17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

ތޫފާން އޮކި: ލަންކާއިން 7 މަރު، އިންޑިއާއިން 8 މަރު

  • މި ތޫފާން މިހާރު ދަތުރުކުރަމުންދަނީ އިންޑިއާގެ ލަކްޝަދްވީޕް ޖަޒީރާތަކާއި ދިމާއަށް

| | | @Miuvaan | |



ތޫފާން އޮކި ދަތުރުކުރަމުންދާ ގޮތުގެ ސެޓެލައިޓް ފޮޓޯއެއް -- ފޮޓޯ:މެޓް އޮފީސް

ލަންކާ، އިންޑިއާ އަދި ރާއްޖެ ހިމެނޭ ސަރަހައްދަށް އަރާފައިވާ ތޫފާން އޮކިގެ ސަބަބުން އަވަށްޓެރި ސްރީލަންކާއިން 7 މީހުން އަދި އިންޑިއާއިން 8 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

 

ލަންކާ: ތޫފާން ދަނީ ލަންކާއާއި ދުރަށް ދަތުރުކުރަމުން

ލަންކާގެ ސަރުކާރުން ބުރާސްފަތި ދުވަހު ބުނީ މި ތޫފާނުގައި 7 މީހަކު މަރުވެފައިވާއިރު، 5 މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ. ގެއްލުނު މަސްވެރިންތަކެއް ހޯދުމަށް ބޯ ވިއްސާރައިގައި ބުރާސްފަތި ދުވަހު ލަންކާގެ ކަނޑާއި ވައިގެ ސިފައިންގެ ޓީމްތަކުން މަސައްކަތް ކޮށްފައިވެއެވެ. ލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނީ މިތޫފާނުގެ އަސަރު 20 ހާސް މީހުންނަށް ކޮށްފައިވާ ކަމަށެވެ. އެގޮތުން 202 ގެއެއް އެއްކޮށް ހަލާކުވެފައިވާއިރު، 3 ހާސް ގެއަކަށް އެކިވަރުގެ ގެއްލުންތައް ވެފައިވެއެވެ. އަދި ހާހަކަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް ލަންކާގެ އަސްކަރިއްޔާއާއި ފުލުހުން ބުނެއެވެ.

ލަންކާގެ މަގެއްގެ މައްޗަށް ގަހެއް ވެއްޓިފައި
 

ލަންކާގެ މޫސުމާއި ބެހޭ އިދާރާއިން ހުކުރު ދުވަހުގެ ފަތިހު 5:30ގައި އާއްމުކޮށްފައިވާ މޫސުން ކުރިއަށް ލަފާކުރާ ގޮތުގެ ރިޕޯޓްގައި ވަނީ ތޫފާން އޮކި މިހާރު ވަނީ ލަންކާގެ ހުޅަނގުން 600 ކިލޯމީޓަރަށް ޢަރަބި ކަނޑަށް ދަތުރުކޮށްފައި ކަމަށާއި، އަދި ތޫފާން ލަންކާއާއި ދުރަށް ދަތުރުކުރަމުންދާތީ ތޫފާނުގެ އަސަރުކުރާ މިންވަރު ކުޑަވަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް މިއަދުވެސް ލަންކާގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށާއި، ވައިގަދަވާނެ ކަމަށް ލަންކާގެ މެޓް އޮފީހުން ބުނެއެވެ. އެގޮތުން ނޯތު، ނޯތު ސެންޓްރަލް، އުވާ، ސަދަން، ވެސްޓަރން، ސަބަރުގަމުވަ އަދި ސެންޓްރަލް ޕްރޮވިންސްތަކަށް 100 މިލިމީޓަރުގެ ވާރޭ ވެހޭނެކަމަށް ލަފާކުރެވެއެވެ. އަދި ވެސްޓަރން، ސަދަން އަދި ސަބަރުގަމުވަ ޕްރޮވިންސްތަކަށް ގަޑިއަކު 50 ކިލޯމީޓަރަށް ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ. ދިވެހިން ގިނަ އަދަދަކަށް ދިރިއުޅެމުންދާ ވެރިރަށް ކޮޅުނބު ހިމެނެނީ ވެސްޓަރން ޕްރޮވިންސްގައެވެ. ތޫފާނުގައި ކޮޅުނބަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، ދިވެހިން ދިރިއުޅޭ ގެތަކަށްވެސް ގެއްލުންތަކެއް ލިބުނެވެ.

ތޫފާނުގައި ބޯކޮށް ވާރޭ ވެހެމުންދާއިރު ގުގުރާނެކަމަށް ބެލެވޭތީ، ލަންކާގެ ރައްޔިތުން ހޮނު އެޅުމުން ލިބިދާނެ ގެއްލުމަކަށް ސަމާލުވުމަށްވެސް އެޤައުމުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ހަމައެއާއިއެކު އުސް ސަރަހައްދުތަކުގައި ކިސަޑު ފޭބުމުގެ ހާދިސާތައް ހިނގާފާނެކަމަށް ސަމާލުވުމަށް ވެސް ކަމާއި ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

 

އިންޑިއާ: ތޫފާން މިހާރު މިސްރާބު ޖަހާފައިވަނީ ލަކްޝަދްވީޕަށް

ތޫފާން އޮކިގައި އިންޑިއާގެ ކެރެލާ ސްޓޭޓުން 4 މީހުން އަދި ޓެމިލްނާޑޫ ސްޓޭޓުން 4 މީހުން ވަނީ މަރުވެފައެވެ. އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުރާސްފަތި ދުވަހު ކެރެލާ، ޓެމިލްނާޑޫ އަދި ލަކްޝަދްވީޕަށްވަނީ ތޫފާނުގެ އިންޒާރު ނެރެފައެވެ. ތޫފާން އޮކި ލަންކާގެ ހުޅަނގުން މިހާރު ދަތުރުކުރަމުންދަނީ ހުޅަނގު އުތުރު ހުޅަނގަށް އިންޑިއާގެ ޖަޒީރާ ރަށްތަކެއް ކަމަށްވާ ލަކްޝަދްވީޕާއި ދިމާއަށެވެ.

އިންޑިއާގެ ތިރުވަނަންތަޕޫރަމް އިން 200އަށްވުރެ ގިނަ މަސްވެރިންނަށް ވީނުވީއެއް ނޭނގި ގެއްލިގެން ބުރާސްފަތި ދުވަހު އިންޑިއާގެ ކޯސްޓްގާޑާއި ނޭވީއިން ހަރަކާތްތެރިވިކަމަށް ރިޕޯޓްތައް ބުނެފިއެވެ. އިއްޔެއާއި ރޭ އިންޑިއާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކާއި މަތިންދާބޯޓުތަކުން ހުއްޓުމެއް ނެތި މީހުން ހޯދުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. އެގޮތުން ތޫފާން އުފެދުނު ކަންޏަކުމާރީގެ ކަނޑުގެ ސަރަހައްދާއި ސޫތުކުޅިއާއި ދިމާލުން ކަނޑުމައްޗަށް ގެއްލުނު މަސްވެރިންގެ ތެރެއިން ބައެއް މީހުން އިއްޔެ އާއި ރޭވަނީ ހޯދާފައެވެ. އަދި މިހާރުވެސް އިންޑިއާގެ ކޯސްޓްގާޑުގެ ހެލިކޮޕްޓަރުތައް ޑައިވަރުންނާއިއެކު ތައްޔާރީ ޙާލަތުގައި ތިބިކަމަށް ރިޕޯޓްތައް ބުނެއެވެ.

 

ތޫފާނުގެ ތެރޭގައި ގެއްލުނު މަސްވެރިއަކު ސަލާމަތްކޮށްގެން އިންޑިއާގެ ކޯސްޓްގާޑުގެ އުޅަނދަކަށް ނަގާފައި

އިންޑިއާގައި މަރުވި ގިނަ މީހުން މަރުވީ ގަދަ ވައިގައި ގައިމައްޗަށް ބޮޑެތި ގަސްތައް ވެއްޓިގެންނެވެ. އަދި ގަހެއް ވެއްޓި، ބުރިވެފައިވާ ކަރަންޓް ކޭބަލެއްގައި މުސްކުޅި ދެމަފިރިޔަކު ޖެހި ހިނގި ހާދިސާއެއްގައި އެ ދެމަފިރިން  މަރުވެފައިވެއެވެ.

ދެކުނު އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ވައިގަދަވުމުގެ ސަބަބުން ފްލައިޓްތައް ކެންސަލްކުރަން ވަނީ ޖެހިފައެވެ. އެގޮތުން ޓުޓިކޮރިންއަށް ފްލައިޓްތައް ކެންސަލްކޮށްފައިވެއެވެ.

 

ދިވެހިންގެ ޙާލު

މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމަށްވެފައި، ތޫފާނުގެ އަސަރުކުރަމުންދާ އިންޑިއާގެ ދެކުނުގެ ސަރަހައްދުތަކާއި ލަންކާގެ ވެރިރަށް ކޮޅުނބަކީ ދިވެހިން ގިނަ އަދަދަކަށް ދިރިއުޅެމުންދާ އަދި ޒިޔާރަތްކުރާ ސަރަހައްދުތަކެއްކަމުން، އިންޑިއާ އަދި ލަންކާގައި ތިބި ދިވެހިން މޫސުމަށް ސަމާލުވުމަށް އެމްބަސީތަކުން ގެންދަނީ އިލްތިމާސްކުރަމުންނެވެ. އެގޮތުން ކޮޅުނބުގައި ހުންނަ ދިވެހި އެމްބަސީއިންނާއި ޓްރިވެންޑްރަމްގައި ހުންނަ ކޮންސިއުލޭޓުން، މޫސުމަށް ސަމާލުވުމަށް ދިވެހިންނަށް ވަނީ އިލްތިމާސްކޮށްފައެވެ. އެއްވެސް ދިވެއްސަކަށް މި ވިއްސާރައިގައި ގެއްލުމެއް ނުލިބުނުނަމަވެސް، ދިވެހިން ކޮޅުނބުގައި ދިރިއުޅޭ ބައެއް ގޭގެއަށް ގެއްލުންވެފައިވާކަމަށް އެމްބަސީއިން ބުނެއެވެ.

 

ލަންކާގައި ހުންނަ ސޯސަންވިލާއަށް ތޫފާނުގައި ލިބުނު ބައެއް ގެއްލުންތައް

މޫސުން ގޯސްވުމުގެ ސަބަބުން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކޮށް، ގޭގައި މަޑުކުރުމަށް އެމްބަސީތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ



Ftu

2 ހަފްތާކުރިން

Thoofaan oki thoofaan oachee koba rangalhugothaky mimeehun ekani oki kiyany

0
0
Ftu

2 ހަފްތާކުރިން

Thoofaan oki thoofaan oachee koba rangalhugothaky mimeehun ekani oki kiyany

0
0