16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

ޕީޕީއެމް ބޭނުންވަނީ ނަޝީދާއި އެމްޑީޕީން ކެނޑިޑޭޓެއް ވާދަ ނުކުރުން؟!

  • ނަޝީދަށް ކުރިމަތި ނުލެއްވޭނެ ކަމަށް ޕީޕީއެމް އިން ބުނޭ
  • އެމްޑީޕީގެ ކެނޑިޑޭޓެއްވެސް ވާދަ ނުކުރައްވާނެ ކަމުގެ ޔަގީންކަން މެމްބަރުންނަށް ދޭ
  • އެމްޑީޕީ ސަރުކާރާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ މި ސަރުކާރުގެ މިނިސްޓަރުން ދައްކަވާ

| | 8 ޖެނުއަރީ 2018 | ހޯމަ 15:51 | @Murshidhu | |ރައީސުލް ޖުމްޙޫރިއްޔާގެ ދެކަނބަލުން ޕީޕީއެމްގެ ޖަލްސާއެއްގައި ބައިވެރިވަޑައިގަންނަވަނީ:- -- ފޮޓޯ:ޓްވިޓަރ

ސަރުކާރު ހިންގާ މައި ޕާޓީން ކެމްޕެއިން ކުރަމުންދަނީ ރައީސް އަބްދުﷲ ޔާމިން ދެ ވަނަ ދައުރަކަށް ހޮއްވެވުމަށެވެ. މި މަސައްކަތުގެ ތެރޭގައި އެ ޕާޓީގެ އާންމު މެމްބަރުންނަށް އެ ޕާޓީގެ އިސްވެރިން އަދި ސަރުކާރުގެ ވަޒީރުން ދެއްވާ ޔަގީންކަމެއް އެބަ އޮތެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އަދި އެމްޑީޕީގެ ކެނޑިޑޭޓެއްވެސް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމެވެ. އެކަމާ އެއްގޮތަކަށް ވެސް ކަންބޮޑު ނުވުމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު އެދިވަޑައިގަތުމުން އެ ބޭފުޅުންނަށް އޮތް ކަންބޮޑުވުމަކީ ހަމަ އެކަނި ރައީސް ނަޝީދާއި އެމްޑީޕީ ކަމަށް ބެލުމުގެ ޖާގަ އެބަ އޮތެވެ.

ޕީޕީއެމްގެ އާންމު ޖަލްސާގައި އަޒްލީން އެންމެ ގިނަ އިން ބަހުގެ ހަމަލާތަކެއް ދެއްވީ ރައީސް ނަޝީދަށެވެ. އެމަނިކުފާނަކީ މި ސަރުކާރަށް އޮތް ބޮޑު ގޮންޖެހުމެއްކަން އަޒްލީންގެ ވާހަކަފުޅުން އެނގެ އެވެ. ރައީސް ނަޝީދަށް އެކަމަކުން އެންމެ ބޮޑު ތާއީދެއް ލިބިވަޑައިގެންނެވި ކަންކަން އެއީ ރައީސް ޔާމިން ގެންނެވި ކަންތައްތައް ކަމަށް ހައްދަވައިގެން ވެސް ވާހަކަފުޅު ދެއްކެވިއިރު ދެން އެ އަޑުއަހަން ވެސް ތިބީ ހަމަ މި ގައުމުގެ ރައްޔިތުން ކަމަށް ވެސް ގަބޫލު ނުކުރައްވާ ފަދަ އެވެ.

ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ޕީޕީއެެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ:- 

 ސިއްހީ ނިޒާމްގެ ތެރެއިން އެމްޑީޕީ ސަރުކާރުގައި ރައްޔިތުންނަށް ގެނެސްދިން "އާސަންދަ"ނިޒާމަކީ ވެސް ރައީސް ޔާމިން ގެންނެވި ނިޒާމެއް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުން ރައީސް ނަޝީދު ތައާރަފު ކުރެއްވި އާސަންދަ އަކީ ރައީސް ޔާމިންގެ މޭސްތިރިކަމުގައި ގެންނެވި "މަދަނަ"ކިޔާ ޕްރޮގުރާމެވެ.  ރައީސް ނަޝީދު ކުރެއްވި ކަމަކީ އޭގެ ނަން އާސަންދަ އަށް ބަދަލު ކުރެއްވުމެވެ. އެއީ ރައީސް ޔާމިން ކޮންއިރަކު އުފެއްދެވި "މަދަނަ"ޕްރޮގުރާމެއް ކަމެއް ނޭނގެ އެވެ. ބޭނުންވަނީ އާސަންދަ ތައާރަފު ކުރެއްވުމުގެ ލަގަބު ނަޝީދު އަތްޕުޅުން ރައީސް ޔާމިންގެ އަތްޕުޅަށް ބަދަލު ކުރައްވާށެވެ.

ދެން އޮތީ ލާމަރުކަޒީ ނިޒާމަށް އެމްޑީޕީ އާއި ރައީސް ނަޝީދު ކުރެއްވި މަސައްކަތަށްޓަކައި ލިބޭ ތާއީދެ އެވެ. އެކަން ބަދަލު ކުރެއްވުމަށް ހޯމް މިނިސްޓަރު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ކޮންމެ ރަށަކަށް ކައުންސިލަރަކު އައްޔަން ކުރެއްވި ވާހަކަ އެވެ. އެއީ ކަތީބުން ކަމު ނުދިޔަ ބަޔަކު އަލުން ހަމަ ކަތީބުންތަކެއް ކައުންސިލަރުންގެ ނަމުގައި އައްޔަން ކުރެއްވުން ކަމަށް ހޯމް މިނިސްޓަރު ވިސްނަދެއްވުމަށް ވަނީ މަސައްކަތްޕުޅު ކުރައްވާފަ އެވެ. ނަމަވެސް ހަގީގަތަކީ އާ ގާނޫނު އަސާސީއާއެކު ކައުންސިލަރުން އިންތިހާބުކުރުމާ ދެމެދު އިންތިގާލީ މަރުހަލާގައި ރައީސް ނަޝީދަށް ކައުންސިލަރުން އައްޔަން ކުރައްވަން ޖެހިވަޑައިގަތުމެވެ. އެކަން ކުރެއްވީ އިންތިހާބީ ކައުންސިލަރުން ހޮވެންދެނެވެ. ނަމަވެސް މި ސަރުކާރުގެ ވަޒީރުން އެ ވާހަކަ އެ ގޮތައް ދެއްކެވުގެ ބޭނުމަކީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމު ފުނޑާލައި،ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ކުރި މަސައްކަތުގެ ވާހަކަ އޮއްބާލުން ކަމަށް ގަބޫލުކުރަން ޖެހެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ވެރިކަމުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަނީ 

ދެން އޮތީ އެމްޑީޕީން އެއްވެސް ކެނޑިޑޭޓެއް ނުނިކުންނަވާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު ދެއްވުމެވެ. އެއީ ބޮޑު އުފަލެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވުމަކީ ޕީޕީއެމްގެ މެމްބަރުންނަށް ވެސް ދެވޭނެ އުފާވެރި ހަބަރަކަށް ވެދާނެ އެވެ. ހަމަ އެހެންމެ ސަރުކާރުން ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދާއި އެމްޑީޕީގެ ކެނޑިޑޭޓެއް ނުނިކުމެއްޖެ ނަމަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމިނާ ވާދަ ކުރައްވާނެ "އޮއްޓަރު ހުރި" ކެނޑިޑޭޓެއް ނުހުންނާނެ އެވެ. މި ވާހަކަތަކުން ސާފުކޮން އެނގެނީ ރައީސް ނަޝީދާއި އެމްޑީޕީން ކެނޑިޑޭޓަކު ނެރުނަ ނުދިނުމަށް ސަރުކާރުން ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމެވެ. ނަމަވެސް އާހިރުގައި އެމްޑީޕީން ކެނޑިޑޭޓެއް ނެރުމަކީ ނުވާނެ ކަމެއް ވެސް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް