17 ޖެނުއަރީ 2018 | ބުދަ | 12 އުތުރަހަޅަ

ހަ ރަށަކާއި ދެ ފަޅެއް ދޫކޮށްގެން ލިބުނު 239 މިލިއަން ރުފިޔާގެ ޗެކުތައް ހަވާލުކުރީ އަދީބުއާ: ޒިޔާތު

  • 30 ރަށެއް ދޫކޮށްގެން ލިބުނު ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމުގެ ދައުވާ

| | 14 ނޮވެންބަރު 2017 | އަންގާރަ 15:16 | azmoon_ahmed | |އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔާތު -- ފޮޓޯ:މުހަމްމަދު ފަޒީން

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހަ ރަށަކާއި ދެ ފަޅެއް ކުއްޔަށް ދޫކޮށްގެން ލިބުނު 239 މިލިއަން ރުފިޔާގެ ޗެކުތައް ހަވާލުކުރީ އެއިރުގެ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ކަމަށް އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔާތުގެ ފަރާތުން ކޯޓުގައި ބުނެފި އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި 30 ރަށެއްގެ މައްސަލައިގައި ޒިޔާތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޚިޔާނާތުގެ ދައުވާތަކުގެ ތެރެއިން 15 ދައުވާއެއްގެ އިބްތިދާއީ އަޑުއެހުން އަންގާރަ ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް، ކުރިއަށް ގެންދެވުނީ އަށް ދައުވާގެ އިބްތިދާއީ އަޑުއެހުމެވެ.

ޒިޔާތުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ބުނެފައިވަނީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތައް ދޫކޮށް، އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޗެކުތަކާ ޒިޔާތު ހަވާލުވުމަށް ފަހު، އެ ފައިސާ އެމްއެމްޕީއާރްސީގެ އެކައުންޓަށް ވަދެފައިނުވާ ކަމަށެވެ.

ދައުވާއަށް ޖަވާބުދާރީވަމުން ޒިޔާތުގެ ގާނޫނީ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ ޗެކުތަކާއި ޒިޔާތު ހަވާލުވުމަށް ފަހު، ޓުއަރިޒަމް މިނިސްޓްރީއިން އަންގާފައިވާ ގޮތަށް، ފައިސާ ލިބުނު ކަމުގެ ހެއްކެއްގެ ގޮތުގައި ޗެކުތައް އަދީބުއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް، ޗެކުތައް އަދީބުއާ ހަވާލުކުރީ ޚިޔާނާތްތެރިވުމުގެ ނިޔަތުގައި ނޫން ކަމަށް ވެސް ޒިޔާތުގެ ވަކީލު ވިދާޅުވި އެވެ.

އަންގާރަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ބުނީ ހަ ރަށަކާއި ދެ ފަޅެއް ކުއްޔަށް ދޫކޮށް، އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ލިބެންޖެހޭ 12.9 މިލިއަން ޑޮލަރުގެ ނުވަ ޗެކަކާއި 40.8 މިލިއަން ރުފިޔާގެ ދެ ޗެކަކަށް ޒިޔާތު ޚިޔާނާތްތެރިވެފައިވާ ކަމަށެވެ.

ޚިޔާނާތުގެ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ އަލީ އާދަމް އަންގާރަ ދުވަހު ނިންމެވި އެވެ. ހަމަ އެއާއެކު، ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންތައްތައް ހުށަހެޅުމަށް ޒިޔާތުއަށާއި ދައުލަތަށް އެއް މަސް ދުވަހުގެ މުއްދަތެއް ވެސް ދެއްވި އެވެ. އެހެންކަމުން، ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ކުރިން އެ ކަންތައްތައް ކޯޓަށް ހުށަހަޅަންޖެހެ އެވެ.

މި މައްސަލައިގައި މިމަހުގެ 11 ވަނަ ދުވަހު ވެސް އަޑުއެހުމެއް ބޭއްވި އެވެ. އެ އަޑުއެހުމުގައި ޒިޔާތުގެ މައްޗަށް ކުރާ 15 ދައުވާއެއް އިއްވި އެވެ. އެ ދައުވާތަކުގައިވާ ގޮތުގައި 13 ފަޅުރަށަކާއި ދެ ފަޅެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 23.1 މިލިއަން ޑޮލަރު(357 މިލިއަން ރުފިޔާ) އަށް ޒިޔާތު ވަނީ ޚިޔާނާތްތެރިވެފަ އެވެ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް