22 ނޮވެންބަރު 2017 | ބުދަ | 10 ނޮރަ

ޗެނަލް 13އިން ދެވަނަ ފަހަރަށް ޤާނޫނާ ޚިލާފް ވުމުންވެސް ނަސޭހަތްތެރިވެ ޖޫރިމަނާ ނުކޮށް ދޫކޮށްލައިފި

  • ހަމަ މިމައްސަލައިގާ ދައުލަތުގެ މީޑިޔާ ވަނީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައި
  • މިމައްސަލައަކީ ޕީޕީއެމްގެ ޖަލްސާއެއްގައި މެންބަރު ފަލާހް އުމަރު ނަސީރުގެ އަބުރަށް އެރިކަމަށް ބުނާ މައްސަލަ
  • އެމްޑީޕީ ހަރުގޭގައި ދެއްކި ވާހަކައެއް ލައިވްކޮށްގެން ރާއްޖެ ޓީވީ ވަނީ 1 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައި

| | | dhonbandaara | |ޗެނަލް 13: ބްރޯޑްކޮމް އަކަށް ފިޔަވަޅު އަޅާކަށް ނުކުރެނު -- ފޮޓޯ:އާކައިވް

ޗެނަލް 13 އިން ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނާ ޚިލާފްވެގެން ނަސޭހަތްތެރިވެފައިވަނިކޮށް ދެވަނަ ފަހަރަށް ވެސް އެޤާނޫނާ ޚިލާފް ވުމުން ޖޫރިމަނާ ވެސް ނުކޮށް އަނެއްކާ ވެސް ދޫކޮށްލައިފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް 13 އާމެދު މިގޮތަށް ޢަމަލްކޮށްފައި މިވަނީ މިއަހަރުގެ އޭޕްރީމް މަހުގެ 4 ވަނަ ދުވަހު ބޭއްވި ޕީ.ޕީ.އެމް އާއްމު ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް، އުމަރު ނަސީރުގެ އަބުރަށް އަރައިގެން ދެއްކެވި ވާހަކަފުޅު ޤާނޫނު ނަންބަރު 2016/15ގެ 36ވަނަ މާއްދާގެ (ހ)ގައިވާ ގޮތަށް މެދުކަޑާނުލާ އެ އިވެންޓް ޗެނަލް13 އިން ފޮނުވާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން މިމައްސަލައިގާ ޗެނަލް 13 އަށް ޖަވާބު ދާރީވުމަށް ދިން ފުރުސަތުގައި ބުނެފައިވަނީ ޗެނަލް 13 އިން ބްރޯޑްކާސްޓް ކުރާ އެންމެހައި ކޮންޓެންޓަކީ އަބުރުގެ ޤާނޫނުން ރައްކާތެރިކުރާ އެންމެހާ ކަންކަމަށް ފުރިހަމައަށް ރިޢާއަތް ކުރުމަށް ފަހު، ބްރޯޑްކާސްޓްކުރުމުގެ އުސޫލުތަކާއި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ހުދޫދުގެ ތެރޭގައި ހިމެނޭ ކޮންޓެންޓްކަމަށް ޔަޤީންކޮށްދޭކަމާއި، މި މައްސަލައިގައި ރިޢާޔަތް ކުރާ ކޮންޓެންޓްގެ ރެކޯޑިންގ އެ ޗެނަލް ހިނގަމުންދާ އިމާރާތް ބަދަލުވުމުގެ ސަބަބުނ ރައްކާކުރެވިފައި ނުވާ ކަމަށެވެ.  އެހެން ނަމަވެސް، އެ ކޮންޓެންޓަކީ ދައުލަތުގެ ޓީވީ ޗެނަލް ޕީ.އެސް.އެމްގެ ލައިވް ފީޑެއް ކަމަށް ވާތީ، އެ ފީޑުގެ ރިކޯޑިންގ މި ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ބަޔާންކޮށްފައި ވާތީ އާއި، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑް(ޗެނަލް 13 ހިންގާ ކުންފުނި) ގެ ސިޓީގައި ޗެނަލް 13 އިން އަބަދު ވެސް ބްރޯޑްކާސްޓް ކުރަނީ އަބުރުގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިންކަމަށާއި ލައިވް އިވެންޓްތައް ގެނެސްދެމުން ގެންދަނީ ސެންސަރު ކުރުމަށް އެކުލަވާލާފައިވާ ގަވާއިދުގެ ދަށުން ސެންސަރުކުރުމާއެކު ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ބްރޯޑްކޮމްއިން ބުނީ އެހެން ބުނެފައިވީ ނަމަވެސް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ މަޤްސަދު ހާސިލުވާގޮތަށް ޗެނަލް 13 އިން ކޮންޓެންޓް ރައްކާކޮށްފައި ނުވާކަމަށް ތަޙްޤީޤަށް ހާމަވެފައިވާތީ، އެއީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ދިނުމުގެ ޢާންމު ޝަރުތުތަކުގެ ތެރެއިން ޝަރުތަކާ ޚިލާފުވުން ކަމަށް ކަނޑައަޅާ ކަމަށެވެ.

އެހެންކަމުން އެމައްސަލަ ނިންމުމުގައި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން، ކޮންޓެންޓް ރައްކާކޮށްފައި ނުބެހެއްޓުމުގެ މައްސަލަ ތަކުރާރުވިޔަ ނުދިނުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް 19 ޖުލައި 2016 ގައި އަންގާ ނަސޭހަތްތެރިވެފައި ވަނިކޮށް، މިއީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ދިނުމުގެ ޢާންމު ޝަރުތުތަކުގެ ތެރެއިން ޝަރުތަކާ ޗެނަލް 13 އިން ޚިލާފުވާ 2 ވަނަ ފަހަރު ކަމަށެވެ. އަދި މި ކަމަށް ފިޔަވަޅު އެޅުމުން ވެސް އެކަށީގެންވާ އިސްލާހެއް ގެނެސްފައިނުވާތީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން ލައިސަންސް ދިނުމުގެ ޝަރުތަކާ ޚިލާފުނުވުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އަންގައި، އަދި މި އެންގުމާއި ޚިލާފުވެއްޖެނަމަ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) ގެ ދަށުން މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރާނެކަމުގެ އިންޒާރުދީ، މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމީ ކަމަށެވެ.

ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނާ ޗެނަލް 13 އިން ދެވަނަފަހަރަށް ޚިލާފްވެފައިވާއިރު ވެސް ޖޫރިމަނާ ނުކޮށް ނަސޭހަތްތެރިވެ ދޫކޮށްލާފައިވާއިރު ހަމަ މިމައްސަލައިގާ ދައުލަތުގެ މީޑިޔާ އެމްބީސީ ވަނީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

އަދި ބްރޯޑްކާސްޓިންގ ކޮމިޝަނުން ޗެނަލް 13 ޖޫރިމަނާ ނުކޮށް ދެވަނަ ފަހަރަށް ވެސް ދޫކޮށްލާފައި މިވަނީ އެޗެނަލްއިން އެމަންޒަރުތައް ރެކޯޑް ކުރެވިފައި ނުވާތީ އެކަމަށް އެޅި ފިޔަވަޅެއްގެ ގޮތުގައެވެ. ނަމަވެސް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ އަބުރަށް ހުތުރުވާ ކޮންޓެންޓެއް ދައްކައިގެން ދައުލަތުގެ މީޑިޔާ ޖޫރިމަނާ ކުރިއިރު ހަމަ އެފީޑް ޗެނަލް 13 އިން ލައިވްކޮށް ދެއްކި ދެއްކުމަކީ އުމަރުގެ ނަސީރުގެ އަބުރަށް ހުތުރުވާ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރިކަމަށް ކަނޑައަޅާފައެއްވެސް ނުވެއެވެ. އަދި އެކަމާ ގުޅޭގޮތުން ފިޔަވަޅެއް ވެސް އަޅާފައެއް ނުވެއެވެ.

އެމްޑީޕީ ހަރުގޭގައި އޮތް ޖަލްސާއެއްގެ ބައިވެރިއަކު ދެއްކި ވާހަކައެއް ލައިވް ކޮށްދެއްކުމުގައި ރައީސް ޔާމީންގެ އަބުރަށް ހުތުރުވެފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީ ވަނީ 1 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

 

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ