17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

ރަންގަލި ރިސޯޓުން ވަޒީފާއިން ވަކި ކުރި 22 މުވައްޒަފަކަށް 27.1 މިލިއަން ރުފިޔާ ދޭން ޖެހިއްޖެ

  • 22 މުވައްޒަފުންނަށް މުސާރަ ދިނުމަށް ވަނީ ހުކުމް ކޮށްފައި
  • ގާތްގަނޑަކަށް 27.1 މިލިއަން ރުފިޔާ މުވައްޒަފުންނަށް ދޭން ޖެހޭ
  • މި މުވައްޒަފުން ވަޒީފާއިން ވަކި ކޮށްފައިވަނީ 2012 ވަނަ އަހަރު

| | | FathimathShana | |ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓް -- ފޮޓޯ:ގޫގުލްސް

ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުން ހިންގާ، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުން 2012 ވަނަ އަހަރު ވަޒީފާ އިން ވަކިކުރި 22 މުވައްޒަފަކަށް 27.1 މިލިއަން ރުފިޔާ ދޭންޖެހިއްޖެ އެވެ.

ކްރައުން ކުންފުންޏަކީ މަޝްހޫރު ވިޔަފާރި އާއިލާއެއް ކަމުގައިވާ ޗަމްޕާ އާއިލާގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ކްރައުން ކޮމްޕެނީ އިން 22 މުވައްޒަފުންނަށް ފައިސާ ދޭން ޖެހުނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަޒީފާ ދޭން އަންގައި ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައަށް ހައި ކޯޓުން ތާއީދު ކުރުމުންނެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އެއްވެސް ގަވާއިދެއްގައި ވެސް "ރިޑަންޑަންސީ" ނުވަތަ ވަޒީފާ އުވާލުމުގެެ ހާލަތު މެދުވެރިވުމަކީ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް އެކަށީގެންވާ ސަބަބެއް ކަމަށް ބަޔާންކޮށްފައި ނުވާ ކަަމަށެވެ.

މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ ފަރާތްތައް ވަކިކޮށްފައި ވަނީ އެ ފަރާތްތައް ވަޒީފާ އަދާކުރަންޖެހޭ ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ހިންގުމަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ކުރިއަށް ވުރެ މަދުކޮށް ރިޑަންޑަންސީ އިއުލާނު ކުރުމާ ގުޅިގެން ކަަމަށް މައްސަލަ ރައްދުވި ފަރާތުން ބުނާ އިރު، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރި މަރުހަލާއަށް ފަހު މުވައްޒަފުން މަދުކުރަންޖެހޭތޯ ވަޒަންކޮށް މައްސަލަ ރައްދުވި ކުންފުނިން ބަލާފައިވާ ގޮތެއް އެނގެން ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 27 ވަނަ މާއްދާއަށް ރިއާޔާތްކޮށް މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކޮށްފައި ވަނީ، ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާގުން ކަނޑަޅާފައިވެ އެވެ. ވަޒީފާއާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ އެއް ނަންބަރަށް ރިއާޔަތްކޮށް މައްސަލަ ހުށަހެޅި ފަރާތްތައް ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި އެފަރާތްތަކަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކެއް ކަމުގައި ނުބެލުމަށާއި އެފަރާތްތަކަށް ވަޒީފާއިން ވަކިކުރިކަމަށް ބުނާ ތާރީހުން ފެށިގެން މި މައްސަލަ ނިމުނު ދުވަހާ ހަމައަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި އެފަރާތްތަކަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ވަޒީފާއިން ވަކިކުރިއިރު ދީފައިވާ ފައިސާ އުނި ކުރުމަށް ފަހު މައްސަލަ ހުށަހެޅި ފަރާތްތަކަށް ބާކީ ދޭން ޖެހޭ މިންވަރު 2012 ވަނަ އަހަރުގެ ފެބްރުއަރީ 19 އިން ފެށިގެން 10 ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ދީ ހަލާސްކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަނީ އަންގާފަ އެވެ.

ރަންގަލި ރިސޯޓުން 22 މުވައްޒަފަކު ވަކި ކުރި މި މައްސަލައިގައި ހިމެނޭ ހުރިހާ މުވައްޒަފުންނަކީ ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ މެންބަރުންނެވެ. ޓީމްއަކީ ފަތުރުވެރިވަކުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާއެކެވެ.

މައްސަލައިގައި އެއިން ކޮންމެ މުވައްފަކަށް ގާތްގަނޑަކަށް 80،000 އެމެރިކާ ޑޮލަރު ކްރައުން ކުންފުނިން ދައްކަންޖެހޭ އިރު މިއީ މުޅި ޖުމްލަ ގާތްގަނޑަކަށް 1.7 މިލިއަން ޑޮލަރެވެ. އަދި ދިވެހި ފައިސާއިން ނަމަ، 27.1 މިލިއަން ރުފިޔާ އެވެ

 

 

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ