16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

ރީނދުލާއި، ރަތާއި، ފެއްސާއި، ފިޔާތޮށިން މާމިގިލި ނަލަކޮށް، ބޮޑު ޖަލްސާއަކަށް ތައްޔާރުވެފައި!

  • ހަތަރު ޕާޓީގެ ސަޕޯޓަރުން މަސައްކަތް ކުރަމުންދަނީ އެއް ވިސްނުމެއްގައި
  • ކައިރި އަތޮޅުތަކުން ވެސް މީހުން ޖަލްސާއަށް އަންނާނެ
  • ޕާޓީތަކުގެ އިސްވެރިންތައް ވެސް ދަނީ މިރަށަށް އަންނަމުން

| | 11 ޖެނުއަރީ 2018 | ބުރާސްފަތި 10:40 | azmoon_ahmed | |ހަތަރު ޕާޓީގެ ކުލަތަކުން މާމިގިލި ޒީނަތްތެރިކުރުމުގައި ސަޕޯޓަރުން އަވަދިނެތި -- ފޮޓޯ:ރާއްޖެ އެމްވީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އުފަން ރަށުގައި ގުޅިފައިވާ ޕާޓީތަކުން މިރޭ ޖަލްސާއެއް ބާއްވަން ތައްޔާރުވަމުންދާއިރު، ރަށް މިވަނީ ހަތަރު ކުލައިން ޒީނަތްތެރިކޮށްފަ އެވެ. ރީނދުލާއި، ރަތާއި، ފެއްސާއި، ފިޔާތޮށި ފޮތިން ރަށް ޒީނަތްތެރި ކުރުމުގައި ހަތަރު ޕާޓީގެ ސަޕޯޓަރުން ގުޅިގެން މަސައްކަތް ކުރަމުންދަނީ ވަރަށް ފޯރީގަ އެވެ، ވަކި ކުލައެއް ގިނަކޮށް، ވަކި ކުލައެއް މަދު ކުރުމެއް ނެތެވެ. މިރަށުން ފެނިގެންދަނީ އެއް ވިސްނުމަކުން އެންމެން ގުޅުވާލާފައިވާ މަންޒަރެވެ.

އެމްޑީޕީގެ ސަޕޯޓަރުން ބުނަމުންދަނީ، އެމީހުން އަމާޒަކީ ރައީސް މުހައްމަދު ނަޝީދު މިނިވަންކޮށް، މިހާރު މިއޮތް ސަރުކާރުގެ ބޭއިންސާފުން ސަލާމަތްވުން ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ސަޕޯޓަރުން ބުނަމުންދަނީ، މިރަށަށް އުފަން، މިރަށުގެ ތަރައްގީގެ ބާނީ އަށް އިއްވި ބޭއިންސާފު ހުކުމުން ސަލާމަތްކޮށްދިނުމަކީ އެމީހުންގެ ބޭނުން ކަމަށެވެ. އަދާލަތު ޕާޓީގެ ސަޕޯޓަރުން ބުނަމުންދަނީ، ޝެއިޚް އިމްރާން އަބްދުﷲ ދެއްކެވި ވާހަކައަކަށް ބިނާކޮށް ބޮޑު ހުކުމެއް އިއްވައިގެން، ދެމުންދާ އަނިޔާތަކުން ސަލާމަތްކޮށްދިނުމަކީ އެމީހުންގެ ބޭނުން ކަމަށެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރާ ޕީޕީއެމްގެ ސަޕޯޓަރުން ބުނަމުންދަނީ، ރައީސް މައުމޫނާއި އެމަނިކުފާނުގެ ބޭފުޅުންނަށް ދެމުންދާ އަނިޔާތަކުން ސަލާމަތްކޮށްދިނުމަކީ އެމީޙުން އަމާޒު ކަމަށެވެ.

މި ހުރިހާ ޕާޓީތަކުގެ ސަޕޯޓަރުން ވެސް ހޯދަން މަސައްކަތް ކުރަނީ އިންސާފެވެ. އެމީހުންގެ ބޭނުމަކީ ކޮރަޕްޝަނާއި ފަސާދައިން ފޯވެފައިވާ ސަރުކާރުގެ ކިބައިން ސަލާމަތްވުމެވެ. ހަމަހަމަކަމާއި އަދުލުވެރިކަން ގައުމުގައި ގާއިމުކުރުމެވެ. ރަތްދައްކާ އަވީގައި މި މަސައްކަތް ކުރަނީ، ކުރެވޭ އުންމީދެއްގެ ބޮޑުކަމުން ކަމަށް މި މީހުން ބުނެ އެވެ. އެއީ ގައުމާއި މެދު އެމީހުން ކުރާ އުންމީދެވެ. ގައުމު ހަމަ މަގަށް އެޅުވުމަށް ދެކޭ ހުވަފެނެވެ.

ޕާޓީތަކުގެ ދިދަތަކުން މާމިގިލި ޒީނަތްތެރިކޮށްފަ

މިރޭ 9:00 ގައި ޖަލްސާ ބާއްވާއިރު، އދ. އަތޮޅާއި، އއ. އަތޮޅާއި ފ. އަތޮޅުން ގިނަ އަދަދެއްގެ މީހުން މި ރަށަށް އައުމަށް ދަނީ ތައްޔާރުވަމުންނެވެ. އޮޑި ދޯނި ފަހަރުތައް ވެސް ހަތަރު ޕާޓީގެ ކުލަތަކުން ޒީނަތްތެރިކުރަމުންދާއިރު، މި މަސައްކަތުގައި، ނުލާހިކު ފޯރީގައި އުޅޭ މީހުން ބުނަނީ ތާއީދު އޮތީ ކޮންބަޔަކަށްތޯ މި ފަހަރު ދައްކާލާނެ ކަމަށެވެ. އދ. އަތޮޅުން ސަރުކާރަށް ތާއީދު ނެތްކަން މިފަހަރު ދެއްކުމަކީ އެމީހުންގެ އަމާޒެވެ. 

މިއީ އިދިކޮޅު ޕާޓީތަކުން މިއަހަރު ބާއްވާ ފުރަތަމަ ޖަލްސާއަށްވާއިރު، މި ޖަލްސާ ވަރަށް ބޮޑަށް ތަފާތުވާނެ ކަމަށް ޕާޓީތަކުން ދަނީ ބުނަމުންނެވެ. މިރޭގެ ޖަލްސާގައި "ވާހަކަ ދައްކާނީ އަދަދުން" ކަމަށް އިސް ފަރާތްތަކުން ބުނެ އެވެ. ޕާޓީތަކުން ސިފަކުރާ ގޮތުގައި މިއީ ރިޔާސީ އިންތިހާބުގެ ތައްޔާރީތަކުގެ ފެށުމެވެ. ޖަލްސާ އަށް ވަޑައިގަންނަވާ ބޭފުޅުންގެ އަދަދަށް ބަލާލުމުން ވެސް މި ޖަލްސާގެ މުހިންމުކަން ހާމަވެއެވެ. އިދިކޮޅު ޕާޓީތަކުގެ ހުރިހާ އިސްބޭފުޅުން ކަހަލަ ގޮތަކަށް، ފްލައިޓަކަށް ފަހު ފްލައިޓަކުން މި ރަށަށް ދަނީ އަންނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް