17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

ޗެމްޕިއަންސް ލީގު: ސިޓީ ބަލިވިއިރު ނަޕޯލީއަށް ދެވަނަ ބުރުގެ ފުރުސަތު ގެއްލިއްޖެ

  • ޝަކްތަރު ޑޮނޭޓްސްކްއާއި ދެކޮޅަށް ކުޅުނު މެޗުން ސިޓީ ބަލިވީ 2-1 ގެ ނަތީޖާއަކުން
  • ފެޔަނޫދްވަނީ 2-1 ގެ ނަތީޖާއަކުން އިޓަލީގެ ނަޕޯލީ ބަލިކޮށްފަ
  • މި ގްރޫޕުން ދެވަނަ ބުރަށް ކޮލިފައިވީ ސިޓީގެ އިތުރުން ޝަކްތަރް

| | | @Saaif80 | |ސިޓީއާއި ޝަކްތަރު ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ:ގެޓީ އިމޭޖާސް

މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ފުރަތަމަ ފަހަރަށް މެންޗެސްޓާ ސިޓީ މެޗަކުން ބަލިވިއިރު ނަޕޯލީއަށް ދެވަނަ ބުރުގެ ފުރުސަތު ގެއްލިއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް 'އެފް' ގައި ރަށުން ބޭރުގައި ޔޫކްރެއިންގެ ޝަކްތަރު ޑޮނޭޓްސްކްއާއި ދެކޮޅަށް ކުޅުނު މެޗުން ސިޓީ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗާއި ކުރިމަތިލިއިރު އެ ޓީމު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. މި މެޗުން ބަލިވުމާއެކު ސިޓީގެ ސައްތައިން ސައްތަ ރެކޯޑު ވަނީ ނިމުމަކަށް އައިސްފައެވެ.

ސިޓީގެ ޓީމުން ގިނަ ބަދަލުތަކެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި ބަލާހިތްވާ ޒާތުގެ ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޝަކްތަރްއިންނެވެ. އެގޮތުން މެޗުގެ 26 ވަނަ މިނެޓުގައި މާލޯސްގެ އެހީތެރިކަމާއެކު އެ ޓީމަށް މި ލަނޑު ޖަހައިދިނީ ބްރެޒިލްގެ މިޑްފީލްޑަރު ބަނާޑްއެވެ. އޭގެ ހަ މިނެޓު ފަހުން ޝަކްތަރުގެ ލީޑު އިތުރަށް ފުޅާކޮށްދިނީ އިސްމައިލީއެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ޝަކްތަރްއިން ފުރަތަމަ ހާފު ނިންމާލިއިރު ސިޓީއިން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. ޝަކްތަރުގެ ފަރާތުން މޮޅު ޑިފެންސިވް ގޭމެއް ފެނިގެންދިޔަ މި ހާފުގައި ސިޓީއިން ވަނީ ޝަކްތަރުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ އެންމެ ފަހު މިނެޓުގައި ސާޖިއޯ އަގުއޭރޯ ވަނީ ލަނޑެއް ޖަހައިދީ ސިޓީއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ނެދަލޭންޑްސްގެ ފެޔަނޫދްވަނީ 2-1 ގެ ނަތީޖާއަކުން އިޓަލީގެ ނަޕޯލީ ބަލިކޮށްފައެވެ. މި މެޗުން ބަލިވުމާއި ވިދިގެން ނަޕޯލީއަށް ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުން ވަކިވާން ޖެހިފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައިވަނީ ނަޕޯލީއިންނެވެ. އެގޮތުން މެޗުގެ ދެވަނަ މިނެޓުގައި ފެޔަނޫދްގެ ސަޕޯޓަރުންގެ އަޑު މަޑުވެގެން ދިޔައީ ޕިއެޓްރް ޒިލެންސްކީ ނަޕޯލީއަށް ޖަހައިދިން ލަނޑުންނެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ނިކޮލައި ޖޯޔެންސެން ވަނީ ލަނޑެއް ޖަހައިދީ ފެޔަނޫދްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ފެޔަނޫދްގެ ޓޯނީ ވިލޭނާއަށް ވަނީ ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ފެޔަނޫދްއަށް މެޗުން ތިން ޕޮއިންޓް ލިބިގެންދިޔައީ މެޗުގެ އެންމެ ފަހު މިނެޓުގައި ޖެރީ ޖަސްޓޭ ޖަހައިދިން ލަނޑުންނެވެ.

މި ގްރޫޕުން ދެވަނަ ބުރަށް ކޮލިފައިވީ ސިޓީގެ އިތުރުން ޝަކްތަރްއެވެ. ސިޓީއަށް ގްރޫޕުގެ އެއްވަނަ 15 ޕޮއިންޓާއެކު ލިބޭއިރު 12 ޕޮއިންޓާއެކު ގްރޫޕުގެ ދެވަނަ ލިބެނީ ޝަކްތަރްއަށެވެ. ކުޅުނު ހަ މެޗުން ހަތް ޕޮއިންޓް ލިބުނު ނަޕޯލީ ދެން ފެނިގެންދާނީ ޔުއެފާ ޔުރޮޕާ ލީގުގެ ނޮކްއައުޓް ބުރުންނެވެ. މި ގްރޫޕުގެ ފުލަށް އެންމެ ޕޮއިންޓަކާއެކު ދިޔައީ ފެޔަނޫދްއެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ