17 ޖެނުއަރީ 2018 | ބުދަ | 12 އުތުރަހަޅަ

ޖުމްހޫރީދުވަސް: ރައްޔިތުންތިބީ ހާސްކަމާއި މާޔޫސްކަމުގައި!

  • ފުރަތަމަ ޖުމްހޫރިއްޔާ އުވިދިޔައީ 7 މަހާއި 26 ދުވަހުން
  • ޖުމްހޫރިއްޔަތެއްގެ ފޮނިމީރު ކަމެއް ނުލިބޭ

| | 11 ނޮވެންބަރު 2017 | ހޮނިހިރު 17:26 | @hirigaahusham | |ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު -- ފޮޓޯ:ރައީސް އޮފީސް

މިގައުމުގައި އޮންނާނީ ޖުމްހޫރީވެރިކަމެއް ކަމަށް ގާނޫނުއަސާސީގައި ލިޔެފައި އެބައޮތެވެ. އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މި ރާއްޖޭގެ ރައްޔިތުން ޖުމްހޫރީވެރި ކަމެއް ގައުމުގައި ކުރުމަށް ބޭނުންވެގެން ވޯޓު ދިނީ  އެކަމުގައި ވިސްނުންތަކެއް ވިސްނުމަށް ފަހުއެވެ. އަދި ބަރުލަމާނީ ވެރިކަމާއި، ޖުމްހޫރީވެރިކަމެއްގައި ހުންނަ ތަފާތުތައް ރަނގަޅަށް އެނގިތިބެގެންނެވެ.

މި ގައުމުގައި ޖުމްހޫރީވެރިކަމެއް ކުރަނީ މިއަދަކު އިއްޔެއަކު ނޫނެވެ. ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކީ ސުމުއްވުލް އަމީރު މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނެވެ. އެކިލެގެފާނު އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފައި ވިޔަސް އެކިލެގެފާނުގެ ހަނދާންތައް މިއަދު ވެސް ފެންނަން އެބަހުއްޓެވެ.  ވިރާސީ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ގައުމުގެ ވެރިކަމުގެ ނިޒާމް ފުރަތަމަ ބަދަލު ކުރެއްވި ކުރެއްވުން އެމަނިކުފާނު ގަބޫލުފުޅު ކުރައްވައިފައި ވަނީ ރާއްޖެ ދުނިޔެއަށް ހޭލައްވައިލަދިން ކަމެއްގެ ގޮތުގައެވެ.

ރާއްޖޭގައި ފުރަތަމަ ޖުމްހޫރީ ވެރިކަމެއް އުފެދުމަށް ފަހު އެވެރިކަން ނިމި ދިޔައީ އަހަރެއް ހަމަނުވަނީހެވެ. ހަތް މަހާ 26 ދުވަހުން ފުރަތަމަ ޖުމްހޫރިއްޔާ އުވިދިޔައީއެވެ. ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސްގެ ގޮތުގައި ގާނޫނީ ހުވާ ކުރެއްވީ ސުމުވުލް އަމީރު މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނެވެ. އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައީ ވެސް ދިވެހިންނެވެ. ހަށިކޮޅަށް ބަޔަކު އަނިޔާދެމުން ދިޔައިރު ރައްޔިތުންނަށް ނިސްބަތްކޮށް އެމަނިކުފާނު މާގިނަ ވާހަކަފުޅެއް ވިދާޅުވި ކަމަކަށް ތާރީހުގައި ލިޔެފައެއް ނެތެވެ. އެހެން ނަމަވެސް ރައްޔތުން ރުޅި އައިސް ރަތްވެގެން ތިބެ އަމީންގެ ހަށިކޮޅަށް ދިން އަނިޔާ ނިންމާލުމުގެ ކުރިން ފަޅުތެރޭގައި އޮތް ބޮއްކުރައަކަށް އެމަނިކުފާނު އެއްލާލި ކަމަށް ތާރީހީ ފޮތްތަކުގައި ލިޔެވިފައި އެބަހުއްޓެވެ. އެވަގުތު ފަލިތަންޑަކުން އެމަނިކުފާނުގެ "މައިބަދައިގައި" މީހަކު ޖެހުމުން "ދެންފުދިއްޖެ ނުންތޯ" އޭ ވިދާޅުވި ކަމަށް ބައެއް ފޮތްތަކުގައި ލިޔެފައި އެބަހުއްޓެވެ.

އަމީން ދީދީގެ ވެރިކަމަށް ފަހު އަލުން ވިރާސީ ރަސްކަމެއް އުފެދުނީ ވެސް  އެވަގުތު ރައްޔިތުން އެގޮތް ބޭނުން ވުމުންނެވެ. އަދި ރަސްކަމަކަށް ފަހު އަނެއްކާވެސް އަލުން ޖުމްހޫރިއްޔަތެއް މި ރާއްޖޭގައި އުފެދުނެވެ. ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކީ ވެލާނާގޭ އިބުރާހިމް ނާސިރެވެ. ނޫނީ އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނެވެ. އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގައި ތަރައްގީގެ އެތައް މަސައްކަތްތަކެއް ފެށުނެވެ. ނުވަތަ ބިންގާއެޅުނެވެ. އެމަނިކުފާނު އަވަހާރަވެފައިވަނީ ރައީސްކަމުގައި 10 އަހަރު ހޭދަކުރައްވައި މިގައުމު ދޫކުރައްވައި ސިންގަޕޫރުގައި ދިރިއުޅުއްވަނިކޮށެވެ. އެމަނިކުފާނު ވަނީ އޭރު އޮތް އުސޫލުތަކުގެ ތެރެއިން އާ ރައީސަކު ވެރިކަމުގެ ގާނޫނީ ހުވާ ކުރެއްވުމަށް 1978 ގައި ފުރުސަތު ދެއްވައިފައެވެ.

ދިވެހި ދެވަނަ ޖުމްހޫރިއްޔާގެ ދެ ވަނަ ރައީސަކީ އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމެވެ. އެ މަނިކުފާނަކީ 30 އަހަރު ވަންދެން ރައްޔިތުން ވެރިކަމަށް އިންތިހާބު ކުރަމުން އައި ގައުމީ ޚިދުމަތްތެރިއެކެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމްގައި ހުރި މައްސަލަތައް އިސްލާހު ކުރެއްވުމަށް ވެރިކަމުގެ ފަހުކޮޅުގައި ފުރުސަތު ދެއްވި ބޭފުޅެކެވެ. ތަރައްގީގެ ވަރަށް ގިނަ ކަންކަން އެމަނިކުފާނުގެ ވެރިކަމުގައި ކޮށް ނިންމެވިއެވެ.

އެމަނިކުފާނަށް ފަހު ރާއްޖޭގައި ހެޔޮވެރިކަމެއް ކުރައްވަން ފުރުސަތު ލިބިވަޑައިގަތީ ގ. ކެނެރީގޭ މުހައްމަދު ނަޝީދަށެވެ. ރާއްޖޭގެ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ސިޔާސީ މިސްރާބު ބަދަލުކޮށްލައްވައި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެއްވުމަށް ބުރަ މަސައްކަތްޕުޅެއް ކުރެއްވި ރައީސަކީ ރައީސް ނަޝީދެވެ. އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ހަމަނުވަނީސް އުފެދިގެން އައި ކޮޅިގަނޑާއި ކުރި ބަޣާވާތާ ގުޅިގެން މަޖުބޫރުވެވަޑައިގެން އިސްތިއުފާދެއްވުމުން އެމަނިކުފާނުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސްކަމުގެ ހުވާ ކުރެއްވިއެވެ.

ރައީސް ވަހީދަށް ފަހު މިހާރު ވެރިކަމުގައި އެ ހުންނެވީ ރައީސް އަބުދުﷲ ޔާމީނު އަބުދުލްގައްޔޫމެވެ. އެމަނިކުފާނު ވެސް ތަރައްގީ ޔަގީން ނަމުގައި ލައްކަ ކަންކަން ކުރައްވަން ހިތްވަރުފުޅު އެބަ ކުރައްވައެވެ. އެކަން އެހެން އޮތްނަމަވެސް އެމަނިކުފާނުގެ ސަރުކާރަށް ކޮރަޕްޝަނުގެ ތުހުމަތުގެ އިގިނލި ދިއްކުރާ މީހުން އަންނަނީ ހައްތަހާ ގިނަވަމުންނެވެ.

މިއަދު މިއީ ޖުމްހޫރީ ދުވަހެވެ. ޖުމްހޫރީ ވެރިކަމެއްގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބުނު ނަމަ އެކަން ފާހަގަ ކުރަން އޮތް ދުވަހެވެ. އެހެން ނަމަވެސް ގައުމުގެ ގިނަބަޔަކަށް މިއަދު އިހްސާސް ކުރެވޭ ފޮނިމީރު ކަމެއް އެބަ އޮތް ހެއްޔެވެ؟ އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ރައްޔިތުން ތިބީ މާޔޫސް ކަމާ ހާސްކަމުގެތެރޭގައެވެ. 

 


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހ މ ޒ

2 މަސް ކުރިން

މަލާމާތައި ފުރައްސާރަ ކުރުމަކީ މިއަދު މި ދިވެހި މުޖުތަމައުގައި އާއްމު ކަމެކެވެ.

0
0