17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

މަސީހު އެވެ. ތިބޭފުޅާ ޑިމޮކްރަސީގެ ވާހަކަ ދައްކަވަން ހެޔޮނުވާނެ އެވެ!

  • މަޖިލީހުގައި ތަޅުއެޅުވި
  • މަޖިލިސް މެމްބަރުންނަށް މަޖިލީހަށް ވެއްނެވުމަށް ހުރަސްއަޅުއްވާ، އަނިޔާވެރިކޮށް މަޖިލީހުން ނެރުއްވި
  • މެޖޯރިޓީ މެމްބަރުން ވިދާޅުވަނީ މަސީހަކީ ރައީސް ނޫންކަމަށް، އެކަމަކުވެސް ރިޔާސަތުގައި އިންނަވަނީ މަސީހު

| | | phaxyn | |ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މަސީހު، މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދަވަނީ -- ފޮޓޯ:ޓްވިޓަރ

ރައްޔިތުންގެ މަޖިލީހުގެ 2017 ވަނަ އަހަރުގެ ޖަލްސާތައް ނިންމާލައްވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު ވަނީ ވަރަށް ގިނައިން ޑިމޮކްރަސީގެ ވާހަކަ ދައްކަވާފަ އެވެ. މަޖިލީހުން ކަންކަން ނިންމާފައިވަނީ މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ނިންމި ގޮތުގެ މައްޗަށް ކަމަށާއި މަޖިލީހުން ކަންކަން ނިންމާފައިވަނީ އިސްލާމީ މަތިވެރި އުސޫލުން  މަޝްވަރާ ކޮށްގެން ކަމަށް މަސީހު ވިދާޅުވި އެވެ.

ނަމަވެސް މަސީހު އެހެއްދެވީ ކަނޑައެޅިގެން" ދޮގެއް" ކަން ދިވެހި ގިނަ ރައްޔިތުން ގަބޫލު ކުރާނެ އެވެ. ފުރަތަމަ ކަމަކަށް ފާހަގަކޮށްލަން ޖެހެނީ ރައްޔިޔުންގެ މަޖިލީހުގެ ހަޔާތުގައިވެސް މަޖިލީހުގެ ގިނަ ރައީސުން ކަންކަންކުރެއްވީ މަޝްވަރާކޮށްގެން އަދި މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ގޮތަށެވެ. އެހެން ނަމަވެސް މިހާރު ހިންގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކަންކަން ހިނގަމުންދަނީ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ގޮތަކަށް ނޫނެވެ. ފެންނަމުންދަނީ ސަރުކާރުން ބޭނުންވާހާކަމެއް ބޭނުންވާހާ ގޮތަކަށް ކުރުމަށް މަގު ފަހިކޮށްދޭ މަޖިލީހެއްގެ ގޮތުގައެވެ. މަޝްވަރާ ކުރުމެއް ނެތެވެ. ގައުމީ ސަލާމަތާއި ރައްޔިތުންނާ ގުޅުންހުރި ބޮޑެތި އެއްބަސްވުންތަކާއި ސަރުކާރުން ހުށަހަޅާ ކަންކަން މަޖިލީހުން ރުހުން ދިނުމުގައި މަޝްވަރާ ކުރުމަކީ މިހާރު މަޖިލީހުގެ ތެރެއިން ފެންނަ ކަންކަމެއް ނޫނެވެ. ބޭރު ގައުމުތަކާއި ބޭރުގެ ޖަމްއިއްޔާ ޖަމާއަތްތަކާއެކު ސަރުކާރުންވާ އެއްބަސްވުންތަކުގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދެނީ އެ އެއްބަސްވުންތަކުގައި އޮންނަ އެއްޗެއް ދިރާސާ ކުރުމަށްފަހުގައެއް ނޫންނެވެ. ދިރާސާކުރަން، ކީއްކުރަންތޯއެވެ. އެ ފަދަ އެއްބަސްވުންތައް ރަނގަޅަށް ބަލާވެސް ނުލާ ރުހުންދޭތަން ފެންނަމުން ދަނީ މަދެއްކޮށެއް ނޫނެވެ.

މަޖިލީހުގެ މެޖޯރިޓީން ކަންކަން ނިންމާކަމަށް މަސީހު ވިދާޅުވާއިރު، ލަދުގެ ކަންފުޅެއް ވެސް ހަމަ ނެތީބާއޭ ހިތަށް އެރައެވެ. އެގޮތަށް ހިތަށް ނާރާންވީ ސަބަބެއްވެސް ނެތެއް ނޫންތޯ އެވެ. މަސީހުއަށް މަޖިލީހުގެ މެޖޯރިޓީ ފެނިވަޑައިގަންނަވާ ގޮތް ތަފާތީ ކަމަށް ވެސް ވެދާނެތާ އެވެ. ނުވަތަ އަދަދު ޖެހުމުގައި ހުރި މައްސަލައެއް ކަމަށް ވެސް ވެދާނެ އެވެ. ނަަމަވެސް މިއީ ރޮކެޓް ސައިންސެއްވެސް ނޫންވިއްޔާ އެވެ. މަޖިލީހުގެ ތިއްބަވަނީ 85 މެމްބަރުންނެވެ. އެހެންވީމާ މަޖިލީހުގެ މެޖޯރިޓީއަކީ 43 މެމްބަރުންކަން ކިރިޔާ ވެސް ވިސްނުމެއް ހުރި ބޭފުޅަކަށް ވެއްޖެއްޔާ އެގިވަޑައިގަންނަވާނެއެވެ. .

މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާއިން މަޖިލީހުގެ މެޖޯރިޓީން ނިންމާފައިވަނީ މަޖިލީހުގެ ރައީސަކީ މަސީހު ކަމަށެވެ. ނަމަވެސް މަޖިލީހުގެ ކަންކަން މަޖިލީހުގެ ގަވާއިދާއި އުސޫލުތަކާއި ހިލާފަށް ތަކުރާރުކޮށް ކުރިއަށް ގެންދާ ކަމަށް ފެންނާތީ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވެސް ހިމެނޭގޮތަށް މަޖިލީހުގެ 45 މެމްބަރުން ސޮއި ކުރައްވާ މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅި ހުށަހެޅުން ވެގެން ގޮސްފައި މިވަނީ މަސީހުއަށް "ހަޖަމް" ކުރަން ދަތިފުޅުވި ކަމަކަށެވެ. އެކަން "ހަޖަމް" ކުރައްވަން މަސީހުއަށް ދަތިފުޅުވުމުން ސަރުކާރުން ދިން ފަރުވާއަކީ ސިފައިންގެ އެހީތެރި ކަމެވެ. މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހެޅުމާއެކު ސިފައިންގެ އެހީތެރިކަމާއެކު މަސީހުއަށް މަޖިލިސް ކުރިއަށް އެބަގެންދެވެއެވެ.

"އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ ޑިމޮކްރެސީގައި އަބަދުވެސް ކަމެއް ދިމާވާނަމަ ވޯޓަކުން އެކަމެއް ނިންމާއިރު، ކޮންމެވެސް އެއްކޮޅަކަށް އެ ނިމޭނެ. ނިމޭނީ ގިނަ މީހުން ތާއީދު ކުރާ ގޮތަކަށް، އެއީ އަޣްލަބިއްޔަތު. އަދި ވެރިކަމަށް އަންނައިރު ވެސް، އިލެކްޝަންސްތަކުގައި ވެސް ކަންކަން ނިމިގެން ދަނީ މިގޮތަށް. އެހެންވީމާ ބައެއް ފަހަރު ވާދަވެރިވެގެންދާއިރު، އަޅުގަނޑުމެން ހިތްނޭދޭގޮތަށް އެހެންބަޔަކު ސްމާޓްކަމުން ކަމެއް ނިންމާފި ކަމަށްވަންޏާ އަޅުގަނޑު ދަންނަވާނީ އެއްވެސް އިއްޒަތްތެރި މެމްބަރަކު މާޔޫސްވެވަޑައި ނުގަންނަވާށޭ. އަމިއްލަ ނަފްސަަށް އަނިޔާގެ ގޮތަށް ބެލެވޭ ކަންކަން ލިބިދޭ ގޮތަށް އަޅުގަނޑުމެން އުޅުން އެއީ ރަނގަޅުކަމެއް ނޫނޭ. އަޅުގަނޑުމެން އަބަދުވެސް އުޅެންޖެހޭނީ ހެޔޮގޮތުގައި. އެހެންވީމާ އެއީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން ޑިމޮކްރެސީގައި އުޅެންޖެހޭ ގޮތަކީ. ޑިމޮކްރެސީގައި އަޅުގަނޑުމެން ކަންކަން ކާމިޔާބު ކުރަންވާނީ އާގިއުމަންޓުން. އަތްފައި އަޅުގަނޑުމެން އިސް ނުކުރާނެ. އަނގަ ކަސްރަތު އެހާވަރަށް ނުކުރާނެ އެގޮތަކަށެއް،" މިއަހަރުގެ ފަހު ޖަލްސާގައި މެމްބަރުންނާ މުހާޠަބު ކުރައްވާ މަސީހު ވިދާޅުވި އެވެ.

މަސީހު އެވެ. ސިފައިންގެ އެހީތެރިކަން ނުލިބުނުނަމަ ތިޔަ ވިދާޅުވާ ޑިމޮކްރެސީގެ ވާހަކަ ދައްކަވަން މަސީހުއަށް މަޖިލީހުގެ ރިޔާސަތުގައި އިށީދެ ވަޑައިގަންނަވާނެ ފުރުސަތު ނުލިބުނީހެވެ. މަނިކުފާނަކީ ތިޔަވިދާޅުވާ ޑިމޮކްރެސީއަށް ހުރި ހުރަހެއް ކަމަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. މަޖިލީހުގައި ހިމެނޭ 85 މެމްބަރުންގެ ތެރެއިން 45 މެމްބަރުން މަނިކުފާނު މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވަން ބޭނުމެއް ނުވެއެވެ. 

މަސީހު އެވެ. ނިކަން ޑިމޮކްރެސީއަށް ލޯބިކުރައްވާ އަދި ގިނަ މީހުން އެދޭ ގޮތަކަށް ކަންކަން ނިންމާ ބޭފުޅެއްކަން ރައްޔިތުންނަށް ދައްކަވާ ދެއްވާށެވެ. މަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އެޖެންޑާ ކުރުމަށް ފުރުސަތު ދެއްވައި ނިކަން ވޯޓަށް އައްސަވާ ބައްލަވާށެވެ.

މަސީހުއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު މަސައްކަތް ކުރައްވާ މަޖިލިސް މެމްބަރުންނަށް ޒާތްޒާތުގެ ބަސްތައް ވިދާޅުވާއިރު، މަނިކުފާނު އިންނެވި ހާލަތާމެދު ވެސް ކުޑަކޮށް ވެސް ވިސްނާ ލެއްވީމުތޯއެވެ..

ދިވެހިރާއްޖޭ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދައުލަތުގެ ތިންބާރުގެ ތެރެއިން އެންމެ މުހިއްމު ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލިސް އާއި މެދު ދުވަހަކު ވެސް ރައްޔިތުންގެ އިތުބާރު ނުގެއްލޭ ވަރަށް ތިޔަވަނީ އިތުބާރު ގެއްލުވާލައްވައިފަ ނޫންތޯއެވެ. 

ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު އެވެ. މަޖިލީހުގެ މެޖޯރިޓީ އޮތީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންގެ އަތުގަ އެވެ. ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ އަދަދު މިހާރު އުޅެނީ 39 ގަ ނޫންތޯ އެވެ. ދެން ސިފައިން ބޭނުން ކުރައްވައި ރިޔާސަތުގައި "ކޮށި ގަނޑެއް" ޖައްސަވައިގެން ގަދަފައި ވިއްދަވާފައި އިންނެވިއެއްކަމަކު ތިޔައީ މަޖިލީހުގެ ރައީސް ނޫންކަން ރައްޔިތުން އިންތިހާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣްލަބިއްތުން ބުނަމުންދާއިރު އެއީ ގިނަ ދިވެހި ރައްޔިތުން ވެސް ގަބޫލު ކުރާ ގޮތެވެ.

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ