12 ޑިސެންބަރު 2017 | އަންގާރަ | 3 މުލަ

އޭޝިއަން ކަޕަށް އިންޑިއާ ކޮލިފައިވެއްޖެ

  • އިންޑިއާ ކޮލިފައިވީ އަމިއްލަ ގައުމުގައި ހަތަރު ލަނޑު އެއް ލަނޑުން މަކާއޫ ބަލިކޮށްގެން
  • އިންޑިއާއަށް އޭޝިއަން ކަޕުގެ ޖާގައެއް ކަށަވަރުވީ ބާކީ ދެ މެޗު އޮއްވާ އެ ޓީމަށް ގްރޫޕުގެ ދެވަނަ ޔަގީން ވެގެން
  • 2019 ވަނަ އަހަރުގެ މުބާރާތް ވެގެން ދާނީ އޭޝިއަން ކަޕުގައި އިންޑިއާ ވާދަކުރާ ހަތަރު ވަނަ ފަހަރަށް

| | | @Saaif80 | |ކޮލިފައި ވުމަށް ފަހު އިންޑިއާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ -- ފޮޓޯ:ގެޓީ އިމޭޖާސް

2019 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެފް.ސީ އޭޝިއަން ކަޕަށް އަވަށްޓެރި އިންޑިއާ ކޮލިފައިވެއްޖެއެވެ.

އަވަށްޓެރި އިންޑިއާއިން އޭޝިއަން ކަޕްގެ ޖާގައެއް ކަށަވަރު ކުރީ އަމިއްލަ ގައުމުގައި ހަތަރު ލަނޑު އެއް ލަނޑުން މަކާއޫ ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނިޓުގައި އިންޑިއާ އަށް ކާމިޔާބު ކޮށްދިނީ ރޯލިން ބޯޖެސްއެވެ. އޭގެ ނުވަ މިނެޓު ފަހުން ނިކޮލަސް ޓަރާއޯ ވަނީ މަކާއޫއަށް ލަނޑެއް ޖަހައިދީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ފުރަތަމަ ހާފު އެއް ލަނޑު އެއް ލަނޑުން ދެ ޓީމު އެއްވަރުވެ އޮވެގެން ނިމުނު އިރު އިންޑިއާއިން މެޗުގެ ލީޑު ނެގީ 60 ވަނަ މިނެޓުގައި ކެޕްޓަން ސުނިލް ޗެތްރީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭގެ 10 މިނިޓު ފަހުން އިންޑިއާގެ ލީޑު ފުޅާވެގެން މަކާއޫގެ ލަމްކަ ސެންގް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. މި މެޗުން އިންޑިއާ އަށް ތިން ޕޮއިންޓް ކަށަވަރު ވެގެން ދިޔައީ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ޖޭޖޭ ލާލްޕެކޫލާ ޖަހައިދިން ލަނޑުންނެވެ.

އިންޑިއާއަށް އޭޝިއަން ކަޕުގެ ޖާގައެއް ކަށަވަރުވީ ބާކީ ދެ މެޗު އޮއްވާ އެ ޓީމަށް ގްރޫޕުގެ ދެވަނަ ޔަގީން ވެގެންނެވެ. އެގޮތުން ކޮލިފައިންގައި އިންޑިއާ ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްފައިވާ އިރު އެ ޓީމު މިވަގުތު އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކު އެ ގްރޫޕުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ކިރްގިސްތާނަށާއި ތިންވަނައިގައި އޮތް މިޔަންމާއަށް ވެސް ހަތަރު ޕޮއިންޓް ލިބިފައި ވާއިރު ހަތަރު ވަނައިގައި އޮތް މަކާއޫއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

2019 ވަނަ އަހަރުގެ މުބާރާތް ވެގެން ދާނީ އޭޝިއަން ކަޕުގައި އިންޑިއާ ވާދަކުރާ ހަތަރު ވަނަ ފަހަރަށެވެ. އެގޮތުން 1964 ވަނަ އަހަރުގެ އޭޝިއަން ކަޕުގެ ފައިނަލްގައި އެ ޓީމު ކުޅުނު އިރު 1984 ވަނަ އަހަރުގެ މުބާރާތުގެ ފުރަތަމަ ބުރުން އެ ޓީމު ކެޓިއެވެ. އަދި 2008 ވަނަ އަހަރު އޭ.އެފް.ސީ ޗެލެންޖް ކަޕް ކާމިޔާބުކޮށް 2011 ވަނަ އަހަރުގެ މުބާރާތަށް އެ ޓީމު ކޮލިފައިވިއިރު އެ އަހަރުގެ މުބާރާތުގައި އެ ޓީމު ދިޔައީ ވާދަކުރި ގްރޫޕުގެ ފުލަށެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ