17 ޖެނުއަރީ 2018 | ބުދަ | 12 އުތުރަހަޅަ

ދުނިޔޭގެ އިގްތިސާދު އާދަޔާ ހިލާފަށް ކުރިއަރަނީ، ނަމަވެސް އާމްދަނީގެ ބޮޑު ފަރަގެއް!

  • މިއަަހަރު ދުނިޔޭގެ އިގްތިސާދު ވަނީ 3.7 ޕަސެންޓް ކުރިއަރާފައި
  • މިއީ ލަފާ ކުރި މިންވަރަށް ވުރެ 0.1 ޕަސެންޓްގެ ކުރިއެރުމެއް
  • އާންމު ރައްޔިތުންގެ އާމްދަނީގެ ފަރަގު ބޮޑު

| | 9 ނޮވެންބަރު 2017 | ބުރާސްފަތި 21:18 | FathimathShana | |ޗައިނާގައި އުމްރާނީ ގޮތުން ވަރަށް ބޮޑަށް ކުރިއަރާފައިވާ ސަރަހައްދެއް -- ފޮޓޯ:އޭޝިއާ ޓައިމްސް

ދުނިޔޭގެ އިގްތިސާދީ ކުރިއެރުންތަކަށް ބަލާ އިރު މިދިޔަ އަހަރާއި މިއަހަރުގެ ކުރިއެރުންތަކުގައި ވެސް ވަރަށް ބޮޑު ތަފާތުތަކެއް އެކުލެވެ އެވެ. މާލީ ދާއިރާގައި ގައުމުތަކުން ލަފާކުރި ކުރިއެރުންތަކާއި ލިބުނު ކުރިއެރުންތައް ވެސް ވަރަށް ބޮޑަށް ތަފާތެވެ. މުޅި ދުނިޔެއަށް ބެލި ނަމަވެސް ފެނިގެންދަނީ އިގްތިސާދުތައް ފުޅާދާއިރާއެއްގައި ކުރިއަރަމުންދާ މަންޒަރެވެ. މިސާލަކަށް ހުޅަނގުގެ ގައުމުތަކާއި ޗައިނާ އާއި ޖަޕާނާއި އެމެރިކާއަށް ބެލި ނަމަވެސް ފެނިގެން ދަނީ ބޮޑެތި ކުރި އެރުންތަކެވެ.

ދުނިޔޭގެ އިގްތިސާދު ކުރިއަރާނޭ ކަމަށް މިއަހަރަށް ލަފާ ކުރެވުނީ 3.6 ޕަސެންޓެވެ. އެހެން ނަމަވެސް ލަފާކުރި މިންވަރަށް ވުރެ 0.1 ޕަސެންޓް އިތުރަށް ދުނިޔޭގެ އިގްތިސާދު ކުރިއަރާފައިވެ އެވެ.

ދުނިޔޭގެ އިގްތިސާދު 2017 ވަނަ އަހަރު އައިސްފައިވާ ހިސާބަށް ބަލާ އިރު ކުރިމަގު ފެނިގެންދަނީ ވަރަށް އުޖާލާކޮށެވެ. އެގޮތުން މި ކުރިއެރުން 2018 ގައި ވެސް އިތުރަށް މައްޗަށް ދާނެ ކަމަށް އަންދާޒާ ކުރެވެއެވެ. ކުރިއަރަމުން އަންނަ މާކެޓުތަކާއި ވިޔަފާރި އާއި އިގްތިސާދުތައް، އަންނަ އަހަރުގެ ދުނިޔޭގެ އިގްތިސާދަށް ބޮޑު ހިއްސާއެއް ވާނެ އެވެ. އެގޮތުން ސަބް-ސަހާރަން އެފްރިކާގައި މީހެއްގެ ބޮލަކަށް ޖެހޭ މިންވަރު، މިދިޔަ ދެ އަހަރާ އަޅާ ބަލާ އިރު 2018 ވަނަ އަހަރު ވަރަށް ބޮޑަށް އިތުރުވެގެންދާނެ އެވެ.

ދުނިޔޭގެ އިގްތިސާދަށް ކުރިއެރުން ލިބިފައިވާއިރު، އިގްތިސާދީ މާހިރުން ވަނީ މި ދަޑިވަޅު ބަލާ ގައުމުތަކުން ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމަށް އަވަސްވެގަންނަން ޖެހޭނެ ކަން ފާހަގަ ކޮށްފަ އެވެ. ފަހަރުގައި މިއީ ރާއްޖެ ފަދަ ގައުމަކަށް ވެސް އިގްތިސާދު ފުޅާކޮށް އާމްދަނީ އިތުރު ކުރުމަށް ލިބޭ އެންމެ ރަގަޅު ފުރުސަތަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އެހެން ނަމަވެސް ގައުމުތަކުގެ ގާނޫނުތަކާއި އުސޫލުތައް ކަނޑައަޅާ ފަރާތްތަކުން މިކަންކަން ކުރަންޖެހޭނީ ވަރަށް ވިސްނުންތެރިކަމާ އެކުގައެވެ. ދުނިޔޭގެ މުޅި އިގްތިސާދުގެ ތިޔާގިކަން އަދިވެސް އޮތީ އެންމެ އެކަށީގެންވާ މިންވަރެއްގައެއް ނޫނެވެ. އަންނަންޖެހޭ މުހިއްމު ބަދަލުތައް ގެނެސްފައެއް ނުވެއެވެ.

އެގޮތުން އާންމު ރައްޔިތުންނަށް ލިބޭ ނުވަތަ ވަކިވަކި ފަރުދުންނަށް މަހަކު ލިބޭ އާމްދަނީ ކުޑަކަން ފާހަގަކުރެވެއެވެ. މިގޮތަށް އާންމުންގެ މުސާރަ ކުރިއަރަމުންދާ މިންވަރު މަޑު ދުވެލީގައި އޮތުމުގެ ސަބަބުން ގައުމުތަކުގައި  ވަރަށް ބޮޑަށް އާމްދަނީގެ ފަރަގު ވަނީ ބޮޑުވެފަ އެވެ. ނަތީޖާއެއްގެ ގޮތުން ފަގީރުން އިތުރަށް ފަގީރުވެ، މުއްސަދިން އިންތިހާއަށް މުއްސަދިވުމަށް މަގުފަހިވެގެންދެ އެވެ. މިކަމުގެ ސަބަބުން އިޖްތިމާއީ މައްސަލަތަކާއި ސިޔާސީ ހަލަބޮލިކަން ގައުމުތަކުގައި ބޮޑުވެގެންދެ އެވެ.

މިއަދު ދުނިޔޭގެ އިގްތިސާދުގައި ފާހަގަކޮށްލެވޭ އަނެއް ކަމަކީ ޓެކްނޮލޮޖީގެ ކުރިއެރުމެވެ. މިއަދު އެންމެން ވެސް އެންމެ ފަހުގެ ޓެކްނޮލޮޖީ އަށް ހޭނުމުން އަބަދުވެސް އޮންނަނީ އެ ޓެކްނޮލޮޖީއެއްގެ ފަހަތުން ދުވާ ހިސާބަށް ގޮސްފަ އެވެ. އެހާވެސް އަވަސް، ބޮޑެތި ބަދަލުތައް ޓެކްނޮލޮޖީއަށް އަންނަމުންދެ އެވެ.

ދުނިޔޭގެ އިގްތިސާދުގައި ފާހަގަކޮށްލެވޭ އަނެއް ކަމަކީ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ސާމާނު އެކްސްޕޯޓްކުރާ ގައުމުތަކާއި ހަކަތަ އެކްސްޕޯޓްކުރާ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުންތައް އެކަށީގެންވާ މިންވަރަށް ކުރިއަރައިގެން ނުދިއުމެވެ. އެގޮތުން މެދުއިރުމަތީގެ ގައުމުތަކާއި އެފްރިކާގެ ބައެއް ގައުމުތަކުގެ އިތުރަށް ލެޓިން އެމެރިކާގެ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުމުގައި މާބޮޑު ތަފާތުތަކެއް ކުރިއަށް އޮތް އަހަރުތަކުގައި ނާންނާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާކުރެ އެވެ. އެހެންނަމަވެސް އިންޑިޔާ އާއި ޗައިނާ ފަދަ ގައުމުތަކަށް އިގްތިސާދީ ގޮތުން އަންނަ އާދަޔާ ހިލާފު ކުރިއެރުންތަކުގެ ސަބަބުން އެހެން ގައުމުތަކުގެ އިގްތިސާދާ ދެމެދު އޮންނަ ފަރަގުތައް އިތުރަށް ބޮޑުވެގެންދާނެ އެވެ.

މިކަންކަމަކީ ތަރައްގީ ވަމުން އަންނަ ގައުމުތަކުން ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭ ކަންކަމެވެ. ރާއްޖެ ފަދަ އިގްތިސާދީ ގޮތުން ނާޒުކު ގައުމަކަށްވާއިރު ރާއްޖޭގެ އިގްތިސާދު ބިނާ ކުރުމުގައި ވެސް މިހާރަށް ވުރެ އިގްތިސާދީ ގޮތުން އިތުރު ފުރުސަތުތަކާއި ގޮތްތައް ވަނީ ހޯދަންޖެހިފަ އެވެ. މާލީ ދާއިރާ ވެސް މިހާރަށް ވުރެ ފުޅާ ކުރަންޖެހެ އެވެ. ރާއްޖޭގެ އިގްތިސާދަކީ ވެސް އެންމެ ކަމެއްގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި ގިނަ ދާއިރާތަކެއް އެކުލެވޭ ނުވަތަ ޑައިވާސް ވެފައިވާ އިގްތިސާދަކަށް ވާންޖެހެ އެވެ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް