16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

ސަޢޫދީ ވަލީޢަހުދުގެ ލެއާއެކު ދަބަރު ޖަހާފައިވާ ކަނޑި

  • މި ލަޝްކަރު ޖަވާބުދާރީވަނީ ސީދާ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނަށް
  • 5000 ސިފައިންގެ ލަޝްކަރެއް

| | 8 ޖެނުއަރީ 2018 | ހޯމަ 22:16 | @Miuvaan | |އަލްއަޖްރާބް ސްވޯޑްގެ ސިފައިން ތަމްރީންތަކެއް ހަދަނީ -- ފޮޓޯ:އޭޕީ

ޝާހީ ޢާއިލާގެ ތެރެއިން އެމަނިކުފާނާއި ދެކޮޅުވާ ފަރާތްތަކާއި ދެކޮޅަށް ސަޢޫދީގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން ވަރަށް ވަރުގަދަ ލަޝްކަރެއް ނެރުއްވައިފިއެވެ.

އަސްކަރީ ޚާއްސަ މި ލަޝްކަރަށް ކިޔާ ނަމަކީ 'އަލް-އަޖްރާބް ސްވޯޑް'އެވެ. މާނައަކީ ލެއާއިއެކު ދަބަރު ޖަހާފައިވާ ކަނޑިއެވެ. މި ލަޝްކަރަކީ ސީދާ މުޙައްމަދު ބިން ސަލްމާނަށް ޖަވާބުދާރީވާ ލަޝްކަރެކެވެ.

ދާދިފަހުން ސަޢޫދީގެ ވެރިރަށް ރިޔާދުގައި، ކަރަންޓު ބިލް ނުދައްކަންވެގެން މުޒާހަރާކުރި ޝާހީ ޢާއިލާގެ 11 އަމީރަކު ހައްޔަރުކުރީ މި ލަޝްކަރުންނެވެ. 

 

ނަން ދެވުނު ގޮތް

އަލްއަޖްރާބް ސްވޯޑް ލަޝްކަރަށް ނަން ދެވިފައިވަނީ ސަޢޫދީގެ ދެވަނަ ދައުލަތުގެ ވެރިޔާ، އިމާމް ތުރުކީ ބިން އަބްދުﷲ އަލް ސަޢޫދުގެ ކަނޑިއަށް ނިސްބަތްކޮށެވެ. އިމާމް ތުރުކީއަށް އެކަނޑި ފެނިފައިވަނީ ދަބަރު ޖަހާފައިވަނިކޮށެވެ. ސަޢޫދީގެ ދިދައިގައިވާ ތައުޙީދުގެ ކަލިމައިގެ ދަށުގައިވާ ކަނޑިއަކީ އެކަނޑި ރަމްޒުކޮށްދޭ ކަނޑިއެއްކަމަށް ބުނެވެއެވެ. މިކަނޑި ބަޙްރައިންގައި އޮންނަތާ 150 ވަރަކަށް އަހަރު ފަހުން ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން ޢީސާ އަލްޚަލީފާ ވަނީ 2010ވަނަ އަހަރު ސަޢޫދީގެ އޭރުގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްޢަޒީޒް އަށް ހަދިޔާކުރައްވާފައެވެ.

އިމާމް ތުރުކީއަކީ އުސްމާނީ ޚިލާފަތުގެ ދަށުގައި ނަޖުދު ކަރައިގެ އަމީރެވެ. އެގޮތުން މީލާދީން 1819ވަނަ އަހަރުން ފެށިގެން 1820 އަށް އަދި ދެވަނަ ފަހަރަށް 1824 ވަނަ އަހަރުން 1834 ވަނަ އަހަރު އަވަހާރަކޮށްލެވެންދެން ނަޖުދުކަރައިގެ އަމީރުކަން ކުރެއްވިއެވެ.

 

އެކުލެވިގެންވާ ގޮތް

އަލްއަޖްރާބް ސްވޯޑް ބްރިގޭޑް އެކުލެއްވީ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް ރަސްކަމާއި ޙަވާލުވެވަޑައިގަތުމަށް ފަހު 2015ވަނަ އަަހަރުގެ ޖެނުއަރީ މަހުއެވެ. އަސްކަރިއްޔާގެ އެކި ގޮފިތަކަށް ނިސްބަތްވާ 5000 ސިފައިން މި ލަޝްކަރުގައި ތިބެއެވެެ. ސަޢޫދީގެ ވަޔާއި އެއްގަމު ސިފައިންގެ އިތުރުން ކަނޑުގެ ސިފައިންނާއި ޝާހީ ގާޑުންގެ ތެރެއިން ހޮވާލެވޭ ސިފައިން މި ލަޝްކަރަށް ނެގުމަށްފަހު ޚާއްސަ ތަމްރީންތަކެއް ދެއެވެ. މި ލަޝްކަރު އޮންނަނީ ޝާހީ ގާޑުންގެ ޚާއްސަ ފައުޖުގެ ގޮތުގައެވެ. 

 

ކީއްކުރާ ލަޝްކަރެއް؟

އަލްއަޖްރާބް ލަޝްކަރަކީ ސީދާ ކީއްކުރާ ލަޝްކަރެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އެލަޝްކަރަކީ ޝާހީ ގާޑުންގެ ޚާއްސަ ފައުޖެވެ. ޝާހީ ގާޑުންނަކީ ރަސްގެފާނުގެ އިރުޝާދުގެ ދަށުން ޝާހީ ޢާއިލާގެ ކަންތައްތަކާއި ޙަވާލުވެފައިވާ ލަޝްކަރެކެވެ. 

ރަސްގެފާނާއި، ވަލީޢަޙުދުގެ އިތުރުން ޝާހީ ޢާއިލާގެ އިސް ބޭފުޅުންނާއި އަދި އިއްޒަތްތެރިންގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ ޝާހީ ގާޑުންނެވެ. ކަރަންޓު ބިލުގެ މައްސަލައިގައި ޝާހީ ޢާއިލާގެ 11 އަމީރަކު ހައްޔަރުކުރަން މި ލަޝްކަރު ނެރެފައިވާތީ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އަމީރުން ހަޤީގަތުގައި މުޒާހަރާކޮށްފައިވަނީ ދާދިފަހުން މުޙައްމަދު ބިން ސަލްމާންގެ އަމުރަށް ޝާޙީ އާއިލާގެ ބައެއް މެމްބަރުންނާއި ވިޔަފާރިވެރިން ކޮރަޕްޝަންގެ ތުހުމަތުގައި ބަންދުކުރުމާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް