16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

ޑޮނަލްޑް ޓްރަމްޕަކީ "ރޭސިސްޓްއެއް" ކަމަށް އދ. އިން ސިފަކޮށްފި!

  • ގިނަ ބަޔަކު ދަނީ ހިޓްލަރާއި ޓްރަމްޕް އެއްފަދަ ކުރަމުން

| | 12 ޖެނުއަރީ 2018 | ހުކުރު 17:43 | @Miuvaan | |



އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: އދއިން ސިފަކުރީ ރޭސިސްޓެއްގެ ގޮތުގައި -- ފޮޓޯ:ސީ.އެން.އެން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަކީ ނަސްލީ ތަފާތުކުރުން ގެންގުޅުއްވާ 'ރޭސިސްޓް'އެއްކަމަށް އދގެ އިސް އޮފިޝަލެއް ސިފަކުރައްވައިފިއެވެ.

އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހުގެ ތަރުޖަމާނު ރުޕަރޓް ކޯލްވިލް ވިދާޅުވީ އެފްރިކާ އާއި އެމެރިކާ ސަރަހައްދުގެ ފަޤީރު ޤައުމުތަކަށް ނިސްބަތްކުރައްވާ، އެޤައުމުތަކަކީ ދަށްފަންތީގެ ޤައުމުތަކެއްގެ ގޮތުގައި ސިފަކުރައްވާ ޓްރަމްޕް ދެއްކެވި ވާހަކަފުޅު، އެއީ ނަސްލީ ތަފާތުކުރުން ނޫން އެހެން ނަމެއްގައި ސިފަކުރެވޭނެ ކަމެއް ނޫންކަމަށެވެ. 

"ހަމުގެ ކުލަ ދޮން ނުވީމަ ޤައުމެއްގެ މުޅި އާބާދީއަށް ނިސްބަތްކޮށް އެފަދަ ވާހަކައެއް ނުދެއްކޭނެ،" ކޯލްވިލް ވިދާޅުވިއެވެ.

ޓްރަމްޕް މިމޭރުމުން ވާހަކަ ދައްކަވާފައިމިވަނީ އެމެރިކާގެ އިމިގްރޭޝަން ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ކޮންގްރެސް މެމްބަރުންނާއިއެކު ކުރެވޭ މަޝްވަރާތަކުގެ ތެރެއިން އޯވަލް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ. 'އޯފް ދަ ރެކޯޑް' ޓްރަމްޕް ދެއްކެވި ވާހަކަފުޅެއްނަމަވެސް، މިވާހަކަތައް މީޑިއާއަށް ތިލަވެ، ޓްރަމްޕް ވަނީ އާދައިގެ މަތިން ހޫނުފެނަށް ވެއްޓިފައެވެ. ޓްރަމްޕް އެ ބައްދަލުވުމުގައި އެއްސެވިކަމަށްވަނީ ދަށް ފެންވަރުގެ ޤައުމުތަކުން އެމެރިކާއަށް މީހުން ގެންނަނީ ކީއްކުރަންތޯއެވެ. އަދި ނޯވޭފަދަ ޤައުމުތަކުން އެމެރިކާއަށް މީހުން ގެންނަން ތާޢިދުކުރައްވާ ޓްރަމްޕް ވާހަކަ ދެއްކެވިއެވެ.

އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހުން ބުނީ ޓްރަމްޕްގެ ވާހަކަފުޅަކީ ޤައުމުތަކަށް ބުނާ ބަދު ބަހެއްގެ އިތުރުން، ނަސްލީ ތަފާތުކުރުންތަކަށް ހިތްވަރު ލިބޭ ވާހަކަތަކެއްކަމަށެވެ.

ޓްރަމްޕްގެ ވާހަކަތަކަށް ފާޑުކީ ގިނަ ފަރާތްތަކުން އެމަނިކުފާނުގެ ވާހަކަތައް ސިފަކޮށްފައިވަނީ ނާޒީ ޖަރުމަނުވިލާތުގެ ހިޓްލަރުގެ ވާހަކަތަކާއެވެ. ހިޓްލަރާއި ނާޒީން ޤަބޫލުކުރި ގޮތުގައި އެންމެ 'ތާހިރު' ދަރިކޮޅަކީ ޖަރުމަންވިލާތާއި ނޯވޭގެ ދޮން މީހުންނެވެ. 

އެފްރިކަން ޔޫނިއަންއިންވެސް ވަނީ ޓްރަމްޕްގެ ވާހަކަތަކާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް