26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ރޭޕް ކުރުން

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

  • އެއް ފަހަރު ބުނާ އެއްޗެއް ދެ ވަނަ ފަހަރަށް ބުނާއިރު ދިމައެއް ނުވޭ
  • އަލަށް ދިމާވި އަންހެން ކުއްޖާއާ ޒާތީ ދިރިއުޅުގެ ވާހަކަ ކިޔައިދިން ކަމަށް ބުނި
  • އަވަސް އަރުވާލައިގެން ވާހަކަ ދެއްކުމުން، އިތުރު ސުވާލުތަކެއް!
ޙުސައިން ޙަސަން | hucenhassan

| 7 ޖެނުއަރީ 2018 | އާދީއްތަ 01:58 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
  8. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް


އަންހެން ކުއްޖަކު ރޭޕު ކުރި ކަމަށް ތުހުމަތު ކުރާ ހަސަން ފާއިޒު--- ފޮޓޯ/ ޓްވިޓާ -- ރާއްޖެއެމްވީ ފޮޓޯ : ޙުސައިން ޙަސަން

އެއްފަހަރު ބުނާ އެއްޗެއް ދެ ވަނަ ފަހަރަށް ބުނާއިރު ދިމާނުވުމަކީ މައްސަލައެކެވެ. ވާހަކަތަކުގައި ފުށުއެރުން ހުރުމަކީ މައްސަލައެކެވެ. އިތުބާރު ގެއްލޭ ކަމެކެވެ. ޝަރުއީ މަރުހަލާގައި ހެކި ސާބިތުކުރުމަށް ބޭނުންވާނީ ސާފު ސީދާ ހެއްކެވެ. ޝައްކެއް ޝުބުހެއް ނެތް މިންވަރަށް ކަށަވަރުވުމެވެ. މާ ބޮޑަށް އަވަސް އަރުވާލައި، ހަލުވި ކަމާއެކު، ދޫ ފުރޮޅޭ ވަރަށް ވާހަަކަ ދެއްކުމަކީ ނަފްސާނީ ހާލަތު ވަޒަންކޮށްދޭ ކަމެކެވެ. މީހަކަށް ކިޔާ ނަމެއް، އެކިއިރު އެކި ގޮތް ގޮތަށް ކިއުމަކީ ވެސް އެފަދަ މައްސަލައެކެވެ.

ފެންމަތިވެފައިވާ ރޭޕުގެ މައްސަލައާ ގުޅިގެން، ގދ. ތިނަދޫ، ދެކުނުގޭ، ހަސަން ފާއިޒު ހައްޔަރު ކުރުމުގެ ކުރިން "ރާއްޖެއެމްވީ"އަށް ދީފައިވާ އިންޓަވިއުއެއްގައި އެފަދަ ކަންތައްތަކެއް ފާހަގަ ކުރެވެއެވެ. ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ އެއްބަނޑު އެއްބަފާ ކޮއްކޮ، ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ބައެއް ހަގީގަތްތައް ފޮރުވަން ބޭނުންވިކަން އެނގިގެންދެ އެވެ. 

ހަސަނަކީ, ނިހާންގެ އެއްބަނޑުއެއްބަފާ ކޮއްކޮތޯ "ރާއްޖެއެމްވީ"އިން އޭނާއާ ސުވާލު ކުރުމުން، އެކަމަށް އޭނާ އިންކާރުކޮށްފައިވެ އެވެ. ހަސަން ބުނީ އޭނާއަކީ ނިހާންގެ އެއްބަނޑުއެއްބަފާ ކޮއްކޮއެއް ނޫން ކަމަށެވެ. ހަސަން ހަމައެކަނި ބުނީ އޭނާއަކީ ނިހާންގެ އާއިލާގެ މީހެއް ކަމަށެވެ. އާއިލީ ގޮތުން ގުޅެނީ ކިހާ ހިސާބަކުންތޯ ސުވާލު ކުރުމުން ތަފްސީލަކަށް ނުދިޔައެވެ.

ރާއްޖެއެމްވީން ބެލިބެލުމުން އެނގުނު ގޮތުގައި ހަސަނަކީ ނިހާންގެ އެއްބަނޑުއެއްބަފާ ކޮއްކޮއެވެ. ނިހާން ނިސްބަތްވާ، ތިނަދޫ ދެކުނުގޭގައި އެއްބަނޑުއެއްބަފާ ހަ މެމްބަރުން ތިބެއެވެ. ހަސަނަކީ އޭގެތެއިން އެކެކެވެ.

ހޮނިހިރު ދުވަހުގެ ރޭ ހަސަން ހައްޔަރުކޮށްފައި ވަނީ ތިނަދޫ ކެފޭއެއްގެ ތެރޭގައި އިންދައެވެ. ހަސަން މާލެއިން ފުރައިގެން ތިނަދޫއަށް ދިޔައީ ރޭޕުގެ މައްސަލަ ފެންމަތިވެ، އެ މައްސަލަ ތަހުގީގު ކުރަން ފަށާފައި ވަނިކޮށެވެ. މިދިޔަ ބުދަ ދުވަހު ހުށަހެޅި އެ މައްސަލައާ ގުޅޭ ގޮތުން، ފާއިތުވެދިޔަ ތިން ދުވަހު ވެސް ފުލުހުން ހަސަނާ ސުވާލެއް ނުކުރެއެވެ.

ރޭޕްގެ މައްސަލައިގައި ހަސަންގެ މައްޗަށް ތުހްމަތުކޮށް، އެ ވާހަކަ މުޅި ގައުމުގައި ދައްކަމުން ދިޔައިރު ވެސް ފުލުހުން އޭނާ ހައްޔަރުކުރުން ލަސްވެގެން ދިޔައީ ކީއްވެގެން ކަމެއް ނޭނގެ އެވެ. އޭނާ ހައްޔަރުކުރީ، އެކަމަށް ނިހާން "އޯކޭ" ދިނުމުންނޭ ބުނުމުގެ ޖާގަ ލިބެނީ ނިހާނުގެ ޓްވީޓުންނެވެ. ހަސަން ހައްޔަރުކޮށްފައި ވަނީ, ރޭޕްގެ އަމަލުގައި ބައިވެރިވީ ކޮންމެ މީހަކު ނަމަވެސް އެ މީހަކު ހައްޔަރުކުރަން ޖެހޭނެ ކަމަށް ނިހާން ޓްވީޓްކުރި ފަހުން ނެވެ.  

 

ހަސަން ރޭޕުކުރި ކަމަށް ބުނާ އަންހެން ކުއްޖާ ވެސް ވަނީ ރާއްޖެއެމްވީއާ ވާހަކަ ދައްކާފައެވެ. ނަވާރަ އަހަރުގެ އެ އަންހެން ކުއްޖާ ރާއްޖެ އެމްވީއަށް ބުނީ ރޭޕްކުރުމުގެ މައްސަލަ ސިއްރުކުރުމަށް ހަސަން 16,000 ރުފިޔާ އޭނާއަށް ހުށަހެޅި ކަމަށާއި ނަމަވެސް އެ ފައިސާގައި އޭނާ ހިފާފައި ނުވާނެ ކަމަށެވެ. ރޭޕުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށް ބުނުމުން، "ކަމެއް ނުވާނެއޭ" ހަސަން ބުނި ކަމަށް އެ އަންހެން ކުއްޖާ ބުންޏެވެ.

"ފައިސާގައި ނުހިފައި އަޅުގަނޑު ބުނީ ރިޕޯޓް ކުރާނަމޭ. ބުނީމަ ބުނީ ކަމެއް ނުވާނެއޭ،" ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނާ އަންހެން ކުއްޖާ ބުންޏެވެ.

އެ އަންހެން ކުއްޖާ ބުނީ ރޭޕުގެ މައްސަލައާ ގުޅިގެން، މީޑިއާއާ އިތުރަށް ވާހަކަ ނުދެއްކުމަށް އޭނާގެ ގާނޫނީ ވަކީލު އެދިވަޑައިގެންފައިވާ ކަމަށާއި އެ ސަބަބާ ހުރެ އިތުރަށް އެއްޗެއް ބުނެވެން ނެތް ކަމަށެވެ.

ރޭޕްގެ އަމަލު ހިންގި ކަމަށް ހަސަން އިންކާރު ކުރެ އެވެ. އޭނާ ބުނި ގޮތުގައި ރޭޕުގެ ޝިކާރައަކަށްވި ކުއްޖާގެ ގައިގައި، ރުހުމުގައި ވެސް އަދި ނުރުހުމުގައި ވެސް އަތްލާފައި ނުވާނެ ކަމަށެވެ. ރޭޕު ކުރި ކަމަށް ތުހުމަތުކޮށް ދައްކަމުންދާ ވާހަކަތަކަކީ، އާއިލާގެ މެމްބަރުން ގަބޫލު ކުރާނެ ވާހަކަތަކެއް ނޫން ކަމަށާއި ނަމަވެސް ފިރިހެނެއްގެ ގައިގައި ތެޅި ކަމަށް ބުނާނަމަ، އެކަން އާއިލާގެ މެމްބަރުން ގަބޫލުކޮށްފާނެ ކަަމަށެވެ.

"އަޅުގަނޑު ރުޅިއަސްގެން އެއްޗެކޭ ކިޔައިފިއޭ، އަތްލައިފިއޭ ތަޅައިފިއޭ ފިރިހެން ކުއްޖަކާ އެހެންނަމަ ކޮންމެ ވެސް ވަރަކަށް ގަބޫލުކޮށްފާނެ،" އުމުރުން 33 އަހަރުގެ ހަސަން ބުންޏެވެ.

ރޭޕްގެ ޝިކާރައަކަށްވި އެ އަންހެން ކުއްޖާއަކީ މާބޮޑަށް ދަންނަ ކުއްޖެއް ނޫން ކަމަށާއި އޭނާއާ ދިމާވީ އިންސްޓަގްރާމުން ކަމަށް ހަސަން ބުންޏެވެ. ކުރެހުމުގެ ޕްރޮޖެކްޓެއްގެ ވާހަކަ ސޯޝަލް މީޑިއާގައި ދެ މީހުން ދެއްކި ކަމަށާއި އެއަށްފަހު ކޮފީ ޝޮޕަކަށް ގޮސް ބައްދަލުވެ ވާހަކަ ދެއްކި ކަމަށް އޭނާ ބުންޏެވެ. ކޮފީ މޭޒުގައި ދެ މީހުން ދެއްކީ ކުރެހުމުގެ ޕްރޮޖެކްޓަކާ ބެހޭ ގޮތުން ކަމަށާއި ދިރިއުޅުމުގެ ޒާތީ ވާހަކަތައް ވެސް އެ އަންހެން ކުއްޖާއާ ހިއްސާ ކުރެވުނު ކަމަށް ހަސަން ބުންޏެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ވަކި ހިސާބަކުން ހަސަން ބުނީ ފުރާވަރު އެ އަންހެން ކުއްޖާގެ ނަން ވެސް އެހާ ބޮޑަށް ނޭނގޭ ކަމަށެވެ. އޭނާ ވާހަކަ ދެއްކިއިރު، އަންހެން ކުއްޖާގެ ނަން މުޅިން ތަފާތު ދެ ގޮތަކަށް ބޭނުންކުރިކަން ފާހަގަ ކުރެވެއެވެ.

އޭނާގެ އިންޓަވިއުއިން ދެން ފާހަގަ ކުރެވުނު އަނެއް މައްސަލައަކީ ފުރަތަމަ ފަހަރަށް ދިމާވެގެން، ކޮފީ ޝޮޕަކަށް ދިޔަ ކަމަށް ބުނާ ދުވަހު، ހަސަންގެ ޒާތީ ދިރިއުޅުމުގެ ވާހަކަތަކެއް ކޮފީ މޭޒުގައި އަންހެން ކުއްޖާއާ ހިއްސާކުރި ކަމަށް ބުނާ ބުނުމެވެ. ލޯބީގެ ގޮތުން ހަސަން ގުޅިގެން އުޅުނު އަންހެން ކުއްޖައާ މައްސަލަ ޖެހި މާރާމާރީ ހިންގާ ހިސާބަށް ކަންތައްތަކެއް ދިޔަ ކަމަށް ބުނެ، ވާހަކަތަކެއް އަންހެން ކުއްޖާއާ ހިއްސާކުރި ކަމަށް ހަސަން ބުންޏެވެ.

އޭނާގެ ދިރިއުޅުމުގެ ޒާތީ މައުލޫމާތުތަކެއް ނުދަންނަ އަންހެން ކުއްޖަކާ، ފުރަތަމަ ފަހަރަށް ދިމާވެގެން ހިއްސާކުރަންވީ ކީއްވެތޯއޭ ސުވާލު ކުރުމުން އޭނާ ބުނީ އެ ވާހަކަ ދެއްކުނީ "ހިތުގައި އެއްވެސް އެއްޗެއް ނެތުމުން" ކަމަށެވެ.

"ކޮފީއަކަށް ގޮއްސަ ތިބޭއިރު ނުދަންނަ ކުއްޖަކަށް ވިޔަސް، ނުދަންނަ އަންހެން ކުއްޖަކަށް ވިޔަސް އަޅުގަނޑުގެ ޕާސަނަން ލައިފްގެ ވާހަކަތައް ވެސް ކިޔައިދެވުނީ. ހިތުގައި އެއްވެސް އެއްޗެއް ނެތީމަކަމަށްވީމަ ކަމަށްވާނީ އެ ވާހަކަ އެގޮތަށް ދެއްކޭނީ ވެސް،" ހަސަން ބުންޏެވެ.

ކުރެހުމުގެ ޕްރޮޖެކްޓެއްގެ ވާހަކަ ކޮފީ މޭޒުގައި ދެ މީހުން ދެއްކި ކަމަށާއި ކުރެހުންތަކެއް ކުރަހަން ލިބިފައިވާ 30 ފޫޓުގެ ފާރެއްގައި ކުރަހާނެ ގޮތްތަކާބެހޭ ގޮތުން ދެ މީހުން ކޮފީގައި ވާހަކަ ދެއްކި ކަމަށް ހަސަން ބުންޏެވެ. އޭނާ ބުނީ 30 ފޫޓުގެ ފާރުގެ، ދެބައިކުޅަ އެއްބައަށްވާ 15 ފޫޓުގައި ކުރެހުމުގެ މަސައްކަތާ އަންހެން ކުއްޖާއާ ހަވާލުވެއްޖެނަމަ 2،000 ރުފިޔާ އާއި 3،000 ރުފިޔާއާ ދެމެދުގެ އަދަދެއްގެ ފައިސާ ލިބޭނެ ކަމަށެވެ. އެ އަދަދާމެދު ހިތްހަމަނުޖެހިގެން، ޕްރޮޖެކްޓަށް ޖުމްލަ ލިބެނީ ކިހާވަރެއްތޯ އެ އަންހެން ކުއްޖާ އެހި ކަމަށާއި ޖަވާބުގައި 15،000 ރުފިޔާ ލިބޭނެ ކަމަށް ބުނި ކަމަށް ހަސަން ބުންޏެވެ.

ހަސަންއާ ވާހަކަ ދައްކާލުމުން، އޭނާ އެ ވާހަކަ ދެގޮތަކަށް ދެއްކި އެވެ. އެންމެ ފުރަތަމަ ބުނީ ރެސްޓޯރެންޓެއްގެ 60 ފޫޓުގެ ފާރެއްގައި ކުރެހުމުގެ ޕްރޮޖެކްޓެއް ލިބިފައިވާ ކަމަށާއި އޭގެ ދެ ބައިކުޅަ އެއްބައަށްވާ، 30 ފޫޓުގައި ކުރަހަން އަންހެން ކުއްޖާ އެއްބަސްވެއްޖެނަމަ، އަގު ލިބޭނެ ކަމަށެވެ. ނަމަވެސް ފަހުން ބުނީ ކުރަހަން ލިބިފައި ވަނީ 30 ފޫޓުގެ ފާރެއްގައި ކަމަށެވެ. އެހެންކަމުން ފާރުގެ ބޮޑުމިނުގެ ވާހަކަ ހަސަން ދައްކާފައި ވަނީ ދެގޮތަށެވެ.

ހަސަން ބުނީ ޖެހިގެން އައި ދުވަހު، އޭނާ ދިރިއުޅޭތަނަށް އެ ކުއްޖާ އައި ކަމަށާއި ތިން ގަޑިއިރު ވަންދެން އެތަނުގެ ތެރޭގައި ދެ މީހުން ވާހަކަ ދައްކަން ތިބި ކަމަށެވެ. އަދި ސައިކަލުގައި ގެއަށް ގެންގޮސް ދިނުމަށް އެ ކުއްޖާ އެދުނު ކަމަށާއި ނަމަވެސް އޭނާގެ އަތުގައި އެ ވަގުތު ސައިކަލެއް ނެތުމުން، ކުޑައިރުކޮޅަށް މަޑުކޮށްލައިފިނަމަ ސައިކަލެއްގައި ގެންގޮސްދެވިދާނެ ކަމަށް ބުނި ކަމަށް ހަސަން ބުންޏެވެ. ނަމަވެސް އެ އަންހެން ކުއްޖާ މަޑުނުކޮށް ދިޔައީ ކަމަށް އޭނާ ބުންޏެވެ.

އޭނާ އެ ގެއިން ނުކުމެގެން ދިޔަތާ އިރުކޮޅެއްގެ ތެރޭގައި މާރާމާރީ ހިންގާ ގޮތަށް ތައްޔާރުވެގެން ކަހަލަ ގޮތަކަށް ތިބި ބަޔަކު އޭނާއަށް ގުޅި ކަމަށާއި އެކަމާ ބިރުން ފޯނު ނިއްވާލި ކަމަށް ވެސް ހަސަން ބުންޏެވެ. މިގޮތަށް އަމަލުކުރީ ކީއްވެގެން ކަމެއް ހަސަން ނުބުނެ އެވެ. 

މާރާމާރީ ހިންގަން ބަޔަކު އުޅޭނަމަ ފުލުހުންނަށް ރިޕޯޓުނުކޮށް، ފޯނު ނިވަންވީ ކީއްކުރަންތޯއެވެ. ފޯނު ނިއްވާލައި، ވީގޮތެއް ނާނގައި "ވާނުވާއެއް"ގެ ތެރެއަށް ގެއްލެންވީ ކީއްވެގެންތޯއެވެ؟ މިއީ އުފެދޭ ސުވާލެވެ. 

ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނާ އަންހެން ކުއްޖާގެ މައްޗަށް ތުހުމަތުކޮށް، ނިހާންގެ ކޮއްކޮ ރާއްޖެއެމްވީއަށް ވަރަށް ގިނަ ވާހަކަތަކެއް ކިޔައިދިނެވެ. އެ ވާހަކަތަކުގެ ތަފްސީލު ރާއްޖެއެމްވީން ހާމަނުކުރަނީ އެ އަންހެން ކުއްޖާއަކީ ކާކުކަން އެނގިދާނެތީއެވެ. އަދި ތަހުގީގު ހިނގަމުންދާ މައްސަލައަކަށްވާތީ، ޖިންސީ ޝިކާރައަކަށްވެފައިވާ ކަމަށް ބުނާ އަންހެން ކުއްޖަކަށް ވާތީ، އޭނާގެ ހައްގުތައް ކަށަވަރު ކޮށްދިނުމުގެ ގޮތުންނެވެ.

ކޮއްކޮގެ މައްޗަށް ކުރާ ތުހްމަތުތަކާ ގުޅިގެން ނިހާނު ވިދާޅުވީ އާއިލާގެ މެމްބަރަކު ކުރާ ކަމަކާ ގުޅިގެން އޭނާއަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. މީހަކު މަރުވެ ދިޔުމުން ކަށްވަޅުގައި ސުވާލު ކުރެވޭނީ އޭނާގެ އަމަލުތަކާ ގުޅޭ ގޮތުން ކަމަށާއި އެހެން މީހެއްގެ އަމަލުތަކާ ގުޅޭ ގޮތުން ސުވާލެއް ނުކުރެވޭނެ ކަމަށް ނިހާނު ވިދާޅުވި އެވެ. އެހެން ކަމުން އެހެން މީހުން ކުރާ ކަންތަކާ ގުޅޭ ގޮތުން ސުވާލު ނުކުރުމަށް އެދިވަޑައިގަތެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ތިމަންނަ

9 މަސް ކުރިން

ދޮންކެޔޮގަޑު އަނެއްކާ ފީވަނީ އުތަ؟

3
0
އައްޔު

9 މަސް ކުރިން

ބުނެވިދާނެ މައުމޫނު ނަޝީދު އަދި އެހެނިހެން މީހުން ޓުވީޓްކުރުމުންނޭ ހައްޔަރުކުރީ

2
1
މިގޭ

9 މަސް ކުރިން

މިހާރު ކަލޭމެން ތަހުޤިގުވެސް ކުރަންފެށީތަ ! ހައިރާނެއް ނުވާނެ ބަޔަކު . މިހާ ޕޮލިހާ ކޯޓްތަކުގެ ބޭނުން ކަނޑުވާލާ މިކަހަލަ ކަންތަކުގެ ތެރެއަށް ވަނަން ފޭށީތީ ހިތާމަކުރަން. ލަދުން ބޯހަލާކު.

4
11
ހަސަނު

9 މަސް ކުރިން

މީހަކު ފޯނު ކުރުމުން މާރާމާރީ އަކަށް ތައްޔާރުވެގެން ތިބި ބަޔަކު ގުޅި ކަމާޢި، އެންމެ ރަނގަޅު ގޮތަކީ ފޯނު ނިއްވާލުން ކަމަށްވީ، ނަމާދަށް ހަށަން ބަންނަނިކޮށް ބަޔަކު ގުޅީމަތޯ؟

13
0
މާއިގޭ

9 މަސް ކުރިން

ދެން އެހެންވީމާ ނަޝީދުގެ އާއިލާ މީހުން ކުރިކަމަކާ ނަޝީދުއާ ގުޅުވަނީ ކީއްވެބާ؟

24
6