17 ޑިސެންބަރު 2017 | އާދީއްތަ | 8 މުލަ

25 ބުރީގެ 62 ޓަވަރު އިމާރާތްކުރުމުގެ ގާބިލްކަން ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތަކަކަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

  • 80،000 ހައުސިން ޔުނިޓްގެ ވަޢުދަކީ ރައީސް ޔާމީން ވެވަޑައިގެންނެވި ހުސް ވަޢުދެއް
  • ހައުސިން ޔުނިޓްތައް ނިންމަން ބުނި މުއްދަތުގައި އެކަން ނުކުރެވޭނެ
  • ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަކަށް ހައުސިންގެ މަސައްކަތްތަކެއް ނުކުރެވޭނެ

| | | sahubaan | |



އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ:ރާއްޖެ އެމްވީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުގެ ގެދޮރުވެރި ކުރުމުގެ ސިޔާސަތުގެ ދަށުން 80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިމާރާތް ކުރުމަށް ނިންމާފައިވާ 25 ބުރީގެ 62 ޓަވަރުގެ މަސައްކަތް ކަނޑައަޅާފައިވާ މުއްދަތުގައި ކުރުމުގެ ގާބިލްކަން މިހާރު ރާއްޖޭގައި ތިބި ކޮންސްޓްރަކްޝަންސް ކުންފުނިތަކަށް ލިބިގެން ނުވާ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބުނެފިއެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ގެދޮރުވެރިކުރުމުގެ އެންމެ ބޮޑު އެއް މަޝްރޫޢާ ގުޅޭ ގޮތުން އެމްޑީޕީގެ ކަންބޮޑުވުންތައް ހާމަ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ 25 ބުރީގެ 62 ޓަވަރު 2019 ވަނަ އަހަރަށް ނިމޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ނަމަވެސް އެކަން ކުރެވޭނެ ވަރުގެ ކޮންސްޓްރަކްޝަން ކުންފުންޏެއް މިވަގުތު ރާއްޖޭގައި ނެތް ކަމަށެވެ. އަދި އެ އިމާރާތްތައް ނިމޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި މުއްދަތުގައި އެކަން ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. 

އަސްލަމް ވިދާޅުވީ 80،000 ހައުސިން ޔުނިޓް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އިމާރާތް ކުރެވިގެން ދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް އެއީ ރައީސް ޔާމީނަށް ފުއްދަވައި ދެއްވޭނެ ވަޢުދެއް ނޫން ކަމަށެވެ. 

އެގޮތުން އަސަލްމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ވެގެން ދިޔައިރު ވެސް ރައްޔިތުންނަށް އިމާރާތް ކޮށްދިން ހައުސިން ޔުނިޓްތަކެއް ނެތް ކަމަށެވެ. އަދި މިހާތަނަށް ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންނާ ހަވާލު ކުރި ހުރިހާ ފްލެޓްތަކަކީ ވެސް އެމްޑީޕީގެ ސަރުކާރުގައި އިމާރާތް ކުރަން ފަށާފައިވާ ނުވަތަ އެމްޑީޕީ ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އިމާރާތް ކުރި ފްލެޓްތައް ކަމަށް އަސްލަމް ވިދާޅުވިއެވެ. 

އެހެންކަމުން ހުޅުމާލޭގައި 80،000 ހައުސިން ޔުނިޓް އިމާރާތް ކޮށްދެއްވާނެ ކަމަށް ރައީސް ޔާމީން ވެވަޑައިގެންނެވި ވަޢުދަކީ އަންނަ ރިޔާސީ އިންތިހާބަށް ރައީސް ޔާމީން ވެވަޑައިގެންނެވި ހުސް ވަޢުދެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އެފަދަ ވަޢުދުތައް ރައީސް ޔާމީން ވެވަޑައިގެންނެވި ކަމަށާއި އެއިން އެއްވެސް ވަޢުދެއް ފުއްދިފައި ނުވާ ކަމަށް އަސަލްމް ވިދާޅުވިއެވެ. އޭގެ ތެރޭގައި އަލަތު ކައިވެންޏާއެކު ފްލެޓް ލިބޭނެ ވާހަކަ އާއި މަސްވެރިންނަށް ބެޔަސް ނުބެޔަސް ދޭން ބުނި 10،000ރ. އާއި ދަނޑުވެރިންނަށް ދޭން ބުނި 8,000ރ. ގެ އިތުރުން ޒުވާނުންނަށް ދޭން ބުނި ރިސޯޓް ހިއްސާގެ ވަޢުދު މިހާތަނަށް ވެސް ފުއްދިފައި ނުވާ ކަމަށް އަސަލަމް ވިދާޅުވިއެވެ. 

މީގެ އިތުރުން 25 ބުރީގެ 62 ޓަވަރު އިމާރާތް ކުރުމަށް ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކާ ހަވާލު ކޮށްފައިވާތީ އެކަމަށް ފާޑުވިދާޅުވެ، އަސްލަމް ވިދާޅުވީ ހައުސިން ޔުނިޓްތައް ގާއިމް ކުރުމަށް ސަރުކާރުން ހަވާލު ކޮށްފައިވާ ކުންފުނިތަކަކީ ރައްޔިތުންނަސް ބޭނުންވާ އަސާސީ ހިދުމްތައް ފޯރުކޮށްދެމުންދާ ކުންފުނިތައް ކަމަށާއި އެ ކުންފުނިތަކަށް އެ މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އަދި އަސާސީ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކުންފުނިތަކެއް މެދުވެރިކޮށް އިމާރާތް ކުރުމުގެ މަސައްކަތް ކުރުވާ ނަމަ އެ ކުންފުނިތަކުން ރައްޔިތުންނަށް ދެމުން ގެންދާ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ދަތިތަކާ ދިމާވެ، ހިދުމަތް ދިނުމަށް ބުރުއަރާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެ ކުންފުނިތަކުގެ ހިންގުމުގެ ގަވާއިދުތަކަށް ބަލާއިރު އެފަދަ މަސައްކަތްތަކެއް ނުކުރެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. 

އަސަލް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ގެދޮރުވެރި ކުރުމުގެ މަޝްރޫޢެއް ހިންގުމުގެ ގާބިލްކަން ލިބިފައި ވަނީ އަދި އެކަން ކުރެވޭނީ ހަމައެކަނި ހުޅުމާލެ ޑިވޮލޮޕްމެންޓް ކޯޕްރޭޝަނަށް ކަމަށެވެ. 

މީގެ އިތުރުން އަސްލަމް ވިދާޅުވީ ސަރުކާރު ހިއްސާ އަދި އާންމު ރައްޔިތުންނަށް އަސާސީ ހިދުމަތްތަކެއް ފޯރުކޮށްދެމުން ގެންދާ ކުންފުނިތަކެއް މެދުވެރިކޮށް ހައުސިންގެ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ނިންމާފައި ވަނީ ކޮރޮޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށެވެ. އެގޮތުން މި މަޝްރޫޢުގެ ތެެރެއިން ބޮޑެތި ކޮރޮޕްޝަންގެ އަމުލުތަކެއް ހިނގާނެ ކަމަށް އަސަލަމް ތުހުމަތު ކުރެއްވިއެވެ. 

މީގެ އިތުރުން ކުރު މުއްދަތެއްގައި އެހާ ގިނަ ހައުސިން ޔުނިޓްތަކެއް އިމާރާތްކުރާ އިރު އެކަމަށް އެއްވެސް ޕްލޭނެއް ނެތުމުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ