17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

  • ސަރުކާރުގެ ސިޔާސަތުތަކުގައި ހަރުދަނާކަމެއް ނެތް
  • ސަރުކާރުގެ ކުއްލި ނިންމުންތަކުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވޭ
  • ސަރުކާރަކީ ސަމާސާކުރާ ބަޔަކަށް ވެގެން ނުވާނެ

| | | @Miuvaan | |ރައީސް ޔާމީން ކެބިނެޓް ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ: ކެބިނެޓް ބައްދަލުވުންތައް ބާއްވަނީ ވަރަށް މަދުން -- ފޮޓޯ:ރާއްޖެ އެމްވީ

ދިވެހި ސަރުކާރުން އުޅެނީ ސަމާސާކުރަންހެން ނުވަތަ ޖެއްސުމަށްހެން ހީވާ ފަހަރު މިހާރަކަށް އައިސް މަދެއް ނޫނެވެ. ޖަލްސާތަކުގައި ދައްކާ ވާހަކަތަކާއި، ކުރައްވާ ކަންތައްތަކުން ދޭހަވަނީ އެހެންނެވެ. ޕޯޑިއަމަކަށް އެރިޔަސް، މަޤާމަކަށް މީހަކު ޢައްޔަންކުރިޔަސް، ސިޔާސަތެއް ކަނޑައެޅިޔަސް، މިހާރު ހަމަ އެއްފަދައެވެ.

އެންމެ އުތުރުން ފަށަމާ ހެއްޔެވެ! 'އައިހެވަން' އެކޭ ކިޔައިގެން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާތާ ވީ ދުވަހެއް ނޭނގެއެވެ. އެތަނުން ރާއްޖޭގެ އުތުރަކީ ބައިނަލްއަޤްވާމީ ސަރަހައްދަކަށް ހަދާލެވޭ މިންވަރަށް ރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރާނެ ކަމަށް ސަރުކާރުން ބުނާތާ މިހާރު ވީ ދުވަހެއް ނޭނގެއެވެ. ހަމަ އިހަވަންދިއްޕޮޅު ރައްޔިތުންނަށް ޖެއްސުންކުރުން ނޫން ދެން ކޮން ކަމެއްތޯއެވެ؟

ކުޅުދުއްފުށީ ރައްޔިތުން އެއަރޕޯޓެއް ބޭނުންވުމުން، އެކަން ވެސް އެކޮށްލީ ޖެއްސުމަކަށެވެ. ކުޅި ހަލާކުކުރަން ދިމާކުރުމުން ބަޔަކު އެކަމާ ދެކޮޅު ހަދާނެކަން އެނގި ތިބެ، އެކަން ވެސް ކޮށް ނިންމާލީއެވެ. ކުޅުދުއްފުށީގެ ރައްޔިތުންނަށް ވިސްނައިދޭން ސަރުކާރުން މަސައްކަތްކުރީ، އެމީހުންނަށް ތަރައްޤީ ލިބެން ބަޔަކު މީހުން ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް ކުޅުދުއްފުށީ ކުޅީގެ ދިފާޢުގައި ބަޔަކު ދެއްކީ ތެދު ވާހަކައެއް ކަމާއި، އެރަށުގެ ތަރައްޤީއަށް ޖެއްސުން ކުރަން އުޅެނީ މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުންކަން އެރަށު ރައްޔިތުންނަށް އެނގެއެވެ. އެނޫނިއްޔާ އެއަރޕޯޓް ހަދާނެ ބަޔަކު ނެތި އެއަރޕޯޓް ހެދުމަށް ބޭނުންވާ އެހެން ކަންކަން ކުރަން ފެށި ރަށެއް އެބަ އޮތްތޯއެވެ؟ ކުޅުދުއްފުށިން މާބޮޑު ތާޢީދެއް ނެތްކަން އެނގުމުން، އެރަށު މީހުންގެ ލޮލުގައި އަނދުން އަޅުވަން ބިންކޮޅު ހިއްކާލަނީއެވެ. ދެން އިންތިޚާބު ކައިރިވުމުން އެމަސައްކަތް ނިންމަން މަސައްކަތް ފެށުމަކީ ރަށުގެ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރި ކަމަކަށް ނުވާނެއެވެ. ރައްޔިތުންނަށް ކަންތައް ކޮށްދޭން ޖެހެނީ ވޯޓު ދޭތޯއެއް ނޫނެވެ. އެއީ އިޚްލާސްތެރި ވެރިންގެ ގޮތެއް ނޫނެވެ. އެއީ ރައްޔިތުންނަށް ޖެއްސުންކުރާ ސަރުކާރުތަކުން ކަންކުރާ ގޮތެވެ.

ދެން ވެސް ޖެހިލަން ޖެހެނީ ކުޅުދުއްފުއްޓާއި މާ ދުރަކަށް ނޫނެވެ. ހދ. ކޭލަކުނަށެވެ. މުޅި ދުނިޔޭގައި ވެސް އެފަދަ ދެވަނައެއް ނެތް ރަށެއް ކަމަށް ތަޖުރިބާކާރުން ބުނާ މިރަށް ފަތުރުވެރި ކަމަށް ދޫކުރަން ސަރުކާރުން އުޅޭއިރު، މިވެސް ރައްޔިތުންނަށް ކުރާ ޖެއްސުމެކެވެ. އެރަށުގެ ހިމާޔަތުގައި ބަޔަކު ތެދުވާނެކަން އެނގި ތިބެ އެކަން އެކުރަނީ، "ހދ. އަތޮޅަށް ފަތުރުވެރިކަން ގެންނަން ހުރަސް އަޅާ ބަޔަކަ އެބަ ތިބި" އޭ ބުނަން ނޫން ދެވަނަ ދެން ކޮން ކަމަކުތޯއެވެ؟ ހދ. އަތޮޅުގައި ރިޒޯޓް ހަދަން އެއޮތް ހުރިހާ ރަށްތައް ހުއްޓައި، އަރާފައިބަން ދަތި، ރީތި ގޮނޑޮދޮށެއް ނެތް، ގާމަތީ ރަށެއްގައި ރިޒޯޓް ހަދަން ސަރުކާރުން ދިމާކޮށްލީ ހަމަ ހދ. އަތޮޅުގެ ރައްޔިތުންނަށް ޖެއްސުމަކަށެވެ.

މަޤާމުތަކަށް މީހުން އައްޔަންކުރުން ވެސް ހަމައެފަދައެވެ. މީހުންގެ ނަންތައް ހުށަހަޅާފައި އަނބުރާ ގެންނަނީއެވެ. ގައިމު ނަން ފޮނުވާއިރު އެއީ ކޮން ބޭފުޅެއްކަން އެނގެން ޖެހެއެވެ. ނޭނގެންޏާ ވެރިކަމަށް ކުފޫ ހަމަނުވަނީ ނޫންތޯއެވެ؟ މަޤާމަކަށް މީހަކު އައްޔަން ކުރިޔަސް މާގިނަ ދުވަހެއް ނުވެ، އެމީހަކު އެމަޤާމުން ވަކިކުރަނީއެވެ. ކޮރަޕްޝަންގެ މައްސަލަތައް މާބޮޑުވެއްޖެއްޔާ އެމީހުން ދެން ބަދަލުކުރަނީ މާލިއްޔަތު ޤާނޫނަށް އަމަލުކުރުން އަދި ވަކިން ކުޑަ ކުންފުންޏަކަށެވެ. ދައުލަތުގެ ވަޒީރުންގެ ފެންވަރުގައި ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރެއް ހުރި ޤައުމެއް މިނޫނިއްޔާ އޮތް ހެނެއް ހިއެއް ނުވެއެވެ. ކުންފުންޏަކަށް އެމްޑީއަކު އައްޔަންކޮށް، އެމީހަކު ތަންކޮޅެއް ރަނގަޅަށް ތަން ހިންގަން ދިމާކޮށްލައިފިއްޔާ، އެތަން ހަމަޔަކަށް ނޭޅެނީސް އެމީހަކު އެހެން ތަނަކަށް ބަދަލުކުރަނީއެވެ. ވަޒީރުންގެ މަޖިލީހަށް މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިއަށްވުރެ ގިނަ ބަދަލު ގެނައި ޤައުމެއް ފަހުގެ ތާރީޚެއްގައި މި ދުނިޔެ ދުށް ހެނެއް ހިއެއް ނުވެއެވެ. މަހާރެހެންދި ނުވަތަ އިއްޒަތްތެރި ވަލިއްޔުލް އަމުރު ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާ މީހަކާ ދިމާލަށް ބަލާލިޔަސް، އެފަދަ މީހަކާ ވާހަކަ ދައްކާލިޔަސް، ސަރުކާރުގެ ވަޒީފާތަކުގައި ތިބޭ އިސް ބޭފުޅުން ވަޒީފާއިން ވަކިކޮށްލަނީއެވެ. ހަމައެއް ލަމައެއް ނެތި ޤައުމު ހިންގާ އެފްރިކާގެ ލީޑަރުން ވެސް މިއަށްވުރެ ތަންކޮޅެއް ހަރުދަނާ ކަމަށް ފެނެއެވެ. މިއީ އަޅެފަހެ ޖެއްސުމެއް ނޫންތޯއެވެ؟ ހެޔޮ ހިތުން ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭން އުޅޭ މީހަކު މިހެން އުޅެފާނެތޯއެވެ؟

ރައީސް ޔާމީން މިހާރު ކަމެއް ނިންނަމަވައިފިއޭ ބުނެފިއްޔާ ނޫސްވެރިން މިހާރު ޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެނިންމެވުން ބަދަލުކުރެއްވި ކަމަށް ބުނާ ޚަބަރު ވެސް ލިޔެގެން، ތައްޔާރުވެ ތިބެންށެވެ. ނިންމުންތައް ބަދަލުކުރެއްވި އަދަދެއް ނޭނގެއެވެ. މިދައްކަނީ ކުޑަ ކުޑަ ޕްރައިވެޓް ކުންފުންޏެއްގެ މެނޭޖަރަކު ނިންމަވާ ކަމެއްގެ ވާހަކައެއް ނޫނެވެ. މިދައްކަނީ އަތްދަށަށް އެތައް ވަޒީރުންނަކާއި، ވަޒީރުންގެ ނާއިބުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ޕޮލިސީ އެގްޒެކެޓިވުންނާއި، ގުނާ އަދަދު ނުކުރެވޭ އަދަދަށް ކޯޑިނޭޓަރުންނާއި ބޭނުން އަދަދަކަށް މުވައްޒަފުން ލައްވައިގެން އުޅުއްވާ ދިވެހިރާއްޖޭގެ ވަލިއްޔުލް އަމުރުގެ ވާހަކައެވެ. އެބޭފުޅާ ސިޔާސަތު އެކަށައެޅުއްވުމުގައި ވެސް މިދިވެހި ޤައުމާއި ސަމާސާކޮށްލައްވާ ވާހަކައެވެ. އަޅުގަނޑުމެން ދެން ހަމަ އަތްޖަހަން ތިބެންވީއެވެ. ހުރިހާ ކަމެއް އެހިސާބުން ހަމަވީއެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާއިޤްތިޟާދު

1 ހަފްތާކުރިން

ދިވެހި ދިވެހި ޒުވާނުން ކޮފީ ޓޭބަލް ތަކުގައި ދައްކަނީ ރާއްޖެއަށް ތަރައްގީ ގެނައުމުގައި ޗައިނާ އިން ރާއްޖެއާއެކު މަސައްކަތް ކުރާނެ ކަމަށް ؟ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ގެނެސްދިން ރައީސްއަކީ ރައީސް އަބްދުﷲ ޔާމީން!؟

0
0
ali Shameem

1 ހަފްތާކުރިން

Evaa gothakee hayyaaiy kudaee Sarukaarugai thibi meehunge yainee raees yaameen

0
0