19 ނޮވެންބަރު 2017 | އާދީއްތަ | 6 ނޮރަ

އެއް ކެނޑިޑޭޓަކަށް ކުރާ އުންމީދު، ހަގީގަތަކަށް ވެދާނެތަ؟

  • ވެރިކަމަށް ކުރިމަތިލައްވާނެ ކަން ރައީސް ނަޝީދު ވަނީ އަންގަވާފައި
  • ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރަކަށް އަދާލަތުން ތާއިދުކުރޭ
  • އަވަހަށް ގޮތެއް ނުނިންމައިފި ނަމަ ގެއްލުން ބޮޑުވާނެ

| | | AliYooosuf | |



އިދިކޮޅު ފަރާތްތަކުން ނޫސްވެރިންނަށް މައުލޫމާތު ދެނީ: އެއް ކެނޑިޑޭޓެއް ނެރުމުގެ ވިސްނުމެއް އެބަ އޮތް -- ފޮޓޯ:މުހައްމަދު ޝަރުހާން

ގިނަ ކެންޑިޑޭޓުންނަށް ވާދަކުރެވޭ ގޮތަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ރިޔާސީ އިންތިޚާބުން ގިނަ އިބްރަތްތަކެއް ހާސިލްވެގެން ދިޔައެވެ. އެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވަކިވަކި ޕާޓީތަކުން ކެންޑިޑޭޓުން ވާދަކުރި ނަމަވެސް 30 އަހަރުގެ ވެރިކަން ނިންމުމަށް ދެ ވަނަ ބުރުގައި އިދިކޮޅު ހުރިހާ ފަރާތްތަކުން އެކައްޗެއް ކިޔަންޖެހުނެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ވެސް ނުކުތީ ހަމަ އެ ނަތީޖާއެވެ. އެނގި ހާމަވެގެން ދިޔަކަމަކީ ރާއްޖޭގެ މި ކުޑަ އާބާދީގައި އެކަކަށް ނުވަތަ އެއްބަޔަކަށް ގާނޫނުއަސާސީގައި އެ ބުނާ މެޖޯރިޓީ ނެތް ކަމެވެ. އެކި ފިކުރުތަކަށް ބެހި ހުސްވެފައިވާ ތިން ލައްކެއެއްހާ މީހންގެ މި އާބާދީގައި ސިޔާސީ ގޮތުން އެފަދަ ލީޑަރަކު ކުރިން ވެސް އަދި މިހާރު ވެސް ނެތެވެ.

އާ ގާނޫނުއަސާސީގެ ދަށުން ގިނަ ޕާޓީތައް ވާދަކުރާ ތިން ވަނަ ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނަ އިރު އަނެއްކާ ވެސް މި ވަނީ ހަމައެ ސުވާލު ކުރަންޖެހިފައެވެ. އެ ވިސްނުން ވިސްނަންޖެހިފައެވެ. މިއަދުގެ ބޮޑު ސުވާލަކީ ވަކި ޕާޓީތަކުން ވާދަކޮށް، އެއްވެސް ލީޑަރަކަށް ފުރަތަމަ ބުރުން ވެރިކަން ކާމިޔާބު ކުރެވިދާނެ ހެއްޔެވެ؟ ފެންނަ މަންޒަރުތަކަށް ބަލާއިރު އެއީ ވުން ދުރުކަމެކެވެ. ދެން އޮތް ސުވާލަކީ ރާއްޖޭގެ މިހާރުގެ ހާލަތު އޮތް ގޮތަށް ބަލާއިރު ވަކިވަކި ޕާޓީތަކުން ރިޔާސީ އިންތިޚާބުގައި ވާދަކޮށްފި ނަމަ ސިޔާސީ މަސްރަހަށް އަންނާނީ ކޮން ބަދަލުތަކެއް ހެއްޔެވެ؟ އޭގެ ނަތީޖާ ކިހިނެއް ވާނެ ހެއްޔެވެ؟

ގުޅިފައިވާ ޕާޓީތަކުގެ އެއްބައިވަންތަކަމުގެ ސަރުކާރެއްގެ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެއެވެ. ރަސްމީ ސިފައެއްގައި ވަކިވަކި ޕާޓީތަކުން އެ ކަމަށް އެއްބަސް ވެސް ވެއްޖެއެވެ. ދާދި ފަހުން އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "މިދަނޑިވަޅުގައި، ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުތައް އިސްކޮށް، ދިވެހި ގައުމަށް މެދުވެރިވެފައިވާ މުސީބާތުން ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު އަލުން އަނބުރާ އިޔާދަކުރުމަށްޓަކައި 2018 ވަނަ އަހަރު ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް" އެ ޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރުކޮށްފައިވާ ކަމަށެވެ.

އަދާލަތު ޕާޓީގެ މި އިގްރާރާ ގުޅިގެން އެމްޑީޕީން ވެސް ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. އެހެންކަމުން ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރެ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމުގެ ވިސްނުމަކީ އެމްޑީޕީގެ ވެސް ވިސްނުންކަމުގައި ބެލެވެން އެބަ އޮތެވެ. ޖުމްހޫރީ ޕާޓީން ރަސްމީ ސިފައެއްގައި އެ ވިސްނުމަށް ތާއީދުކުރާކަން މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވެސް އެ ޕާޓީގެ އިސް މެންބަރުންގެ ވަކިވަކި ވިސްނުމަށް ބަލާއިރު އެއީ ގޯސް ވިސްނުމެއް ނޫނެވެ. ދެން ހުންނެވީ އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތްކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫނެވެ. އެމަނިކުފާނުގެ ވިސްނުން އަދި މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

މި ހުރިހާ ޕާޓީތަކުން ވެސް އެއްގަލަކަށް އެރި މައިގަނޑު އެއް ސަބަބެއް ކަމަށް ބުނެފައި ވަނީ މިހާރުގެ ސަރުކާރުން ހިންގާ އަނިޔާވެރި އަމަލުތައް ހުއްޓުވައި އަދުލު އިންސާފު ގާއިމުކޮށް ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމުގައި އެކުގައި މަސައްކަތް ކުރުން ކަމަށެވެ. ރިޔާސީ އިންތިޚާބެއްގެ ވާހައަކީ މުޅިން އެހެން މައުލޫއެކެވެ. އެއް ކެންޑިޑޭޓެއްގެ ވާހަކައަކީ ވެސް މުޅިން އެހެން މައުލޫއެކެވެ. އެއީ ހުރިހާ ފަރާތްތަކުން ތާއީދުކުރާ ވިސްނުމަކަށް ވިޔަސް ސުވާލު އުފެދޭ ހިސާބަކީ އެއީ ކޮން ކެންޑިޑޭޓެއް ހެއްޔެވެ؟ އެ ސުވާލާ ހިސާބުން ހުއްޓުން އަރަނީއެވެ. ފަހަތު ފަޔަށް ބުރަވެވެނީއެވެ. ދޫދޭން އުނދަގޫވަނީއެވެ.

ފެންނަ މަންޒަރުތަކަށް ބަލާއިރު އެމްޑީޕީން އޮތީ "ކޮމްޕްރޮމައިޒް" ކުރާ ގޮތަކަށް ނޫނެވެ. ގާނޫނުއަސާސީ މިހާރު އޮތް ގޮތުން ތަންނުދިނެއް ކަމަކު ކުރީގެ ރައީސް ނަޝީދު ވެސް ހުންނެވީ އެންމެ އިންޗިއެއް ވެސް ފަހަތަށް ޖެހިވަޑައިގަންނަވާ ގޮތަކަށް ނޫނެވެ. އިންތިޚާބުގައި ވާދަކުރައްވާނެކަން ރަސްމީ ސިފައެއްގައި އެމަނިކުފާނު ވަނީ އެމްޑީޕީ އަށް ވެސް އަންގަވާފައެވެ. އެހެންކަމުން އެއް ކެންޑިޑޭޓެއްގެ ވާހަކަ ފެށުމުގެ ކުރިން އެކަން އެ ވަނީ ނިމި ސިއްކަ ޖެހިފައެވެ.

އެ ބުނާ "އެއް ކެންޑިޑޭޓް" އަކީ ރައީސް ނަޝީދު ނަމަ މައްސަލައެއް ނެތެވެ. ނަމަވެސް އެހެން ބޭފުޅެއްގެ ނަން އަންނަ ހިސާބުން އެ މަޝްވަރާ އިތުރަށް ކުރިއަށް ދާނެ ކަމަކަށް ނުބެލެވެއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރަށް ވެސް އިންތިޚާބުގައި ވާދަނުކުރެއްވޭތީ އެ ޕާޓީން މިދަނޑިވަޅުގައި ކެންޑިޑޭޓެއް ނެރުމަށް ވުރެ ނުނެރުން ގާތެވެ. ކުރީގެ ދެ އިންތިޚާބުގައި ވެސް އަދާލަތު ޕާޓީގެ ޝައުގުވެރިކަމެއް ނެތުމުނާއި ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް މިހާރު ޖަލުގައި ހުންނެވުމުން މިފަހަރު ވެސް އެ ޕާޓީން އަރާނީ ކޮންމެވެސް ބައެއްގެ ފަހަތެވެ. ކިރިޔާ ވެސް ސުވާލެއް އޮތީ ރައީސް މައުމޫނު ތަމްސީލްކުރައްވާ ބޭފުޅަކު ވެރިކަމަށް ނުކުމެވަޑައިގަތުމާ މެދުގައެވެ.

ވަކިވަކި ޕާޓީތަކެއްގެ ގޮތުގައި މަސައްކަތްކޮށްގެން ނުކުންނާނެ ނަތީޖާ މީގެ ކުރިން ވެސް އޮތީ ފެނިފައެވެ. ހަމައެކަނި ދެ ވަނަ ބުރަށް އަތުގުޅާލުމުގެ ވިސްނުމެއްގައި މަސައްކަތްކުރި ނަމަވެސް ކެމްޕެއިންގެ ތެރެއިން އަޑުއަހަން ފަސޭހަ ނޫން ވާހަކަތަކެއް އިވި، ފަތިފުށްތައް ހާމަވާ މިންވަރު ބޮޑުވެ، ކޯޅުންތައް އިތުރުވެ، ބައިބައިވުން އިތުރުވެއްޖެ ނަމަ ހަމަގައިމު ވެސް އޭގެ ގެއްލުން އިދިކޮޅު ޕާޓީތަކަށް ކުރާނެއެވެ.

އިންތިގާލީ ސަރުކާރެއްގެ ވާހަކަ ރައީސް ނަޝީދު ދެއްކެވި ނަމަވެސް އެއީ ވެސް އެހާ އާރުލާ ހިޔާލަކަށް ނުވިއެވެ. އެއީ ހަމައެކަނި ހިޔާލީ ފޮލާއެކެވެ. އެއް ކެންޑިޑޭޓަކަށް ދިޔުމަކީ އިދިކޮޅު ފަރާތްކަށް އޮތް ހަމައެކަނި ޗޮއިސްއެވެ. ނަމަވެސް އެ ކެންޑިޑޭޓަކީ ހަމައެކަނި ރައީސް ނަޝީދު ކަމަށް ބަލައި ރައީސް ނަޝީދަށް ވާދަކުރެއްވޭނެކަމުގެ ޔަގީންކަން ލިބެންދެން ކެމްޕެއިން މަޑު ޖައްސާލައިގެން ތިބުމަކީ ވެސް އިދިކޮޅު ފަރާތްތަކަށް ލިބޭނެ ގެއްލުމެކެވެ. އެހެންކަމުން އެކަން ވީ އެންމެ އަވަހަށް ސާފުވާންޖެހެއެވެ. އަދި ބެކަޕް ޕްލޭނަކާ މެދު ވިސްނަން ޖެހެއެވެ. ނޫން ނަމަ އާއިޚުރުގައި އިދިކޮޅު ފަރާތްތަކަށް ލަނޑު ލިބުމުގެ ފުރުސަތު ބޮޑެވެ. "އެއް ކެންޑިޑޭޓް"އަކީ ރައީސް ނަޝީދު ކަމަށް ނުވާ ނަމަ އެހެން ލިސްޓެއް ވެސް މިހާރު އޮންނަން ވާނީ އެކުލަވާލެވިފައެވެ. ނޫން ނަމަ މަޝްވަރާތައް ދިގުލައި ބައިބައިވުން އުފެދި އިދިކޮޅު ފަރާތްތަކަށް ލަނޑު އެޅުން ގާތެވެ.  

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ



ހ މ ޒ

3 ދުވަަސް ކުރިން

އިދިކޮޅު މެންބަރު އިހްތިޖާޖް ކުރަނިކޮށް ބަޖެޓް ހުށަހަޅައިފި! ދެން އަތްޖަހާ؟

0
0
ހ މ ޒ

3 ދުވަަސް ކުރިން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމު ހަނގުރާމަކުރައްވަމުން ގެންދަވަނީ ދިވެހި އިޤުތިޞާދު ކޮޅަށްޖަހާ، ދިވެހީންނަކީ ފުދުންތެރި އަދި މިހާރު މާލޭގައި އެންމެ ބާރު ސްޕީޑެއްގައި މަސައްކަތް ކުރެވެމުންދާ ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތައް ބޭނުންވާ މެޝިނަރީސް ހޯދުމަށް ބަޖެޓްގައި 818 މިލިއަން ރުފިޔާ ހިމަނައިފިއެވެ؟.!2018؟

0
0