17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

ތޫފާން އޮކި: ލަކްޝަދްވީޕްގައި ރެޑް އެލަރޓް - ލަންކާއިން ރެޑް އެލަރޓް ކެންސަލްކޮށް، ޔެލޯ އެލަރޓް ނެރެފި

  • އިންޑިއާއިން މަރުވި މީހުންގެ އަދަދު ވަނީ 14އަށް އަރާފައި
  • ތޫފާން މިހާރު ވަނީ އިންޑިއާގެ ލަކްޝަދްވީޕް ޖަޒީރާތަކަށް އަރާފައި

| | | @Miuvaan | |



ތޫފާނުގެ ސަބަބުން ލަންކާގެ މަގެއް މައްޗަށް ގަހެއް ވެއްޓިފައި -- ފޮޓޯ:ގޫގުލްސް

ތޫފާން އޮކިގެ ސަބަބުން ލަންކާގައި ނެރުނު ރެޑް އެލަރޓް ކެންސަލްކޮށް، ހުކުރު ދުވަހު ޔެލޯ އެލަރޓް ނެރެފިއެވެ.

ހުކުރު ދުވަހު ލަންކާގެ މޫސުމާއި ބެހޭ އިދާރާއިން ހުކުރު ދުވަހު ބުނީ ތޫފާން އޮކި މިހާރު ޢަރަބި ކަނޑަށް ދަތުރުކޮށްފިކަމަށާއި، ތޫފާން މިހާރު ހުރީ ކޮޅުނބުގެ ހުޅަނގުން 650 ކިލޯމީޓަރު ބޭރުގައިކަމަށެވެ. ތޫފާން ލަންކާއާއި ދުރަށް ދަތުރުކޮށް، ލަކްޝަދްވީޕާއި ދިމާއަށް ދަތުރުކުރިނަމަވެސް، އަދިވެސް ލަންކާއަށް ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭ ވެހެމުންދެއެވެ. އެގޮތުން ލަންކާގެ ހުޅަނގު ބިތުގެ ޕްރޮވިންސްތަކަށް 100 މިލިމީޓަރުގެ ވާރޭ ވެހޭނެކަމަށް ލަފާކުރެވޭއިރު، ވައި ގަދަވެ، ކޮޅިގަނޑުގައި ގަޑިއަކު 50 ކިލޯމީޓަރަށްވެސް ވައިގަދަވެދާނެކަމަށް ލަންކާގެ މޫސުމާއި ބެހޭ އިދާރާއިން ލަފާކުރެއެވެ.

ލަންކާއިން ތޫފާނުގެ ސަބަބުން ނެރުނު ރެޑް އެލަރޓް ކެންސަލްކުރިއިރު، ތޫފާން މިހާރު އަރާފައިވާ ލަކްޝަދްވީޕްގައިވަނީ ރެޑް އެލަރޓް ނެރެފައެވެ. އިންޑިއާގެ ޖަޒީރާ ރަށްތަކެއްކަމަށްވާ ލަކްޝަދްވީޕަށް ތޫފާން އޮކި އެރިއިރު، ތޫފާނުގެ ބާރުވަނީ ގަދަވެފައެވެ. އެގޮތުން ގަޑިއަކު 130 ކިލޯމީޓަރަށް ވައިގަދަވެދާނެކަމަށް އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ލަފާކުރެއެވެ. އިންޑިއާގެ މެޓް އޮފީހުން ބުނީ އިންޑިއާގެ މައި ހިސާބުތަށް މި ތޫފާނުގެ ސަބަބުން ދެން އިތުރަށް މާބޮޑު އަސަރުތަކެއް ނުކުރާނެކަމަށެވެ.

އިންޑިއާގެ ކެރެލާއާއި ޓެމިލް ނާޑޫގެ އިތުރުން ރާއްޖެއާއި ލަންކާ ހިމެނޭ ސަރަހައްދަށް ތޫފާން އެރުމަށްފަހު ލަކްޝަދްވީޕަށް ތޫފާން އަރާއިރު، އިންޑިއާގެ ކަމާއި ބެހޭ ފަރާތްތައް ތިބީ ތައްޔާރީ ޙާލަތުގައެވެ. އެގޮތުން ނޭޝަނަލް ޑިޒާސްޓަރ ރެސްޕޯންސް ފޯސްއާއި، ކަނޑުގެ ސިފައިން ތިބީ މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަނަށް ތައްޔާރުވެގެންނެވެ.

ޓެމިލް ނާޑޫއާއި ކެރެލާ ސަރަހައްދުގައި ތޫފާނުގެ ބާރު އެންމެ ގަދަވިއިރު މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު 100 އަށްވުރެ ގިނަ މަސްވެރިން މިހާރުވަނީ އިންޑިއާ ކޯސްޓްގާޑުން ސަލާމަތްކޮށްފައެވެ. އަދި ގެއްލިފައިވާ އިތުރު މަސްވެރިން ހޯދުމުގެ މަސައްކަތް އިންޑިއާ ސިފައިން ދަނީ ކުރަމުންނެވެ. ތޫފާން އަރާފައިވާ ލަކްޝަދްވީޕްގެ ރަށެއްކަމަށްވާ ކަލްޕެނީގައި މަސްވެރިކަންކުރާ 5 ބޯޓެއް އަޑިއަށް ގޮސްފައިވާއިރު، އެހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ތޫފާނުގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 14އަށް އަރާފައެވެ. އެގޮތުން ޓެމިލް ނާޑޫގައި 10 މީހަކު މަރުވިއިރު، ކެރެލާގައި 4 މީހަކު މަރުވިއެވެ. އެތައް ހާސް ބަޔަކަށް މި ތޫފާނުގެ އަސަރުކުރިއިރު، ތޫފާނުގެ އުފެދުނު ސަރަހައްދުގައި ހިމެނޭ ކަންޏަކުމާރީއިން ހާހެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދެވުނުކަމަށް އިންޑިއާ ފުލުހުން ބުނެއެވެ. އަދި ބައެއް ފްލައިޓްތަކާއި ރޭލު ދަތުރުތަކަށްވަނީ ތޫފާނުގެ ސަބަބުން ބުރޫ އަރާފައެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ