16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

އިބްރާހިމް ދީދީގެ މައްޗަށް ދައުވާ ނުކުރަން ނިންމި ކަމަށް ދައުލަތުން އެއްބަސްވެއްޖެ

  • މިއީ ޕީޖީން އެގޮތަށް އެއްބަސްވި ފުރަތަމަ ފަހަރު
  • ދައުވާ ކުރީ އުވިފައިވާ ގާނޫނެއްގެ ދަށުން: ދިފާއީ ވަކީލު
  • ކުރީގެ ޕީޖީ މުހުތާޒު ކޯޓަށް ހާޒިރު ކުރުމަށް އެދުނު

| | 11 ޖެނުއަރީ 2018 | ބުރާސްފަތި 12:55 | hucenhassan | |



އިބްރާހިމް ދީދީ: ޓެރަރިޒަމްގެ ދައުވާ އުފުލާފައިވޭ- -- ފޮޓޯ:މުހައްމަދު ޝަރުހާން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ނުކުރުމަށް ކުރިން ނިންމި ކަމަށާއި އެކަން އޭނާއަށް ވެސް އެންގި ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ފުރަތަމަ ފަހަރަށް ކޯޓުގައި އެއްބަސްވެއްޖެ އެވެ.

އޭރުގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިންގެ އެންގެވުމަކަށް އިބްރާހިމް ދީދީގެ މައްޗަށް ދައުވާ ނުކުރަން ނިންމި ކަމަށް ޕީޖީ އޮފީހުން އެއްބަސްވެފައި ވަނީ މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ. އިބްރާހިމް ދީދީއަށް ފޮނުއްވެވި ސިޓީއެއްގައި އޭރުގެ ޕީޖީ މުހުތާޒު ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށެވެ. އެ ސިޓީއަކީ ސައްހަ ސިޓީއެއްތޯ ގާޒީ މިއަދު ސުވާލު ކުރެއްވުމުން، ދައުލަތުގެ ވަކީލާ އައިިޝަތު ފަޒުނާ އަހުމަދު ވިދާޅުވެފައި ވަނީ އެއީ ސައްހަ ސިޓީއެއް ކަމަށެވެ. އަދި އެ ސިޓީގައި ބުނާ ގޮތަށް ދައުވާ ނުކުރަން އޭރުގެ ޕީޖީ ނިންމެވި ކަމަށް ވެސް ދައުލަތުގެ ވަކީލާ ފަޒުނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރި މައްސަލާގައި އިބްރާހިމް ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމަށް ފަހު، ޕީޖީ އޮފީހުން ދައުވާ އަނބުރާ ގެންދިޔައީ 2015 ވަނަ ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. ނަމަވެސް ޖެހިގެން އައި ދުވަހު، 2015 ވަނަ އަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހު ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް އަންގާފައި ވަނީ އިބްރާހިމް ދީދީގެ މައްސަލަ އަނބުރާ ގެންދިޔައީ ދިރާސާ ކުރުމަށް ކަމަށެވެ.

ދައުވާ އަނބުރާ ގެންދިޔައީ ދިރާސާ ކުރުމަށް ފަހު، އަލުން ހުށަހެޅުމަށް ކަމެއް އެ ސިޓީގައި ބުނެފައެއް ނުވެއެވެ. އެކަން ހިނގައިދިޔަ ގޮތް ސާފުކުރުމަށް އޭރުގެ ޕީޖީ މުހުތާޒު ކޯޓަށް ހާޒިރުކޮށްދިނުމަށް އިބްރާހިމްގެ ދީދީގެ ފަރާތުން އޭނާގެ ވަކީލު މިއަދު ވަނީ ކޯޓުގައި އެދިވަޑައިގެންފައެވެ. މީގެ ކުރިން ވެސް އޭނާގެ ވަކީލު ކޯޓުގައި އެގޮތަށް އެދުނެވެ. ނަމަވެސް ގާޒީ އެކަމުގައި ވަކި ގޮތެއް ނިންމަވާފައެއް ނުވެއެވެ.

ޝަރީއަތުގެ މަޖިލީހުގައި އިބްރާހިމް ދީދީގެ ވަކީލާ ސަފާ ޝަރީފު، ފާހަގަ ކުރެއްވި ގޮތުގައި ދައުވާ ނުކުރުމަށް ނިންމެވުމަށް ފަހު، އަލުން އެ ދައުވާ އެއް ނުކުރެވޭނެއެވެ. އަދި ދައުވާ ނުކުރުމަށް ޕީޖީ ނިންމެވުމަށް ފަހު ދެ ވަނަ ފަހަރަށް ދައުވާ ނުކުރެވޭނެ ކަމަށް ހައި ކޯޓުންނާއި ސުޕްރީމް ކޯޓުން ނިޔާ ކަނޑައަޅާފައިވާ ގަޟިއްޔާތަކުން އެނގެން އޮންނަ ކަމަށް ސަފާ ވިދާޅުވިއެވެ.

އިޖުރާއަތުގެ ގާނޫނުން ބާރުލިބިގެން ޕީޖީގެ އޮފީހުން ހަދާފައިވާ ގަވާއިދުތަކުން އެނގެން އޮންނަ ގޮތުގައި ދައުވާއެއް އަނބުރާ ގެންދެވޭނީ އެ ދައުވާ ހުށަހަޅާނެކަން ކޯޓަށް އެނގުމަށްފަހުގައި ކަމަށާއި އެ ނޫން ގޮތަކަށް ދައުވާ އަނބުރާ ނުގެންދެވޭނެ ކަމަށް އިބްރާހިމް ދީދީގެ ވަކީލު ވިދާޅުވިއެވެ.

އިބްރާހިމް ދީދީގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އުވިފައިވާ ގާނޫނެއްގެ ދަށުން ކަން ފާހަގަކޮށް، ވަކީލާ ވިދާޅުވީ ޕީޖީން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ސައްހަކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

އިބްރާހީމް ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ސިފައިންގެ އެންމެ އިސް ވެރިޔާ، އަދި އޭރުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި އޯޑަރަކާ ގުޅިގެން އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަނުގައި މާލޭ އޭރިއާގެ އޭރުގެ ކޮމާންޑަރެއްގެ މަގާމުގައި ހުރެ، އިބްރާހީމް ދީދީ ބައިވެރިވެފައިވާ ކަމަށް ބުނެއެވެ.

މިއަދަށް ޝަރީއަތް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ޖަހާއިރު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް