13 ޑިސެންބަރު 2017 | ބުދަ | 4 މުލަ

ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު

  • އަބްދުﷲ ރަޝީދު ނިޔާވީ އޮކްޓޯބަރު 10 ގައި
  • ޖަލު ހުކުމް ތަންފީޒު ކުރީ މޭޑޭ މުޒާހަރާގައި މާރާމާރީ ހިންގިި ކަމުގެ ތުހުމަތުގައި
  • ރަޝީދަށް އެންމެ އެކަށީގެންވާ ބޭސްފަރުވާ ދެވިފައެއް ނުވޭ

| | | FathimathShana | |



އަބްދުﷲ ރަޝީދުގެ އަންހެނުން ޝެހެނާޒް އަބްދުލް ރަހީމު ރާއްޖެ އެމްވީ އަށް އިންޓަވިއުދެނީ -- ފޮޓޯ:މުހައްމަދު ޝަރުހާން

"އަބްދުﷲ ރަޝީދު އެންމެ ހާލުބޮޑުވެފައި އޮއްވާ، ގެނެސް ބާއްވާފައި އޮތީ ނަޖިސް ހޭކިފައި އޮތް މުންޑުގައި. ސާފުކޮށްލަދޭށޭ. މުންޑެއް ގެނެސްދޭނެމޭ ބުނުމުން ވެސް ހަވާލުވެ ތިބި ކުދިން ބުނީ ކަރެކްޝަނުން މުންޑެއް ގެންނާނެ ކަމަށް. ހޯމަ ދުވަހުގެ ރޭ އަށެއް ޖެހި އިރު ވެސް ބަދަލެއް ނުކުރޭ. ދަންވަރު 12:00 ޖެހި އިރު ވެސް ބަދަލެއް ނުކުރޭ. އޭގެ އަނެއް ދުވަހު ނިޔާވެގެންދިޔައިރު ވެސް އޮތީ އެ މުންޑުގައި. ނަޖިސް މުންޑާ އެކު އަޅުގަނޑުގެ ފިރިމީހާ ނިޔާވެގެންދިޔައީ ވެސް." މިއީ މިދިޔަ އޮކްޓޯބަރު 10 ވަނަ ދުވަހު ނިޔާވި، ބ. ދަރަވަންދޫ، ކީމާ، އަބްދުﷲ ރަޝީދު މުހައްމަދުގެ އަންހެނުން ޝެހެނާޒް އަބްދުލް ރަހީމުގެ ހިތުގެ އުދާސްތަކެވެ.

 ރަޝީދާއި ޝެހެނާޒަށް ފަސްކުދިން ލިބިފައިވާ އިރު، އެންމެ ބޮޑީ 22 އަހަރުގެ އަންހެން ކުއްޖެކެވެ. ދެން ތިބީ 20 އަހަރުގެ އަންހެންކުއްޖަކާއި 14 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރަށް ނުވަ އަހަރުގެ ފިރިހެން ކުއްޖެކެވެ. އެންމެ ހަގީ ފަސް އަހަރުގެ އަންހެއް ކުއްޖާ އެވެ.

އެ އާއިލާގައި އަބަދުވެސް ވަޒީފާއަށް ދަނީ ޝެހެނާޒް އެވެ. ޝެހެނާޒް އަކީ ސްކޫލު ޓީޗަރަކަށް ވުމުން ވަރަށް ގިނަ ވަގުތު ސްކޫލުގެ ކަންކަމުގައި ހޭދަ ކުރަންޖެހެ އެވެ. ރަޝީދަކީ ގޭގައި ކުދިންގެ ކަންކަން ގިނަ ވަގުތު ހޭދަކުރާ ބައްޕަ އެެކެވެ. މިކަމުގެ ސަބަބުން ކުދިންނާއި ރަޝީދާ އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ.

އަބްދުﷲ ރަޝީދަށް ޖަލު ހުކުމެއް އައިސްފައި ވަނީ މޭޑޭ މުޒާހަރާގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގަ އެވެ. ރަޝީދު ޖަލަށް ލުމާ ގުޅިގެން ޝެހެނާޒް އޭނާގެ ފަސް ކުދިންނާ އެކު ދިރިއުޅުން މާލެއަށް ބަދަލު ކުރި އެވެ.

ފަސް ކުދިންނަށް ކިޔަވާދެމުންދާ އިރު ޝެހެނާޒް ވެސް ދަނީ މަތީ ތައުލީމު ހާސިލު ކުރަމުންނެވެ. އެ އާއިލާއަށް ކުރިމަތިވެފައިވާ، އެ ހިތްދަތިކަން އިތުރަށް ބޮޑުވެގެން ދިޔައީ ރަޝީދު މިދުނިޔެއާ ދޫކުރުމެވެ. އަދި ރަޝީދު ނިޔާވެދިޔަ ގޮތަކީ އޭނާގެ އާއިލާގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. ޝެހެނާޒް ވަނީ ރާއްޖެއެމްވީއަށް ކަން ހިނގާދިޔަ ގޮތް ކިޔާދީފަ އެވެ.

ރަޝީދު ޖަލުގައި ހުއްޓާ ބަލިވެގެން އުޅޭކަން ޝެހެނާޒްއަށް އެނގުނީ އޮކްޓޯބަރު 07 ވީ، ހޮނިހިރު ދުވަހު އެވެ. ރަޝީދަށް އިރުއިރުކޮޅުން ބޮޑުކަމު ދެވި، ހޮޑުލެވި ގައިގައި ވަރުނެތި އުޅުނެވެ. އާދިއްތަ ދުވަހު ވަރުދެރަވެގެން ޖަލުގެ ގޮޅި ތެރެއަށް ވެއްޓުނެވެ. އެދުވަހު، ގުލްކޯޒް ފުޅިއެއް ގުޅުމަށް ފަހު، ޖަލުގެ ގޮޅިއަށް އަނބުރާ ގެންދިޔައެވެ. އޭގެ އަނެއް ދުވަހު، ވަރުދެރަވެ،ގިނަ އަދަދަކަށް ބޮޑުކަމު ދެވި ހޮޑުލެވި ރަޝީދު ފާހާނަ ތެރެއަށް ވެއްޓުނެވެ. އެދުވަހު، އޭނާއަށް ހޮޑު ލެވުނު އިރު ގިނަ އަދަދަކަށް ލޭ ވެސް އައެވެ. އޭނާގެ ބަލި ހާލަތު ދަށަށްދާތީ ޖަލުގައި އޭނާއާ އެކު ތިބި އެހެން ގައިދީން ގެންދިޔައީ ކަރެކްޝަނުގެ ސަމާލު ކަމަށް ވެސް އެކަން ގެންނަމުންނެވެ.

އެ ހުރިހާ ކަމެއް ވަގުތުން ވަގުތަށް މާލޭގައި ހުރި އޭނާގެ އަންހެނުން ޝެހްނާޒް އަށް ދިޔައީ ލިބެމުންނެވެ. ފިރިމީހާގެ ހާލު އެނގި ރޯމަހެއް ތޮޅޭހެން އޭނާ ދިޔައީ ތޮޅެމުންނެވެ. އެފަދަ ހާލަތެއްގައި ލޯބިވާ ފިރިމީހާ އަށް އެހީވެވޭނެ ނަމައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. 

"އެހާލުގަ ވެސް ގެންގޮސް ބާއްވާފައި އޮތީ ކަރެކްޝަނުގެ މީހުން އެ ބާއްވާތަނެއްގައި. އާދިއްތަ ދުވަހު ވެސް ކަރެކްޝަނުގެ މީހުންނަށް ގުޅައިގެން ރަޝީދަށް ރަގަޅު ފަރުވާއެއް ދެވޭނެ ގޮތް ހަމަޖައްސާދެވޭތޯ މަސައްކަތް ކުރިން. ހޯމަ ދުވަހު ވެސް ކަރެކްޝަނަށް ދިޔައިން. އެދުވަހު ވެސް އެދުނިން މެޑިކަލް އިންޗާޖާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކުރިން. މެޑިކަލް އިންޗާޖު ވަނީ އެކަން ވަރަށް ރަަގަޅަށް ބަލާދޭނެ ކަމަށް ވިދާޅުވެފައި،" ޝެހެނާޒް ކިޔައިދިނެވެ.

ކަރެކްޝަނުން ވަނީ އެމީހުންގެ ގާނޫނު އޮންނަ ގޮތުން ގައިދީއެއްގެ ބަލި ހާލު އާއިލާ އަށް އަންގަން ނުޖެހޭ ކަމަށް ބުނެފައެވެ. އަދި މާލެ ގެނައިކަމުގައިވީ ނަމަވެސް އެކަންވެސް އާއިލާ އަށް އަންގަން ނުޖެހޭނެ ކަމަށް ބުނެފަ އެވެ. ޝެހެނާޒްއަށް އޭނާގެ ފިރިމީހާއަށް ބޭނުންވާ އެހީތެރިކަން އެންމެ ބޭނުންވާ ދަރަޖައަށް ފޯރުކޮށް ނުދެވުނީ ކަރެކްޝަނުން އަމަލުކުރާ އުސޫލުތަކުގެ ސަބަބުން ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

" މިއީ އަންދާ ގާނޫނޭ އަޅުގަނޑަށް ދެންނެވޭނީ. މިކަހަލަ ގާނޫނެއް އަޅުގަނޑުމެންނަކަށް ނުވަތަ މި މާހައުލަކާ ވެސް ނުގުޅޭ.  އަޅުގަނޑުގެ ފިރިމީހާ އެދިޔައީ އެންމެ ފަހު ވަގުތު އަޅުގަނޑުގެ ފަރާތުން ދޭންޖެހޭ ލޯތްބާ ގާތްކަން ނުލިބި،" ޝެހެނާޒް ރޮމުން ކިޔާދިނެވެ.

އެނގިފައިވާ ގޮތުގައި ރަޝީދު އެހާލަތަށް ދިޔަ އިރު ވެސް ކަރެކްޝަނުގެ އޮފިޝަލުން އަޅާލާފައެއް ނުވެއެވެ. އަދި އޭނާ އައިޖީއެމްއެޗަށް އިތުރު ފަރުވާ އަށް ގެނައީ ވެސް އޭނާއާ އެކު ޖަލުގައި ތިބި ގައިދީން ހަޅޭ ލަވައި އަޑުގަދަކުރުމުން ކަމަށް މައުލޫމާތު ލިބިފައި ވެއވެެ.

އެކި ގޮތްގޮތަށް ކުރި މަސައްކަތުން ޝެހެނާޒަށް އޭނާގެ ފިރިމީހާ ރަޝީދު އައިޖީއެމްއެޗްގައި ބާއްވާފައި އޮތް ކަން އެނގުނީ ހޯމަ ދުވަހުގެ މެންދުރު ފަހު 03:00 ޖެހި ފަހުންނެވެ. ގެނެސް ބާއްވާފައި އޮތީ ކޮންތަނެއްގައި ކަމެއް ޝެހެނާޒަކަށް ނޭނގެއެވެ. އައީޖީއެމްއެޗްގެ ތެރޭ އެކި ތަންތަން ބަލަމުން ގޮސް އޭނާއަށް އޭނާގެ ފިރިމީހާ ބާއްވާފައި އޮތް އެމަރޖެންސީ ރޫމަށް ދެވުނެވެ. ރަޝީދު އައިޖީއެމްއެޗަށް ފަރުވާއަށް ގެންގޮސްފައި ވަނީ، ހޯމަ ދުވަހުގެ މެންދުރު 01:00 ގަ އެވެ. އެމަރޖެންސީ ރޫމުގައި އޮއްވާ ރަޝީދުގެ ހާލު ބެލުމަށް އެވަގުތު ކުރި މަސައްކަތް ޝެހެނާޒަކަށް ކާމިޔާބެއް ނުވި އެވެ. 

" އެދުވަހުގެ ހަވީރު 05:00 އިން 06:00 އަށް ރަޝީދާ ބައްދަލުވެވޭނެ ކަމަށް ބުނި. އޭގެ ކުރިން ހޮސްޕިޓަލަށް ދިއުމުން، އެމަރޖެންސީ ރޫމް ކުރިމަތީގައި ހުރި ކަރެކްޝަނުގެ އޮފިސަރު އެހީ ކޮބާހޭ ފާސް. ފާހެއް ނެތޭ އަޅުގަނޑު ބުނިން. އަދި ފަސް ވަރަކަށް މިނެޓް ރަޝީދު ކައިރީގައި މަޑު ކުރުމަށް އެދުނިން. އޭރު އަޅުގަނޑުގެ ފިރިމީހާ ކުރުގެޅިގެން އެދުގަ އޮތް މަންޒަރު ފެނުނު. އެވަގުތު ދިމާވުމުން ބުނީ، އޮރެންޖު ކޮޅެއް ގެނެސްދިނުމަށް،" ޝެހެނާޒް މާޔޫސް ކަމާ އެކު ކިޔާދިނެވެ.

އޭރު ރަޝީދުގެ ހާލު ވަރަށް ދެރައެވެ. ވާހަކަ ވެސް ރަގަޅަށް ނުދެއްކެ އެވެ. އޮރެންޖު ގަނެގެން ގެނެސް ރަޝީދަށް އެ ދިނުމަށް ޝެހެނާޒް މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް ޑޮކްޓަރު ހަދަން ޖެހޭ ޓެސްޓްތައް ހެދުމަށް ފަހުގައި ނޫނީ އެއްވެސް އެއްޗެއް ނުދިމަށް ޑޮކްޓަރު ލަފާދިނެވެ.

ޝެހެނާޒް އެދުވަހު 06:00 ޖަހަންދެން އެތަަނުގައި މަޑު ކުރި އެވެ. ވިއްސާރަކަމުން އޭނާގެ ފަސް ކުދިންނަށް އާދެވުނީ 6:00 ގެ ފަހުންނެވެ. އެހެން ނަަމަވެސް އެތަނުގެ ސެކިއުރިޓީ އޮފިސަރުގެ ރަގަޅުކަމުން ވަނީ ފަހަރަކު ކުއްޖެއް ވަކި ވަކިން އެކުދިންގެ ބައްޕަގެ ހާލު ދެކިލުމަށް ވައްދާފަ އެވެ.

އެރޭ 08:00 ޖެހި އިރު ވެސް ޝެހެނާޒް ހޮސްޕިޓަލަށް ދިޔަ އެވެ. ނަމަވެސް އިތުރަށް އެތަނަށް ނުދިއުމަށް ޝެހެނާޒަށާއި އޭނާގެ ކުދިންނަށް ކަރެކްޝަންގެ އޮފިޝަލް އަމުރުކުރިއެވެ. އަދި ގިނަ ގިނައިން އަންނަ ކަމުގައިވާ ނަމަ ފިޔަވަޅު އަޅައި ކަރެކްޝަނުގެ އާންމު އުސޫލުން އިނާޔަތްތައް ކަނޑާލައި ހަވީރު ދޭ އައިލާ ގަޑި ވެސް ކަނޑާލެވޭނެ ކަމަށް ބުނެ އިންޒާރު ދިނެވެ. އެހެން ނަމަވެސް ޝެހެނާޒަށް އޭނާގެ ފިރިމީހާގެ ހާލު ބަލާނުލައި ކެތެއް ނުވި އެވެ. އެރޭ 12:00 ޖެހި އިރު ވެސް ޝެހެނާޒް ދިޔަ އެވެ. އޭރު ދިއުމުން ވެސް ޓެސްޓު ތަކުގެ ނަތީޖާއެއް ނުލިބެ އެވެ. ރަޝީދަށް ވަނީ ކީއްކަން ވެސް ޑޮކްޓަރުންނަކަށް ނޭނގުނެވެ.

 އަންގާރަ ދުވަހު ހެނދުނު ތެދުވެ ކުދިން ސްކޫލަށް ގެންދިއުމަށް ފަހު، ޝެހެނާޒް ދިޔައީ، ރަޝީދުގެ ހާލު ބެލުމަށެވެ. ދިޔަ އިރު ކުރިން ބާއްވާފައި އޮތް އެދުގައި ނެތުމުން، އަނބުރާ ޖަލަށް ގެންދިއައީ ކަމަށް ހީކުރި އެވެ. އެހެން ނަމަވެސް ދެން ފެނުނީ، އެއަށްވުރެ ހިތާމަވެރި މަންޒަރެކެވެ. ރަޝީދުގެ ހަށިގަނޑަކުގެ އެކި ތަންތަނަށް ގިނަ ހޮޅިތަކެއް ގުޅާފައި އޮތް މަންޒަރު ފެނުމުން ޝެހެނާޒަށް ރޮއި ގަނެވުނެވެ. ރަޝީދުގެ އެތެރެ ހަށީގެ ގުނަވަންތައް އިންފެކްޓް ވުމުގެ ސަބަބުން، ކިޑްނީ އާއި ފުއްޕާމޭ މަސައްކަތް ކުރާ ވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ބުނުމާ އެކު ޝެހެނާޒް ބަޑި ފަޅައިގެންދިޔައެވެ. އަދި އޮކްޓޯބަރު 10، ވީ އަންގާރަ ދުވަހުގެ ހެނދުނު 10:30 ހާއިރު ހާލު ދެރަވަމުން ގޮސް އެންމެ ފަހުން އޭނާގެ ފުރާނަ މިދުނިޔެއާ ދޫކުރީ އެވެ.

ޝެހެނާޒްގެ ފިރިމީހާ މަރުވެގެން ދިޔަ އިރުވެސް ހަދަންޖެހޭ ބައެއް ޓެސްޓްތައް ވެސް ހުރީ ނެހެދި އެވެ. މިއީ އޭނާގެ އެންމެ ބޮޑު ޝަކުވާ އެވެ. ރަޝީދަށް އެންމެ އެކަށީގެންވާ ބޭސްފަރުވާ ނުލިބުމަކީ އޭނާގެ އެންމެ ބޮޑު ޝަކުވާ އެވެ. 

ރަޝީދުގެ މަރާއެކު އެތައް ސުވާލުތަކެއް ވަނީ ފެންމަތިވެފައވެެ. ރަޝީދުގެ ބަލި ހާލަތު އެހާ ދަށަށް ދިޔައިރު ކަރެކްޝަނުން އަޅާނުލީ ކީއްވެ ހެއްޔެވެ؟ ރަޝީދުގެ ކިޑްނީ އާއި އެ ނޫން ގުނަވަންތައް މަސައްކަތްކުރުން ހުއްޓުމަކަށް އައީ އުފެދުނު އިންފެކްޝަނުގެ ސަބަބުން ކަމަށް ޑޮކްޓަރުންގެ ފަރާތުން އާއިލާ އަށް މައުލޫމާތު ދީފައިވުމުން އެހެން އެކަން ދިމާވީ ހަމަ ގައިމު ވެސް ކޮންމެވެސް ބައެއްގެ އިހުމާލުންނެވެ. ރަޝީދެކޭ އެއްގޮތަށް ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޖަލުގައި އުމުރުން ދުވަސްވީ މީހުން ގިނަ އަދަދަކަށް ކުއްލި ގޮތަކަށް މަރުވެފައި ވެއެވެ. މިއިން ކޮންމެ ފަހަރަކު ވެސް އާއިލާތަކުން ކަރެކްޝަނަށް އިނގި ދިއްކޮށްފައި ވެއެވެ. އެކަމާ މެދު އެޅުނީ ކޮން ފިޔަވަޅެއް ހެއްޔެވެ؟ ރަޝީދަށް އަޅާނުލެވި އޭނާގެ ހާލަތު އެހާ ގޯސްވާން ދޫކޮށްލެވުނީ އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމެއްގެ ސަބަބުން ހެއްޔެވެ؟ މޭޑޭގެ މުޒާހަރާގައި ފުލުހަކަށް ހަމަލާދިނުމުގައި ޝާމިލްވި ކަމަށް ޖަލަށްލުމުން ހެއްޔެވެ؟ އޭނާ ގަބޫލުކުރާ އިދިކޮޅު ވިސްނުމުގެ ސަބަބުން ހެއްޔެވެ؟  އެ ސުވާލުތަކަށް ޖަވާބު ބޭނުން ވަނީ ހަމައެކަނި އާއިލާއެއް ނޫނެވެ. 

މިދިޔަ އަހަރުގެ ފިތުރު އީދު ސަލާމްކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ހުންނަވަނިކޮށް ރަޝީދުގެ އެންމެ ހަގުދަރިފުޅު ވަނީ އޭނާގެ ބައްޕަ ދޫކޮށްލުމަށް އެދި ރައީސްގެ ކިބައިން އަދޭސް ދަންނަވާފައެވެ. އެ ކުޑަކުއްޖާގެ އާދޭހަށް ރައީސް ދެއްވީ ފިނި ޖަވާބެކެވެ. ވިދާޅުވީ ބައްޕަ ބަސްއަހާނެތޯއެވެ. ބަސްއަހާނެ ކަމަށް ދަރިފުޅު ބުނި ކަމަށް އޭރު ޝެހެނާޒް ބުނެފައި ވެއެވެ. އެދަރިފުޅުގެ އާދޭސް ރައީސް އަށް އިވިވަޑައިގެންނެވި ކަމަކަށް ނުވިއެވެ. ރަޝީދު މިއަދު މި ފަނާކުރަނިވި ދުނިޔެއާ ވަކިވެ އެ ދިޔައީ ބަސް ނާހައިގެން ހެއްޔެވެ؟ ރަޝީދުގެ މަރާއެކު ޝެހެނާޒާއި އޭނާގެ އާއިލާ އެވަނީ ނިކަމެތިވެފައެވެ. ބިކަވެފައެވެ. ފުން ހިތާމައެއްގައެވެ. 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ



ވިސާމް

2 މަސް ކުރިން

ޝެހެނާޒް މިސްއަށާއި އާއިލާއަށް ކެއްތެރިކަން ދެއްވާންދޭވެ.

5
1
ދޮންކަމަނަ

2 މަސް ކުރިން

އިދިކޮޅު ފަރާތްތަކުގެ މުޒާހަރާއެއްގައި ބައިވެރިވެގެން ހައްޔަރުކޮށް ޖަލުގައި ބަހައްޓާފައި ހުރިއިރު އިދިކޮޅު ފަރާތްތަކުން އެނާގެ ނުވަތަ އެފަދަ އެއްވެސް މީހެއްގެ ހާލު ބަލައިލިބާ؟ އަދި ކޮޞާ އެނާ އެބަލި ހާލުގައި ޖެހުނުތާ ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައެއް ނޫން ދުނިޔެ ދޫކުރީ. އޭނާ އެހީއަށް ބޭނުންވި ދުވަހު އެ އެހީ ހޯދައިދެވޭނެ އެއަށް ގޮވާލެވޭނެ ޕްލެޓްފޯމުތަކުގައި ތިބި އިދިކޮޅު ފަރާތްތަކުން އެފަދަ އެއްވެސް ކަމެއް ނުކޮށް އަޅާނުތީ ކީއްވެތަ. ހަމައެކަނި މުޒާހަރާއަށް މީހުންނަށް ގޮވާލުމުން ނިމުނީކީނޫން. އެމުޒާހަރާއަށް މީހުން ނުކުންނައިރު އެއީ އެމީހުން ނަގާ ވަރަށބޮޑު ރިސްކެއް. އެކަމަށް ގޮވާލިމީހުން މިމީހުންގެ ހާލަތު ބަަލަންވާނެ. ފަރވާ ވަރަށް ކުޑަ. އަދި މިއީ ކަރެކްޝަންސްގެ ފަރުވާކުޑަކަމުގެ އިތުރަށް.

16
4
ތިމަންނަ

2 މަސް ކުރިން

ކަބުލޮމެން ކެތްކޮށް ހިއްވަރުކުރޭ ، އަދި މިނޫން ދުވަހެއްވެސް އެބައޮތް . މާތް ﷲ ތިޔަ ޢާއިލާއަށް ކެތްތެރިކަމާ ބާއްޖަވެރިކަން ދޭއްވާދޭވެ

14
2
ހަސަަނު

2 މަސް ކުރިން

މިގައުމަށް އުފަންވީ ތީ ހިތާމަކުރަން އަބަދުމެ ކަރުނައަޅާ ހާލު ރޮވޭ

40
4
ދ

2 މަސް ކުރިން

މި މަރުގަ ކަރެކްޝަންސް ނުވަތަ އެކަން ބަލަން ޖެހޭ މުއައްސަސާގެ އިހުމާލު އެބައޮތް ކަމަށް ބެލެވޭ.ޒިންމާ ނަގަން ޖެހޭނެ އެފަރާތުން. ސަބަބަކީ މިކިޔާލުމުން މިމީހާ މަރުވީ ފަރުވާކުޑަކޮށް އަޅާނުލުމުގެ ސަބަބުންކަން އެބަ ހާމަވޭ

47
4
ޒަމީރު

2 މަސް ކުރިން

މަރުވީމަ ފުރާނަނެތް މަސްގަނޑުވެސް ކަރެކްޝަނުން ވަޅުލާ. އާއިލާއާއި ހަވާލުކުރާނެކަމެއްނެތް

34
4