16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

ބާސާއަށް ކޮލޮމްބިއާގެ ޑިފެންޑަރަކު ގެނެސްފި

  • އޭނާ ބާސާއަށް ސޮއިކޮށްފައިވަނީ 11.8 މިލިއަން ޔޫރޯގެ ފީއަކަށް
  • އޭނާގެ ރިލީސް ފީއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 100 މިލިއަން ޔޫރޯ
  • އޭނާ ބާސާއާ އެކު ސޮއިކޮށްފައި ވަނީ ފަސް އަހަރާއި ބައިގެ އެއްބަސްވުމެއްގައި

| | 11 ޖެނުއަރީ 2018 | ބުރާސްފަތި 15:55 | @Saaif80 | |ބާސާއަށް ސޮއިކުރި ކޮލޮމްބިއާގެ ޔެރީ މިނާ -- ފޮޓޯ:ގެޓީ އިމޭޖާސް

ސްޕެއިންގެ ބާސެލޯނާގެ ޑިފެންސް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ޕަލްމެއިރާސްއަށް ކުޅެމުން އައި ކޮލޮމްބިއާގެ ޔެރީ މިނާ އެ ޓީމަށް ގެނެސްފިއެވެ.

ބާސާގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެ ޓީމުން ވަނީ ޔެރީ މިނާ އެ ޓީމަށް ސޮއިކުރިކަން ކަށަވަރު ކޮށްދީފައެވެ. އޭނާ ބާސާއާ އެކު ސޮއިކޮށްފައި ވަނީ ފަސް އަހަރާއި ބައިގެ އެއްބަސްވުމެއްގައެވެ. އެހެންކަމުން އޭނާ ބާސާއާއެކު ސޮއިކުރި އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާ ބާސާއަށް ސޮއިކޮށްފައި ވަނީ 11.8 މިލިއަން ޔޫރޯގެ ފީއަކަށެވެ. ބާސާއިން އޭނާގެ ރިލީސް ފީއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 100 މިލިއަން ޔޫރޯއެވެ.

ބާސާއިން ހާމަކޮށްފައިވާ ގޮތުގައި އޭނާ ބާސާއަށް ގެނެސްފައި ވަނީ އެ ޓީމުގެ ޑިފެންސަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ބޭނުމުގައެވެ. އެގޮތުން އޭނާއަކީ ޖިސްމާނީ ގޮތުން ވަރުގަދަ އަދި ހަލުވި ޑިފެންޑަރެއް ކަމަށް ބާސާގެ ވެބްސައިޓްގައި ވެއެވެ. އަދި އޭނާގެ އިސްކޮޅުގެ ބޭނުން ހިފައިގެން އޭނާއަކީ ލަނޑު ވެސް ޖަހާ ކުޅުންތެރިޔެއް ކަމަށް ބާސާގެ ރަސްމީ ވެބްސައިޓްގައި ވެއެވެ.

ޔެރީ މިނާ ބާސާއަށް ސޮއިކުރުމާ އެކު ވޭތުވެދިޔަ ހަތް އަހަރު ވެސް އެ ޓީމުގެ ޑިފެންސްގައި މުހިންމު ދައުރެއް އަދާކުރި އާޖެންޓީނާގެ ތަޖުރިބާކާރު ޑިފެންޑަރު ހަވިޔާ މަޝެރާނޯ އެ ޓީމު ދޫކޮށްލާނެއެވެ. އޭނާ ބާސާ ދޫކޮށް ބަދަލުވާނެ ކަމަށް ބެލެވެނީ ޗައިނީޒް ސުޕާ ލީގުގެ ޓީމެއް ކަމަށްވާ ހެބެއި ޗައިނާ ފޯޗޫންއަށެވެ. އެ ޓީމުން ވަނީ މަޝެރާނޯ ގަތުމަށް 5.77 މިލިއަން ޔޫރޯ ހުށަހަޅާފައެވެ. އޭނާ ހެބެއި ޗައިނާ ފޯޗޫންއަށް ސޮއިކޮށްފި ނަމަ އަހަރެއްގެ މައްޗަށް ހަތް މިލިއަން ޔޫރޯގެ މުސާރައެއް ދިނުމަށް ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުނެއެވެ.

ބާސާ އިން މީގެ ކުރިން ނިންމާފައި އޮތީ މިއަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕް ނިންމާލުމަށް ފަހު ޔެރީ މިނާ އެ ޓީމަށް ގެނައުމަށެވެ. އޭނާ ވެގެން ގޮސްފައި ވަނީ މި ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި ބާސާއިން ގެނައި ދެވަނަ ކުޅުންތެރިޔާއަށެވެ. އެގޮތުން އެ ޓީމުން ވަނީ ލިވަޕޫލަށް ކުޅުނު ބްރެޒިލްގެ ހުނަރުވެރި މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ 142 މިލިއަން ޕައުންޑަށް އެ ޓީމަށް ގެނެސްފައެވެ.

ޕަލްމެއިރާސްގެ ޑިފެންސް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ މިނާ ވަނީ އެ ޓީމަށް ކުޅުނު 49 މެޗުގައި ނުވަ ލަނޑު ޖަހާފައެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން ކޮލޮމްބިއާގެ ގައުމީ ޓީމުން ވެސް ޖާގަ ހޯދަމުން އަންނަ މިނާ ވަނީ ގައުމީ ޓީމަށް ނުވަ މެޗު ކުޅެދީފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް