12 ޑިސެންބަރު 2017 | އަންގާރަ | 3 މުލަ

ރައީސް ޔާމީން މޮޅު ގޮނޑީގައި، އިސްރަށްވެހިން ޕްލާސްޓިކް ގޮނޑީގައި

  • އަޅުގަނޑަށް ނަސޭހަތް ދެއްވަން އެބަ ޖެހޭ: ރައީސް ޔާމީން
  • މަގުން ކައްސާލައިގެން ދާ އެކިއެކި ވިސްނުންތަކަށް އިސްރަށްވެހިން ނަސޭހަތްތެރިވާން ޖެހޭ ކަމަށް ވިދާޅުވި
  • މައުމޫނަށް ތައުރީފްކުރެއްވިއިރު، ފާރިސް އަދިވެސް ޖަލުގައި

| | |



ހޯމަ ދުވަހުގެ ރޭ ރަސްފަންނުގައި އިސްރަށްވެހިންނާއެކު ބޭއްވި ހަފްލާގައި ރައީސް ޔާމީނާއި އަނބިކަނބަލުން މޮޅު ގޮނޑީގައި -- ފޮޓޯ:ޓުވިޓާރ

ހޯމަ ދުވަހުގެ ރޭ ރަސްފަންނުގައި ބޭއްވި ހަފްލާގައި ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ ސްޕޮންޖް ޖެހި މޮޅު ގޮނޑިކޮޅުގައި ތިއްބެވިއިރު، އިސް ރަށްވެހިން ޕްލާސްޓިކް ގޮނޑީގައި ތިބެންޖެހިއްޖެއެވެ.

އިސް ރަށްވެހިން ހެއްވާލި ރައީސްއަކީ ރައީސް ޔާމީން ކަމަށް ބުނެ، އިސްތިހާރުކުރި މި ހަފުލާއިން ފެނިގެން ދިޔައީ ތަފާތު މަންޒަރެކެވެ. ހިނގާބިނގާވެ އުޅުމަށް ދަތި، ހަށިގަނޑުންވެސް ބަލިކަށި އުމުރަށް ގޮސްފައިވާ މުސްކުޅިންނަށް ހާއްސަކޮށްފައި ހުރީ އާދައިގެ ޕްލާސްޓިކް ގޮނޑިއެވެ. އެފަދަ ގޮނޑީގައި މުސްކުޅިން ތިބެން ޖެހުމަކީ އުނދަގޫތަކެއް ވާނެކަމެއް ކަން، ހަފުލާ އިންތިޒާމުކުރި ބޭފުޅުންނަށް އެނގިވަޑައެއް ނުގެންނެވިއެވެ.

މިފަދަ ބޮޑު ތަފާތުކުރުމެއް ފެނިގެން ދިޔައިރު، އިސްރަށްވެހިން ހަފުލާއަށް ވަންނަން ޖެހުނީ، ވަރުގަދަ ސެކިއުރިޓީ ގޭޓުންނެވެ. ރައީސް ޔާމީން ވަޑައިގެންނެވީ އިސްރަށްވެހިން ވެންނެވުމަށް ހާއްސަކޮށްފައިވާ ސަރަހައްދުން ނޫން ކަމަށް މަންޒަރު ފެނުނު މީހުން ބުނެއެވެ.  އެ މަނިކުފާނު ވަޑައިގަތީ އައިޖީއެމްއެޗް ފަޅިންނެވެ.

އުމުރުން ދުވަސްވީ މީހުން ބާކީ ނުކުރުމަކީ ސަރުކާރުން އިސްކަން ދޭ ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް އެކަމެއް ހަފުލާއިން ފެނިގެން ނުދިޔައެވެ. ރައީސް ޔާމީން ވިދާޅުވީ ދައުލަތެއް ބިނާކުރުމުގައި ލިބޭނެ އެންމެ ބޮޑު ކުރިއެރުމަކީ އަޚްލާގް ރަނގަޅު ޖީލެއް އުފެއްދުން ކަމަށެވެ. އެކަމަށް އެންމެ ބޮޑު މަސައްކަތެއް ކޮށްދެވޭނެ އެއް ބަޔަކީ އުމުރުން ދުވަސްވީ މީހުން ކަމަށާއި އެ މަސައްކަތުގައި ސަރުކާރާ އެކު އެ މީހުން ބައިވެރިވާން ރައީސް ގޮވާލެއްވިއެވެ.

"އަޅުގަނޑަށް ނަސޭހަތް ދެއްވަން އެބަ ޖެހޭ. އަދި މަގުން ކައްސާލައިގެން ދާ އެކިއެކި ވިސްނުންތަކަށް ތިބޭފުޅުން އެބަ ޖެހޭ ނަސޭހަތްތެރިވާން،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވާތީ ދަންނަވަމެވެ. ކޮންމެ މީހަކަށް ވިޔަސް، އަމިއްލަ "ލެޔަށް" ކުލުނެއް ނެތް ނަމަ، އެހެން މީހަކަށް، އެހެން އުމުރެއްގެ މީހަކަށް ކުލުނެއް ރަހުމެއް ހުންނާނެތޯއެވެ؟ މަނިކުފާނަށް ދޭން އޮތް ނަސޭހަތް ވަރަށް ގިނައެވެ. ހަލާލާއި ހަރާމުގެ ވާހަކައެވެ. ވައްކަމާއި ހިޔާނާތުގެ ވާހަކައެވެ. ސިހުރާއި ފަންޑިތައިގެ ވާހަކައެވެ. އިސް ރަށްވެހިން މިގައުމުގައި އުޅުނީ ހަލާލެއް ހަރާމެއް ނުބަލައި އަތުޖެހުނު އެއްޗެއް ހޯދައިގަނެގެނެއް ނޫނެވެ. ކާބަފައިން މި ގައުމު ބިނާކުރީ، ކޮރަޕްޝަނަށް ތުހްމަތު ކުރެވޭ ގޮތަކަށް ނޫނެވެ. މުސްކުޅިން ޚިދުމަތްކުރީ ތިމާގެ ވާދަވެރިއެއް ހުރި ނަމަ އެ މީހެއް މަންޒަރުން ދުއްވާލައިގެނެއް ނޫނެވެ.

އެންމެ ކުޑައިރުން ފެށިގެންވެސް މަންމަ އާއި ބައްޕަ ދޭ ނަސޭހަތަކީ މުސްކުޅިންނަށް އިހްތިރާމްކުރުމެވެ. ނަމަވެސް އެކަން ފެނިގެން ނުދިޔުމުން، ހިތަށް ކުރި މި އަސަރު މިހިސާބަށް ނިންމާލަމެވެ.  

އިސްރަށްވެހިންނަށް ހާއްސަކޮށްގެން ހަފުލާއެއް ބޭއްވިއިރު، ގިނަ ބައެއް ފާޑުކިޔުން އެންމެ ބޮޑަށް އޮއްސަމުން ދިޔައީ ރައީސް ޔާމީންގެ އެއްބަފާ ބޭބެ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް މި ސަރުކާރުން ހަދާފައިވާ ގޮތުންނެވެ. ރައީސް މައުމޫން ޖަލުގެ ގޮޅީގައި ނެތަސް، އެ މަނިކުފާނުގެ "ހިތާއި ފުރާނަ" އެ ވަނީ ބޭއިންސާފުން ޖަލުގައެވެ. އަމިއްލައަށް އުފެއްދި ޕާާޓީ، ޕީޕީއެމްއިން އެ މަނިކުފާނު ވަކިކޮށް، ޕާޓީ ހިންގުމުގެ ބާރު ރައީސް ޔާމީން ނެންގެވިއެވެ.

މިފަދަ އިހްތިރާމެއް ނުދިނިއްޔާ މާރަނގަޅުވާނެއެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ



މަ

2 މަސް ކުރިން

އެމްޑީޕީ ފުނޑެނީ،، ކިޔާނެ އެއްޗެއްނ ެތިގެން ލިޔާނެ އެއްޗެއް ނެތހިގެން ކޮނމެސް އެއްޗެއް ލިޔަނީ.. އެކްޓިވިސްޓު ނޫސް

1
2