން ބުނޭ -- ފޮޓޯ:އަޒުމޫން އަހުމަދު

އައިޖީއެމްއެޗްގައި އެމްއާރުއައިގެ ހިދުމަތް ދޭން ފެށީ ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމްގެ ވެރިކަމުގަ އެވެ. އެމްއާރުއައިގެ ހިދުމަތް ދޭން ފެށިތާ ދެ އަހަރުވެފައިވާއިރު މިހާތަނަށް 95،855 މީހުން އެ ހިދުމަތް ހޯދާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވި އެވެ.

"ރާއްޖޭގެ މައި، ސަރުކާރުން ހިންގާ ހޮސްޕިޓަލުގައި އެމްއާރުއައި މެޝިނެއް ނެތި ދިވެހި ރައްޔިތުން ތިބީ. އެހެން ނަމަވެސް ޕްރައިވެޓް ހޮސްޕިޓަލަކަށް އެމްއާރުއައި މެޝިނެއް ލައިގެން ތިބީ. މިކަމަށް ބެލިޔަސް އެބަ އިނގޭ މި ސަރުކާރުގެ ކޮމިޓްމެންޓް. ރައީސް ވަޑައިގެން ވަގުތުން ނިންމެވީ އެމްއާރުއައި މެޝިނެއް ލައްވަން. [އެ މެޝިން] ލައްވައިގެން މިއަދު ހިދުމަތް ދެމުންދާ މީހުންގެ އަދަދު އެ ދެންމެ ވިދާޅުވީ 95،000 މީހުން،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ނާޒިމް މި ދެއްކެވި ވާހަކައިން ހައިރާންވެ އަންތަރީސްވެއްޖެ އެވެ. އެ ވިދާޅުވި އަދަދަށް ފުންކޮށް ވިސްނާލައި ހިސާބު ހަދާލަންޖެހެ އެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި 95،855 މީހުން އެމްއާރުއައި ސްކޭން ހަދާފައިވާނަމަ، ދުވާލަކު 131 މީހުން އެމްއާރުއައި ހަދަންޖެހެ އެވެ. އެއީ ކޮންމެ ގަޑިއިރަކު ފަސް މީހުންނެވެ. މި ވަރަށް މީހުން ސްކޭން ކުރެވޭނީ ކޮންމެ 11 މިނެޓަކުން ސްކޭނެއް ހަދައިގެންނެވެ.

ބަލަ މިނިސްޓަރު އެވެ. އައިޖީއެމްއެޗްގައި އެންމެ އެމްއާރުއައި މެޝިނެއް ހުންނައިރު، ކޮންމެ 11 މިނެޓަކުން އެމްއާރުއައި ސްކޭނެއް ހަދާނަމަ، މިއީ ދުނިޔޭގެ ވެސް ރެކޯޑެކެވެ. އެމްއާރުއައި ސްކޭނެއް އެންމެ އަވަސް ވިޔަސް ހެއްދޭނީ 15 ވަރަކަށް މިނެޓްތެރޭގަ އެވެ. ބައެއް ފަހަރު އެއަށް ވުރެ ދިގުލަ އެވެ. މިނިސްޓަރު 95،855 އެމްއާރުއައި ސްކޭން ހެދި ވާހަކަ ވިދާޅުވުމުން ހިނި ނާންނަން ހުއްޓަސް ހިނި އަންނާނެ އެވެ. އެމްއާރުއައި މެޝިނަކީ ކިހިނެއް މަސައްކަތްކުރާ އެއްޗެއް ކަމެއް އެނގިވަޑައިނުގަންނަވަނީ ތޯއްޗެވެ. ނުވަތަ އައިޖީއެމްއެޗްގެ އަސްލު ތަފާސްހިސާބު މަނިކުފާނަށް އެނގިވަޑައިނުގަންނަވަނީ އެވެ. ނުވަތަ ބަޔަކު މަނިކުފާނު ބޭޒާރުކޮށްލަން ގަސްދުގައި ނުބައި މައުލޫމާތެއް ދިނީ އެވެ. އެހެން ކަމަށް ވާނަމަ މަނިކުފާނު ތިޔަ ވަނީ ރަނގަޅަށް މަޅީގައި ޖެހިފަ އެވެ. ބޭޒާރުވެފަ އެވެ.  

މީހަކު ދިން މައުލޫމާތެއް ބޭނުންކުރަން ޖެހުނަސް ތިޔައީ ތަންކޮޅެއް ބޮޑުވަރެވެ. ބައެއް މީހުންގެ ބޯ ހުންނަނީ ހަމައެކަނި ފުނައި އަޅަންކަން އެނގެނީ މިފަދަ ކަންކަމުންނެވެ. ކޮންމެ 11 މިނެޓެއްގެ ތެރޭގައި އެމްއާރުއައި ސްކޭނެއް ނުހެދޭނެކަން އަމިއްލަފުޅު ވިސްނުމަށް ވެސް އަންނަންޖެހޭނެ އެވެ. ކޮންމެވެސް ވަރަކަށް ހޯމްވޯކް ވެސް ހަދާލަންވާނެ އެވެ.

ރާއްޖެއެމްވީން ހޯދި މައުލޫމާތުތަކަށް ބަލާއިރު، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އައިޖީއެމްއެޗްގައި ދުވާލަކު އެވްރެޖްކޮށް އެމްއާރުއައި ހަދާފައިވަނީ 20 އާއި 25 އާ ދެމެދުގެ އަދަދަކެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި 95000 އެމްއާރުއައި ސްކޭން ނުހެއްދޭނެކަން އެނގެނީ، އައިޖީއެމްއެޗަށް ވުރެ މާކުރިން އެ ޚިދުމަތް ދޭން ފެށި އޭޑީކޭ ހޮސްޕިޓަލަށް ވެސް އެވަރު އަދަދަކަށް ސްކޭން ހެދިފައި ނެތުމެވެ.

ދެކޮޅު ނުޖެހޭ، އަދި ހިސާބު ދިމާނުވާ ވާހަކައެއް ދެއްކުމަށް ފަހު ވެސް މިއަދާ ހަމައަށް އެކަމަށް މައާފަށް އެދިފައެއް ނުވެ އެވެ. ކުށުގެ އިސްލާހެއްގެ ގޮތުގައި ބަޔާނެއް ނެރެފައެއް ނުވެ އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް

މިނިސްޓަރު ނާޒިމު އެވެ. މަނިކުފާނު ތިޔަ ދެއްކެވީ ވަރަށް ބޮޑު ވާހައެކެވެ. ކަށި ނެތް ދުލެއް އޮތުމަކީ ބުއްދިއަށް ގަބޫލު ނުކުރެވޭ ވާހަކަތައް، ހިތުހުރި ވާހަކަތަކެއް ގޮވައިގަތުމެއް ނޫނެވެ.

ދެން އެހެން ވާހަކައެކެވެ. އައިޖީއެމްއެޗްގެ ތާރީޚް އޮޅޭ ގޮތަށް ދައްކާ ވާހަކަތަކެވެ. އެ ހޮސްޕިޓަލްގެ އަހަރީ ދުވަސް ވަނީ ޖެނުއަރީ 11 ވަނަ ދުވަހަށް ބަދަލުކޮށްފަ އެވެ. ނަމަވެސް އައިޖީއެމްއެޗްގެ ހިދުމަތް ދޭން ފަށާފައި ވަނީ 15 އޭޕްރީލް 1995ގައި އެެވެ. މީގެ ކުރިން އަހަރީ ދުވަހުގެ ގޮތުގައި ބަލަމުން ދިޔައީ ވެސް މި ތާރީޚެވެ. ނަމަވެސް މި އަހަރު ފެށިގެން އައިޖީއެމްއެޗްގެ އަހަރީ ދުވަސް ޖެނުއަރީ 11 އަށް ބަދަލުކުރީ، ޑަކްޓަރުގެ ގޭގެ ނަމުގައި ރާއްޖޭގައި ސިއްހީ ހިދުމަތް މީގެ 70 އަހަރު ކުރިން ދޭން ފެށި ތާރީހަކީ އެއީ ކަމަށް ވާތީ އެވެ.

މިއީ އޮޅުން ބޮޅުންތަކެއް އަރާނެ ކަމެކެވެ. އައިޖީއެމްއެޗުން އާންމުކޮށްފައިވާ ބައެއް ލިޔުންތަކުގައިވާ ލޯގޯއިން ދައްކާ ގޮތުގައި 70 އަހަރު ފުރުނީ އެ ހޮސްޕިޓަލްގެ ހިދުމަތަށެވެ. ނަމަވެސް މިއީ ހަގީގަތެއް ނޫނެވެ. ރާއްޖޭގައި ރަސްމީ ނިޒާމެއްގެ ދަށުން ސިއްހީ ހިދުމަތް ދޭން ފެށިތާ 70 އަހަރު ފުރުމަކީ، އައިޖީއެމްއެޗަށް 70 އަހަރު ފުރުމެއް ނޫނެވެ. ތިޔަ ހިސާބުން ދައްކާ ގޮތުގައި އައިޖީއެމްއެޗްގެ އާ އިމާރާތް، ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށް އަންނަ އަހަރު ވާނީ 71 އަހަރެވެ.

އައިޖީއެމްއެޗް އިން އާންމުކޮށްފައިވާ އިއުލާނެއް: އެ ހޮސްޕިޓަލުގެ އަހަރީ ދުވަސް ވަނީ ބަދަލުކޮށްފައި

ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ނާޒިމް ނޫސްވެރިންގެ ގާތުގައި ތަކުރާރުކޮށް އެދިވަޑައިގެންނެވީ ރަނގަޅަށް ހިސާބު ހެދުމަށެވެ. ހިސާބު ހެދުމަށް ފަހު އެ އަދަދުތައް ބޭނުންކުރުމަށެވެ. އަޅުގަނޑުމެން މިވަނީ މިނިސްޓަރު ވިދާޅުވި ގޮތަށް ހިސާބު ހަދާފަ އެވެ. މިނިސްޓަރު ވިދާޅުވި އަދަދުތައް އަޅުގަނޑުމެންގެ ހިސާބުތަކާ ދިމައެއް ނުވެ އެވެ. ދެކޮޅެއް ނުޖެހެ އެވެ.

މިނިސްޓަރު ނާޒިމަކީ ތައުލީމީ ދާއިރާގައި އުޅުއްވުމަށް ފަހު ބޮޑު މަގާމަކާ ހަވާލުވާއިރު، ހިސާބު ދިމާނުވުމަކީ މައްސަލައެކެވެ. ލަދުވެތި ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މާސްޓަރ

2 ދުވަަސް ކުރިން

ލިއުން ތެރިޔާ ތިބުނާ ގޮތުންވިއްޔާ ތަންތަނަށް އަހަރު ފުރޭ ގޮތް ބަލަންވާނީ އަބަދުވެސ ްއެތަނެއްގައި އިމާރާތްކުރެވިފައި ފެންނަން ހުރި އިމާރާތްތަކުގެ އުމުރަށް ބަލައިގެންތާ؟؟ ތިދައްކަނީ ވެސް ހަމަ މިނިސްޓަރު ދެއްކެވި ވާހަކައާ އެއްފަދަ ތާކުންތާކު ނުޖެހޭ ވާހަކައެއް

0
1
އަލީ

4 ދުވަަސް ކުރިން

އެމް.އާރ.އައި މެޝީން ގަނޑެއް ވެރިކަމުގަ ނުބެހެއްޓުނު ބަޔަކުގެ ހިތަށް ލައްކަ އަސަރުކުރާނެކަން އިނގޭ..ލޮލް ކިތަންމެ ރިޕޯޓެއް ރައްޔިތުންނަށް އޮޅުވާލަން ނެރުނަސް މެޝިންވެސް އެހެރީ މިސަރުކާރުން ބަހައްޓާފަ އަދި ޙިދުމަތްވެސް ދެމުން އެދަނީ.. ދެން ލަލަލާ

2
10