17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

އެފްއޭ ކަޕް: ޕެނަލްޓީގައި ޓީސީ ބަލިކޮށް ނިއު ޗެމްޕިއަންކަން ހޯދައިފި

  • ޓީސީއާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗު ޕެނަލްޓީ ޖަހައިގެން ނިއުއިން ކާމިޔާބު ކުރީ 6-4 ގެ ނަތީޖާއަކުން
  • މިއީ ނިއުއިން އެފްއޭ ކަޕްގެ ތަށި އުފުލާލި 12 ވަނަ ފަހަރު
  • ޕްރެޒިޑެންޓްސް ކަޕްގެ ސެމީގައި ވެސް މި ދެ ޓީމުގެ ކުރިމަތިލުމެއް ފެނިގެންދާނެ

| | | @Saaif80 | |



ނިއުގެ ކެޕްޓަން އިމްރާން އެފްއޭ ކަޕްގެ ތަށި އުފުލާލަނީ -- ފޮޓޯ:އިމޭޖަސް.އެމްވީ

އެފްއޭ ކަޕްގެ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްއިން ޗެމްޕިއަންކަން ހޯދައިފިއެވެ.

ޓީސީއާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗު ޕެނަލްޓީ ޖަހައިގެން ނިއުއިން ކާމިޔާބު ކުރީ 6-4 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އޮތީ އެއްވަރުވެފައެވެ. ދެ ޓީމު އެއްވަރުވެފައި އޮތުމާއި ވިދިގެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ދެ ޓީމުން ކުރެ ޓީމަކަށް ނަތީޖާ ނުނެރެވުމާއި ވިދިގެން ޖެހި ޕެނަލްޓީގައި ނިއުއިން ޓީސީގެ މައްޗަށް ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި އަދި ބަލާހިތްވާ ޒާތުގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓީސީއިންނެވެ. ނިއުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ އަޑު ކަޑުވާލުމަށްފަހު ޓީސީއަށް މެޗުގެ ލީޑު ފުރަތަމ ހާފުގެ ފަސްވަނަ މިނެޓުގައި ނަގާދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސްޓެވާޓް ކޯނެލިއަސްއެވެ. މެޗުގެ 26 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޓީސީގެ ލީޑު އިތުރަށް ފުޅާކޮށްދިނީ ވެސް ސްޓެވާޓްއެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ޓީސީއިން ފުރަތަމަ ހާފު ނިންމާލިއިރު ނިއުއިން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ނިއުގެ ދެވަނަ ލަނޑު އެ ޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު އިބްރާހިމް ފަޒީލް (އޮއްޕޮ)އެވެ. މެޗުގެ 76 ވަނަ މިނެޓުގައި ނިއުއަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ އިތުބާރު ފޯވާޑް އަލީ ފާސިރް (ސެންޓޭ) އެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެ އޮތުމާއި ވިދިގެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގަވެސް ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހުމާއި ވިދިގެން މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ނިއުއިން ޕެނަލްޓީ ޖެހި ކުޅުންތެރިންގެ ތެރެއިން އޮއްޕޮއާއި ސެންޓޭއާއި އަކްރަމްގެ އިތުރުން މުހައްމަދު ރަޝީދް (ހޮކޭ) އެ ކުޅުންތެރިން ޖެހި ޕެނަލްޓީތައް ކާމިޔާބުކުރިއެވެ. ނިއުގެ ބިދޭސީ ކުޅުންތެރިޔާ ހުސައިން އެލްޑޯ ޖެހި ޕެނަލްޓީ ޓީސީގެ ކީޕަރު މަތަކުރިއެވެ.

ޓީސީއިން ޕެނަލްޓީ ޖެހި ކުޅުންތެރިންގެ ތެރެއިން އޭސާ އަލް މަގްރާބީ އަދި ޙަލީލް ގަމާލް އެ ކުޅުންތެރިން ޖެހި ޕެނަލްޓީ ކާމިޔާބުކުރިއިރު ސްޓެވާޓް އަދި އަހުމަދު ސުހައިލް ޖެހި ޕެނަލްޓީތައް ނިއުގެ ކީޕަރު އިމްރާން މުހައްމަދު ދިފާއުކުރިއެވެ.

 

މިއީ ނިއުއިން އެފްއޭ ކަޕްގެ ތަށި އުފުލާލި 12 ވަނަ ފަހަރެވެ. މި ދެ ޓީމުން ވެސް ވަނީ އަންނަ އަހަރު އޮންނަ އޭއެފްސީ ކަޕްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި ސީޒަނުގެ ބާކީ އޮތް މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގެ ސެމީގައި ވެސް މި ދެ ޓީމުގެ ކުރިމަތިލުމެއް ފެނިގެންދާނެއެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ