18 އޮކްޓޯބަރ 2017 | ބުދަ | 1 ހެއި

ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު އަދިވެސް އެބައޮތް: މެސީ

  • މިވަގުތު ސްކޮޑުގައި ތިބި ކުޅުންތެރިންނަށްޓަކާ ވެސް އެ ގައުމަށް ވޯލްޑްކަޕުން ޖާގައެއް ހައްގު ކަމަށް މެސީ ބުނި
  • 2014 ވަނަ އަހަރުގެ ވޯލްޑްކަޕާއި އޭގެ ފަހުން ކުޅުނު ދެ ކޮޕާ އެމެރިކާގެ ފައިނަލުންވެސް ބަލިވީ ބަދު ނަސީބުން
  • ހުރިހާ މީހުންގެ ފާޑުކިޔުންތަކަށް ރައްދު ދީ ރަޝިއާގައި ތަށި އުފުލާލެވޭނެ ކަމުގެ އުއްމީދު އެބައޮތް: މެސީ

| | | @Saaif80 | |



އިކުއެޑޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު މެސީ އުފާ ފާޅުކުރަނީ -- ފޮޓޯ:ގޫގުލް

އަންނަ އަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު އަދިވެސް އެބައޮތް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.

ވޯލްޑް ކަޕްގެ ޖާގައެއް އެންމެ ފަހު ކޮލިފައިން މެޗާއި ހަމަޔަށް ދިޔައިރުވެސް ޔަގީން ނުވެ އޮތް އާޖެންޓީނާ ވޯލްޑްކަޕަށް ކޮލިފައިވީ އެންމެ ފަހު މެޗުގައި ގައުމުން ބޭރުގައި އިކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗު ތިން ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގައި އާޖެންޓީނާއިން ޖެހި ތިން ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ މެސީއެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން މެސީ ބުނެފައިވަނީ އާޖެންޓީނާ ވޯލްޑް ކަޕުން ނުފެނިދާނެ ކަމުގެ ބިރު އޮތް ކަމަށާއި އަދި މިނިޓެއް ނުވަނީސް އިކުއެޑޯއިން ލަނޑެއް ޖެހުމުން ދަތިތަކަކާ ކުރިމަތިވި ކަމަށެވެ. އެހެނަސް ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް އެއް އަޒުމެއްގައި ހިތްވަރާއެކު މަސައްކަތް ކުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެ މެޗުން މޮޅުވެ ވޯލްޑްކަޕުން ޖާގައެއް ކަށަވަރުވުން ކަމަށް މެސީ ބުނެފައިވެއެވެ. އަދި އާޖެންޓީނާ ވޯލްޑް ކަޕުން ނުފެނުން ވެގެން ދާނީ ވަރަށް ހިތްދަތި ކަމަކަށް ކަމަށާއި މިވަގުތު އެ ޓީމުގެ ސްކޮޑުގައި ތިބި ކުޅުންތެރިންނަށްޓަކާ ވެސް އެ ގައުމަށް ވޯލްޑްކަޕުން ޖާގައެއް ހައްގު ކަމަށް މެސީ ބުނެފައިވެއެވެ.

ހަމައެހެންމެ މެސީ ބުނެފައިވަނީ ޖެހިޖެހިގެން ބޮޑު ތިން ބައިނަލްލަގަވާމީ މުބާރާތުގެ ފައިނަލްގައި ކުޅެ ބަލިވުމުން ގިނަ ފާޑު ކިޔުންތަކާ އަމާޒުވި ކަމަށާއި ވޯލްޑްކަޕުން ޖާގައެއް ހޯދުން ވެގެން ދިޔައީ ސްކޮޑުގައި ގިނަ ދުވަސްވީ ކުޅުންތެރިންނަށް ވަރަށް މުހިންމު ކަމަކަށް ކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރު ނުވާން ނިންމި ނިންމުމުގެ ސަބަބުން ސްކޮޑު ތެރޭގައި އެކުވެރިކަން އާލާވެ އެއް ބަޔަކު އަނެއް ބަޔަކަށް ރަނގަޅަށް އެނގެން ފުރުސަތު ލިބުނު ކަމަށްވެސް މެސީ ބުނެފައިވެއެވެ.

ވޯލްޑް ކަޕާއި ބެހޭގޮތުން މެސީ ބުނެފައި ވަނީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕާއި އޭގެ ފަހުން ކުޅުނު ދެ ކޮޕާ އެމެރިކާގެ ފައިނަލުންވެސް ބަލިވީ ބަދު ނަސީބުން ކަމަށާއި އެއީ އިންސާފު ނޫން ކަމަށެވެ. އަދިވެސް ހުރިހާ މީހުންގެ ފާޑުކިޔުންތަކަށް ރައްދު ދީ ރަޝިއާގައި ތަށި އުފުލާލެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް މެސީ ބުނެފައިވެއެވެ. އަދި ކޮލިފައިންގައި އުނދަގޫ ގިނަ މެޗުތަކެއް ކުޅެން ފުރުސަތު ލިބުމަކީ ޓީމެއްގެ ގޮތުގައި ކުރިއެރުމަށް ލިބުނު އިތުރު ހިތްވަރެއް ކަމަށާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން ތައްޔާރުވެވިއްޖެ ނަމަ އަދިވެސް ވޯލްޑްކަޕްގެ ތަށި ލިބޭނެ ކަމަށްވެސް މެސީ ބުނެފައިވެއެވެ.

ބާސެލޯނާ އާއެކު ގިނަ ކާމިޔާބީ ތަކެއް ހޯދި ނަމަވެސް ގައުމީ ޓީމާއެކު ކާމިޔާބު ނުހޯދޭތީ މެސީއަށް ގިނަ ފާޑުކިޔުންތަށް އަމާޒުވެއެވެ. އެހެނަސް އާޖެންޓީނާއަށް ވޯލްޑްކަޕްގެ ޖާގައެއް ހޯދައިދިނުމާއެކު ގިނަ ބަޔަކު އަންނަނީ މެސީއަށް ތައުރީފް ކުރަމުންނެވެ. މިއީ ފީފާ ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބު ކޮށްފައިވާ އާޖެންޓީނާ އެ މުބާރާތުގައި ޖެހިޖެހިގެން ވާދަކުރާ 12 ވަނަ ފަހަރެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ