17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

ޗެމްޕިއަންސް ލީގު: ކުޓީނިއޯގެ ހެޓްރިކާއެކު ލިވަޕޫލް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް

  • ރަޝިއާގެ ސްޕާޓަކް މޮސްކޯއާއި ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން
  • ސްލޮވޭނިއާގެ މަރިބޯއާއި ސްޕެއިންގެ ސެވިއްޔާ ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން
  • މި ގްރޫޕުން ދެވަނަ ބުރަށް ކޮލިފައިވީ ލިވަޕޫލްގެ އިތުރުން ސެވިއްޔާ

| | | @Saaif80 | |



ފިލިޕޭ ކުޓީނިއޯ މި މެޗުގައި ޕެނަލްޓީއެއް ޖަހަނީ - ލިވަޕޫލްގެ ކެޕްޓަނެއްގެ ގޮތުގައި އޭނާ ވަނީ މި މެޗުގައި ހެޓްރިކެއް ހަދާފައި -- ފޮޓޯ:ގެޓީ އިމޭޖާސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ފިލިޕޭ ކުޓީނިއޯގެ ހެޓްރިކާއެކު ލިވަޕޫލްއިން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގައެއް ހޯދައިފިއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ރަޝިއާގެ ސްޕާޓަކް, މޮސްކޯއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗާ ކުރިމަތިލިއިރު ވެސް ލިވަޕޫލްއަށް އޮތީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައެވެ. މި މެޗުގައި އެ ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.

ލިވަޕޫލްގެ ފުރަތަމަ ލަނޑު މެޗުގެ ހަތަރު ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ މި މެޗުގައި އެ ޓީމުގެ ކެޕްޓަންކަން ކުރި ފިލިޕޭ ކުޓީނިއޯއެވެ. ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ރޮބާޓޯ ފިރްމީނޯގެ އެހީތެރިކަމާއެކު ކުޓީނިއޯ އޭނާގެ ދެވަނަ ލަނޑު ޖަހައިދީ ލިވަޕޫލްއަށް ލީޑު ފުޅާކޮށްދިނެވެ. ލިވަޕޫލްގެ ތިންވަނަ ލަނޑު މެޗުގެ 19 ވަނަ މިނެޓުގައި ޖަހައިދިނީ ފިރްމީނޯއެވެ.

ފުރަތަމަ ހާފުގައި ލިވަޕޫލްގެ ފަރާތުން ތިން ލަނޑު ފެނިގެން ދިޔައިރު އެ ޓީމުންވަނީ ދެވަނަ ހާފުގައިވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން ދެ މިނެޓު ނުވަނީސް ސަދިއޯ މާނޭ ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ޖަހައިދިންއިރު ކުޓީނިއޯ ވަނީ 50 ވަނަ މިނެޓުގައި ލަނޑެއް ޖަހައިދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. ލިވަޕޫލްގެ ހަވަނަ ލަނޑު 76 ވަނަ މިނެޓުގައި މާނޭ ޖަހައިދިންއިރު އެ ޓީމުގެ ހަތްވަނަ ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ޖަހައިދިނީ މުހައްމަދު ސަލާހުއެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ސްލޮވޭނިއާގެ މަރިބޯއާއި ސްޕެއިންގެ ސެވިއްޔާ ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި މަރިބޯގެ ޓަވާރޭސް ޖަހައިދިންއިރު ސެވިއްޔާގެ ޕައުލް ގަންސޯވަނީ މެޗުގެ 75 ވަނަ މިނެޓުގައި ލަނޑެއް ޖަހައިދީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި ގްރޫޕުން ދެވަނަ ބުރަށް ކޮލިފައިވީ ލިވަޕޫލްގެ އިތުރުން ސެވިއްޔާއެވެ. އެގޮތުން ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކު ލިވަޕޫލް ގްރޫޕްގެ އެއްވަނައިގައި އޮތްއިރު ދެވަނައިގައި ނުވަ ޕޮއިންޓާއެކު އޮތީ ސެވިއްޔާއެވެ. މި ގްރޫޕުގެ ތިންވަނަ ހަ ޕޮއިންޓާއެކު ހޯދި ސްޕާޓަކް މޮސްކޯ ދެން ވާދަކުރާނީ ޔުއެފާ ޔުރޮޕާ ލީގުގެ ނޮކްއައުޓް ބުރުގައެވެ. ކުޅުނު ހަ މެޗުން ލިބުނު ތިން ޕޮއިންޓާއެކު މި ގްރޫޕުގެ ފުލުގައި އޮތީ މަރިބޯއެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ