12 ޑިސެންބަރު 2017 | އަންގާރަ | 3 މުލަ

ސަރުކާރު މުވައްޒަފުންނަށް ހާއްސަ ކުރެވޭ ފްލެޓަށް ކުރިމަތިލުމަށް ނޮވެމްބަރު މަހުގައި ހުޅުވާލަނީ

  • ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންނަށް 1000 ފްލެޓް ވަނީ ހާއްސަކޮށްފަ
  • ނޮވެމްބަރު 01 ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 15 އާ ހަމައަށް ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލެވޭނެ
  • ސަރުކާރުން ވަނީ 7000 ފްލެޓް އަޅާނެ ކަން އިއުލާނުކޮށްފަ

| | | FathimathShana | |



ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ:މުހައްމަދު ޝަރުހާން

ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ހުޅުމާލެއިން 1،000 ފްލެޓް ސިވިލް ސަރވިސް މުވައްޒަފުންނަށް ދޭން ނިންމައިފި އެވެ.

ހައުސިންގ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ހުޅުމާލޭގައި އިމާރާތް ކުރުމަށް ސަރުކާރުން ކުރިން އިއުލާނުކޮށްފައިވާ 7،000 ފްލެޓްގެ ތެރެއިން 1،000 ފްލެޓް ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކުރެވިފައިވާ ކަމަށެވެ.

މި ފްލެޓްތަކަށް ހުޅުވާލާފައި ވަނީ ތިން ކެޓަގަރީއަށް ބަހާލައިގެންނެވެ. މުއިއްޒު ވިދާޅުވީ، މި ނިންމުމަކީ ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތިން ނިންމި ނިންމުމެއް ކަމަށާއި މި ފްލެޓް ތަކުގެ ސަބަބުންވެސް މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލުތަކެއް ލިބިދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އެގޮތުން ސަރުކާރު މުވައްޒަފުންގެ 26 ޕަސެންޓަށް ބޯހިޔާވަހިކަން ކަށަވަރު ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"މިއީ ހަމައެކަނި މާލޭ ސަރަހައްދަށް ހުޅުވާލި ފްލެޓްތައް. ކުރިއަށް އޮތް އަހަރުގައި އަތޮޅުތެރޭގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ފްލެޓަށް ހުޅުވާލާނަން،" މުއިއްޒު ވިދާޅުވި އެވެ.

މި ފްލެޓްތައް ދިނުމުގައި ތައުލީމީ ފެންވަރާއި ވަޒީފާގައި ދެމި ހުރި މުއްދަތަކަށް ބަލާނެ ކަމަށާއި އަންނަ ނޮވެމްބަރު މަހުގެ 01 ފެށިގެން މުވައްޒަފުންނަށް ފްލެޓަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި 15 ޖެނުއަރީއާ ހަމައަށް ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ސިވިލް ސަރވިސް މުވައްޒަފުންނަށް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ފްލެޓްތައް ދިނުމުގައި ދިރިއުޅުމުގެ ހާލަތަށް ބަލާ ގެދޮރުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތަކަށް ފްލެޓް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

 މި ފްލެޓްތަށް ދޫކުރަނީ ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން ވަކި ލެވެލް އެއްގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ.

"ވަކި ރޭންކްތަކެގައި ތިބޭ މުވައްޒަފުންނަށް ފްލެޓްތައް މި ލިބެނީ. އެގޮތުން ފަންނީ މެނޭޖީރިއަލް ލެެވެލް (އެމްއެސް ޓޫ އިން އީއެކްސް ފައިވް ރޭންކް). އިދާރީ މަގާމުތަކަށް ( އެމްއެސްޓޫ އިން ޖީއެސް ތްރީ)، ސަޕޯޓް ސަރވިސް ( އެސްއެސް ފޯ އިން އެސްއެސް ވަން). އޮނިގަނޑުގެ ތެރެއިން ވަޒީފާ އަދާކުރާ ފަރާތްތަކަށް މި ހާއްސަ ކުރެވެނީ. އަދި ކަނޑައެޅިފައިވާ ރޭޝިއޯ އިން ފްލެޓް ދެވޭނެ އަދަދުތައް ވެސް ކަނޑާލެވިފައި ވަނީ. އަދި އެކި މިނިސްޓްރީތަކަށް ލިބޭނެ ފްލެޓްގެ އަދަދު ވެސް ކަނޑައަޅާފައި ވަނީ. އެގޮތުން މިނިސްޓްރީތަކަށް އެމައުލޫމާތުތައް ހާމަކުރަމުންދާނަން،" މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން 1000 ފްލެޓް ސިވިލް ސަރވިސް މުވައްޒަފުންނަށް ހުޅުވާލާފައިވާ އިރު  ފަންނީ އަދި މެނޭޖްމެންޓް ލެވެލްގެ މަގާމުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް 300 ފްލެޓް ދެވޭ އިރު، އިދާރީ މަސައްކަތް ކުރާ ސްޓާފުންނަށް 300 ފްލެޓް ލިބޭނެ އެވެ. އަދި ސިވިލް ސަރވިސް ސަޕޯޓް ސާވިސް މަސައްކަތް ކުރާ ސްޓާފުންނަށް 400 ފްލެޓް ލިބިގެންދާނެ އެވެ.

މިނިސްޓަރ ވިދާޅުވީ، މިއަހަރު އިއުލާނު ކުރި 7000 ފްލެޓް ގެ އިތުރަށް އަންނަ އަހަރު ވެސް 8000 ފްލެޓް އެޅުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން އަތޮޅުތަކުގައި ވެސް ފްލެޓް އެޅިގެންދާނެ ކަމަށް މިނިސްޓަރ މުއިއްޒު ވިދަޅުވި އެވެ.

މިނިސްޓަރ މުއިއްޒު ވިދާޅުވީ، ސިވިލް ސަރވިސް މުވައްޒަފުންނަށް ހުޅުވާލާ މި ފުރުސަތުގެ ތެރެއިން ފްލެޓްތައް ދެވޭ ފަރާތްތައް ކަނޑައެޅި އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ލިޔުން ހަވާލު ކުރެވޭނެ ކަމަށެވެ.

 

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ