12 ޑިސެންބަރު 2017 | އަންގާރަ | 3 މުލަ

ކިތަންމެ ރުޅިއަޔަސް ރައީސް ޔާމީން ހަމަ މޮޅީއެވެ؟

  • ބޭނުންވާ ކަންކަން ހާސިލްކުރެއްވުމަށް ބޭނުންކުރަންވީ ހަތިޔާރު ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ
  • މީހުން ދެނެގަތުމުގައި ރައީސް ޔާމީނަކީ ތަޖުރިބާކާރެއް
  • ބޭނުންފުޅުވާ ކަންކަން ހާސިލްކުރުމުން މޫނަށް ކަނދުރާއަކަށް ނުބައްލަވާ

| | | AliYooosuf | |



ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ:ރައީސް އޮފީސް

ހެޓިލަރާ މެދު ބައެއް މީހުން ބުނެ އުޅޭ ވާހަކައެއް އޮވެއެވެ. އެއީ ބާރުތައް އޭނާގެ މުށުތެރެއަށް ލުމަށް ކުރި މަސައްކަތަކީ މޮޅު މަސައްކަތެއް ކަމެވެ. ނުބައިކަމުގައި އޭނާ އަށް ވުރެ ވަކި މޮޅު މީހެއް ދައްކަބަލާށެވެ. ދުނިޔޭގެ މަޝްހޫރު ބޮޑެތި ބޭންކްތަކުން ކޮށްފައިވާ މޮޅެތި ވައްކަންތަކަށް ބަލާށެވެ. އެކަމާ ބެހޭ ގޮތުން އުފައްދާފައިވާ ފިލްމްތަކަށް ބަލާށެވެ. "އިޓާލިއަން ޖޮބް" އާއި "އޯޝަންސް އިލެވެން" ސީރީސް ފަދަ ފިލްމްތަކުގައި ކޮށްފައިވާ ވައްކަންތައް ކޮށްފައި ވަނީ މޮޅަށެވެ. އެއީ ތައުރީފް ހައްގު އަދި ޝައުގުވެރި ކަންތައްތަކެކެވެ. އެފަދަ ވައްކަންތައް ކުރާ އަދި އެފަދަ ނުބައި ކަންކަން ކުރާ މީހުންނަކީ އެ މީހުންގެ ރޮނގުގައި އަރާ ތިބި ބައެކެވެ. އެއީ ނުބައި ބައެއްގެ ގޮތުގައި ސިފަކުރިޔަސް އެވަރުގެ ބޮޑެތި ކަންކަން ކުރެވޭނީ ވަރަށް ރޭވުންތެރި ހުނަރުން ފުރިގެންވާ މީހުންނަށެވެ.

އެއްވެސް ހާލެއްގައި މިއުޅެނީ މިހާރު ވެރިކަމުގައި ހުންނެވި ރައީސް ޔާމީނަކީ އެފަދަ ފަރާތްތަކާ އެއްފަދަ ކުރާކަށް ނޫނެވެ. އަދި ރައީސް ޔާމީނަކީ އެފަދަ ނުބައި މީހެކޭ ވެސް ބުނަނީކީ ނޫނެވެ. އަދި އެފަދަ ކަންކަން ކުރުމަކީ ރަނގަޅު ކަމެކޭ ވެސް ބުނަނީކީ ނޫނެވެ. ނަމަވެސް މި ފާއިތުވި ހަތަރުވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގައި ހިނގާފައިވާ ބޮޑެތި ވައްކަންތަކާއި ސަރުކާރުގެ ތެރެއިން ހިނގައިދިޔަ ބޮޑެތި ކޮރަޕްޝަންގެ ކަންތައްތައް އެއީ އާދައިގެ ބަޔަކަށް ފަސޭހައިން ކުރެވޭނެ ކަންކަމެއް ނޫނެވެ.

ރައީސް ޔާމީނާ މެދު އިދިކޮޅު ފަރާތްތަކުން ކޮންމެ ގޮތަކަށް ގަބޫލުކުރިއެއް ކަމަކު އަޅުގަނޑުގެ ނަޒަރުގައި އެއީ މޮޅު މޭސްތިރިއެކެވެ. އެމަނިކުފާނު ހާސިލްކުރައްވަން ބޭނުންފުޅުވާ ކަންކަން ހާސިލްކުރެއްވުމަށްޓަކައި އެކަމަށް ބޭނުންކުރާނެ ހަތިޔާރު އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އެ ގޮތުން އެތައް ބައެއްގެ ތެރެއިން ސީދާ އެކަމަށް އެންމެ އެކަށީގެންވަނީ ކާކުކަން ދެނެގަތުމަށް ރައީސް ޔާމީނަކީ ވަރަށް ގާބިލް ބޭފުޅެކެވެ. އަދި އެކަމެއް ހާސިލްވުމުން އެ މީހަކު "ޓާމިނޭޓް" ކޮށްލުމަކީ ވެސް އެމަނިކުފާނުގެ ހާއްސަ ސިފައެކެވެ.

އާދައިގެ މީހެއްގެ ގޮތުގައި ހުއްޓައި ހުނިޖަހާލާފއި އަހްމަދު އަދީބު ނަގައި ނައިބު ރައީސްކަމަށް ގެންނެވި ގޮތަކީ ވެސް ހަމަ އަޖައިބެއް ކަހަލަ ކަމެކެވެ. ތަފްސީލްތަކަށް ނުދިޔަޔަސް އެކަންކަން ވެގެންދިޔަ ގޮތާއި އެކަންކަން ހާސިލްވުމުން އަދީބަށް ވެގެން ދިޔަ ގޮތަކީ އިބުރަތެކެވެ. އެމްއެމްޕީއާރުސީން އެތައް މިލިއަން ޑޮލަރެއް ވަގަށް ނަގައި ބަޔަކު ބޭނުންކުރަމުން ދިޔަ އިރު ވެސް ރައީސް ޔާމީންގެ ބާރުތަކަށް ކުޑަވެސް ގުޑުމެއް ނާރާނޭހެން ކަންކަން ރޭއްވެވީ ހަމަ އަސްލަށް ވެސް އެކަމުގައި އެމަނިކުފާނު ވަރުގެ ދެވަނަ މީހަކު ނެތް ފަދައިންނެވެ. އެކަންކަމުގައި އެ އުޅުއްވި ބޭފުޅުންނަކީ ވެސް އެމަނިކުފާނު ހޮއްވަވާފައިވާ ބޭފުޅުންނެވެ. އެފަދަ ފަރާތްތައް އެމަނިކުފާނު އެ ހޯއްދަވަނީ ކިހިނެއް ހެއްޔެވެ؟ އެއީ ހަމަ އަސްލަށް ވެސް ރައީސް ޔާމީނުގެ ވިސްނުންފުޅު ތޫނުކަމުގެ ހެއްކެކެވެ.

އޭގެ ކުރިން ރައްޔިތުންގެ ކުރިމަތީގައި މި ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ހޯއްދެވި ކާމިޔާބީތަކާ އެކު ވެސް ސަރުކާރު ދެމެހެއްޓުމުގެ މޭސްތިރިއަކަށް އެމަނިކުފާނު ބޭނުންކުރެއްވި ހަމަ ރައީސް ޔާމީނު ވިސްނުންފުޅު ތޫނުކަމުންނެވެ. ވަގުތު ޖެހުމުން ނާޒިމް އަށް ވެގެން ދިޔަ ގޮތް ވެސް ތާރީހްގައި އެވަނީ ބިންވަޅު ނެގިފައެވެ.

ގާނޫނުއަސާސީ އަށް ބަދަލުގެނައުމަށް އިދިކޮޅު ފަރާތްތައް ގޯނިފުލަށް ލީގޮތް ވެސް އެއީ ހަމަ އަޖައިބުކުރުވަނިވި ކަންތައްތަކެކެވެ. އިދިކޮޅު ފަރާތްތަކުގެ ބަލިފައި ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މިނިވަންކަން ބޭނުންކުރައްވައިގެން އިދިކޮޅު ފަރާތްތައް ކުޑަކަކޫ މައްޗަށް ތިރިކޮށް ގާނޫނުއަސާސީ އަށް ބަދަލު ގެންނަ ވަރަށް މަޖިލީހުގެ ތެރެއިން ވޯޓު ހަމަކުރި ގޮތަކީ ފަހުގެ ތާރީހުގައި ދަރިވަރުންނަށް ކިޔައިދިނުމަށް ޓެކްސްޓް ފޮތްތަކުގައި ވެސް ހިމަނަންޖެހޭ ފަދަ ކަންކަމެވެ.

މި ލިސްޓް ވަރަށް ދިގެވެ. ބޭނުންކަމެއް ހާސިލްކުރެއްވުމަށްޓަކައި ރައީސް ޔާމީން ގެންގުޅުއްވާ އުކުޅުތައް މިހާތަނަށް 100 ޕަސެންޓް ކާމިޔާބެވެ. ބައެއްގެ ނުރުހުމާއި މަލާމާތާއި ފާޑުކިޔުންތައް ކިތަންމެ ވަރަކަށް އަމާޒުވިޔަސް އެމަނިކުފާނު ގޮތުގައި އެ ހުންނަވަނީ ހަގީގަތުގައި ވެސް ހަމަ މޮޅުވީމެވެ. މިވެނި ކަމެއް ކުރަން އެންމެ ރަނގަޅު މީހަކީ ނުވަތަ އެންމެ ރަނގަޅު ޕަޕެޓަކީ ކޮބައިކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވައެވެ. ތައުލީމާއި ތަމްރީނާއި ކިތަންމެ ވަރަކަށް ހާސިލްކޮށްގެން ތިއްބަސް ސީދާ އެމަނިކުފާނު ވިދާޅުވި ގޮތަށް، ކުރައްވާ ކޮންމެ އިޝާރާތަކަށް ޕަޕެޓުތަކެއްގޮަތަށް ހަރަކާތްތެރިވާނެ ވަޒީރުން އެމަނިކުފާނު އެ ހޯއްދަވަނީ ހަމަ އެކަމަށް މޮޅުވީމައެވެ. މީހުން ދެނެގަތުމުގައި އަޖައިބެއް ފަދަ ހުނަރެއް ލިބިވަޑައިގެންފައި ވީމައެވެ. ވަޒީރުންނާއި ކޮމިޝަންތަކާއި ކުންފުނިތަކުގެ ވެރިންނަށް ބަލާލުމުން އެކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. އިދިކޮޅު މީހުން ކިތަންމެ ފާޑެއް ކިޔެއް ކަމަކު ހަގީގަތުގައި ވެސް ރައީސް ޔާމީނަކީ މީހުން ދެނެގަތުމުގައި މޮޅު އެކްސްޕާޓެކެވެ. އަރާހުންނެވި ބޭފުޅެކެވެ. 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ