17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

ފިނި މޫސުމުގެ އޮލިމްޕިކްސްއިން ރަޝިއާ ސަސްޕެންޑްކުރީ ސިޔާސީ މަންފާއެއް ހޯދުމަށް: ޕޫޓިން

  • ޕޫޓިން ވިދާޅުވީ މިއީ ސިޔާސީ މަންފާއެއް ހޯދަން ބަޔަކު ރާވައިގެން ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް
  • ޕޫޓިން ވިދާޅުވީ އެ ގައުމުގެ އެތްލީޓުންނަށް އޮލިމްޕިކްސްގައި ވާދަކުރުން މަނާ ނުކުރާނެ ކަމަށް
  • މި މައްސަލައިގައި ޝާމިލްވާ ރަޝިއާގެ ކުރީގެ ކުޅިވަރާއި ބެހޭ ވަޒީރު ވިޓާލީ މުޓްކޯއާއި ދެކޮޅަށް ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައި

| | | @Saaif80 | |ސޯޗީގައި 2014 ވަނަ އަހަރު ބޭއްވި ފިނި މޫސުމުގެ އޮލިމްޕިކްސްގެ ހަރަކާތެއްގައި ޕޫޓިން ބައިވެރިވެ ވަޑައިގަންނަނަވަނީ -- ފޮޓޯ:ގެޓީ އިމޭޖާސް

އަންނަ އަހަރު އޮންނަ ފިނި މޫސުމުގެ އޮލިމްޕިކް ގޭމްސްއިން ރަޝިއާ ސަސްޕެންޑްކުރީ ސިޔާސީ މަންފާއެއް އެކަމުން ހާސިލް ކުރުމަށް ކަމަށް އެ ގައުމުގެ ރައީސް ވްލަޑްމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.

17 މަސް ދުވަހުގެ ދިގު ތަހުގީގަކަށްފަހު ރަޝިޔާ އޮލިމްޕިކްސްއިން ސަސްޕެންޑްކުރީ 2014ވަނަ އަހަރު އެ ގައުމުގެ ސޯޗީގައި ބޭއްވި އޮލިމްޕިކްސްގައި އެޤައުމުގެ ސަރުކާރުގެ އެހީގައި އެތްލީޓުން މަނާ ބޭސް ބޭނުންކުރިކަން ސާބިތުވުމާ ގުޅިގެންނެވެ. މަނާ ބޭސް ބޭނުންކުރި މައްސަލައިގައި ރަޝިޔާގެ 25 އެތުލީޓަކާ ދެކޮޅަށް ފިޔަވަޅު އަޅައި، މެޑަލް އަތުލާފައިވެއެވެ.

މި ސަސްޕެންޝަނާ ގުޅޭ ގޮތުން އެ ގައުމުގެ ރައީސް ވްލަޑްމިއާ ޕޫޓިން ވިދާޅުވީ މިއީ ސިޔާސީ މަންފާއެއް ހޯދަން ބަޔަކު ރާވައިގެން ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށެވެ.

ރަޝިއާ ސަސްޕެންޑް ކުރި ނަމަވެސް އެ ގައުމުގެ އެތްލީޓުންނަށް ގައުމު ތަމްސީލް ނުކުރާ ގޮތަށް މި މުބާރާތުގައި ވާދަކުރެވޭނެއެވެ. މި ނިންމުމާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވީ އެ ގައުމުގެ އެތްލީޓުންނަށް އޮލިމްޕިކްސްގައި ވާދަކުރުން މަނާ ނުކުރާނެ ކަމަށާއި އެ އެތްލީޓެއްގެ އަމިއްލަ ގާބިލްކަން ތަންދޭނަމަ އޮލިމްޕިކްސްގައި ވާދަކުރުމުގެ ދޮރު ހުޅުވިފައިވާ ކަމަށެވެ.

މި މައްސަލައިގައި ކްރެމްލިންގެ ސްޕޯކްސްޕާސަން ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ މިކަން ވަރަށް ސީރިޔަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރެވެމުންދާ ކަމަށެވެ. އަދި ރަޝިއާގެ އެއްވެސް އެތްލީޓަކު މިކަމާއި ގުޅޭގޮތުން އެއްވެސް ވަރަކަށް މާޔޫސް ނުވުމަށްވެސް އޭނާ ގޮވާލެއްވިއެވެ.

މި މައްސަލައިގައި ޝާމިލްވާ ރަޝިއާގެ ކުރީގެ ކުޅިވަރާއި ބެހޭ ވަޒީރު ވިޓާލީ މުޓްކޯއާއި ދެކޮޅަށް މި މައްސަލަ ފޮރުވަން އުޅުނު ކަމުގެ ތުހުމަތުގައި، އެ ގައުމުގެ ގާނޫން ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ވެލެރީ ރަޝްކިން ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައެވެ.

މުޓްކޯއާއި ދެކޮޅަށް ބައިނަލްލަގްވާމީ އޮލިމްޕިކް ކޮމިޓީއިން ވަނީ ފިޔަވަޅު އަޅާފައެވެ. އެގޮތުން ކުރިއަށް އޮތް އެއްވެސް އޮލިމްޕިކް މުބާރާތެއްގައި އޭނާގެ ބައިވެރިވުމެއް އޮތުން ވަނީ މަނާކޮށްފައެވެ. މުޓްކޯއަކީ އަންނަ އަހަރު ރަޝިޔާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ކަންތައް އިންތިޒާމްކުރާ އެންމެ އިސް އެއް ފަރާތެވެ. މިމައްސަލައިގައި ފީފާއިން އަންގާރަ ދުވަހު ބުނެފައިވަނީ ބައިނަލްއަޤްވާމީ އޮލިމްޕިކް ކޮމިޓީއިން ނިންމި ނިންމުމާއި ގުޅިގެން ވޯލްޑް ކަޕަށް އެއްވެސް އަސަރެއް ނުކުރާނެކަމަށެވެ. އަދި ވޯލްޑް ކަޕްގައި ބައިވެރިވާ ކުޅުންތެރިން މަނާ ބޭހަށް ޓެސްޓްކުރާނީ ރަޝިޔާއިން ބޭރުގައި ޤާއިމްކޮށްފައިވާ ލެބްތަކުންކަމަށް ފީފާއިން ބުނެއެވެ.

ރަޝިއާ އާއި ދެކޮޅަށް ހިންގުނު ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އެ ސްވިޓްޒަލޭންޑުގެ ކުރީގެ ރައީސް ސެމުއެލް ޝްމިޑްއެވެ. މި މައްސަލައާއި ގުޅިގެން އޮލިމްޕިކް ކޮމިޓީގެ ރައީސް ތޯމަސް ބަކް ވިދާޅުވީ ރަޝިޔާގެ ޢަމަލުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިއީ އޮލިމްޕިކް ކުޅިވަރުތަކާ ޖުމްލަކޮށް ކުޅިވަރުގެ ރޫޙާ ޚިލާފަށް ރަޝިޔާއިން ކުރިކަމެއްކަމަށެވެ.

އަންނަ އަހަރު ބާއްވާ އޮލިމްޕިކްސް ވެގެންދާނީ 1984 ވަނަ އަހަރުގެ ފަހުން އޮލިމްޕިކްސްގެ މުބާރާތެއްގައި ރަޝިއާގެ އެތްލީޓުން ފެނިގެން ނުދާނެ ފުރަތަމަ މުބާރާތަށެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ