17 ޖެނުއަރީ 2018 | ބުދަ | 12 އުތުރަހަޅަ

އޭޓިޕީ ފައިނަލްސް: އަނިޔާވެ ނަދާލްއަށް ސީޒަން ނިމިއްޖެ

  • ނަދާލް ވަނީ ބެލްޖިއަމްގެ ޑޭވިޑް ގޮފިން އަތުން ދެ ސެޓު އެއް ސެޓުން ބަލިވެފަ
  • މި މެޗުގައި ނަދާލްގެ ކަކުލަށް އަނިޔާވެ އޭނާއަށް ސީޒަން ވަނީ ނިމިފައި
  • ގްރިގޯ ޑިމިޓްރޯވް ވަނީ ދެ ސެޓު އެއް ސެޓުން ޑޮމިނިކް ތިއެމް ބަލިކޮށްފައި

| | 14 ނޮވެންބަރު 2017 | އަންގާރަ 15:57 | @Saaif80 | |ގޮފިން އާއި ދެކޮޅަށް ނަދާލް ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ:ގެޓީ އިމޭޖާސް

ލަންޑަނުގައި މިހާރު ކުރިޔަށްދާ އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސްގައި ޑޭވިޑް ގޮފިންއާއި ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ދުނިޔޭގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާ ރަފައޭލް ނަދާލްއަށް ސީޒަން ނިމިއްޖެއެވެ.

ސީޒަންގެ އެންމެ ފަހު މުބާރާތުގެ ގޮތުގައި ދުނިޔޭގެ ރޭންކިންގެ އެންމެ ގަދަ އަށް ކުޅުންތެރިންގެ މެދުގައި ކުޅެވޭ މި މުބާރާތުގެ، ޕީޓް ސަމްޕްރާސްގެ ގްރޫޕުގެ ރައުންޑް ރޮބިން ދެވަނަ މެޗުގައި، ނަދާލް ވަނީ ދުނިޔޭގެ ރޭންކިންގެ ހަތް ވަނައިގައި މިވަގުތު ރޭންކް ކުރެވިފައި އޮތް ބެލްޖިއަމްގެ ޑޭވިޑް ގޮފިން އަތުން ދެ ސެޓު އެއް ސެޓުން ބަލިވެފައެވެ.

 މި މެޗުގެ ފުރަތަމަ ސެޓު 7-6 ގޮފިން ގެންދިޔަ ނަމަވެސް ދެވަނަ ސެޓު ނަދާލް ވަނީ 7-6 އިން ގެންގޮސް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުން މޮޅުވާ ކުޅުންތެރިޔަކު ކަށަވަރުކުރުމަށް ކުޅުނު ތިން ވަނަ ސެޓު، ގޮފިން ވަނީ 6-4 އިން ގެންގޮސް މެޗު ކާމިޔާބު ކޮށްފައެވެ. އެހެނަސް މި މެޗުގައި ނަދާލްގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާއަށް މި އަހަރުގެ ސީޒަން ވަނީ ނިމިފައެވެ.

މި މުބާރާތް ފެށުމުގެ ކުރިން ވެސް ނަދާލް ބުނެފައިވަނީ އޭނާ އެއްކޮށް ފިޓު ނޫން ކަމަށާއި ކަކުލަށް ލިބިފައިވާ އަނިޔާއިން އަދިވެސް އެއްކޮށް ރަނގަޅު ނުވާ ކަމަށެވެ. ނަދާލްގެ ކަކުލަށް އަނިޔާ ވެފައިވަނީ މި މަހުގެ ކުރީކޮޅު ކުޅުނު ޕެރިސް މާސްޓާސް މުބާރާތުގައެވެ. މިއީ ވޭތުވެދިޔަ 13 އަހަރު ތެރޭ އަނިޔާގެ ސަބަބުން ސީޒަން ނިންމާލާ މުބާރާތުން ނަދާލް ވަކިވި ހަ ވަނަ ފަހަރެވެ.

މި މެޗު ނިންމާލުމަށްފަހު ވާހަކަ ދައްކަމުން ނަދާލް ބުނެފައިވަނީ މެޗަށް ނުކުތުމުގެ ކުރިން ވެސް މި މެޗަކީ ސީޒަނުގެ އެންމެ ފަހު މެޗަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލުކުރެވުނު ކަމަށާއި ކުޅުން އިތުރަށް ކުރިޔަށް ގެންދެވޭ ވަރަށް ވުރެ އަނިޔާ ބޮޑުވެފައިވާ ކަމަށެވެ. އަދި މި އަނިޔާއަކީ އައު އަނިޔާއެއް ނޫން ކަމަށާއި އަންނަ ސީޒަނަށް ތައްޔާރުވުމަށް މަސައްކަތް ފަށާނެ ކަމަށް ވެސް ނަދާލް ބުނެފައިވެއެވެ.

ނަދާލް މި މުބާރާތުން ވަކިވި ކަމުގައި ވިޔަސް އޭނާ މި ސީޒަން ނިންމާލާނީ ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާގެ ގޮތުގައެވެ.

ޕީޓް ސެމްޕްރާސްގެ ގްރޫޕުގައި ދެން ހިމެނޭ ކުޅުންތެރިން ކަމަށްވާ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް އާއި އޮސްޓްރިއާގެ ޑޮމިނިކް ތިއެމް ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބުކުރީ ޑިމިޓްރޯވްއެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-3 ޑިމިޓްރޯވް ގެންދިޔަ ނަމަވެސް ތިއެމް ވަނީ 7-5 އިން ދެވަނަ ސެޓު ގެންގޮސް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެހެނަސް މެޗުގެ ނަތީޖާ ނެރެން ކުޅުނު ތިން ވަނަ ސެޓު 7-5 އިން ގެންގޮސް ޑިމިޓްރޯވް ވަނީ މި މެޗުން ކުރި ހޯދާފައެވެ.

މި މުބާރާތުގެ ބޮރިސް ބެކާގެ ގްރޫޕުގައި ކުޅުނު މެޗުތައް ސްވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާ އަދި ޖަރުމަނުގެ އެލެކްޒެންޑާ ޒަވަރޭވް ވަނީ ކާމިޔާބު ކޮށްފައެވެ.

ނަދާލްގެ ބަދަލުގައި މި މުބާރާތުގައި ދެން ވާދަކުރާނީ ސްޕެއިންގެ ޕަބްލޯ ކަރޭނާ ބުސްޓާއެވެ. އަނިޔާގެ ސަބަބުން ނަދާލްއަށް ސީޒަން ނިމުނު ކަމުގައި ވިޔަސް އޭނާ މި އަހަރު ނިންމާލާނީ ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮވެގެންނެވެ. އޭނާ ވަނީ މިއަހަރު ބޭއްވި ޔޫއެސް އޯޕަން އާއި ފްރެންޗް އޯޕަން ކާމިޔާބު ކޮށްފައެވެ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް