16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

ޗައިނާގެ "ފަށުވި މަގު" ގައި ބޮޑެތި ވަޅުގަނޑުތަކާއި ހުރަސްތައް

  • ބައެއް މަޝްރޫއުތައް ކެންސަލް ވަނީ
  • ޗައިނާގެ މަޝްރޫއު ތަކަށް ފާޅުގައި ނުރުހުންވާ ގައުމުތައް ދަނީ އިތުރު ވަމުން
  • އެހީ ލިބޭ ގައުމަށް އާޚިރުގައި ލިބޭ މަންފާ އަކީ ނިސްބަތުން ވަރަށް ކުޑަ މިންވަރެއް ކަން ދަނީ ހާމަ ވަމުން

| | 11 ޖެނުއަރީ 2018 | ބުރާސްފަތި 17:25 | raajje.mv | |ބެލްޓް އެންޑް ރޯޑް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާގުގައި ޗައިނާގެ ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ:އޭޕީ

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ސިލްކް ރޯޑް ޕްލޭންގެ އުއްމީދުތައް ހާސިލް ވުމުގައި ބޮޑެތި ގޮންޖެހުތަކާއި ހުރަސްތައް ކުރިމަތިވާން ފަށައިފިއެވެ. ދެކުނު އޭޝިއާ އިން ފެށިގެން ގޮސް އިރުމަތީ ޔޫރަޕާއި އެފްރިކާ ބައްރު ވިޔަފާރީގެ ރޮނގުން ގުޅުވާލުމަށް "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް" ގެ ދަށުން އެކި ގައުމުތަކުގައި ކުރިއަށް ގެންދިއުމަށް ރޭވުނު މަޝްރޫއުތައް ކެންސަލްވާން ފަށައިފިއެވެ. އަނެއް ބައި މަޝްރޫއުތައް ލަސްވެ، އަދި ބައެއް މަޝްރޫއުތަކަށް އަލުން މަޝްވަރާ ކުރަން ޖެހޭ ހިސާބަށް ކަންކަން ހިނގައްޖެއެވެ. މައްސަލަ އަކީ ކޮބާ ހެއްޔެވެ؟ ރައީސް ޝީގެ އުއްމީދުތަކުގައި ކުލަ ނުޖެހި އުޅެނިކޮށް ފަށުވި މަގުގައި ވަޅުގަނޑުތައް މި އުފެދުނީ ކީއްވެ ހެއްޔެވެ؟

ސިލްކް ރޯޑް ގެ ދަށުން ޗައިނާ އިން ގައުމުތަކަށް ދޭ މަޝްރޫއުތަކާ މެދު މައްސަލަތައް ކުރިމަތިވީ، އެހީ ލިބޭ ގައުމަށް އާޚިރުގައި ލިބޭ މަންފާ އަކީ ނިސްބަތުން ވަރަށް ކުޑަ މިންވަރެއް ކަމަށް ހާމަ ވުމެވެ. ޗައިނާ އިން ނަގާ ލޯނާއި، ޗައިނާގެ ކުންފުނި ތަކުން މަޝްރޫއުތައް ހިންގުމާއި، ލޯނު އަނބުރާ ދައްކަން ޖެހުމާއި މިހުރިހާ ކަމެއް އެމުނި އެކުލެވިގެން ނުކުންނަ ނަތީޖާ އަކީ އެހީ ލިބޭ ގައުމަށް މާ ބޮޑު މަންފާ އެއް އޮތް ކަމެއް ނޫން ކަމަށް އެހީ ލިބޭ ގައުމުތަކަށް ގަބޫލު ކުރަން ފެށުން ފާހަގަ ކޮށްލެވެއެވެ.

މައްސަލައިގެ ސީރިއަސް ކަން އެނގެނީ، ޗައިނާ އާ އެންމެ ގާތް ގައުމުތައް ކަމަށް ބެލޭ ޕާކިސްތާނު ފަދަ ގައުމުތަކުން މިކަމުގައި ނުރުހުން ފާޅު ކުރަން ފެށި ހިސާބުންނެވެ. ޗައިނާ އާއި ޕާކިސްތާނަކީ އިންތިހާ އަށް ގާތް އެކުވެރި ދެ ގައުމެވެ. މިދެންނެވި ގާތްކަން ރަމްޒު ކުރުމުގެ ގޮތުން ޕާކިސްތާނުގެ އޮފިޝަލުން ޗައިނާ އަށް މުޚާތަބް ކުރަނީ "އަޔަން ބްރަދަރ" ގެ ގޮތުގައެވެ. އަޔަން ބްރަދަރ ދުވަހަކު ވެސް ޕާކިސްތާނަށް ދެރަ ގޮތެއް ނުހަދާނެ ކަމަށް ގަބޫލު ކޮށްގެން ތިއްބާ، ޗައިނާ އިން ފަންޑު ކުރުމަށް ހަމަޖެހުނު ޑައިމަރ-ބާޝާ ޑޭމް މަޝްރޫއު އެކޮޅުކޮޅުން ޖެހުނު ވާހަކަ ހުސްވި އަހަރުގެ ނޮވެމްބަރު މަހު ތިލަވިއެވެ. ޕާކިސްތާނުގެ ވޯޓަރ އޮތޯރިޓީގެ ޗެއަމަން ވިދާޅުވީ، މަޝްރޫއު ރޭވިފައި އޮތީ ޗައިނާއަށް މަޝްރޫއުގެ މިލްކުވެރިކަން ލިބޭ ގޮތައް ވުމާއެކު އެއީ ޕާކިސްތާނުގެ މަސްލަހަތާ ފުށުއަރާ ކަމެއް ކަމަށްވާތީ މަޝްރޫއު ކުރިއަށް ގެންދިއުމަށް ޕާކިސްތާނުން ބޭނުން ނުވަނީ ކަމުގައެވެ. ޗައިނާ އިން މިވާހަކަ އަށް އިންކާރު ކުރި ނަމަވެސް މަޝްރޫއު ހުއްޓުމުކަށް އެހިސާބުން އައެވެ.

ޗައިނާ އާއި ޕާކިސްތާނާ ދެމެދު މި އުފެދުނު މައްސަލަ އަކީ އާދައިގެ ކަމެއް ނޫނެވެ. މަސްރަހް ދިސާރާ ކުރާ ފަރާތްކުން ބުނަނީ މިކަމުން ދޭހަ ކޮށްދެނީ ޗައިނާ އިން ދޭ މަޝްރޫއު ތަކަކީ ދެ ފަރާތައް ހަމަހަމަ ގޮތެއްގައި ފައިދާވާ ގޮތައް ރޭވިފައިވާ މަޝްރޫއު ތަކެއް ކަމަށް ޗައިނާ އިން ބުނި ނަމަވެސް ކަން އޮތީ އެހެން ނޫން ކަމުގައެވެ.

"ޕާކިސްތާނަކީ ޗައިނާގެ ފަހަތު ޖީބުގައި އޮންނަ ގައުމެއް، ޕާކިސްތާނުން ދެތުވެ، ޗައިނާ އާ އެކު މިކަން ކުރަން ބޭނުމެއް ނޫނޭ ބުނުމުން އެނގެނީ، ޗައިނާ އިން ބުނަމުންދާ ގޮތައް މިއީ ދެކޮޅަށް ފައިދާވާ ގޮތައް ރޭވިފައިވާ ކަމެއް ނޫން ކަން" ހޮންކޮންގ ގައި ގާއިމްކޮށްފައިވާ އިކޮނޮމިކް ކޯޕަރޭޓް ނެޓްވޯކްގެ ދިރާސާ ކުރާ ފަރާތެއް ކަމަށް ރޮބަޓް ކޮއެޕް މި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ޗައިނާ އިން އިއުލާން ކުރީ 2013 ވަނަ އަހަރުއެވެ. މި އިނީޝިއޭޓިވްގެ ދަށުން 65 ގައުމެއްގައި އެކި ބާވަތުގެ މަޝްރޫއުތައް ހިންގުމަށް ޗައިނާ އިން ރާވާފައިވެއެވެ. އޭގެ ތެރޭގައި ސައިބީރިއާއިން ތެޔޮ ނެގުމުން ގޮސް ދެކުނު އޭޝިއާ ގައި ބަނދަރުތައް ތަރައްގީ ކުރުމާއި، އިރުމަތީ ޔޫރަޕްގެ ބައެއް ގައުމުތަކުގައި ރޭލްވޭ ތައް ހެދުމާއި، މެދުއިރުމަތީގެ ގައުމު ތަކުގައި ހަކަތައިގެ މަޝްރޫއުތައް ހިންގުން ފަދަ ތަފާތު ބާވަތްތަކުގެ މަޝްރޫއުތައް ހިމަނާފައި ވެއެވެ.

ޗައިނާގެ "ބެލްޓް އެންޑް ރޯޑް" އަކީ އެހީ އެއް ނޫން ކަމަށް ޗައިނާ އިން މީގެ ކުރިންވެސް ވަނީ ހާމަ ކޮށްފައެވެ. ޗައިނާ އިން ސިފަ ކޮށްފައިވަނީ އެއީ ވިޔަފާރީގެ މުއާމަލާތެއްގެ ގޮތުގައެވެ. ޗައިނާގެ ކެބިނެޓްގެ އޮފިޝަލަކު ހުސްވި އަހަރުގެ އޭޕްރީލް މަހު އެސޯސިއޭޓެޑް ޕްރެސް އަށް ސާފު ކޮށްދެއްވި ގޮތުގައި މި އިނީޝިއޭޓިވްގެ ދަށުން މަޝްރޫއުތަކަށް ޗައިނާ އިން ފައިސާ ދެނީ ވިޔަފާރީގެ އުސޫލުންނެވެ.

ތަރައްގީ ވުމަށް ފެން ބޮވައިގެންފައިވާ ނަމަވެސް އަމިއްލަ ތަނަވަސްކަން ހުރި ގޮތުން ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގޭނެ ފެންވަރެއް ނެތް ގައުމުތަކަށް ޗައިނާގެ ސިލްކް ރޫޓް ޕްރޮގްރާމް ފެނިގެން ދިޔައީ ރަނުގެ ފުރުސަތެއްގެ ގޮތުގައެވެ. އެފަދަ ގައުމުތަކަށް ހީވީ އެމީހުން ދެކެމުން ދިޔަ ހުވަފެންތައް ހަގީގަތަކަށް ވުމުގެ ވަގުތު އައިސް ޖެހުނީ ކަމުގައެވެ. ނަމަވެސް ކަންކަން ހިނގަން ފެށީ މުޅިން ހީކުރި ގޮތާ އެއްގޮތައް ކަމަށް ދެންނެވޭކަށް ނެތެވެ. "ބެލްޓް އެންޑް ރޯޑް" އިނީޝިއޭޓިވްގެ ދަށުން ފޭލުވެފައިވާ މަޝްރޫއު ތަކުގެ ލިސްޓު އިތުރުވާން ފަށައިފި އެވެ. ކުރިން ގަބޫލު ކުރެވިފައި ނެތް އެތައް މަސައްލަތަކެއް ފެންމަތިވާން ފަށައިފިއެވެ.

ޗައިނާގެ ކުންފުނި ތަކަށް ލިބޭ ގޮތައް އެކުލަވާލެވުނު 2.5 ބިލިއަން ޑޮލަރުގެ ބުދި ގަންދާކީ ހައިޑްރޯ އިލެކްޓްރިކް މަޝްރޫއު ހުއްޓާލިކަން ނޭޕާލް ސަރުކާރުން ހުސްވި އަހަރުގެ ނޮވެމްބަރު މަހު އިއުލާނު ކުރީ މަޝްރޫއަށް ބިޑު ކުރުމުގައި އެއްބަސްވެފައިވާ އުސޫލާ އެއްގޮތައް ޗައިނާ އިން އަމަލު ކޮށްފައި ނުވާތީ ކަމަށް ބުނެއެވެ.

މިޔަންމާގައި ޗައިނާގެ ކުންފުންޏަކުން ކުރިއަށް ގެންދަން ރޭވި ތެޔޮ ސާފު ކުރާ ކާރުޚާނާ ބިނާކުރުމުގެ މަޝްރޫއު ހުއްޓާލިކަން މިޔަންމާ ޓައިމްސް އިން ހާމަ ކުރިއިރު ބުނެފައިވަނީ އެ މަޝްރޫއަށް ފައިސާ ހަމަ ނުޖެހުނު ކަމަށެވެ.

ތައިލެންޑްގައި ކުރިއަށް ގެންދިއުމަށް ރޭވި 15 ބިލިއަން ޑޮލަރުގެ ހައި ސްޕީޑް ރޭލްވޭ މަޝްރޫއު ތައިލެންޑުން ވަގުތީ ގޮތުން ހުއްޓާލިއެވެ. ތައިލެންޑުން ބުނީ އެ މަޝްރޫއު ރޭވިފައިވާ ގޮތުގެ ސަބަބުން ތައި ކުންފުނި ތަކަށް ލިބޭ މާ ބޮޑު މަންފާއެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ. އެންމެ ފަހުން ޖެހުނީ މަޝްވަރާގެ މޭޒު ދޮށަށް އެނބުރި ދާށެވެ. ފަހުން މަޝްރޫއު ރޭވިގެން އައީ ތައިލެންޑު ކުންފުނި ތަކުން މަސައްކަތް ކުރާ ގޮތަށެވެ. އަދި ޗައިނާގެ ކުންފުނިތަކުން ޓެކްނޮލޮޖީ ފޯރުކޮށްދޭ ގޮތަށެވެ.

ޓެންޒޭނިއާ ގައި ވެސް ރޭވުނު މަޝްރޫއު ޖެހުނީ ވަގުތީ ގޮތުން ހުއްޓާލާ އަލުން މަޝްވަރާ ކުރާށެވެ. މަޝްރޫއު ރޭވުނީ ޗައިނާ އާއި ޓެންޒޭނިއާ އާއި އަދި އޮމާން އިން މަޝްރޫއަށް އިންވެސްޓް ކުރާ ގޮތަށެވެ. މަޝްރޫއުގައި މައްސަލަ ޖެހުނީ، ޓެންޒޭނިއާ އަށް އާޚިރުގައި ލިބެނީ ކޮން އެއްޗެއްކަން އޮޅުން އެރި ހިސާބުންނެވެ. މި ދެންނެވި ބަގަމޮޔޯ ބަނދަރު މަޝްރޫއަކީ 11 ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މަޝްރޫއަށް ޓެންޒޭނިއާ އިން އިންވެސްޓް ކުރަންޖެހޭ 28 މިލިއަން ޑޮލަރު އެ ގައުމަށް ހޯދޭނެ ގޮތް ނުވުމުން ޓެންޒޭނިއާ ސަރުކާރުގެ ޝެއަރ އަކީ ކޮބާކަން އޮޅުމުގެ ތެރެއަށް ދިއުމުން މަޝްރޫއު މެދުކަނޑާލަން ޖެހުނީއެވެ. ޓެންޒޭނިއާ ސަރުކާރުން ބުނީ، ބަނދަރުން ލިބޭ ޓެކްސް އަށް ވުރެ ބޮޑު އަދި ރަނގަޅު އެއްޗެއް މަޝްރޫއުގެ ސަބަބުން ޓެންޒޭނިއާ ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށެވެ.

ޗައިނާގެ ޗައިނާ ޑިވެލޮޕްމަންޓް ބޭންކުން 2015 ވަނަ އަހަރު ބުނެފައިވަނީ 890 ބިލިއަން ޑޮލަރު 900 މަޝްރޫއެއް 60 ގައުމެއް ގައި ހިންގުމަށް އެއް ފަރާތް ކުރެވިފައިވާ ކަމަށެވެ. އޭގެ އިތުރުން ޗައިނާގެ އެގްޒިމް ބޭންކުން ބުނެފައިވަނީ 49 ގައުމެއްގައި 1000 މަޝްރޫއު ހިންގުމަށް ބޭނުންވާ ފައިސާ އެކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ޗައިނާ އިން ހިންގާ މަޝްރޫއު ތަކުގައި ޗައިނާ އަކީ ފައިސާދޭ ބޭންކު ކަމަށް ވުމާއެކު، އެހީ ލިބޭ ގައުމުން އެކަށީގެންވާ ހަރުދަނާ ގޮތެއްގައި މަޝްވަރާތައް ނުގެންގޮސްފި ނަމަ، މަޝްރޫއުތައް އާޚިރުގައި ބައްޓަން ވެގެން އަންނަނީ ޗައިނާ ކޮޅަށް ބުރަވާ ގޮތަށެވެ. ޗައިނާގެ ކުންފުނިތަކަށް މަޝްރޫއުތައް ލިބި ޗައިނާގެ ޓެކްނޮލޮޖީ ކުރިއެރުވުމަށް ލިބޭ ފުރުސަތަކަށް މި ފަދަ މަޝްރޫއުތައް ވެގެން ދެއެވެ.

ސްރީލަންކާގެ ހަމްބަންޓޯޓާ ބަނދަރު މަޝްރޫއަށް ވެގެން ދިޔައީ މިދެންނެވި ގޮތެވެ. ލަންކާ ސަރުކާރަށް ޖެހުނީ ބަނދަރުގެ 80 އިން ސައްތަ ހިއްސާ ޗައިނާގެ ސަރުކާރުގެ ކުންފުންޏަކަށް ވިއްކާލާށެވެ. ވިއްކާލަން މަޖުބޫރުވީ 1.5 ބިލިއަން ޑޮލަރު ދައްކަން ޖެހޭ މުއްދަތުގެ ތެރޭގައި ލަންކާ ސަރުކާރަށް ދެއްކޭ ގޮތް ނުވުމުންނެވެ. ފައިސާ ދެއްކޭ ގޮތް ނުވެ ގައުމު ދަރަނީގެ ތެރެއަށް ވެއްޓުމުން މަޝްރޫއު އެންމެ ފުރަތަމަ ރޭވުނު އިރު އޮތީ ޗައިނާ ކޮޅަށް މާ ބޮޑަށް ބުރަވެފައި ކަމުގެ ވާހަކަތައް ފެންމަތިވި އެވެ. ޗައިނާގެ ސަރުކާރު ކުންފުންޏަކުން ހަމްބަންޓޯޓާ ބަނދަރުގެ ބޮޑު ހިއްސާ ގަތުމާއެކު އެ ގައުމުގެ އިސްތިގްލާލު ޗައިނާގެ އަތްދަށަށް ދިޔައީ ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރިއެވެ.

ޗައިނާގެ "ބެލްޓް އެންޑް ރޯޑް" އިނީޝިއޭޓިވް އާ މެދު އެމެރިކާ އާއި ރަޝިއާ އަދި އިންޑިއާ އިން ދެކެމުން އަންނަނީ އެއީ ޗައިނާ އިން ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ހަން ފެތުރުމުގެ އެޖެންޑާ އެއްގެ ދަށުން ފެށި ކަމެއްގެ ގޮތުގައެވެ. ޗައިނާ އިން އެކަމާ ދެކޮޅު ހެދި ނަމަވެސް ފެނި ހާމަވަމުންދާ ހަގީގަތްތަކަށް ބަލާއިރު "ބެލްޓް އެންޑް ރޯޑް" އިނީޝިއޭޓިވް އަށް ޝައްކުގެ ނަޒަރަކުން ބަލަމުންދާ ފަރާތްތަކުގެ ވާހަކަތައްވެސް މުޅިން ދޮގު ކުރެވޭކަށް ނެތެވެ. އަނެއް ކޮޅުން އެތައް މަޝްރޫއެއްގައި ކުނި ޖެހިފައި ވީނަމަވެސް ޗައިނާ އިން ދެކޭ ގޮތުގައި "ބެލްޓް އެންޑް ރޯޑް" މަޝްރޫއުތައް މާ ބޮޑު މައްސަލައެއް ނެތި ދަނީ ކާމިޔާބު ވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: ދެލިކޮޕީ


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް