19 ނޮވެންބަރު 2017 | އާދީއްތަ | 6 ނޮރަ

ރައީސް ޓްރަމްޕް ގެ އޭޝިއާ ދަތުރުފުޅުން އުތުރު ކޮރެއާ މައްސަލައަށް ހައްލެއް ލިބިދާނެބާ؟

  • ރައީސް ޓްރަމްޕްގެ އޭޝިއާ ގެ ދަތުުރުފުޅުގެ އެއް އަމާޒަކީ އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުމާއި ބޭނުން ކުރުމުން ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައު ތާއިދު ހޯދުން
  • ރައީސް ޓްރަމްޕް ވަނީ އޭޝިއާގެ ދަތުރުފުޅުގައި ވަރަށް "މަޑުމައިތިރި ރާގެއްގައި" އުތުރު ކޮރެއާ އާ މެދު ވާހަކަފުޅުދައްކަވާފައި

| | | IamAhmedAnoosh | |



ރައީސް ޓްރަމްޕް ޖަޕާނުގެ ބޮޑު ވަޒީރު އަބޭ އާއި ބައްދަލު ކުރައްވަނީ -- ފޮޓޯ:ގޫގުލްސް

އުތުރު ކޮރެއާގެ މައްސަލަ އަކީ ދުނިޔޭގެ މީޑިއާގެ ފަލަ ސުރުޚީތަކުގައި އެންމެ އަޑުހަރުކޮށް ދެކެވޭ އެއް ވާހަކައެވެ. އދ އިން އުތުރު ކޮރެއާއަށް ދަތިކުރުމުގެ ފިޔަވަޅުއަޅައިފިއެވެ. ބާރުގަދަ އެމެރިކާއިންވެސް ފިޔަވަޅު އަޅައިފިއެވެ. ބައިނަލްއަޤުވާމީ ދުނިޔެއިން ތަކުރާރުކޮށް އުތުރު ކޮރެއާއަށް އަންގަމުން ދަނީ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށާއި އަދި މިސައިލް ޓެސްޓްތައް ކުރުން ހުއްޓާލުމަށެވެ. އެހެންނަމަވެސް އުތުރު ކޮރެއާއިން ބައިނަލްއަޤުވާމީ ދުނިޔޭގެ ގޮވުންތަކަށް ދަނީ ބީރުކަންފަތެއް ދެމުންނެވެ. އަދި އުތުރު ކޮރެއާ އާއި ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް އެގައުމު އަދި ނުގުޑައެވެ.

އެމެރިކާގެ ރައީސްކަމާއި ޑޮނަލްޑް ޓްރަމްޕް ހަވާލުވެވަޑައިގަތް ފަހުން ގައުމުން ބޭރަށް ކުރައްވާ އެންމެ ދިގު ދަތުރުފުޅު ރައީސް ޓްރަމްޕް މިހާރު މިހާރު އޭޝިއާއަށް ކުރައްވަމުންނެވެ. 25 އަހަރުތެރޭ އެމެރިކާގެ ރައީސަކު އޭޝިއާއަށް ކުރައްވާ އެންމެ ދިގު ދަތުރުފުޅު ރައީސް ޓްރަމްޕް ކުރައްވަމުން ގެންދަވާއިރު މި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގަންނަވާނީ ޖަޕާން، ދެކުނު ކޮރެއާ، ޗައިނާ، ވިއެޓްނާމް އަދި ފިލިޕީންސްއަށެވެ.

ރައީސް ޓްރަމްޕްގެ ދަތުރުފުޅު ފެއްޓެވުމުގެ ކުރިން ވައިޓްހައުސްގެ ޕްރެސް ބްރީފިންއެއްގައި އެމަނިކުފާނުގެ ދަތުރުފުޅާއި ގުޅޭގޮތުން އެމެރިކާގެ ނެޝެނަލް ސެކިއުރިޓީ އެޑްވައިޒަރ އެޗް. އާރް މެކްމާސްޓާ ވިދާޅުވެފައިވަނީ، ރައީސް ޓްރަމްޕްގެ ދަތުރުފުޅުގައި ތިން ކަމެއް ހާސިލް ކުރައްވަން އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ. އެއީ އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުމާއި، ބޭނުން ކުރުން ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމައުގެ ތާޢީދު ހޯދުމާއި، މިނިވަން އަދި ހުޅުވިފައިވާ އިންޑޯ-ޕެސިފިކް ރީޖަނެއް ޕްރޮމޯޓު ކުރުން ކަމަށެވެ. އަދި އެމެރިކާގެ ފުދުންތެރިކަމަށް އެއްބަސްވުންތަކެއްގެ ތެރެއިން މަސައްކަތް ކުރުންވެސް ދަތުރުގެ މަޤުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަސް މެކްމާސްޓާ ވިދާޅުވިއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ޖަޕާނަށް ވަޑައިގެން ވިދާޅުވެފައި ވަނީ އުތުރު ކޮރެއާއިން އުދުއްސާލާ މިސައިލްތައް އެމެރިކާއިން ގަނެފައިވާ އަސްކަރީ ސާމާނު ބޭނުންކޮށްގެން ޖަޕާނަށް "ވައްޓާލެވޭނެ" ކަމަށެވެ. ރައީސް ޓްރަމްޕްގެ ވާހަކަފުޅަށް އިޝާރާތްކުރައްވައި ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ "ބޭނުންވެއްޖެ ހާލަތެއްގައި" އުތުރު ކޮރެއާއިން އުދުއްސާލާ މިސައިލްތައް ޖަޕާނަށް އިންޓަސެޕްޓް ކުރެވޭނެ، ނުވަތަ ވައްޓާލެވޭނެ ކަމަށެވެ. އުތުރު ކޮރެއާއިން މީގެކުރިން ވަނީ ޖަޕާނު މަތިން ދެ މިސައިލެއް އުދުއްސާލާފައެވެ.

ޖަޕާނަށް ފަހު ރައީސް ޓްރަމްޕް ދެން ވަޑައިގެންނެވީ ދެކުނު ކޮރެއާއަށެވެ. ދެކުނު ކޮރެއާގައި ވާހަކަފުޅުދައްކަވަމުން އުތުރު ކޮރެއާ އާއި ގުޅޭގޮތުން ރައީސް ޓްރަމްޕް ވިދާޅުވީ ނިއުކްލިއާ ހަތިޔާރު ގެންގުޅުމުން ދުރުވުމާއި ބެހޭގޮތުން އުތުރު ކޮރެއާއިން "މޭޒު ދޮށަށް އައިސް" މަޝްވަރާތައް ކުރުމަށް ގޮވާލާ ކަމަށެވެ. ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި، އެގައުމުގެ ބޮޑު ވަޒީރު މޫން ޖެއި-އިން އާއި އެކު ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން އުތުރު ކޮރެއާ އާއި ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާ ބޭނުންކުރަން ޖެހިދާނެ ފަދަ ހާލަތެއް ނައުމަށް އެދޭކަމަށެވެ.

ރައީސް ޓްރަމްޕްގެ އޭޝީއާ ދަތުރުފުޅުގައި އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު ފައްކާރުމުގެ ޕްރޮގްރާމާއި ނިއުކްލިއާ ހަތިޔާރު ބޭނުންކުރުން ހުއްޓާލުމަށް ގޮވައިލައްވަމުން ގެންދަވާއިރު އެކަން އެހެން އުތުރު ކޮރެއާއިން ކޮށްފާނެތޯ ސުވާލު އުފެދެއެވެ. އެއީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. މީގެ ކުރިން އެމެރިކާ އިން ވަނީ އުތުރު ކޮރެއާގެ "ވިސްނުމެއް ނެތް ފަރުވާ ކުޑަ އަމަލުތައް" ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ނަމަ އެމެރިކާ އާއި އެގައުމުގެ ގާތް ރަހުމަތްތެރި ގައުމުތަކުގެ ދިފާއުގައި އުތުރު ކޮރެއާ "ނައްތާލަން ޖެހިދާނެ" ކަމަށްވެސް ބުނެފައެވެ. އެހެންނަމަވެސް އުތުރު ކޮރެއާއިން ތަކުރާރުކޮށް ދިޔައީ މިސައިލް ޓެސްޓުތައް ކޮށް، ނިއުކްލިއާ ހަތިޔާރު ފައްކާރުމުގެ ޕްރޮގްރާމް ހިންގަމުންނެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ