16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

އެމެރިކާ އެމްބަސީގެ އައު އިމާރާތާއިމެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން، ޓްރަމްޕްގެ އިނގިރޭސިވިލާތު ދަތުރުފުޅު ކެންސަލް ކުރައްވައިފި

  • މިއަހަރުގެ ކުރީކޮޅު ޓްރަމްޕް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ކުރިން ވަނީ ހަމަޖައްސާފަ
  • ދަތުރުފުޅު ކެންސަލް ކުރެއްވީ އައު އެމްބަސީ ހުރި ސަރަހައްދާއި، އެމްބަސީ ބަދަލު ކުރުމުގެ މުއާމަލާތާއިމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާތީ ކަމަށް ޓްރަމްޕް ވިދާޅުވި
  • އެމްބަސީ ބަދަލު ކުރެއްވުމަށް ނިންމެވީ އޮބާމާގެ ސަރުކާރުން ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އެއީ އޮބާމާ ހުވާކުރެއްވުމުގެ ކުރީގެ ނިންމެވުމެއް

| | 12 ޖެނުއަރީ 2018 | ހުކުރު 15:33 | @MohamedZaahir | |



އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: މިއަހަރުގެ ކުރީކޮޅު ޓްރަމްޕް އިނގިރޭސިވިލާތަށް ކުރެއްވުމަށް ނިންމެވި ދަތުރުފުޅު ކެންސަލް ކުރެއްވިކަން ޓްރަމްޕް ވަނީ ހާމަކުރައްވާފަ -- ފޮޓޯ:އާކައިވް

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ހުންނަ އެމެރިކާ އެމްބަސީ، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން "ވިއްކާލާފައިވާތީ" ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލް ކުރައްވައިފި އެވެ.

ޓްރަމްޕްގެ އިނގިރޭސިވިލާތުގެ ދަތުރުފުޅު ކެންސަލް ކުރެއްވުމަށް ނިންމެވިކަން ހާމަކުރެއްވުމަށް ކުރެއްވި ޓްވީޓެއްގައި ވަނީ، ދަތުރުފުޅު ކެންސަލް ކުރެއްވުމަށް ނިންމެވީ ލަންޑަންގެ އެންމެ ރަނގަޅު ސަރަހައްދުގައި ހުރި އެމެރިކާގެ އެމްބަސީ ނުއަގުގައި ވިއްކާލުމަށްފަހު، ޓްރަމްޕް ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ އެހެން ސަރަހައްދެއްގައި އެމްބަސީ ބިނާ ކުރުމަށް އޮބާމާގެ ސަރުކާރުން 1.2 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރުމާއި ދެކޮޅު ހެއްދެވުމުގެ ގޮތުން ކަމަށް ވިދާޅުވެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް، އިނގިރޭސިވިލާތުގައި ހުންނަ އެމެރިކާގެ އެމްބަސީގެ ރަސްމީ ވެބްސައިޓްގައިވާ ގޮތުން އެމްބަސީ ބަދަލު ކުރުމަށް ނިންމާފައިވަނީ އެމެރިކާގެ ރައީސްގެ މަގާމާއި 2009 ވަނަ އަހަރު އޮބާމާ ހަވާލުވެވަޑައިގެންނެވުމުގެ މަސްތަކެއް ކުރިންނެވެ.

އިނގިރޭސިވިލާތް ހިމެނޭ ޔުނައިޓެޑް ކިންގްޑަމްގައި ހުންނަ އެމެރިކާގެ އެމްބަސީ އަދި ކޮންސިއުލޭޓްތަކުގެ އޮފީހުން 2008 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ، އެމްބަސީ ބަދަލު ކުރުމަށް ނިންމީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަން ހާމަކޮށްފައެވެ.

ޓްރަމްޕް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ތާވަލްކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅަށެވެ. ޓްރަމްޕްގެ މިދަތުރުފުޅުގައި ލަންޑަންގައި ގާއިމްކުރި އެމެރިކާގެ އައު އެމްބަސީ ރަސްމީކޮށް ހުޅުވުމަށް ކުރިން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެހެންނަމަވެސް ޓްރަމްޕްގެ ދަތުރުފުޅާއި ގުޅޭ ގޮތުން ކުރެއްވި ޓްވީޓްގައި ވަނީ، ކުރިން ހުރި އެމްބަސީ ނުއަގުގައި ވިއްކާލުމަށްފަހު ބޮޑު އަގުގައި އެހެން ސަރަހައްދެއްގައި އެމްބަސީ ގާއިމްކުރުމާއި ދެކޮޅު ހައްދަވާ ކަމަށާއި، އެއީ ނުރަނގަޅު ޑީލެއް ކަމަށެވެ. އަދި އައު އައު އެމްބަސީ ރަސްމީކޮށް ހުޅުވުމަށް އޭނާ ރިބަން ނުކަނޑުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ލަންޑަންގެ އެންމެ އަގުބޮޑު އެއް ސަރަހައްދު ކަމަށްވާ ގްރޮސްވެނަރ ސްކެއާގައި ހުރި އެމެރިކާގެ އެމްބަސީ އަކީ 1960 ވަނަ އަހަރު ހުޅުވި އިމާރާތެކެވެ. ހިލައާއި ކޮންކްރީޓުން ހަދާފައިވާ މިއިމާރާތް ބިނާކޮށްފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ލިޓްލް އެމެރިކާގެ ނަމުން މަޝްހޫރު ސަރަހައްދުގައެވެ.

ސައުތު ބޭންކްގައި ބިނާކޮށްފައިވާ އެމެރިކާގެ އެމްބަސީގެ އައު އިމާރާތަކީ ކުރީގެ އިމާރާތަށްވުރެ ސަލާމަތީ ގޮތުން ވަރުގަދަ އިމާރާތެކެވެ. އެއިމާރާތުގެ ވަށައިގެންވާ ސަރަހައްދުގައިވަނީ، އިނގިރޭސވިލާތުގައި ގާއިމްވެ ތިބޭ އެމެރިކާގެ ކަނޑުގެ ސިފައިން ދިރިއުޅުމަށް ހަދާފައިވާ އިމާރާތްތަކެވެ.

ލަންޑަންގެ ރިވަރ ތޭމްސްގެ ކައިރީގައިވާ މިއިމާރާތް ބިނާ ކުރުމަށް އެއް ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، އެކަމަށް ފައިސާ ހޯދާފައިވަނީ ލަންޑަންގައި ހުރި އެމެރިކާ ސަރުކާރުގެ ބައެއް ބިންތައް ވިއްކާލައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް