17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

ޤުދުސްގެ މައްސަލައިގެ ސިޔާސަތުގެ ސަބަބުން ހަރުކަށި ވިސްނުންތަކަށް ފުރުސަތު ލިބޭ: ރައީސް ނަޝީދު

  • ރައީސް ނަޝީދު ޤުދުސް މައްސަލައިގައި ވާހަކަ ދެއްކެވިއިރު، ސަރުކާރުން އެއްޗެއް ނުބުނޭ
  • އިސްލާމީ ޤައުމުތަކުން ގެންދަނީ އެމެރިކާގެ ނިންމުމަށް ފާޑުކިޔަމުން
  • އެމެރިކާއިން ވަނީ ޤުދުސްއަށް އެމްބަސީ ބަދަލުކުރުމަށް ނިންމާފައި

| | | @Miuvaan | |ރައީސް ނަޝީދު ލަންކާގައި ދިވެހިންނާއި ބައްދަލުކުރައްވަނީ (ފައިލް) -- ފޮޓޯ:އަޒުމޫން އަހުމަދު

ޤުދުސް ފަދަ ތަނެއްގައި މަސްލަހަތު ގެއްލޭ ފަދަ ސިޔާސަތެއްގެ ސަބަބުން ދެފަރާތުގެ ހައްދުފަހަނައެޅި ވިސްނުންތަކަށް އިތުރަށް ޖާގަ ދެވިގެންދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ސްރީލަންކާގައި ހުންނަވައިގެން މިމޭރުމުން ޓްވީޓްކުރެއްވީ، ޤުދުސްއަކީ އިޒްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެންނެވެ. މިމައްސަލައިގައި ކުރީގެ ރައީސް ނަޝީދު ވާހަކަ ދައްކަވާފައިވާއިރު، ދިވެހި ސަރުކާރުން ރަސްމީކޮށް މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް އިސްލާމީ ޤައުމުތަކުން ދަނީ އެމެރިކާގެ ނިންމުމަށް ފާޑިކިޔައި، އެކަން ކުށްވެރިކުރަމުންނެވެ.

 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިޒްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަނެ، އެމެރިކާގެ އެމްބަސީ ތެލް އަވީވުން ޤުދުސްއަށް ބަދަލުކުރެއްވުމަށް ނިންމަވާފައެވެ. އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ އަތުން ޔަހުދީން ފޭރިގަތް ބިމެކެވެ. އަދި އެސަރަހައްދަކީ ފަލަސްތީނުގެ ބައެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖްތަމައުން ބަލައިގަނެއެވެ. އެހެންކަމުން އެހެން އެއްވެސް ޤައުމަކުން ޤުދުސްގައި އެމްބަަސީ ހުޅުވުމަށް މިހާތަނަށް މަސައްކަތްކޮށްފައެއް ވެސް ނުވެއެވެ. ފަލަސްތީނުގެ ރައީސް މަޙުމޫދު ޢައްބާސް އާއި އެޤައުމުގެ ރައްޔިތުން ދަނީ އެމެރިކާގެ ނިންމުމަށް ފާޑުކިޔަމުންނެވެ.

ރައީސް ނަޝީދުގެ ޓްވީޓްގައި އިޝާރާތްކުރައްވާފައި ވަނީ ބިމުގެ މައްސަލައިގައި ޖިހާދުކުރާ ފަލަސްތީނުގެ މުޖާހިދުންނަށާއި، އިސްރޭލުގެ ހައްދުފަހަނައެޅި ފަރާތްތަކަށް ކަމަށް ބެލެވެއެވެ. މި ދެބައި މީހުންގެ މެދުގައި މިހާރު ވެސް ކުރިމަތިލުންތައް ހިނގަނީ މަދެއް ކޮށެއް ނޫނެވެ. އަދި އެމެރިކާގެ ނިންމުމުގެ ސަބަބުން މެދުއިރުމަތީގެ މައްސަލަ އިތުރަށް ހޫނުވާނެ ކަމަށް ބައިނަލްއަޤްވާމީ މުޖްތަމައުން ދަނީ އިންޒާރު ދެމުންނެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ