17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

އިޤްތިސާދީ މާހިރުގެ ހިސާބުޖެއްސެވުން، ވާނުވާއެއް ނޭނގޭ!

  • ރައީސް ވިދާޅުވީ، އެހެން ސަރުކާރުތަކުގެ ދަރަނި ދެއްކުމަށް 13 ބިލިއަން ހަރަދުކުރިކަމަށް
  • 13 ބިލިއަން ރުފިޔާ ހަރަދުކުރީ އެމްޑީޕީ ސަރުކާރުގެ 29 ބިލިއަން ރުފިޔާގެ ދަރަނި ދެއްކުމަށްކަމަށް ވިދާޅުވި
  • އެ ދަރަނި ދެއްކުމުންވެސް މި ސަރުކާރުގެ އެއް ބިލިއަން ރުފިޔާގެ ދަރަންޏާއެކު ޖުމްލަ ދަރަނި 43 ބިލިއަންއަށް އަރާ

| | | DeNaseer | |



ޕީޕީއެމުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން -- ފޮޓޯ:ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީން އަކީ ވަރަށް ވެސް މޮޅު އިޤްތިސާދީ މާހިރެކެވެ. އެފަދަ ދެ ވަނައެއް ނުވާ ބޭފުޅެކެވެ. އެހެނީ ދެ އަހަރު ދުވަހުގެ ތެރޭގައި ދަރަނި ބޮޑު ބަޖެޓެއް އެއޮތީ، އަރަނި ބަޖެޓަކަށް ހައްދަވާފަވިއްޏާ އެވެ.

އައިހެވަން ޕްރޮޖެކްޓާއެކު އިހަވަންދިއްޕޮޅު އެޔޮއްތީ ތަރައްޤީވެކޮށް ނިންމާލާ، ބޮޑު ޓްރާންޝިޕްމެންޓް ބަނދަރެއްވެސް ޤާއިމްކޮށް ނިންމާލާފަ އެވެ. އަދިމިވަރުން އިޤްތިސާދީ މާހިރުގެ މޮޅު ވާހަކަ ދައްކާ ނިމުނީއެއް ނޫނެވެ.

އެސްއީޒެޑާއެކު މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެންނަނީ ބޮޑެތި އިންވެސްޓްމެންޓްތަކެވެ. އެއްލައްކައަށް ވުރެ ގިނަ ވަޒީފާ އުފައްދާ، މުޅި ޤައުމުގައި ގިނަވެގެން އުކަން އެއޮތީ ބޮޑެތި ވަޒީފާތަކެވެ. މިވަރުން އެމަނިކުފާނަކީ އިޤްތިސާދީ މާހިރެއްކަމާމެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް އޮތް ކަމަކަށް އަޅުގަނޑަށް ޤަބޫލެއް ނުކުރެވެއެވެ. އަދި ކިޔެއްތަ، އެއްވެސް ރައްޔިތަކުވެސް އެކަމާއި ސުވާލު އުފައްދާނެ ޖާގައެއްވެސް ނެތެވެ.

އިޤްތިސާދީ މާހިރުގެ މޮޅެތި އެ ވާހަކަތައް އެއްފަރާތްކޮށްލުމަށް ފަހު، އެމަނިކުފާނުގެ ހިސާބު ޖެއްސެވުމަށް ޖެހިލާނަމެވެ. ވެރިކަމަށް 4 އަހަރު ވެގެންދިޔައިރު، ދައުލަތުގެ ދަރަނި 43 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ވިދާޅުވެ، ފިނޭންސް މިނިސްޓަރާއި، އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް އެމަނިކުފާނު ވަނީ ތަފްސީލްކޮށްދެއްވާފަ އެވެ.

 

ޕީޕީއެމުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

 

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ ދަރަނި އަރާނީ އެންމެ 14 ބިލިއަން ރުފިޔާއަށް ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގެ ދަރަނި ބޮޑުވީ އެހެން ސަރުކާރުތަކުގެ ދަރަނި ދެއްކުމަށް މަސައްކަތް ކުރެއްވުމުން ކަމަށާއި، އެގޮތުމަތީން 13 ބިލިއަން ރުފިޔާ ހަރަދުކުރެއްވީ ދަރަނި ދެއްކުމަށް ކަމަށެވެ. އެހެނީ އެމްޑީޕީގެ ސަރުކާރުގެ ދަރަނި 29 ބިލިއަން ރުފިޔާއަށް އަރާތީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ނަޝީދުގެ ސަރުކާރުގައި 13 ބިލިއަން ރުފިޔާގެ ދަރަނި ދެއްކުމަށް ފަހު، މި ސަރުކާރުން ދަރަނީގެ ގޮތުގައި ނަގާފައިވަނީ އެއް ބިލިއަން ރުފިޔާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ހަމައެއާއެކު އެ މަނިކުފާނު ވިދާޅުވީ މިހާރު ދައުލަތުގެ ޖުމްލަ ދަރަނި 43 ބިލިއަން ރުފިޔާގައި އުޅޭ ކަމަށެވެ.

"މި ސަރުކާރުން އުފެއްދި ދަރަންޏަކީ 14 ބިލިއަން، ކުރީގެ ސަރުކާރުގެ ނުކުޅެދުންތެރިކަމާ ހެދި ވާރުތަވެގެން އައި ދަރަނީގެ 13 ބިލިއަން ރުފިޔާ މި ސަރުކާރުން މި ވަނީ ދައްކާ ހަލާސްކޮށްފައި، އެހެންވީމަ އެއްގޮތަކުން ބަލާ ކަމަށް ވާނަމަ މި ސަރުކާރުގެ ޖުމުލަ ދަރަންޏަކީ އެއް ބިލިއަން ރުފިޔާ، އެހެން ބައެއްގެ ނުކުޅެދުންތެރިކަން އަޅުގަނޑުމެން ފިލުވާލަދީ އެކަން ކުރަން ނުޖެހުން ނަމަ އަޅުގަނޑުމެންގެ ދަރަނި އޮންނާނީ އެއް ބިލިއަން ރުފިޔާގައި،" ރައީސް ޔާމީން ވިދާޅުވި އެވެ.

 

ޕީޕީއެމުން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން -- ފޮޓޯ: ރައީސް އޮފީސް

 

އަޅުގަނޑު ވިސްނަ ވިސްނާވެސް އެ މަނިކުފާނުގެ ހިސާބުޖެއްސެވުން ދިމާވާގޮތެއް ނުވި އެވެ. ފަހަރުގައި އިޤްތިސާދީ މޮޅު މާހިރެއްގެ ވިސްނުމާ އެއްވަރަށް އަޅުގަނޑުގެ ވިސްނުން މަސައްކަތް ނުކުރަނީކަމަށް ވެސް ވެދާނެ އެވެ.

ކޮންމެއަކަސް އެމަނިކުފާނު ވެސް ވިދާޅުވާގޮތުގައި ދައުލަތުގެ ޖުމްލަ ދަރަނި މިހާރު އުޅެނީ 43 ބިލިއަން ރުފިޔާގަ އެވެ. އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު އެމްޑީޕީ ސަރުކާރުގެ 29 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތެވެ. އަދި އެ ދަރަނި ދެއްކުމަށް އެމަނިކުފާނު 14 ބިލިއަން ރުފިޔާ ނެންގެވުމަށް ފަހު، އޭގެ ތެރެއިން 13 ބިލިއަން ރުފިޔާގެ ދަރަނި ދައްކާ ހަލާސްކުރެއްވި އެވެ. އެހެން ކަމަށްވާނަމަ އަދިވެސް ދަރަނީގެ ގޮތުގައި 43 ބިލިއަން އޮންނަންވީ ކީއްވެ ހެއްޔެވެ؟

އެމްޑީޕީ ސަރުކާރުން ހޭވި ހަޑީގެ 29 ބިލިއަންގެ ތެރެއިން 13 ބިލިއަން ދެއްކެވި ނަމަ، ބާކީ އޮންނާނީ 16 ބިލިއަން ރުފިޔާ އެވެ. އެ 13 ބިލިއަން އެމަނިކުފާނު ދެއްކެވީ އެހެން ބަޔެއްގެ އަތުން ލޯނު ނަގައިގެންކަމުގައިވީ ނަމަވެސް އެޔަށް އިތުރުވާނީ އިންޓްރެސްޓްގެ ގޮތުގައި ނަގާ އަދަދެކެވެ.

މިސާލެއްގެ ގޮތުން އަޅުގަނޑު މީހެއްގެ އަތުން ނެގި ލޯނެއް ދެއްކުމަށް، އެހެން މީހެއްގެ އަތުން ލޯނެއް ނެގި ކަމުގައިވީ ނަމަވެސް އެޔަށް އިންޓްރެސްޓުގެ ގޮތުގައި ނަގާ އެއްޗެއް ފިޔަވައި އެހެން އެއްޗެއް ނާރާނެ އެވެ. އެހެން ނޫންތޯ؟

އެހެންކަމުގައިވާނަމަ 29 ބިލިއަންގެ ތެރެޔަށް އިތުރުވާ އިންޓްރެސްޓް ރޭޓާއެކުގައި، އެމަނިކުފާނު ތަރައްޤީގެ ޕްރޮޖެކްޓަށް ނެންގެވި އެއް ބިލިއަނާއެކު ދައުލަތުގެ ޖުމްލަ ދަރަނި އުޅެން ޖެހޭނީ އެންމެ ގިނަވެގެން ވެސް 32 ބިލިއަން ރުފިޔާގަ އެވެ.

ދަރަނީގެ އަދަދު އެ ވިދާޅުވާގޮތަށް ހިސާބު ޖެއްސެވުމަށް ފަހު 43 ބިލިއަން ރުފިޔާއަށް އަރާނަމަ، ކޮންމެވެސް މީހަކު ކޮންމެވެސް ހިސާބަކުން 11 ބިލިއަނެއްހާ ރުފިޔާ އެއޮތީ ގޮތެއް ހަދާފައި ނޫން ހެއްޔެވެ؟

ދެން އޮތީ އަނެއް ވާހަކައެވެ. އިޤްތިސާދީ މާހިރާ ފިނޭންސް މިނިސްޓަރުގެ ހިސާބުތައް ދައްކާގޮތުން އެހެން ސަރުކާރުތަކުގެ ދަރަނި އަދާކުރުމަށް މި ސަރުކާރުން ހަރަދުކުރީ، އެންމެ 4 ބިލިއަން ރުފިޔާ އެވެ. އިޤްތިސާދީ މާހިރު ވިދާޅުވާގޮތުން އެހެން ސަރުކާރުތަކުގެ ދަރަނި އަދާކުރުމަށް 13 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެއެވެ.

މިހާ ހިސާބަށް ދިޔުމުން ހަމަ އެއީ ވަރުގަދަ އިޤްތިސާދީ މާހިރެކޭ ނުބުނެ ދޫކޮށްލެވޭނެ އެއް ގޮތެއްވެސް އެންނާނެ ހެއްޔެވެ. މިއީވާ ވަރުގަދަ އިޤްތިސާދީ މާހިރެކެވެ.

 

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ



ޒުވާނުން

1 ހަފްތާކުރިން

ދިވެހި ޒުވާނުން ކޮފީ ޓޭބަލް ތަކުގައި ދައްކަނީ ގައުމައް އަންނަ ހަމަޖެހުމާ ތަރައްގީގެ ވާހަކަ !

0
0
ްްއިޤްތިޟާދު

1 ހަފްތާކުރިން

މީހެއްގެ ގައިގާ އަޅައިގެން ނޫޅެ ޤައުމާއިގެން ކުރިއަށްދާކަން ހަމަ ނޭގެނީތޯ؟

0
0