24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

އަޖަލު

އަޖަލު

  • 1 ވަނަ ބައި
މުހައްމަދު ގާސިމް | muhammadhqaasim

| 2 ޖެނުއަރީ 2018 | އަންގާރަ 20:39 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  3. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  4. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  8. އިންތިޚާބު އިބޫ ކާމިޔާބު ކުރައްވައިފި


ވާހަކައިގެ ތީމް ފޮޓޯ -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ހުޅިލައި ނަގަމުން ދިޔަ ބިޔަ ރާޅުތަކުގެ ގަދަފަދަކަމެވެ. ވެހެމުން ދިޔަ ވާރޭގެ ތިކިތަކުގެ ބޮޑެތިކަމެވެ. ވިދާލާ ވިދުވަރުގެ ތޫނުކަމެވެ. ޖަހާލާ ގުގުރީގެ ބިރުވެރިކަމެވެ. ވޭނީ ރުއިމާއި ގިސްލުމުގެ އަޑުގައި ހުރި ހިތްދަތިކަމެވެ. ނުރައްކާތެރި އިންޒާރުގެ އަޑުތަކުގެ ރަޙުމު ކުޑަކަމެވެ. ނިކަމެތި އާދޭހުގެ އަޑުތަކުގެ ކެކުޅުންތަކެވެ. ހެދެމުން ދިޔަ ލޭގެ ކޯރުތަކުން ފެންނަ އަނިޔާވެރިކަމެވެ. މަރަށް ދެމެމުންދާ ހަށިތަކުން ނިކުންނަ އާހުގެ އަޑުތަކެވެ. އިސާހިތަކު އަޑުތައް މަޑުވާން ފަށައިފިއެވެ. މަންޒަރު ފުސްވާން ފަށައިފިއެވެ. މަޑުމަޑުން ހިނދެމުން ގޮސް އަޑުކެނޑި، މަންޒަރު ގެއްލި ހަމަހިމޭން ވެއްޖެއެވެ. މުޅި މާޙައުލު ފުސްވެ އަނދިރި ވެއްޖެއެވެ.

އުދަރެސް ދޮންކުރަން ފަށައިފިއެވެ. ތަފާތު އެކި ކުލަތަކުން އުޑުމަތި ފެވެމުން، ކުލަ ޖެހެމުން އަންނަނީ، ވިސްނައިފި މީހަކަށް ﷲގެ ކުޅަނދުންވަންތަކަން ހަނދާންކޮށްދެމުންނެވެ. ޖައްވަށް ވެރިވެފައިވާ ފަތިހުގެ ފިނިކަމާއި ހަމަހިމޭންކަމުގެ ތެރޭގައި ގދ. މާތޮޑާގެ ހިތްވަރުގަދަ މަސްވެރިން، ފަތިހުގެ މީރު ނިދިކޮޅު ގުރުބާންކޮށްފައި ފުރައިގެން އެ ދަނީ، އެމީހުންނަށް މިއަދަށް ހަމަޖެހިފައިވާ ރޯދިބަރަކާތާ ދިމާއަށެވެ. ލައިގެންކާނޭ މަހެއް ބޭވޭތޯއެވެ.

ދުވަސްވަރަކީ ދިވެހިރާއްޖޭގެ ތާރީޚު ނުދެކޭ ފަދަ ބިރުވެރި، ހިތްދަތި ދުވަސްވަރެކެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ނުރައްކާތެރިކަން މުޅި ހިންދު ކަނޑަށް ފެތުރި، ޢާންމުވެފައިވާ ދުވަސްވަރެވެ. ޖަޕާނުގެ ސަބުމެރީންތައް އިންޑިޔާ ކަނޑުގައި ފުމެ ނަގަނީ، ބަޔަކު ބިރުން ފިތްކަނޑައިގެންދާ ފަދަ ދަރަޖައަކަށެވެ. މި ކުޑަކުޑަ ފުށި ޤައުމަށް ވެސް އެ ކަމުގެ ނުރައްކާ އޮތީ އިންތިހާއަށެވެ. އެހެންކަމުން މަސްވެރިން، އެ ގޮތަށް ކަނޑުމައްޗަށް ނިކުމެ، ދުރަށް ދުއްވައި އުޅުމަކީ، އެއްވެސް ހާލެއްގައި ރައްކާތެރިކަމެއް ނޫނެވެ. އަނެއްކޮޅުން މި ހަނގުރާމައާ ގުޅިގެން، ދިވެހީންނަށް ކުރިމަތިލާން ޖެހިފައިވަނީ، މިއިން ޒަމާނަކު ކުރިމަތި ނުވާހައި ބޮޑު ތަދުމަޑުކަމަކާއެވެ.

މާތޮޑާއިން މަހަށް ފުރި އޮޑިދޯނިފަހަރުގެ ތެރެއިން އެއް އޮޑީގައި، މާތޮޑާ ދޮންކަލޯބެއްޔާގެ އާދަނު (އެރަށު މީހުން ކިޔާގޮތަށް ނަމަ އާދަނާ) އިނެވެ. އާދަނާއަކީ އުމުރުން ފަންސަވީހަކަށް އަހަރުގެ ނޫކަށި ޒުވާނެކެވެ. ހީވާގި މަސްވެރިއެކެވެ. ހެދިހުރި ފުރިހަމަ ހަށިގަނޑެއްގެ ވެރިއެކެވެ. އެރަށު ޒުވާން ފުރައިގެ އެތައް އަންހެން ކުދިންނެއްގެ ހިތްތަކުގެ މިޙުރާބެވެ. ފިރިއެއްގެ ކިބައިގައި ހުންނަންވީ ހުރިހާ ރަނގަޅު ސިފަތަކެއް އެންމެ ފުރިހަމަގޮތުގައި ލިބިހުރި ފަސްމީރު ކުރި ރުކެކެވެ.

މިއަދު އާދަނާގެ ހިތަކީ، ހުސް ހިތެއް ނޫނެވެ. އެތައް ކުދިންނެއް އޭނާއަށް ޓަކައި ފިދާވާން ތައްޔާރަށް ތިއްބާ، އޭގެތެރެއިން ކުއްޖަކު އޭނާގެ ޚިޔާރު ކޮށްފިއެވެ. އެރަށު އާމިންދިޔަގެ ހައްވާދިޔެއެވެ. ހައްވާދިޔެގެ އުމުރަކީ އެކާވީސް އަހަރެވެ. އެއީ އެ ރަށުގެ ނިސްބަތުން ރީތި ކުއްޖެކެވެ. ސިފަ އެކަންޏެއް ނޫނެވެ. އުޅުމެވެ. ވާހަކަދެއްކުމެވެ. އެޒަމާނާ އަޅައި ބަލާއިރު، ތަޢުލީމީ ކުއްޖެއް ވެސް މެއެވެ. އުފާވެރި ދިރިއުޅުމަކަށް ކިތަންމެހައި ވެސް ރަނގަޅަކަށް ދޮންވެ ފައްކާވެފައިވާ ކުއްޖެކެވެ.

އާދަނާގެ މިއަދުގެ އެންމެ ބޮޑު ހުވަފެނަކީ، ވީ އެންމެ އަވަހަކަށް ހައްވާދިޔެއާ ކައިވެނިކޮށް، އުފާވެރި ދިރިއުޅުމެއް ފެށުމެވެ. ދަރިންކޮޅެއް ހޯދައިގެން، ދުނިޔަވީ ހަޔާތް ފާގަތިކަމާއެކު ހޭދަކުރުމެވެ. އެހެންނަމަވެސް މިއަދު ދުނިޔެ ކުރިމަތިލާފައި މި ވަނީ، ވޭން ގަދަ ދުވަސްވަރަކާއެވެ. ހިތްދަތި ދުވަސްވަރަކާއެވެ. މިއީ ދުނިޔޭގެ އުޞޫލެވެ. އެއް ކަމެއް ވެސް ތާއަބަދު އެއްގޮތަކަށް ދެމިއެއް ނޯންނާނެއެވެ. ފަހި ދުވަސްތަކާ ކުރިމަތިލާ އުޞޫލުން، ދަތި ދުވަސްތަކާ ވެސް ޖެހޭނީ ކުރިމަތިލާށެވެ. ކެތްތެރިކަމާއެކުގައެވެ. އަދި މިދުވަސް ފިއްލަވާނެއެވެ. އަމާން ދުވަސްތަކަކަށް އަލިވިލޭނެއެވެ. މިއީ އާދަނާ ގަބޫލުކުރާގޮތެވެ. ހައްވާދިޔެ ވެސް ދެކޭގޮތެވެ.

އާދަނާ މަހަށް ދިޔަ ދޯނި މަހުން ލެފިއިރު، އަސުރުން އިރު ތިރިވެ، އޮއްސުމާ ދާދި ކައިރިވެއްޖެއެވެ. ކާޅުތައް ބައިބަޔަށް ރަށްމަތީން، ގޮނޑުދޮށުން، ކޮޅުކޮޅަށް އުދުހެމުން ދާތަން ފެނެއެވެ. މަސްވެރީން މަހުން ލަފާނޭ ވަގުތަކަށް އިންތިޒާރުކުރަމުން ގެންދާ ކަހަލައެވެ. ގޮނޑުދޮށުގައި ދޮށި އެއްލަން ދެތިން މީހަކު ތިއްބެވެ. ކުކުޅަށް ކާންދޭން އުޅުނު ދެ އަންހެނަކު ހޭޅިފަށުން ގޮސް ބޮޑުމަގަށް އަރާތަން ފެނެއެވެ. އަތިރިމަތީގައި ކުޅެން އުޅުނު ކުޑަ ކުދީން، ގެއާދިމާއަށް ހޭރިޔާކުރަން ފަށައިފިއެވެ.

ލިބުނު މަސްކޮޅު ކަރުއަޅާލުމަށްފަހު، ރާޅުފަށަށް އެރި ދޮވެލައިގެން، އާދަނާ އެއްގަމަށް އެރުމަށް ޓަކައި ހިނގައިގެންފިއެވެ. އާދަނާގެ އަތުގައި އޮތީ އެންމެ ހަ ލައްޓިއެވެ. މިއަދު މަސްވެރިކަން މާ ރަނގަޅު ދުވަހަކަށް ނުވިއެވެ. އެއީ އޮޑިން މަހަށް ދިޔަ ކޮންމެ މީހަކަށް ވެސް ލިބުނު ވަރެވެ.

އެއްގަމަށް އެރުމަށްޓަކައި އާދަނާ ހިނގައިގަތްއިރު، އަތިރިމަތީގައި ހުރި ރަތުރުކެއްގައި ލެނގިލައިގެން އެހެރީ، އޭނާގެ ހައްވާދިޔެއެވެ. ހައްވާދިޔެ އެހެރީ އާދަނާ މަހުން ލަފާތަނަށް އައިހެވެ. ދެކިލާ ހިތުންނެވެ. ހައްވާދިޔެ ފެނުމުން އާދަނާގެ ހިތަށް ފިނިކަން ލިބުނެވެ. އޭނާ ހައްވާދިޔެއާ ދިމާއަށް މިސްރާބު ބަދަލުކޮށްލިއެވެ. ހިނިތުންވެލަމުންނެވެ.

އާދަނާ އަންނަތަން ފެނުމާއެކު، ހައްވާދިޔެއަށް ގޮތްތަކެއް ވެގެންދިޔައެވެ. އެއީ އާދަނާ ފެނުމުން އޭނާއަށް އަބަދުވެސް ވާގޮތެކެވެ. ލަދުގަހެއް ފަދައިން ލެނބެނީއެވެ. ރަކިވެ، އިސްޖެހެނީއެވެ. ހަތަރެސްފައި ފިނިވެ، ދާހިތްލަނީއެވެ. އާދަނާއަށް ދެވުނީ ތަންކޮޅަކަށެވެ. ހައްވާދިޔެ އެނބުރި އައިކޮޅަށް ހިނގައިގެންފިއެވެ. ދެ އަތް ދެ އަތަށް ފިތަމުން، އޮޅެމުން ކަހަލަ ގޮތަކަށެވެ. ވަކި ހިސާބަކަށް ގޮސްފައި، ކަނޑިކި ކޮށިކޮށްލަމުން ދުއްވައިގެންފިއެވެ. އާދަނާ ގާތަށް އައީ ލާނެތް ހިންޏެކެވެ.

އާދަނާ ގެއަށް ދިޔަ މަގުމަތީގައި، ހައްވާދިޔެމެންގެއަށް ތިން ލައްޓިލާފައި، ގެއަށް އައިސް ފެންވަރައި ނަމާދުކޮށްލައި ހަދައިގެން، އަނެއްކާވެސް އައީ ހައްވާދިޔެމެން ގެއަށެވެ. އޭރު ހައްވާދިޔެ ހުރީ އާދަނާގެ އިންތިޒާރުގައެވެ. އާދަނާ އައުމާއެކު ހައްވާދިޔެގެ މަންމަ އާމިންދިޔަ އުޅުނީ އާދަނާއަށް ކާންހަދާށެވެ. ހައްވާދިޔެ މަންމައާ ބައިވެރިވިއެވެ. އޮޅުއަލައާއި ހިކި ކާށީގެ ހުންޏާއި ލައްޓި ގަރުދިޔަ ގެނެސް، ބޮޑުއަށިމަތީގައި އަތުރައިލިއެވެ. އާމިންދިޔަ ހައްދާ އޮޅުއަލަ ދަނޑެއް އޮންނާތީ، އެމީހުންނަށް ކޮންމެވެސް ވަރަކަށް އަލަ ލިބެއެވެ. މިހާރަށް ބަލާއިރު މިއީ ވެސް ވަރަށް ބޮޑުވަރެކެވެ. ބޮޑުއަށީގެ ހިތާނުވަޅުގައި، ދެ ފައި ވައްކޮށްލައިގެން އިނދެ އާދަނާ ވަރަށް ރަނގަޅަށް ކެއެވެ.

ކައިނިމިގެން، އާމިންދިޔަ ދިނީމާ ބިޑިއެއް ރޯކޮށްލައިގެން، އާދަނާ ނިކުތީ ބޭރަށެވެ. ގޭގައި އަނގައަށްލާނެ ފޯއްކޮޅެއް ނެތެވެ. ބޯލާނެ ބިޑިއެއް ވެސް ލިބެނީ މަދު މީހަކަށް، މަދު ފަހަރަކުއެވެ. ލިބޭ ކުޑަ ދުންފަތްކޮޅަށް، ނޫނީ ތަނޑުކޮޅަށް ބަލައިގެން ރައްކާކޮށްގެން އުޅޭ މީހަކަށެވެ. އާމިންދިޔަ ފޮރުވައިގެން އުޅޭ ދުންފަތްކޮޅު ވެސް، މިހާރު ހުސްވުމަކާ ދާދި ކައިރިވެއްޖެއެވެ. ދުންފަތްކޮޅު ހުސްވީމާ، ދެން ހަދާނޭ ގޮތަކާމެދު މިހާރު ވެސް އޭނާއަށް ފިކުރު ކުރެވެއެވެ.

ނުނިމޭ

 

 

 

ގުޅުންހުރި ބައިތައް

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހައްވާދިޔެ

8 މަސް ކުރިން

ވާހަކައިގެ އާ ބަޔަކަށް އެބަ އިންތިޒާރު ކުރެވޭ

1
0
sana

8 މަސް ކުރިން

When next part?

0
0